މައިމޫނާއަކީ، 2001 ވަނަ އަހަރުން ފެށިގެން އާޓްސްގެ ދާއިރާގައި މަސައްކަތް ކުރައްވަމުން ގެންދަވާ އާޓިސްޓެކެވެ. މި ފަންނު ކުރިއެރުވުމަށް ފެށްޓެވި ފުރަތަމަ މަސައްކަތަކީ، ސްކޫލްތަކުގެ ދަރިވަރުންނަށް މި ފަންނު އުނގަންނަވައިދެއްވުމެވެ. އަމީނިއްޔާ ސްކޫލްގައި އެސިސްޓެންޓް އާޓްސް ޓީޗަރެއްގެ މަގާމުގައި ހުންނަވައިގެން މަސައްކަތް ފެށްޓެވިތާ އަހަރެއްހައިދުވަސް ފަހުން، މިދާއިރާއިން މަތީ ތަޢުލީމު ހާސިލު ކުރެއްވުމަށް ޕާކިސްތާނަށް ވަޑައިގަތެވެ. ބެޗްލަރސް އިން ފައިން އާޓްސް (ވިޜުއަލް އާޓް) އަދި ޕޯސްޓް ގްރެޖުއޭޓް ޑިޕްލޮމާ (އާޓް އެންޑް ޑިޒައިން އެޑިޔުކޭޝަން) އިން ޓީޗިންގ ހާސިލު ކުރެއްވުމަށްފަހު މާލެ ވަޑައިގެން އިސްކަންދަރު ސްކޫލްގައި ކިޔަވައިދެއްވުން ކުރިއަށް ގެންދެވިއެވެ. އޭގެ ހައެއްކަ މަސްދުވަސް ފަހުން ރާއްޖެއިން ބޭރަށް ވަޑައިގެން، މާސްޓަރ އޮފް އާޓްސް (އާޓް އެންޑް ޑިޒައިން ސްޓަޑީޒް) ހާސިލު ކުރެއްވުމަށްފަހު އެނބުރި ވަޑައިގެން، ތާޖުއްދީން ސްކޫލްގައި އާޓް އެޗް.އޯ.ޑީ.ގެ މަގާމު ފުރުއްވަން ފެށްޓެވިއެވެ.
ރާއްޖޭގެ ޒުވާނުންނަށް އާޓްގެ ދާއިރާއިން މަންފާކުރާނެ ގޮތްތަކެއް ހޯއްދަވައި ދެއްވުމަކީ، މައިމޫނާ އަބަދުވެސް ވިސްނައިވަޑައިގަންނަވަމުން ގެންދެވި އެއްކަމެވެ. އަދި "މޯލްޑިވިއަން އާޓިސްޓް ކޮމިއުނިޓީ" ގެ ނަމުގައި އެން.ޖީ.އޯ.އެއް އުފައްދަވައި، ރާއްޖޭގެ އާޓިސްޓުންނަށް ކުރިއަށް ދެވޭނެ ގިނަގުނަ މަގުތަކެއް ފަހިކޮށްދެއްވިއެވެ. މިގޮތުން، ކޮންމެ އަހަރަކު މުޅި ރާއްޖެއަށް ހުޅުވައިލައިގެން މައުރަޒު ރާއްވަވައި، ހިންގަވައި، ހޮޓެލް ޖެންގައާއި، ލެކިއުޓްގައާއި، ގްލޯރިއާ ޖީންސްގައާއި، ރާއްޖޭގެ ބައެއް ރިޒޯޓުތަކުގައި އާޓިސްޓުންގެ ކުރެހުންތައް ވިއްކޭނެގޮތް ފަހިކޮށްދެއްވުން ހިމެނެއެވެ. އާޓް އެންޑް ޑިޒައިން ޓީޗަރެއްގެ މަގާމުގައި އަދި އެޗް.އޯ.ޑީ.ގެ މަގާމުގައި ޣިޔާޘުއްދީން އިންޓަރނޭޝަނަލް ސްކޫލްގައި ކިޔަވައިދެއްވަމުން، އާޓިސްޓް އެސޯސިއޭޝަންގެ ރައީސްކަން ކުރައްވަމުން ގެންދެވިއެވެ.
