ތަޢުލީމީ ދާއިރާއިން، އުނގެނުމުގައި ޚާއްޞަ އެހީއަށް ބޭނުންވާ ކުދީންނާއި މީހުންނަށް ތަޢުލީމު ފޯރުކޮށްދިނުމުގެ ރޮނގުން ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ލިބިވަޑައިގަންނަވާ ޝަރަފުލްހުދާ މުޙައްމަދަކީ، މި ދާއިރާއިން ވަރަށް އިޚްލާޞްތެރި ޚިދުމަތްތަކެއް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. ސްޕެޝަލް އެޑިޔުކޭޝަން ޓީޗަރެއްގެ ގޮތުން، ޝަރަފުލްހުދާ ޚިދުމަތް ކުރައްވަން ފެށްޓެވީ، 2009 ވަނަ އަހަރު ޢިމާދުއްދީން ސްކޫލްގައެވެ. އުނގެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ދަރިވަރުންނަށް ކިޔަވައިދެއްވަމުން ގެންދަވާތާ މިވީ ބާރަވަރަކަށް އަހަރު ދުވަހުގެ ތެރޭގައި، މިރޮނގުން އެކިއެކި ތަމްރީނު ކޯސްތައް ވަނީ ފުރިހަމަކުރައްވައިފައެވެ. މިގޮތުން، ސްޕެޝަލް އެޑިޔުކޭޝަން ޓީޗިންގގެ ރޮނގުން ޑިޕްލޮމާއާއި، ޕޯސްޓް ގްރެޖުއޭޓް ޑިޕްލޮމާއާއި، އިންކްލޫސިވް އެޑިޔުކޭޝަން އެންޑް ސްޕެޝަލް އެޑިޔުކޭޝަން ޓީޗިންގގެ ރޮނގުން ޝަރަފުލްހުދާ ވަނީ މާސްޓަރޒް ހާސިލު ކުރައްވައިފައެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި އުނގެނުމުގައި ނުކުޅެދުންތެރިކަން ހުންނަ ދަރިވަރުންނަށް ސްކޫލްގެ ތެރެއިން ދޭންޖެހޭ ތަޢުލީމާއި ތަމްރީނު އެންމެ އެކަށީގެންވާ ގޮތެއްގައި ދެވޭނީ، އެފަދަ ދަރިވަރުންނަށް ކިޔަވައިދެއްވާ މުދައްރިސުންނަށް ޢަމަލީގޮތުން ބޭނުންވާ ތަޢުލީމާއި ތަމްރީނު ލިބިދެވިގެންކަމަށް ޝަރަފުލްހުދާ ދެކެވަޑައިގަންނަވައެވެ. މެލޭޝިޔާގެ ޕެންޑިކަން ސުލްޠާން އިދުރީސް ޔުނިވަރސިޓީން "ކްލާސްރޫމް އެންޑް ބިހޭވިއަރ މެނޭޖްމަންޓް" ގެ ރޮނގުންނާއި، އިންކްލޫސިވް އެޑިޔުކޭޝަންގެ ރޮނގުން ޝަރަފުލްހުދާ ތަމްރީނު ހޯއްދަވައިފައިވެއެވެ. އަދި "އެސެންޝަލް ސްކިލްސް ފޮރ ސްޕެޝަލް އެޑިޔުކޭޓަރސް"ގެ ރޮނގުންނާއި، "އަންޑަރސްޓޭންޑިންގ ޗިލްޑްރެން ވިތް ޑިފަރެންޓް ލަރނިންގ ނީޑްސް"ގެ ރޮނގުންވެސް ވަނީ ތަމްރީނުތަކެއް ފުރިހަމަކުރައްވައިފައެވެ. މީގެއިތުރުން، އިންޑިއާގެ ނިއުދިއްލީއާއި، ހައިދަރުއާބާދުންވެސް ވަނީ އެކި ތަމްރީނު ޕްރޮގްރާމްތައް ފުރިހަމަކުރައްވައިފައެވެ.
ޝަރަފުލްހުދާ މި ދާއިރާއިން ހިލޭސާބަހަށް ކޮށްދެއްވައިފައިވާ މަސައްކަތްތަކުގެ ތެރޭގައި، 2019 ވަނަ އަހަރުގެ ޖުލައި މަހުން ފެށިގެން އޮކްޓޫބަރު މަހުގެ ނިޔަލަށް ޑިޕާޓްމަންޓް އޮފް އިންކްލޫސިވް އެޑިޔުކޭޝަނުން ހިންގެވި އެސިސްޓިންގ ސްމޯލް ސްކޫލްސްގައި ފެސިލިޓޭޓަރެއްގެ ހައިސިއްޔަތުން މަސައްކަތް ކުރައްވައިފައިވެއެވެ. އަދި 2019 ވަނަ އަހަރު ގއ.ދާންދޫ ސްކޫލްގައްޔާއި، ގއ.ނިލަންދޫ ސްކޫލްގައްޔާއި، ގއ.މާމެންދޫ ސްކޫލްގައްޔާއި، ވ.ފުލިދޫ ސްކޫލްގައި އަދި 2017 ވަނަ އަހަރު އއ.ހިމަންދޫ ސްކޫލްގައްޔާއި، ތ.އަތޮޅު ވިލުފުށީ ސްކޫލްގައި، އަދި 2015 ވަނަ އަހަރު ކ.އަތޮޅު ތަޢުލީމީ މަރުކަޒުގައި، ސްކޫލް ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ސެޝަންތަކާއި، ބެލެނިވެރިން ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތައް ހިންގުމުގައި ފެސިލިޓޭޓަރެއްގެ ގޮތުން މަސައްކަތް ކޮށްދެއްވައިފައިވެއެވެ.
