ޢަބްދުﷲ އިބްރާހީމް، ސަރުކާރަށް ޚިދުމަތް ކުރައްވަން ފަށްޓަވައިފައިވަނީ 1980 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 26 ވަނަ ދުވަހުއެވެ. ފުރަތަމަ އަދާކުރެއްވީ، އެދުވަސްވަރު އަތޮޅުތެރޭގެ ކަންތައްތައް ބަލަހައްޓަވާ ވުޒާރާ ކަމަށްވާ، މިނިސްޓްރީ އޮފް ޕްރޮވިންޝަލް އެފެއާޒްގެ 2 ނަންބަރު ކާތިބު ކަމުގެ ވަޒީފާއެވެ.
ޢަބްދުﷲ އިބްރާހީމް ކުރެއްވި މައިގަނޑު މަސައްކަތްތަކަކީ، ރާއްޖެތެރެ ތަރައްޤީ ކުރުމަށް ހިންގާ މަޝްރޫޢުތަކުގެ ބަޖެޓް ބެލެހެއްޓެވުމުގެ މަސައްކަތެވެ. އޭރުގެ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް ފެށްޓެވި ރާއްޖެތެރެ ތަރައްޤީ ކުރުމުގެ މަޝްރޫޢުތަކުގެ މަސައްކަތްތަކަށް ބަޖެޓް ކަނޑައަޅުއްވައިގެން ކުރިއަށް ގެންދަވަން ފެށްޓެވިތާ ދެ އަހަރެއްހާ ދުވަސް ފަހުން އެ މަޝްރޫޢުތަކުގެ ބަޖެޓް ބެލެހެއްޓެވުމާ ޢަބްދުﷲ އިބްރާހީމް ހަވާލުވެވަޑައިގެން، އެ މަޝްރޫޢުތައް ނިމެންދެން ބަޖެޓް ބެލެހެއްޓެވުމުގެ މަސައްކަތް ކުރެއްވިއެވެ. އަދި އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން 95 އިންސައްތަ ރަށަށް ދަތުރުކުރައްވައި، މަޝްރޫޢުތަކުގެ މަސައްކަތްތައް ހިނގާނުހިނގާގޮތް ބެއްލެވިއެވެ.
ރާއްޖޭގެ އަތޮޅުތަކާބެހޭ ވުޒާރާގެ ނަން، އެކިދުވަސްވަރު އެކި ނަމަށް ބަދަލުވެ، ވަޒީރުން ބަދަލުވަމުންދިޔަ ނަމަވެސް، ޢަބްދުﷲ އިބްރާހީމް ކުރައްވަމުން ގެންދެވި މަސައްކަތްތަކަށް އެއްވެސް ބަދަލެއް އައިސްފައެއް ނުވެއެވެ. އެޓޮލްސް މިނިސްޓްރީގައި ޢަބްދުﷲ އިބްރާހީމް ވަޒީފާ އަދާކުރެއްވިއިރު، އެ މިނިސްޓްރީގެ އެސިސްޓެންޓް ސެކްރެޓެރީ ކަމާއި، ސެކްރެޓެރީ ކަމާއި، ކޮންސްޓްރަކްޝަން ސުޕަވައިޒަރ ކަމާއި، ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ ކަމާއި، ވަކީލު ކަމާއި، ޑެޕިޔުޓީ ޑިރެކްޓަރުކަން ކުރައްވައިފައިވެއެވެ.
މިނިސްޓްރީ އޮފް އެޓޮލްސް އެޑްމިނިސްޓްރޭޝަން، 2008 ވަނަ އަހަރުގެ ނޮވެންބަރު މަހު އުވައިލެއްވުމާ ގުޅިގެން ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަންގެ ވަޒީފާ ހަމަޖެހެންދެން ޢަބްދުﷲ އިބްރާހީމް ހުންނެވީ، މިނިސްޓްރީ އޮފް ހޯމްއެފެއާޒްގެ މުވައްޒަފެއްގެ ގޮތުގައެވެ. އަދި މިހާރު ޚިދުމަތް ކުރައްވަމުން ގެންދަވަނީ، ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަންގައެވެ. އެ ޑިޕާޓްމަންޓްގެ އެޑްމިން، ބަޖެޓް އަދި އެޗް.އާރު. ގެ ވެރިއެއްގެ ގޮތުގައި މަސައްކަތް ކުރެއްވުމަށްފަހު، ބަޖެޓް ސެކްޝަން، ވަކި ސެކްޝަނެއްގެ ގޮތުގައި ހަމަޖެހުމާ ގުޅިގެން، މިހާރު މަސައްކަތް ކުރައްވަމުން ގެންދަވަނީ، އެ ސެކްޝަންގެ ވެރިއެއްގެ ގޮތުގައެވެ.