ޢަބްދުﷲ ޙަލީމް، ކުރީގެ އައިޑެންޓިޓީ ކާޑު ޔުނިޓުގައި އަދި މިހާރު ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަންގައި ޚިދުމަތް ކުރައްވަމުން ގެންދަވާތާ 37 އަހަރަށްވުރެ ގިނަ ދުވަސްވެއްޖެއެވެ. ސަރުކާރުގެ ޚިދުމަތް ފެށްޓެވީ 26 އޮކްޓޫބަރު 1980 ގައެވެ. ފުރަތަމަ އަދާކުރެއްވީ، ޓްރެޜަރީ ޑިވިޜަންގެ 2 ނަންބަރު ކާތިބުކަމުގެ ވަޒީފާއެވެ. އައިޑެންޓިޓީ ކާޑު ޔުނިޓަށް ބަދަލުވެވަޑައިގަތީ، 2 އޮގަސްޓު 1984 ގައެވެ. އެ ދުވަހުން ފެށިގެން މިއަދާ ހަމަޔަށްވެސް ކުރައްވަމުން ގެންދެވި މައިގަނޑު މަސައްކަތަކީ، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހެއްދެވުމުގެ މަސައްކަތެވެ. މި މަސައްކަތުގެ ތެރެއިން ކުރައްވައިފައިވާ ފާހަގަކޮށްލެވޭ ކަންކަމުގެ ތެރޭގައި، ކާޑު ހެދުމަށް އަތޮޅުތަކަށް ކުރެއްވި ދަތުރުތަކާއި، އެ ދަތުރުތަކުގައި ކުރެއްވި މަސައްކަތްތައް ހިމެނެއެވެ. އެދުވަސްވަރު ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހަދަމުން ގެންދިޔައީ، އަތުން ލިޔެގެން ކަމަށްވުމާއެކު ޢަބްދުﷲ ޙަލީމް، ގިނަ އަދަދެއްގެ ކާޑު އަތުން ލިޔުއްވައިފައިވެއެވެ.
ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހެދުމުގެ މަސައްކަތް، 2003 ވަނަ އަހަރު ކޮމްޕިއުޓަރައިޒް ކުރެވުނު ފަހުން ކާޑުގައި ހިމެނޭ މަޢުލޫމާތުތައް ޞައްޙަތޯ ބަލައި، ކާޑު ހެދުމުގެ ހުއްދަ، ކާޑުހައްދާ މުވައްޒަފުންނަށް ދިނުމުގެ މުހިންމު ޒިންމާވެސް އަދާކުރައްވަމުން ގެންދަވަނީ ޢަބްދުﷲ ޙަލީމެވެ. ރާއްޖޭގެ ހުރިހާ ސިޓީތަކާއި، ރަށްރަށުގެ ކައުންސިލުތަކާއި، ރާއްޖެއިން ބޭރުގެ ތިން ޤައުމެއްގައި ހުންނަ ރާއްޖޭގެ އެމްބަސީން ކާޑު ހެދުމަށް މަޢުލޫމާތު އެއްކޮށް، ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަނަށް ހުށަހެޅޭނެ ނިޒާމު ޤާއިމުކުރެވުނުއިރު، އެ މަސައްކަތްތަކުގައި ޢަބްދުﷲ ޙަލީމް އިސް ދައުރެއް އަދާކުރައްވައިފައިވެއެވެ. އަދި މުޅި ރާއްޖޭގައި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހެދުމުގެ މަސައްކަތް ކުރިއަށް ގެންދިޔުމާބެހޭ ކަންކަން ރާވައި ހިންގާ ސެކްޝަންގެ އިސް ވެރިއެއްގެ ގޮތުން ޢަބްދުﷲ ޙަލީމް މިހާރުވެސް ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ.
ޢަބްދުﷲ ޙަލީމް އަދާކުރެއްވި ވަޒީފާތަކުގެ ތެރޭގައި، އައިޑެންޓިޓީ ކާޑު ޔުނިޓުގެ އެސިސްޓެންޓް ސެކްރެޓެރީ ކަމާއި، ސެކްރެޓެރީ ކަމާއި، ސީނިއަރ ސެކްރެޓެރީ ކަމާއި، އެޑްމިނިސްޓްރޭޓިވް އޮފިސަރ ކަމާއި، ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަންގެ ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރކަން ހިމެނެއެވެ. މި ޑިޕާޓްމަންޓްގައި އެސިސްޓެންޓް ޑިރެކްޓަރ ކަމުގެ މަގާމު ފުރުއްވަމުން ގެންދަވަނީ، 1 ފެބުރުވަރީ 2006 ން ފެށިގެންނެވެ.