މި އިނާމު މި އެރުވެނީ، ބްރޫނާއީ ދާރުއްސަލާމުގެ ޔުނިވަރސިޓީ ބްރޫނާއީ ދާރުއްސަލާމުން 2020 ވަނަ އަހަރު ހަޔަރ އެޑިޔުކޭޝަން ލީޑަރޝިޕްގެ ދާއިރާ ދިރާސާކޮށް، ޑޮކްޓަރ އޮފް ފިލޯސޮފީ އިން އެޑިޔުކޭޝަން ހާސިލު ކުރައްވައިފައިވާތީއާއި، ޕީ.އެޗް.ޑީ. އަށް ކުރެއްވި ދިރާސާގެ އަލީގައި ލިޔުއްވި ތަފާތު އާޓިކަލްތައް، ބައިނަލްއަޤްވާމީ ޖަރނަލްތަކުގައި ޝާއިޢުކޮށްފައިވާތީއެވެ.
ޑޮކްޓަރ ޢާއިޝަތު ވަޙީދާ ކުރެއްވި ދިރާސާއަކީ، ދިވެހިރާއްޖޭގެ މަތީ ތަޢުލީމު ދިނުމުގެ ވެށީގައި ހަރަކާތްތެރިވާ ޑީނުންނާއި އެ ފަންތީގެ މަގާމުތައް އަދާކުރައްވާ ބޭފުޅުން ގެންގުޅުއްވާ ވައްޓަފާޅިއާއި، މަގާމުގެ ހައިސިއްޔަތުން ކުރަންޖެހޭ މަސައްކަތްތައް ތަންފީޒު ކުރަން ގެންގުޅޭ ގޮތްތަކުގެ އިތުރުން، ދިވެހިރާއްޖޭގެ މަތީ ތަޢުލީމު ދިނުމުގެ ދާއިރާގެ ލީޑަރޝިޕް ކުރިއެރުވުމަށް ހުރި ގޮންޖެހުންތައް ދެނެގަތުމަށް ކުރެވުނު ދިރާސާއެކެވެ. މިގޮތުން، ދައުލަތާއި އަމިއްލަ ފަރާތްތަކަށް ނިސްބަތްވާ މަތީ ތަޢުލީމުދޭ 9 މަރުކަޒެއްގައި ހަރަކާތްތެރިވާ ޖުމްލަ 190 ޑީނުންނާއި ލެކްޗަރަރުންގެ ފަރާތުން މި ދިރާސާއަށް މަޢުލޫމާތު އެއްކުރެވިފައި ވެއެވެ.
މި ދިރާސާގެ މައިގަނޑު ހޯދުންތަކަކީ ދިވެހިރާއްޖޭގެ މަތީ ތަޢުލީމު ދިނުމުގައި ހަރަކާތްތެރިވާ ޑީނުންނާއި އެ ފަންތީގެ މަގާމުތައް އަދާކުރައްވަމުން ގެންދަވާ ފަރާތްތަކަށް، ލީޑަރޝިޕް ކުރިއެރުވުމުގައި އެންމެ ބޮޑެތި ގޮންޖެހުންތައް ދިމާވަނީ ތަޢުލީމުދޭ މުއައްސަސާތަކުގެ ހިންގުމުގެ ނިޒާމު (Governance) ގައި ހުންނަ ބައެއް ނޭދެވޭ ކަންކަމުގެ ސަބަބުންނާއި، އެކެޑަމިކް ލީޑަރޝިޕް ކުރިއެރުވައި އިސްނަގައިގެން ކާމިޔާބު ހެޔޮބަދަލެއް ގެނައުމުގެ ހުނަރު ޑީނުންނަށް ލިބިފައި ނެތުމުންނާއި ޑީނަކަށް ބޭނުންވާ ފަރުދީ ޤާބިލުކަން ލިބިފައި ނުވުމުންނެވެ.
ޑޮކްޓަރ ޢާއިޝަތު ވަޙީދާގެ ޕީ.އެޗް.ޑީ. ތީސީސްއަށް ކުރެއްވި ދިރާސާގެ އަލީގައި 3 ޖަރނަލް އާޓިކަލެއް ވަނީ ބައިނަލްއަޤްވާމީ ޖަރނަލްތަކުގައި ޝާއިޢުކޮށްފައެވެ. އަދި 4 ކޮންފަރެންސެއްގައި ދިރާސާގެ ކަރުދާސްތައް ހުށަހަޅުއްވައިފައިވެއެވެ.
ޑޮކްޓަރ ޢާއިޝަތު ވަޙީދާ މިހާރު ހުންނެވީ، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ އެކްޓިންގ ކޮންޓްރޯލަރ އޮފް އެގްޒެމިނޭޝަންސް އެންޑް އިވެލުއޭޝަންގެ މަގާމުގައެވެ.