ފައިން އާޓްސްގެ ރޮނގުން މާސްޓަރޒް ފުރިހަމަކުރެއްވި ރާއްޖޭގެ ފުރަތަމަ ބޭފުޅަކީ، މައިމޫނާއެވެ. އަދި ކިޔަވައި ވިދާޅުވި ދާއިރާއާއި މާއްދާތަކުގެ ގޮތުން މައިމޫނާއަކީ ރާއްޖޭގައި ހުންނެވި ހަމައެކަނި ސްކަލްޕްޗަރ އާޓިސްޓެވެ. މައިމޫނާއަކީ، އިސްނަންގަވައިގެން ކަންކަން ކުރެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ، ތަޢުލީމީ ރޮނގުންނާއި ފަންނީ ރޮނގުން ގިނަގުނަ މަސައްކަތްތަކެއް ކުރައްވައިފައިވާ ބޭފުޅެކެވެ. މިގޮތުން ފާހަގަކޮށްލެވޭ މަސައްކަތްތަކުގެ ތެރޭގައި، ކްރިއޭޓިވް އާޓްސްގެ އާ ކަރިކިއުލަމަށް ޓީޗަރުން ތަމްރީނު ކުރުމަށް ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަނާ ގުޅިވަޑައިގެން ވަރކްޝޮޕް ބޭއްވެވުމާއި، ބައެއް ސްކޫލްތަކުގެ އެދިވަޑައިގަތުމަށް އާޓް ކްލާސްތައް ނަންގަވައިދެއްވުމާއި، ކޮމިއުނިޓީ ސަރވިސްގެ ގޮތުން ދ.ރިނބުދޫގެ މައިމަގުގެ ފާރުތަކުގައި ކުރެއްސެވުން ހިމެނެއެވެ. މީގެ އިތުރުން، އަމީނިއްޔާ ސްކޫލަށް 75 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ބޭއްވި ކުރެހުމުގެ މުބާރާތް ރާއްވަވައި އިންތިޒާމު ކުރެއްވުމާއި، ދަރިވަރުންނަށް އުނގަންނައިދިނުމުގެ ފެންވަރު މަތިކުރުމަށް ހިންގަވާ ވަރކްޝޮޕްތަކުގައި ބައިވެރިވެވަޑައިގެންނެވުމާއި، ސްކޫލްތަކުގައި ބާއްވާ ކުރެހުމުގެ މުބާރާތްތަކަށް އިންސާފުކޮށްދެއްވުމާއި، މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖްގެ އިންޓެރިމް ކޮމިޓީގައި ފަންނީ ދާއިރާ ކުރިއަރުވަން ކުރައްވާ މަސައްކަތުގައި ޢަމަލީގޮތުން ބައިވެރިވެވަޑައިގަތުން ހިމެނެއެވެ.
މި ދާއިރާއިން މައިމޫނާއަށް ލިބިވަޑައިގެންފައިވާ ކާމިޔާބީތަކުގެ ތެރޭގައި، 2017 ވަނަ އަހަރު ބޭއްވުނު ހީވާގި ކަނބަލުންގެ އެކްސްޕޯގައި، ޕެއިންޓިންގ ކެޓަގަރީން 2 ވަނައާއި، 2017 ވަނަ އަހަރު، މާލޭ ސިޓީ ކައުންސިލުން ބޭއްވެވި ކުރެހުމުގެ މުބާރާތުން 3 ވަނައާއި، 2017 ވަނަ އަހަރު އެމް.ޑަބްލިޔޫ.އެސް.ސީ. ރީސައިކްލް ކޮމްޕެޓިޝަނުން ސްކޫލް ކެޓަގަރީން 3 ވަނައާއި، 2018 ވަނަ އަހަރު އެމް.ޑަބްލިޔޫ.އެސް.ސީ. ރީސައިކްލް ކޮމްޕެޓިޝަނުން 18 އަހަރުން މަތީގެ ކެޓަގަރީން 3 ވަނަ ހާސިލު ކުރެއްވުން ހިމެނެއެވެ.