މި ދާއިރާގައި މަސައްކަތް ކުރައްވާ މުދައްރިސުންނަށް ރާއްޖެއިން ބޭރުން އިތުރު ތަޢުލީމާއި ތަމްރީނު ހޯދައިދިނުމަކީ ޤައުމުގެ ކުރިއެރުމަށް ބޭނުންތެރި ކަމަކަށްވާތީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މަސައްކަތް ކުރައްވާ ގިނަ ޓީޗަރުންތަކަކަށް ޝަރަފުލްހުދާ އިސްނަންގަވައިގެން، ޓްރޭނިންގ ސެޝަންތައް ފުރިހަމަކުރުމުގެ ފުރުޞަތުތަކެއް މެލޭޝިއާގެ ޕެންޑިކަން ސުލްޠާން އިދުރީސް ޔުނިވަރސިޓީން ހޯއްދަވައިދެއްވައިފައި ވެއެވެ.
އުނގެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ދަރިވަރުން މުޖުތަމަޢަށް ނެރުމަށްޓަކައި މި ވޭތުވެދިޔަ 12 އަހަރު ދުވަހުގެ ތެރޭގައި ކުރެއްވި މަސައްކަތްތަކުގެ ނަތީޖާ ވަރަށް އެދެވޭގޮތެއްގައި ފެންނަމުންދާ ކަމަށް ޝަރަފުލްހުދާ ދެކެވަޑައިގަންނަވައެވެ. އަދި ގޭގެޔަށް ކުރައްވާ ޒިޔާރަތްތަކުގައި، ދަރިވަރުން އޮބްޒަރވް ކުރައްވައި، ބައެއް ދަރިވަރުންގެ ތަފާތު ޗެލެންޖިންގ ބިހޭވިއަރތައް ބަދަލުކުރުމަށް ކުރެވިދާނެ ބައެއް ކަންތައްތައް، ޝަރަފުލްހުދާއަށް ލިބިވަޑައިގެންފައިވާ މަޢުލޫމާތާއި، ޢަމަލީ ތަޖުރިބާގެ އަލީގައި ބެލެނިވެރިންނާ ހިއްސާ ކުރައްވައެވެ. އަދި ބެލެނިވެރިންނަށް ހިތްވަރު ދެއްވައިގެން، ސްކޫލް މާޙައުލަށް ދަރިވަރުން ހޭނުއްވުމުގެ މަސައްކަތްވެސް ކުރައްވައެވެ. ދަރިވަރުންގެ ހުނަރުތައް ދެނެގަނެ، އެ ހުނަރުތައް ކުރިއެރުވުމަށް ކުރެއްވި މަސައްކަތްތަކުގެ ނަތީޖާވެސް ފެންނަމުންދާކަން ޝަރަފުލްހުދާ ފާހަގަކުރައްވައެވެ. މިގޮތުން، ސްކޫލުން ބޭރުން ޝަރަފުލްހުދާ ޢަމަލީގޮތުން އެހީތެރިވެދެއްވައިގެން، ދަރިވަރަކު، ކީރިތި ޤުރްއާން ހިތުދަސްކޮށް، ޙާފިޡުކަމުގެ ސަނަދު ޙާޞިލުކޮށްފައިވާކަން ފާހަގަކޮށްލަންޖެހެއެވެ.
ޝަރަފުލްހުދާގެ އުންމީދަކީ، އެކިއެކި ނުކުޅެދުންތެރިކަން ހުންނަ ދަރިވަރުންވެސް، އެހެން ދަރިވަރުންނެކޭ އެއްފަދައިން، ހުރިހާ ކުދިން ޝާމިލުކޮށްގެން، ކޮންމެ ކުއްޖެއްގެވެސް ހުންނަ ޤާބިލު ކަންތައްތައް ދެނެގަނެގެން، އެ ރޮނގަކުން ކުރިއަރުވަން މަސައްކަތްކުރާ ބަޔަކު، ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައިވެސް ތިބޭތަން ފެނިގެންދިޔުމެވެ.