ކީރިތި ޤުރްއާން ކިޔެވުމާއި، އުނގަންނައިދިނުމާއި، ކީރިތި ޤުރްއާނުގެ ޢިލްމުގެ ދާއިރާއިން އަލްމަރްޙޫމް އިބްރާހީމް ޙުސައިންފުޅުގެ ހަނދާނަށް ޝަރަފުވެރިކަމުގެ ޤައުމީ އިނާމު އެރުވެނީ، އިބްރާހީމް ޙުސައިންފުޅަކީ، ކީރިތި ޤުރްއާން އުނގަންނައިދެއްވުމުގައްޔާއި، ޤުރްއާނުގެ ޢިލްމު ފެތުރުއްވުމުގައި ބައި ޤަރުނަށްވުރެ ގިނަދުވަހު ޚިދުމަތްކުރައްވައި، ނަތީޖާ ނެރެދެއްވި ހަރުދަނާ މުދައްރިސަކަށްވުމާއި، ދީނީ އުސޫލުތަކަށާއި، ރިވެތި އަޚްލާޤަށް ދަރިވަރުން ހާނުއްވައި ހަރުދަނާ ޖީލެއް ބިނާކުރެއްވި އެދުރަކަށްވާތީއެވެ.
އަލްމަރްޙޫމް އިބްރާހީމް ޙުސައިންފުޅުގެ އުފަން ރަށަކީ، ރ.މީދުއެވެ. ތުޅާދޫ މަދަރުސާއިން ތަޢުލީމު ހާސިލު ކުރެއްވުމަށްފަހު، މީދުއަށް އެނބުރި ވަޑައިގެން، މީދޫ ރައްޔިތުންގެ މަދަރުސާގައި، 1962 ވަނަ އަހަރު ކިޔަވައިދެއްވަން ފެށްޓެވިއެވެ. އެއީ، އުމުރުފުޅުން 17 އަހަރުގައެވެ. އެއަށްފަހު މާލެ ވަޑައިގެން، އިތުރަށް ތަޢުލީމު ހާސިލު ކުރައްވައި، ބައެއް ސަނަދުތައް ހާސިލު ކުރެއްވިއެވެ. އުފަން ރަށް މީދޫގައި ކިޔަވައިދެއްވަމުން ގެންދަވަނިކޮށް، ތުޅާދޫ ރައްޔިތުންގެ އެދިވަޑައިގަތުމަށް ތުޅާދުއަށް ދިރިއުޅުން ބަދަލުކުރެއްވިއެވެ. އަދި ތުޅާދޫ ރައްޔިތުންގެ މަދަރުސާއާ ގުޅިވަޑައިގެން، ކިޔަވައިދެއްވުމުގެ އިތުރުން، އެމަދަރުސާ ހިންގެވުމުގެ ބުރަ މަސްއޫލިއްޔަތުވެސް އެކި ދުވަސްވަރު އަދާކުރައްވަމުން ގެންދެވިއެވެ.
އަލްމަރްޙޫމް އިބްރާހީމް ޙުސައިންފުޅަކީ، ކިޔަވައިދެއްވުމާއި، ދަރިވަރުން ތަރުބިޔަތު ކުރެއްވުމުގައި މުޅި އުމުރު ހޭދަކުރެއްވި ބޭފުޅެކެވެ. އިބްރާހީމް ޙުސައިންފުޅުގެ ދީލަތި ޚިދުމަތްތައް ތުޅާދުއަށާއި، މީދުއަށާއި، އަދި އެކި ރަށްރަށުން ތުޅާދުއަށް ކިޔަވަން އައި ދަރިވަރުންނަށް ލިބިފައިވަނީ، ތަޢުރީފު ލިބޭފަދަ ދަރަޖައަކަށް، އެކުދިންގެ ބެލެނިވެރިންގެ ލޯތްބާއި އިޙްތިރާމް ލިބިލިބި ހުންނަފަދަ ގޮތަކަށެވެ. ސަރުކާރުގެ ވަޒީފާގައި ތުޅާދޫ މަދަރުސާގައި ކިޔަވައިދެއްވުމުގެ މަސައްކަތް ކުރައްވަމުން ގެންދެވިއިރުވެސް އަމިއްލަފުޅު ގޭގައި ކުދިންނަށް ޤުރްއާން ކިޔަވައިދެއްވަމުން ގެންދެވިއެވެ. އަދި އެއްދުވަސްވަރެއްގައި ބޯޑިންގ އުސޫލުން ގޭގައި ކުދިން ބައިތިއްބަވައިގެން ކުދިންނަށް ޤުރްއާން ކިޔަވައިދެއްވަމުން ގެންދެވިއެވެ. ގޭގައި ކިޔަވައިދެއްވުމުގެ އިތުރުން، މަޢުހަދުއްދިރާސާތިލް އިސްލާމިއްޔާއާ ގުޅިގެން ތުޅާދޫ ހުކުރު މިސްކިތުގައިވެސް އަހަރުތަކެއް ވަންދެން ޤުރްއާން ކުލާސް ހިންގެވިއެވެ.