ވިޜުއަލް އާޓްސްގެ ދާއިރާއިން ރާއްޖޭގެ ތަރައްޤީއަށާއި، މުޖުތަމަޢަށް ފައިދާހުރި ގިނަ ކަންތައްތަކެއް މައިމޫނާ ކުރައްވަމުން ގެންދަވައެވެ. މިގޮތުން، ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަނުން ކުރިއަށް ގެންދެވި، ކްރިއޭޓިވް އާޓްސްގެ އާ ކަރިކިއުލަމް އެކުލަވައިލެއްވުމުގައި ޢަމަލީގޮތުން ބައިވެރިވެޑައިގަތުމާއި، މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީން ހިންގި، ބީ.އެފް.އޭ. ކޯސްތައް ފަރުމާކުރެއްވުން ހިމެނެއެވެ. އަދި އާޓް އެންޑް ޑިޒައިން ޓީޗަރެއްގެ ގޮތުން ބީޓެކްގެ ދަރިވަރުންނަށް މޯލްޑިވްސް ޕޮލިޓެކްނިކްގައި ކިޔަވައިދެއްވުން ހިމެނެއެވެ.
މައިމޫނާގެ ފަންނީ މަސައްކަތްތައް ރާއްޖެއިން ބޭރުގައިވެސް ވަނީ ދައްކަވައިލައްވައިފައެވެ. މިގޮތުން، ސާރކް ފައުންޑޭޝަނުން ރާވައި ހިންގާ ސާރކް އާޓިސްޓް ކޭމްޕްތަކުގައި، އެކިފަހަރު މަތިން ބައިވެރިވެވަޑައިގަތުމާއި، ބަންގްލަދޭޝްގައި ބޭއްވުނު އޭޝިއަން އާޓް ބިއަނާލޭގައި ބައިވެރިވެވަޑައިގަތުމާއި، ކަލްކަތާގައި ބޭއްވުނު ސައުތު އޭޝިއާގެ އާޓިސްޓުން ބައިވެރިވި މައުރަޒުގައިވެސް މައިމޫނާ ވަނީ ރާއްޖެ ތަމްސީލު ކޮށްދެއްވައިފައެވެ.
މިހާރު މައިމޫނާއަކީ، ބިލަބޮންގ ހައި އިންޓަރނޭޝަނަލް ސްކޫލްގެ އާޓް އެންޑް ޑިޒައިން ޓީޗަރެވެ. އަދި "މޯލްޑިވްސް އާޓް ކޮމިއުނިޓީ" ގެ ދެވަނަ ދައުރުގެ ވައިސް ޗެއަރޕަރސަންވެސް މެއެވެ. މައިމޫނާގެ އެންމެފަހުގެ މަސައްކަތްތަކުގެ ތެރެއިން، ފާހަގަކޮށްލެވޭ ކަންތައްތަކުގެ ތެރޭގައި، އެމް.އެމް.ޕީ.އާރު.ސީ. އިންނާއި، އަދަދު ނޫހުން ބޭއްވި ކުރެހުމުގެ މުބާރާތަށް އިންސާފު ކޮށްދެއްވުމާއި، ރާއްޖޭގެ 56 ވަނަ
މިނިވަންދުވަހުގެ މުނާސަބަތުގައި، ސްޓެލްކޯ ފާރުގައި ދިވެހިރާއްޖޭގެ ތާރީޚީ ކުރެހުންތައް ކުރެހުމުގައި ޢަމަލީގޮތުން ބައިވެރިވެވަޑައިގަތުމާއި، މިދިޔަ ސެޕްޓެންބަރު މަހުގެ 30 ން ފެށިގެން "އާޓް ގެލެރީ މާލެ" ގައި 3 ހަފުތާގެ މުއްދަތަށް ކުރިއަށްގެންދާ މައިމޫނާގެ ކުރެހުންތައް ދައްކައިދޭ ސޯލޯ އެގްޒިބިޝަން ހިމެނެއެވެ. މި އެގްޒިބިޝަނަކީ، މައިމޫނާގެ ލޮބުވެތި މަންމަ އަލްމަރްޙޫމާ ޒުހުރާ ޙުސައިންގެ ހަނދާނުގައި ބޭއްވެވި މިފަދަ ދެވަނަ ކެލިގްރަފީ އާޓް އެގްޒިބިޝަނެވެ.