ޢަބްދުއްރަޝީދު ޙުސައިން
މއ.އުރަހަ

ޢަބްދުއްރަޝީދު ޙުސައިނަކީ ދިވެހި ދައުލަތަށާއި ދިވެހި ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރި ޚިދްމަތްތަކެއް ކޮށްދެއްވާފައިވާ އަދި މިހާރުވެސް ޚިދުމަތުގައި ދެމިހުންނެވި ބޭފުޅެކެވެ. ރާއްޖޭގެ މިޒަމާނުގެ ތަރައްޤީގައި ވަރަށް މުހިންމު ދައުރެއް އަދާކުރައްވައި ޤައުމީ ގޮތުން ފާހަގަކުރެވޭ ހަރުދަނާ ޝަޚްޞިއްޔަތެކެވެ.

ޢަބްދުއްރަޝީދު ޙުސައިން ސަރުކާރަށް ޚިދުމަތް ކުރައްވަން ފެށްޓެވީ ގަވަރންމަންޓް ހޮސްޕިޓަލްގެ ތަރުޖަމާނެއްގެ ގޮތުން 2 އޮކްޓޯބަރ 1968 ގައެވެ. އޭގެފަހުން ސަރުކާރުގެ ވަރަށް އާދައިގެ ވަޒީފާތަކުން ފެށިގެން ވަރަށް އިސް މަޤާމުތަކެއް އެމަނިކުފާނު ފުރުއްވާފައިވެއެވެ.

ޢަބްދުއްރަޝީދުގެ ޚިދުމަތްތަކުގެ ތެރެއިން ފާހަގަކޮށްލެވޭ މުހިންމު ޚިދުމަތްތަކަކީ، ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމާ 11 ނޮވެމްބަރ 1978 ގައި ހަވާލުވެވަޑައިގަތުމަށްފަހު، އުފެއްދެވި އެންމެ މުހިންމު އެއް އިދާރާ ކަމަށްވާ ނޭޝަނަލް ޕްލޭނިންގ އޭޖެންސީގަޔާއި އަދި އޭގެފަހުން 1982 ވަނަ އަހަރު އުފެއްދެވި މިނިސްޓްރީ އޮފް ޕްލޭނިންގ އެންޑް ނޭޝަނަލް ޑިވެލޮޕްމަންޓްގެ ނައިބުގެ މަޤާމުގައި ހުންނަވައިގެން ކުރެއްވި ޚިދުމަތްތަކެވެ. ރާއްޖޭގެ ރަށްރަށުގެ ޢާންމު ޙާލަތު އޭރު އޮތްގޮތުން ތަރައްޤީގެ މަޝްރޫޢުތައް ރާއްވަވައި ހިންގެވުމުގައި ކުރިމަތިވެވަޑައިގެންނެވި ގޮންޖެހުންތައް އެންމެ ރަނގަޅަށް އެނގިވަޑައިގެން ހުންނެވި އަދި އެކަން ތަޖުރިބާ ކުރެއްވި އެއްބޭފުޅަކީ ޢަބްދުއްރަޝީދެވެ. ރާއްޖޭގެ މިހާރުގެ ތަރައްޤީގެ މަޝްރޫޢުތައް އެކުލަވައިލެއްވުމުގެ މަސައްކަތްތައް ފެށިގެން އައީ ޢަބްދުއްރަޝީދުގެ މޭސްތިރިކަމުގެ ދަށުންނެވެ.

އެއަށްފަހު، ޢަބްދުއްރަޝީދުގެ ޚިދުމަތްތަކުގެ ތެރެއިން ފާހަގަކޮށްލެވެނީ، ރައީސުލްޖުމްހޫރިއްޔާގެ އެގްޒެކެޓިވް ސެކްރެޓަރީ ކަމުގެ މަގާމުގައި ހުންނަވައިގެންނާއި، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޕްރެޒިޑެންޝަލް އެފެއާޒް ކަމުގެ މަގާމުގައި ކޮށްދެއްވި ޚިދުމަތްތަކެކެވެ.