އަލްމަރްޙޫމް އިބްރާހީމް ޙުސައިންފުޅު ހިމެނިވަޑައިގަންނަވަނީ، ތުޅާދޫ ސްކޫލްގައި އެންމެގިނަ މާއްދާތައް ކިޔަވައިދެއްވި އަދި އެންމެ ގިނަދުވަހު ސްކޫލަށް ޚިދުމަތް ކުރެއްވި މުދައްރިސެއްގެ ގޮތުގައެވެ. ކީރިތި ޤުރްއާނުގެ އިތުރުން، ދީނިއްޔާތާއި، އަޚްލާޤާއި، ހިސާބާއި، ދިވެއްސާއި، ޢަރަބިތާނަ ލިޔުމާއި، ފިޤްހާއި، މިނޫންވެސް އެ ދުވަސްވަރަށް އެންމެ ބޭނުންވި މާއްދާތައް، ކުދިން ޝައުޤުވެރިވާ ގޮތަށް ކިޔަވައިދެއްވިއެވެ. އިބްރާހީމް ޙުސައިންފުޅަކީ، ފެށުނީއްސުރެ ކުދިންގެ ސުލޫކާއި އަޚްލާޤު ބައްޓަން ކުރެއްވުމުގައިވެސް ވަރަށް ހަރުދަނާ މަސައްކަތްޕުޅުތަކެއް ކުރައްވަމުން ގެންދެވި ބޭފުޅެކެވެ. އެގޮތުން، އެއީ، އަޚްލާޤުގެ މާއްދާ ކިޔަވައިދެއްވައި، މަދަރުސާ ކުދިން، ނަމާދު ވަގުތަށް ޖަމާޢަތަށް ގެންދަވައި އަދި އެކުދިންނަށް ދީނީ ނަސޭހަތް ދެއްވި މުރުޝިދެކެވެ. އަދި ރަމަޟާންމަހު ކީރިތި ޤުރްއާން ކިޔެވުން ގިނަކުރުމަށް ކުދިންނަށް ހިތްވަރު ދެއްވައި، ނަސޭހަތް ދެއްވައި، އަދި އެކުދިންގެ ކަންތައްތައް ވަރަށްގާތުން ބައްލަވަމުން ގެންދެވި ބޭފުޅެކެވެ. ކޮންމެ ރެއެއްގެ މަޣުރިބު ނަމާދާއި ޢިޝާ ނަމާދާ ދެމެދުގައިވެސް ޤުރްއާން ކިޔަވައިދެއްވުމުގެ ކުލާސްތައް ހިންގަވަމުން ގެންދެވިއެވެ. އެއީ، އިބްރާހީމް ޙުސައިންފުޅުގެ ހިތްޕުޅުގައި ކީރިތި ޤުރްއާނަށް އޮތް އަހަންމިއްޔަތުގެ އަލިގަދަ ހެތްކެކެވެ.
