ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް (ރިޓަޔަރޑް) ޢަބްދުއްޞަމަދު އިސްމާޢީލް
ދަފްތަރު. ނަންބަރު ރސ 1008

ޢަބްދުއްޞަމަދު އިސްމާޢީލް، ދިވެހި ސަރުކާރަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، 1980 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 16 ވަނަ ދުވަހުއެވެ. މެދުނުކެނޑި 40 އަހަރަށްވުރެ ގިނަދުވަސް ސަރުކާރުގެ ޚިދުމަތުގައި ހޭދަކުރައްވައިފައިވެއެވެ. އެގޮތުން، ފުރަތަމަ ޚިދުމަތް ކުރައްވަން ފަށްޓަވައިފައިވަނީ، ނޭޝަނަލް ސެކިއުރިޓީ ސަރވިސްގެ ޕްރައިވެޓެއްގެ ގޮތުގައެވެ. އަދި، 2020 ފެބުރުވަރީ 4 ވަނަ ދުވަހު ދިވެހި ފުލުހުންގެ ވަޒީފާއިން ރިޓަޔަރ ކުރެއްވުމާ ހަމަޔަށް އެކި ރޭންކުގައި ޚިދުމަތް ކުރައްވައިފައިވެއެވެ.

މިގޮތުން ދިވެހި ފުލުހުންގެ ޚިދުމަތުގައި ހުންނަވައިގެން، ޖިނާއީ މައްސަލަތައް ތަޙުޤީޤު ކުރެއްވުމާއި، ޑޭޓާ އެންޓްރީ އެންޑް ވެލިޑޭޝަން ޔުނިޓް ހިންގެވުމާއި، ޕްރޮފެޝަނަލް ސްޓޭންޑަޑްސް ކޮމާންޑުގައި ސީނިއަރ އިންވެސްޓިގޭޓަރެއްގެ ވާޖިބު އަދާކުރައްވައިފައިވެއެވެ. އަދި، ށ.އަތޮޅުގައްޔާއި، ޏ.ފުވައްމުލަކުގައްޔާއި، އައްޑޫސިޓީގައްޔާއި، ލ.އަތޮޅުގައްޔާއި، ރ.އަތޮޅުގައްޔާއި އަދި ނ.އަތޮޅުގައި އަތޮޅު ކޮމާންޑަރުކަން ކުރައްވައިފައިވެއެވެ. މީގެއިތުރުން، ޕޮލިސް ޝޮޕްގެ އިދާރީ މަސައްކަތްތައް ބެލެހެއްޓެވުމާއި، ކްރިމިނަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގައި މަސައްކަތް ކުރެއްވުމުގެ އިތުރުން، އެޑްމިން އެން.ސީ.އޯ. އިންޗާޖެއްގެ ގޮތުގައި ދޫނިދޫ ޑިޓެންޝަން ޔުނިޓުގައިވެސް ވަނީ މަސައްކަތް ކުރައްވައިފައެވެ.

ވަޒީފާގައި ހޭދަކުރެއްވި ދިގު މުއްދަތުގައި، ޢަބްދުއްޞަމަދު އިސްމާޢީލް، ޝަރަފުގެ އެތައް ނިޝާނެއް ހާސިލު ކުރައްވައިފައިވެއެވެ. މިގޮތުން، އަޚްލާޤީ ކުލައާއި މެޑެލް، ފުލުހުންގެ ޚިދުމަތުގެ ކުލައާއި މެޑެލް، އިޚްލާޞްތެރި ޚިދުމަތުގެ މެޑެލް، މަތިވެރި ޚިދުމަތުގެ މެޑެލް، މިނިވަން 50 ގެ މެޑެލް، ސުނާމީ ކާރިސާގެ މެޑެލް، 3 ނޮވެންބަރުގެ މެޑެލްގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާގެ ކުލަ ހާސިލު ކުރައްވައިފައިވާކަމީ، ޢަބްދުއްޞަމަދު އިސްމާޢީލް މަސައްކަތަށް ބެހެއްޓެވި ޝައުޤުވެރިކަމާއި އިޚްލާޞްތެރިކަން ސާބިތުކޮށްދޭ ހެކިތަކެއްކަން ކަށަވަރެވެ.

ހަމަ މިއާއެކު، ދިވެހި ފުލުހުންގެ ޚިދުމަތުގައި ހޭދަކުރެއްވި މުއްދަތުގެ ތެރޭގައި، މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ހުށަހެޅިފައިވާ، ތަޙުޤީޤު ކުރުމަށް އުނދަގޫވެފައިވާ ބޮޑެތި މައްސަލަތައް، ކުރު މުއްދަތެއްގެ ތެރޭގައި ކާމިޔާބުކަމާއެކީ ނިންމެވުމަށް ޢަބްދުއްޞަމަދު އިސްމާޢީލް އިސްވެ ހުންނަވައިގެން ކުރައްވައިފައިވާ މަސައްކަތް ފާހަގަކޮށްލަންޖެހެއެވެ. ދިވެހި ސިފައިންނާއި ފުލުހުންގެ ފަޚުރާއި ޝަރަފު ދަމަހައްޓަވައި، މުއައްސަސާއަށް ފަޚްރާއި ރީތިނަން ހޯއްދަވައިދެއްވުމުގައި، ޢަބްދުއްޞަމަދު އިސްމާޢީލް އަދާކުރައްވައިފައިވާ ދައުރުގެ މަތިންވެސް މި ފުރުޞަތުގައި ހަނދާންކޮށްލަންޖެހެއެވެ.