ވަރަށްގިނަ ވުޒާރާތަކެއްގެ ވަޒީރުކަން ޢަބްދުއްރަޝީދު ވަނީ ކުރައްވާފައެވެ. އެގޮތުން، މިނިސްޓަރ އޮފް ޕްލޭނިންގ ހިޔުމަން ރިސޯސަސް އެންޑް އެންވަޔަރަންމަންޓް ކަމުގެ މަޤާމާއި، މިނިސްޓަރ އޮފް އެޓޮލްސް އެޑްމިނިސްޓްރޭޝަން ކަމުގެ މަޤާމާއި، މިނިސްޓަރ އޮފް ފިޝަރީޒް އެގްރިކަލްޗަރ އެންޑް މެރިން ރިސޯސަސް ކަމުގެ މަޤާމާއި، މިނިސްޓަރ އޮފް އެމްޕްލޯއިމަންޓް އެންޑް ލޭބަރ ކަމުގެ މަޤާމު ފުރުއްވާފައިވެއެވެ. އަދި އެޑްވައިޒަރ ޓު ދަ ޕްރެޒިޑެންޓްގެ މަޤާމުވެސް ފުރުއްވާފައިވެއެވެ.

މި ދާއިރާތަކުގައި ޢަބްދުއްރަޝީދު މަސައްކަތްޕުޅު ކުރެއްވިއިރު، އެއިން ކޮންމެ ދާއިރާއެއްގެ މަސައްކަތްތަކުގައި އެ ދާއިރާތަކުގެ މުވައްޒަފުންނާއެކު ޢަމަލީގޮތުން ބައިވެރިވެވަޑައިގެން މަސައްކަތްޕުޅު ކުރެއްވިއެވެ. ރާއްޖޭގެ އަތޮޅުތަކަށް ގިނަ ދަތުރުތައް ކުރައްވައި، ރައްޔިތުންނާ ބައްދަލުކުރައްވައި އެވަގުތަކު ހަވާލުވެ ހުންނެވި މިނިސްޓްރީގެ މަސައްކަތް ކުރިއަށް ގެންދެވުމަށް މަސައްކަތްޕުޅު ކުރެއްވިއެވެ. މިގޮތުން ފާހަގަކުރެވޭ ކަންތައްތަކުގެ ތެރޭގައި މިނިސްޓަރ އޮފް ފިޝަރީޒް އެގްރިކަލްޗަރ އެންޑް މެރިން ރިސޯސަސްގެ މަޤާމުގައި ހުންނެވިއިރު، ވ. ބޮޑުމޮހޮރާގައި އަލަށް ފެށްޓެވި މެރިކަލްޗަރ ޕްރޮގްރާމްގެ މަސައްކަތާއި، ލ. މެންދޫގައި އަލަށް ފެށްޓެވި ދަނޑުވެރިކަމުގެ ތަމްރީނު ސެންޓަރުގެ މަސައްކަތުގެ ސަބަބުން ރާއްޖޭގެ ދަނޑުވެރިކަން ފުޅާވެގެންދިޔަދިޔުންވެސް އެމަނިކުފާނުގެ ޚިދުމަތްތަކުގެ ތެރެއިން ފާހަގަކޮށްލެވެއެވެ. އަދި އެދުވަސްވަރު  މެންދޫގައި ޓިޝޫ ކަލްޗަރ ޕްރޮގްރާމެއް އަލަށް ފަށްޓަވައި، އެކަން ކާމިޔާބުވެގެން ދިޔުމުގައިވެސް އެމަނިކުފާނުގެ ހިއްސާ ވަރަށް ބޮޑެވެ.

ޢަބްދުއްރަޝީދު ޙުސައިނަކީ ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރެއްވި މެންބަރުކަން 1981 ވަނަ އަހަރުން ފެށިގެން 20 އަހަރަށްވުރެ ގިނަ ދުވަހު ކުރެއްވި ބޭފުޅެކެވެ. އޭގެފަހުން، ރައްޔިތުންގެ މަޖިލީހުގެ ހައްދުންމަތީގެ ގޮނޑިއަށް އިންތިޚާބުވެވަޑައިގެން، ރައްޔިތުންގެ މަޖިލީހުގައި ހައްދުންމަތި ތަމްސީލު ކުރެއްވި ބޭފުޅެއްވެސްމެއެވެ. 2000 ވަނަ އަހަރުން 2005 ވަނަ އަހަރަށް އެމަނިކުފާނަކީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސެވެ.

މީގެއިތުރުން ސަރުކާރުން އުފައްދަވާފައިވާ ވަރަށްގިނަ ބޯޑުތަކުގެ މެންބަރުކަމާއި ބޯޑުތަކުގެ ޗެއަރމަންކަންވެސް އެމަނިކުފާނު ކުރައްވާފައިވެއެވެ. އަދި ރާއްޖެއިން ބޭރުގައި ރާއްޖެ ތަމްސީލު ކުރެއްވުމުގައި އެމަނިކުފާނުވަނީ މުހިންމު ދައުރެއް އަދާކުރައްވާފައެވެ. އެގޮތުން ތިމާވެށްޓާ ބެހޭގޮތުން ދުނިޔޭގެ ޤައުމުތަކުން ސޮއިކުރި ކިޔޯޓޯ ޕްރޮޓޮކޯލްގައި 1997 ވަނަ އަހަރު ދިވެހިރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ އެމަނިކުފާނެވެ. އަދި 2000 ވަނަ އަހަރުން 2001 ވަނަ އަހަރަށް ދިވެހިރާއްޖެއިން އިންޓަރނޭޝަނަލް ފަންޑް ފޮރ ޑިވެލޮޕްމަންޓް [އިފާޑް] އަށް ކަނޑައެޅުއްވި ގަވަރނަރަކީވެސް އެމަނިކުފާނެވެ.

ސަރުކާރުގެ މަޤާމުތަކުގައި އަދާކުރައްވާފައިވާ ޚިދުމަތްތަކުގެ އިތުރުން ޢަބްދުއްރަޝީދު ޙުސައިނަކީ އަދަބީ ރޮނގުންވެސް ފާހަގަކުރެވޭ ބޭފުޅެކެވެ. ވަރަށް ކުރީއްސުރެ ތަފާތުގިނަ މަޖައްލާތަކަށް ލިޔުއްވައި އަދި މިހާރުވެސް ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ. މެނެޖްމަންޓްގެ ރޮނގުން [ހިންގުމުގެ ބައެއް ހުނަރު] މިނަމުގައި ޗާޕްކޮށް 1995 ވަނަ އަހަރު ދިވެހިބަހުން ފުރަތަމަ ނެރެވުނު ފޮތުގެ މުޞައްނިފަކީވެސް ޢަބްދުއްރަޝީދެވެ. އެމަނިކުފާނަކީ، ވަރަށް ކުރިއްސުރެ ދިވެހިބަސް ހެޔޮގޮތުގައި ބޭނުންކުރަން ދަސްކޮށްދިނުމުގެ ތަމްރީން ޕްރޮގްރާމްތައް ހިންގަވަމުން ގެންދަވާ ބޭފުޅެކެވެ. މީގެތެރޭގައި ބަނޑޮސް އައިލެންޑް ރިޒޯޓުގެ އައި.ޖީ.ޑީ ކޯސް ހިމެނެއެވެ. އެ ރިޒޯޓުގެ އިންސްޓިޓިއުޓް އޮފް ގަވަރނަންސް އެންޑް ޑިވެލޮޕްމަންޓްގެ ފަރާތުން މާލެއާއި ރާއްޖެތެރޭގެ ކައުންސެލަރުންނަށާއި، އަމިއްލަ މުއައްސަސާތަކުގެ ބޭފުޅުންނަށާއި، އަންހެނުންގެ ކޮމިޓީތަކުގެ ބޭފުޅުންނަށާއި، ހިންގުމުގެ ދާއިރާގައި އުޅުއްވާ އެހެންވެސް ބޭފުޅުންނަށް އަމާޒުކުރައްވައިގެން ސަރުކާރުން އެކްރެޑިޓް ކުރެވިގެން ދާއިމީގޮތެއްގައި މިހާރުވެސް ހިންގަވަމުން ގެންދަވާ ސެޓްފިކެޓް އިން ޑިވެލޮޕްމަންޓް މެނެޖްމަންޓްގެ 3 ހަފްތާގެ ކޯހުގެ ދިވެހިބަހާބެހޭބައި އުނގަންނައިދެއްވަނީ ޢަބްދުއްރަޝީދު ޙުސައިނެވެ. ދިވެހި ސިފައިންގެ ހިތްތަކުގައި، ޤައުމީ ލޯތްބާއި ޤައުމީ ރޫޙު ދިރުވައި އާލާކުރެއްވުމަށްޓަކައި، ޤައުމީ އެކިއެކި މައުޟޫޢުތަކަށް ސިފައިންގޭގައި 1996 ވިން 2008 އަށް މެދުނުކެނޑި ހިންގެވި ޕްރޮގްރާމްގައި ގިނަ ތަޤްރީރުތަކެއް ޢަބްދުއްރަޝީދު ޙުސައިންވަނީ ކުރައްވާފައެވެ.

ޢަބްދުއްރަޝީދަކީ މިހާރު ރާއްޖޭގައި ތިއްބެވި ޅެންވެރިންގެ ތެރެއިންވެސް އެންމެކުރީ ސަފުގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ. އެމަނިކުފާނުގެ ޤައުމީ ޅެންތަކާއި ލަވަތަކަކީ، އަޅުގަނޑުމެންގެ ލެޔާ ކުޅެލާފަދަ ޖޯޝުން ފުރިފައިވާ އަދި އަޅުގަނޑުމެން ވަރަށް ޝައުޤުވެރިކަމާއެކު އަޑުއަހަމުން ގެންދާ ޅެންތަކާއި ލަވަތަކެވެ. ހަމައެހެންމެ، އެކި މުނާސަބަތުތަކަށާއި ސްކޫލް ކުދިންގެ ލަވަ މުބާރާތްތަކަށް ހައްދަވައިދެއްވާފައިވާ ޅެންތަކަކީވެސް ހަނދާނުން ފުހެވިގެންދާނޭ ޅެންތަކެއް ނޫނެވެ. އެމަނިކުފާނުގެ ޅެންތައް އެކުލެވޭ ފޮތެއް ދިވެހިބަހުގެ އެކެޑެމީން 2012 ވަނަ އަހަރު ޝާއިޢުކުރައްވާފައިވެއެވެ.

ދިވެހި އަދަބިއްޔާތަށް ކުރައްވާފައިވާ ޚިދުމަތްތައް ފާހަގަކުރައްވައި، ދިވެހި އަދަބިއްޔާތަށް ޚިދުމަތް ކުރުމުގެ ޢާންމު ޚިދުމަތުގެ ޝަރަފުވެރިކަމުގެ އިނާމު 2006 ވަނަ އަހަރު ޢަބްދުއްރަޝީދު ޙުސައިނަށް ވަނީ ލިބިވަޑައިގެންފައެވެ.

ޢަބްދުއްރަޝީދު ޙުސައިން މިހާރުވެސް ހުންނެވީ ސަރުކާރާއި ރައްޔިތުންގެ ޚިދުމަތުގައެވެ. އެމަނިކުފާނަކީ، ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ޤައުމީ އިނާމާބެހޭ ކޮމިޓީގެ ރައީސެވެ. ދިވެހިބަހުގެ އެކެޑެމީގެ ބޯޑު މެންބަރެކެވެ. އަދި އެ އެކެޑެމީގެ ބަސް ކޮމެޓީގެ ރައީސްވެސްމެއެވެ. އަދި އެމަނިކުފާނަކީ އަދަބީ ޖަމްޢިއްޔާއެއް ކަމުގައިވާ ލިޔުންތެރިންގެ ގުޅުމުގެ ރައީސެވެ. އަދި އެ ޖަމްޢިއްޔާއިން ނެރޭ މަޖައްލާ [ލިޔުންތެރިޔާ]ގެ އެޑިޓަރުވެސްމެއެވެ.