ކުދިންނަށް، ކީރިތި ޤުރްއާން ހިތުދަސްކޮށްދެއްވުމަށް އިބްރާހީމް ޙުސައިންފުޅު ކޮށްދެއްވައިފައިވާ މަސައްކަތްޕުޅުތައްވެސް ފާހަގަކޮށްލަން ޖެހެއެވެ. ސަރުކާރުގެ ވަޒީފާއިން ރިޓަޔަރ ކުރެއްވުމަށްފަހު، ޕްރޮވިޑެންޓް ފަންޑުގައި ހުރި ފައިސާކޮޅު ނަންގަވައިގެން، ކުދިންނަށް ކީރިތި ޤުރްއާން ހިތުދަސްކޮށްދެއްވުމަށް "ޙާފިޡް ކުލާސް"ގެ ނަމުގައި ކުލާހެއް ރަސްމީކޮށް ރަޖިސްޓަރީ ކުރައްވައިގެން އެ މަސައްކަތް ފެށްޓެވިއެވެ. އެ ކުލާހުގެ ނާޒިރަކީ އަދި މުދައްރިސަކީވެސް އިބްރާހީމް ޙުސައިންފުޅެވެ. އެ ކުލާސް ހިންގަވަން ފެށްޓެވީ ތުޅާދޫގައި ޤުރްއާން ހިތުދަސްކުރުމުގެ ރޫޙު، ކުދިންގެ މެދުގައި އަށަގަންނުވައި، ގިނަ ޙާފިޡުންތަކެއް ބިނާކުރެއްވުމުގެ ނިޔަތުގައެވެ. މިގޮތުން، އެ ކުލާހުގައި އެއްދުވަސްވަރެއްގައި 40 އަށްވުރެ ގިނަ ދަރިވަރުން ކިޔަވަމުން ގެންދިޔައެވެ. ކޮންމެ އަހަރެއް ނިމުމުން، އެ ކުދިންނަށް ޤުރްއާން ހިތުދަސްވީ މިންވަރު ބައްލަވައި ވަޒަންކުރައްވައި، އެ ކުދިންނަށް ހިތްވަރު ދެއްވުމުގެ ގޮތުން އިނާމު ދެއްވަމުން ގެންދެވިއެވެ. އަދި ޤުރްއާން ހިތުދަސްކުރާ ކުދިންގެ މައިންބަފައިންނާ ބައްދަލުކުރައްވައި، އެކުދިން ކުރިއަރާ މިންވަރު، މައިންބަފައިންނާ ހިއްސާ ކުރައްވައި، އެ ކުދިންގެ ކިޔެވުން އަޑުއެހޭނެ އިންތިޒާމު ހަމަޖައްސަވައިދެއްވަމުންވެސް ގެންދެވިއެވެ. މިހާރުވެސް އިބްރާހީމް ޙުސައިންފުޅުގެ ޢާއިލާއިން މި ކުލާސްތައް ހިންގަވަމުން ގެންދަވައެވެ. އިބްރާހީމް ޙުސައިންފުޅުގެ މަސައްކަތްޕުޅުގެ ކުރިއެރުން ފެންނަނީ، އެކި މުބާރާތްތަކުން ތުޅާދޫ ސްކޫލްގެ ދަރިވަރުން ހޯދަމުން ގެންދިޔަ ކާމިޔާބީތަކުން އެކަންޏެއް ނޫނެވެ. އިބްރާހީމް ޙުސައިންފުޅުގެ ދަރިވަރުން، ތުޅާދޫ ސްކޫލްގެ އިސް މަގާމުތަކުގައި ތިއްބެވިކަން އެއީވެސް މިކަމުގެ ހެތްކެކެވެ.
އިބްރާހީމް ޙުސައިންފުޅު ސްކޫލުން ވަކިވެވަޑައިގެންނެވިއިރު، ތުޅާދޫ ސްކޫލްގައި ޤުރްއާން ކިޔަވައިދެއްވާނެ މުދައްރިސުން ވަނީ ބިނާކުރައްވައިފައެވެ. ތުޅާދޫ ސްކޫލްގައި މިހާރު ޤުރްއާން ކިޔަވައިދެއްވަމުން ގެންދަވަނީ އިބްރާހީމް ޙުސައިންފުޅުގެ ދަރިވަރުންނެވެ. ތަންކޮޅެއް ކުރިއަށް ބަލައިލާއިރު، ތުޅާދޫގައި ތިބި އުމުރުން 50 އަހަރުން ދަށުގެ މީހުންގެ ތެރެއިން އިބްރާހީމް ޙުސައިންފުޅު ޤުރްއާން ކިޔަވައިނުދެއްވާ ނުވަތަ ދީނާއި އަޚްލާޤުގެ ފިލާވަޅުތައް ނަންގަވައިނުދެއްވާ ރައްޔިތަކު ހުރުމަކީ ވަރަށް ނާދިރުކަމެކެވެ.
