އަލްއުސްތާޛު އިބްރާހީމް އަޙްމަދު، ދައުލަތަށް ޚިދުމަތް ކުރައްވަމުން ގެންދަވާތާ މިހާރު 42 އަހަރަށްވުރެ ދިގު މުއްދަތެއް ވެއްޖެއެވެ. ފުރަތަމަ އަދާކުރެއްވީ، މިނިސްޓްރީ އޮފް އެކްސްޓަރނަލް އެފެއާޒްގެ ޕިޔޯނު ކަމުގެ ވަޒީފާއެވެ. ޤާޟީ ކޯސް ހެއްދެވުމަށް 1 ފެބުރުވަރީ 1981 ގައި ވަޒީފާއިން ވަކިވެވަޑައިގަތުމަށްފަހު އަލުން ޚިދުމަތް ފެށްޓެވީ 29 އެޕްރީލް 1982 ގައެވެ. އޭރު ހަމަޖެއްސެވީ ކެނދިކުޅުދޫ ކޯޓުގެ ޤާޟީ ކަމުގެ މަގާމަށެވެ. މި ވޭތުވެދިޔަ 39 އަހަރު ދުވަހުގެ ދިގު މުއްދަތުގައި ކެނދިކުޅުދޫ ކޯޓުގެ މެޖިސްޓްރޭޓް ކަމާއި، ސީނިއަރ މެޖިސްޓްރޭޓްކަން އިބްރާހީމް އަޙްމަދު ކުރައްވައިފައިވެއެވެ.
ރާއްޖެތެރޭގައި ކޯޓުތައް އުފެދިގެން އައިއިރު، އެކޯޓުތަކުގައި ޚިދުމަތް ކުރާނެ މާގިނަ މުވައްޒަފުންނެއް ނުތިބެއެވެ. އޭރު އިދާރީގޮތުން ކުރައްވަންޖެހޭ ހުރިހާ މަސައްކަތެއްވެސް ކުރަންޖެހެނީ އެ ވަގުތަކު ހުންނަވާ ޤާޟީއެކެވެ. އަދި، ފަހުން މުވައްޒަފުން ހަމަޖައްސަވަން ފެށްޓެވުމުން، ކޯޓުގެ އެންމެހައި ކަންތައްތައް ގާތުން ބައްލަވައި، ކަންކަން ކުރާނެގޮތުގެ އިރުޝާދު، މުވައްޒަފުންނަށް ދެއްވަމުން ގެންދެވިއެވެ. އެ ދުވަސްވަރަކީ، ވޯކީޓޯކީގެ ޒަރީޢާއިން މުޢާމަލާތުކުރާ ދުވަސްވަރު ކަމަށްވާތީ، ވޯކީޓޯކީން މެސެޖް ނަގާނެގޮތާއި، މެސެޖް ތައްޔާރުކުރާނެ ގޮތާއި، ޝަރީޢަތްތަކަށް ބޭނުންވާ މަޙްޟަރު ބަޔާންތައް ލިޔާނެ ގޮތުގެ އިރުޝާދު، މުވައްޒަފުންނަށް ދެއްވައި، ގިނަ އަދަދެއްގެ މުވައްޒަފުން ތަމްރީނު ކުރައްވައިފައިވެއެވެ.
އިބްރާހީމް އަޙްމަދު ވަނީ 12 އެޕްރީލް 1982 ގައި ނިޔާކަނޑައެޅުމުގެ ސަނަދު ހާސިލުކުރައްވައި، 18 އެޕްރީލް 2014 ގައި ޝަރީޢަތާއި ޤާނޫނުގެ ޑިޕްލޮމާ ހާސިލުކުރައްވައި، 16 އެޕްރީލް 2019 ގައި ބެޗްލަރ އޮފް ޝަރީޢާ އެންޑް ލޯ ހާސިލުކުރައްވައިފައެވެ. މީގެއިތުރުން، އިބްރާހީމް އަޙްމަދު ވަނީ 5 ފެބުރުވަރީ 2020 ގައި ޕޯސްޓް ގްރެޖުއޭޓް އިން ޝަރީޢާ އެންޑް ލޯ ހާސިލު ކުރައްވައި، އަދި 6 އޮގަސްޓު 2020 ގައި ޝަރީޢާ އެންޑް ލޯގެ ރޮނގުން މާސްޓަރޒް ޑިގްރީ ހާސިލު ކުރައްވައިފައެވެ. މާސްޓަރޒް ޑިގްރީ ހާސިލު ކުރެއްވިއިރު، ޚާއްޞަވެވަޑައިގެންނެވީ ކްރިމިނަލްގެ ރޮނގުންނެވެ.
ކްރިމިނަލް ކޯޓުގެ ޤާޟީންނާއި، މިލަދުންމަޑުލު ކޯޓުތަކުގެ މެޖިސްޓްރޭޓުންނާއެކު ނ. މަނަދޫގައި ބޭއްވި ޖިނާއީ މައްސަލަތައް ހިންގުމާއި، ޙުކުމް ތައްޔާރުކުރުމާއި، ކޯޓު އަމުރު ނެރުމާއި، ކުށުގެ ތުހުމަތުގައި ހައްޔަރުކުރެވޭ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމާއި، މިކަންކަމުގެ މައްޗަށް ކުރިއަށް ގެންދިޔަ މަސައްކަތު ބައްދަލުވުމުގައި އިބްރާހީމް އަޙްމަދު ޢަމަލީގޮތުން ބައިވެރިވެވަޑައިގެންފައި ވެއެވެ. މީގެއިތުރުން، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނާއި، ޖުޑީޝަލް އެކެޑަމީއާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓާ ގުޅިގެން ބޭއްވި އެކިއެކި ސެމިނާރުތަކުގައިވެސް އިބްރާހީމް އަޙްމަދު، މުހިންމު ދައުރެއް އަދާކުރައްވައިފައި ވެއެވެ.