އަލްފާޟިލް ޙުސައިން ރަމީޒު އިބްރާހީމް
ނ.ކުޑަފަރި/ހޮޅުދޫގެ (ދަފްތަރު ނަންބަރު 4148)

 

ޙުސައިން ރަމީޒު އިބްރާހީމަކީ، އިންސާނިއްޔަތަށް ޚިދްމަތް ކުރުމުގެ ރޮނގުން ވަރަށް މުހިންމު ޚިދްމަތެއް، ދިވެހި ޤައުމަށާއި ރައްޔިތުންނަށް ކޮށްދެއްވަމުން ގެންދަވާ ބޭފުޅެކެވެ. އިންސާނާ ދިރިހުރުމަށް އެންމެ ބޮޑަށް ބޭނުންވާ އެކައްޗަކީ ލޭ ކަމަށްވީހިނދު، ލޭ ބޭނުންވާ ފަރާތްތަކަށް، ލޭ ހަދިޔާ ކުރެއްވުމަކީ، ޙުސައިން ރަމީޒަށް ވަރަށްބޮޑު އުފާފުޅެއް ލިބިވަޑައިގަންނަވާ ކަމެކެވެ.  
 
ލޭ ހަދިޔާ ކުރައްވަން ރަމީޒު ފެށްޓެވީ 1990 ވަނަ އަހަރުއެވެ. އެންމެ ފުރަތަމަ، މީހަކަށް ލޭ ދެއްވީ، ފޮތް ޗާޕުކުރާ ބައިގައި ވަޒީފާ އަދާކުރައްވަމުން ގެންދެވިއިރުއެވެ. އެއީ އެތަނުގައި ވަޒީފާ އަދާކުރި މުވައްޒަފެއްގެ ދައްތަ ވަރަށް ބޮޑަށް ބަލިވެ، ކުއްލިއަކަށް ލޭއަޅަން ޖެހިގެން، އެ މުވައްޒަފަށް އެހީތެރިކަމެއް ފޯރުއްވައިދެއްވުމުގެ އިޚްލާޞްތެރި ނިޔަތުގައެވެ. ﷲގެ ޙަޟްރަތުން ވާތްގަށް އެދިވަޑައިގެން، އިންސާނިއްޔަތަށް ޚިދްމަތް ކުރުމުގެ ނިޔަތުގައި ގަވާއިދުން ލޭ ދެއްވަން ފެށްޓެވި ހިސާބުން ފެށިގެން، ޙުސައިން ރަމީޒުގެ ހިތްޕުޅުގައި އެކަމަށް ވަރަށް ބޮޑަށް ޝައުޤުވެރިކަން އުފެދިގެން ދިޔައެވެ.
 
މިއަދާ ހަމައަށް މެދުކެނޑުމެއްނެތި 22 އަހަރު ޙުސައިން ރަމީޒުވަނީ، ލޭ ހަދިޔާ ކުރައްވާފައެވެ. ފުރަތަމަ ފެށިގެން އައިއިރު، ލޭ ދެއްވަމުން ގެންދެވީ، އަހަރަކު ދެފަހަރުއެވެ. އެއީ، އޭރު ލޭ ދެވެނީ ހަމަހުން އެއްމަހު ކަމަށްވާތީއެވެ. ނަމަވެސް، އަހަރަކު ތިންފަހަރު ލޭ ދެވޭގޮތަށް ހަމަޖެހުމާ ގުޅިގެން، މެދުކެނޑުމެއްނެތި އަހަރަކު ތިންފަހަރު ލޭ ދެއްވަމުން ގެންދަވާފައިވެއެވެ. އަދި މިހާރު ތިން މަހުން އެއްމަހު ލޭ ދެވޭގޮތް ހަމަޖެހިފައިވުމާއެކު، މިއަހަރުގެ މިހާތަނަށްވެސް ތިންފަހަރު ލޭ ހަދިޔާ ކުރައްވާފައިވެއެވެ. އެންމެފަހުން އޭނާ ލޭ ހަދިޔާ ކުރައްވާފައިވަނީ، މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ދެވަނަ ދުވަހުއެވެ.
 
ޙުސައިން ރަމީޒު ލޭ ދެއްވަނީ، ވަކިމީހަކަށް ނުވަތަ ވަކި ޢާއިލާއަކަށް ނޫނެވެ. ޙުސައިން ރަމީޒުގެ ގްރޫޕުގެ ލޭ ބޭނުންވެގެން އެދޭ ކޮންމެ މީހަކަށް، އެއްވެސް ތަފާތު ކުރެއްވުމެއްނެތި ލޭ ދެއްވުމަކީ، ޙުސައިން ރަމީޒަށް ލިބިވަޑައިގަންނަވާ ވަރަށްބޮޑު ހިތްހަމަޖެހުމެކެވެ. ޙުސައިން ރަމީޒު ގެންގުޅުއްވާ އުސޫލަކީ، ލޭ ބޭނުންވެގެން އެންމެ ފުރަތަމަ އެދޭ މީހަކަށް ލޭ ދެއްވުމެވެ. ނުވަތަ ލޭ ދޭ މުއްދަތު ހަމަވުމުން، އަމިއްލައަށް އެދިވަޑައިގެން، ބްލަޑް ބޭންކަށް ލޭ ހަދިޔާ ކުރައްވަނީއެވެ. އެއްވެސް މީހެއްގެ އަތުން މިހާތަނަށް އެއްވެސް އަގެއް މިކަމަކަށް ނަންގަވާފައެއް ނުވެއެވެ.
 
ޙުސައިން ރަމީޒުގެ ޚިދްމަތް، ތަފާތު އެކިފަހަރު ސަރުކާރުންވެސްވަނީ ވަޒަން ކުރައްވާފައެވެ. މިނިސްޓްރީ އޮފް ހެލްތުން ކޮންމެ އަހަރަކު ފާހަގަކުރައްވާ ލޭ ހަދިޔާކުރާ މީހުންގެ ދުވަހު އޭނާއަށް ހަނދާނީ ލިޔުމާއި، ހަނދާނީ ފިލާ ލިބިވަޑައިގެންފައި ވެއެވެ. އަދި 2008 ވަނަ އަހަރާއި، 2009 ވަނަ އަހަރު އޭނާއަށް ވަނީ [ޗެމްޕިއަން ޑޯނަރ އެވޯޑް]ވެސް ލިބިވަޑައިގެންފައެވެ.
 
އިންސާނިއްޔަތަށް ޚިދުމަތް ކުރުމުގެ ރޮނގުން ޙުސައިން ރަމީޒަށް މިއަދު ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ލިބިވަޑައިގަންނަވާއިރު، އޭނާގެ ޢަޒުމަކީ، ކުރިއަށް އޮތް ތާނގައިވެސް މިކަމުގައި ދެމިހުންނަވައި، ރާއްޖޭގައި ލޭ ބޭނުންވާ ކުދިންނާއި މީހުންނަށް މިރޮނގުން ޚިދުމަތް ކޮށްދެއްވުމެވެ.