އިބްރާހީމް ޙުސައިންފުޅު އަވަހާރަވިއިރު ދުނިޔޭގައި ތިއްބެވީ 9 ބޭފުޅުންނެވެ. އެއީ، ހަތަރު ފިރިހެން ބޭފުޅުންނާއި، ފަސް އަންހެން ބޭފުޅުންނެވެ. އިބްރާހީމް ޙުސައިންފުޅުގެ ބޭފުޅުންގެ ތެރެއިން ގިނަ ބޭފުޅުންނަކީ ބައްޕަގެ ފިޔަވަޅުމަތީގައި ތަރުބިޔަތުވެ، އެކި ރޮނގުރޮނގުން ޤައުމަށް ޚިދުމަތް ކުރައްވަމުން ގެންދަވާ ބޭފުޅުންނެވެ. އޭގެތެރެއިން ގިނަ އަންހެން ބޭފުޅުން މިހާރުވެސް ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގައި ކީރިތި ޤުރްއާނުގެ ރޮނގުން މަތީ ތަޢުލީމު ހާސިލުކުރައްވަމުން އެބަ ގެންދަވައެވެ. އަދި ބައެއް ބޭފުޅުން ގެންދަވަނީ ކުދިންނަށް ކީރިތި ޤުރްއާން އުނގަންނައި ދެއްވަމުންނެވެ. އަދި އިބްރާހީމް ޙުސައިންފުޅުގެ ވަރަށްގިނަ ދަރިވަރުން އެކި ދާއިރާތަކުގައި އިސް މަގާމުތައް ފުރުއްވަމުން ގެންދަވައެވެ.
އަލްމަރްޙޫމް އިބްރާހީމް ޙުސައިންފުޅަކީ، ސަރުކާރަށްވެސް ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވައިފައިވާ ބޭފުޅެކެވެ. ސަރުކާރަށް ޚިދުމަތް ކުރެއްވުމުގައި ރީތި ނަމޫނާއެއް ދެއްކެވި ބޭފުޅެކެވެ. އަދި ތުޅާދޫ ރައްޔިތުންގެ ލޯތްބާއި އިޙްތިރާމް ވަނީ ހޯއްދަވާފައެވެ. ފުރުއްވައިފައިވާ ބައެއް މަގާމުތަކުގެ ތެރޭގައި، ރ.އަތޮޅު ފިހާރައިގެ ކާތިބުކަމާއި، ތުޅާދޫ ކުޑަކަތީބު ކަމާއި، ތުޅާދޫ މުދިންކަން ހިމެނެއެވެ. މީގެއިތުރުން، ތުޅާދޫ މަކްތަބުލްހިދާޔާގެ މުދައްރިސް ކަމާއި، ތުޅާދޫ ރައްޔިތުންގެ މަދަރުސާގެ މުދައްރިސްކަންވެސް ކުރައްވައިފައިވެއެވެ. އެންމެފަހުން އަދާކުރެއްވީ، ތުޅާދޫ ސްކޫލްގެ ޤުރްއާން މުދައްރިސެއްގެ މަގާމެވެ.
އިބްރާހީމް ޙުސައިންފުޅު އަވަހާރަވީ، އާލާސްކަންފުޅާ އުޅުއްވާތާ ދުވަސްތަކެއް ވުމަށްފަހު، 22 ނޮވެންބަރު 2020 ގައެވެ. މާތްﷲ އަލްމަރްޙޫމް އިބްރާހީމް ޙުސައިންފުޅުގެ ފުރާނަޔަށް ހެޔޮ ރަޙްމަތް ލައްވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވާށިއެވެ. ޢާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ.