ހިޒް އެކްސަލަންސީ ޢަބްދުﷲ ޝާހިދަށް ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަމުގެ ލަޤަބު އެރުވުމަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ކަނޑައެޅުއްވީ، އެކުވެރި ދައުލަތްތަކުގެ ޢާންމު މަޖިލީހުގެ 76 ވަނަ ސެޝަންގެ ރައީސްގެ ހައިސިއްޔަތުން އެމަނިކުފާނު ދިވެހިރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅާ ގުޅިގެންނެވެ. އެ މަގާމަށް އެމަނިކުފާނު ވަރަށް ފުރިހަމަ އަޣްލަބިއްޔަތަކުން އިންތިޚާބުވެވަޑައިގަތުމަކީ، ދިވެހިރާއްޖެއަށް އެ މަނިކުފާނު ހޯއްދަވައިދެއްވި ފަޚުރަކާއި ޝަރަފުވެރިކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ދެކެވަޑައިގަންނަވާތީއެވެ. ހަމައެއާއެކު، ރާއްޖޭގެ ޚާރިޖީ ދާއިރާއަށް އެ މަނިކުފާނު ކުރެއްވި އަދި ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތައް، ބައިނަލްއަޤްވާމީ މުޖުތަމަޢުން ނުހަނު އިތުބާރާއެކީ ބަލައިގަނެފައިވާ ކަމުގެ އަލިގަދަ ހެތްކެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ދެކެވަޑައިގަންނަވާތީއެވެ. ހަމައެހެންމެ، ރާއްޖޭގެ ޚާރިޖީ ދާއިރާގެ ކުރިއެރުމަށާއި، ރާއްޖޭގެ ރީތި ނަން ބައިނަލްއަޤްވާމީ މައިދާނުގައި ދެމެހެއްޓެވުމަށް އެ މަނިކުފާނު ކުރައްވައިފައިވާ އަދި މިހާރުވެސް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގެ އަގު، ދިވެހި ދައުލަތުން ވަޒަންކުރެއްވުމުގެ ގޮތުންވެސް މެއެވެ.
ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތުގެ ރޫޙަކީ، ދިވެހިރާއްޖެއާއި ދިވެހީންގެ އެންމެ މަތީ މަޞްލަޙަތު ހިފެހެއްޓުމާއެކު، ރާއްޖެއާއި ބޭރު ޤައުމުތަކާ ދެމެދު އޮންނަ ގުޅުން އެކި ރޮނގުރޮނގުން ބަދަހިކޮށް، ބައިނަލްއަޤްވާމީގޮތުން ޞުލްޙަވެރި، އަމާން ވެށްޓެއް ޤާއިމްކުރުމުގައި އިސް ދައުރެއް އަދާކުރުމެވެ. އެހެންކަމުން، އ.ދ.ގެ ޢާންމު މަޖިލީހުގެ 76 ވަނަ ސެޝަންގެ ރައީސްކަމުގެ މަގާމަށް ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު އިންތިޚާބުވެވަޑައިގަތުމަކީ، މި ދެންނެވި ސިޔާސަތު ރާއްޖެއިން ނަގަހައްޓައި ދަމަހައްޓާކަން ދުނިޔެއަށް ސާބިތުކޮށްދެއްވުމަށް އެމަނިކުފާނު ގެންގުޅުއްވާ ޙިކުމަތުޢަމަލީ އާއި ފަންނީ ތަޖުރިބާގެ ފޮނި ނަތީޖާކަން ޔަޤީނެވެ.
ހިޒް އެކްސަލަންސީ ޢަބްދުﷲ ޝާހިދު، ރާއްޖޭގެ ޚާރިޖީ ދާއިރާގައި ޚިދުމަތް ކުރައްވަން ފެށްޓެވީ، 1983 ވަނަ އަހަރުގެ ޖުލައިމަހުގައެވެ. ޚާރިޖީ ޚިދުމަތް އެމަނިކުފާނު ފެށްޓެވީ އެންމެ އާދައިގެ މުވައްޒަފެއްގެ ގޮތުގައެވެ. އެއަށްފަހު އެ ދާއިރާގެ ޚިދުމަތުގައި އެމަނިކުފާނު އިޚްލާޞްތެރި ޚިދުމަތްތަކެއް ކުރެއްވުމުގެ ނަތީޖާއަކަށްވީ، ހަރުފަތަކަށްފަހު ހަރުފަތެއް ކަޑައްތު ކުރައްވަމުން ގެންދަވައި، 12 އަހަރު ދުވަހުގެ ތެރޭގައި، އެ ވުޒާރާގެ ޑިރެކްޓަރ، އިންޓަރނޭޝަނަލް އެފެއާޒް ކަމުގެ މަގާމާ ހަމަޔަށް ވަޑައިގަތުމެވެ. މިނިސްޓްރީގެ މަލްޓިލެޓަރަލް ޑިޕާޓްމަންޓްގެ ބުރަ މަސްއޫލިއްޔަތާ ޙަވާލުވެވަޑައިގެން، 1988 ވަނަ އަހަރުން ފެށިގެން 1994 ވަނަ އަހަރުގެ ނިޔަލަށް ބޭއްވުނު އ.ދ.ގެ ޢާންމު މަޖިލީހުގެ ހުރިހާ ޖަލްސާއެއްގައި އެމަނިކުފާނު ބައިވެރިވެވަޑައިގެންނެވިއެވެ. ކުދި ޤައުމުތަކުގެ ސަލާމަތާއި ރައްކާތެރިކަމަކީ، އ.ދ.ގެ ޢާންމު މަޖިލީހުގައި އެންމެ ބޮޑު ސަމާލުކަމެއް ދޭންޖެހޭ ކަމެއް ކަމުގައި ސަރުކާރުން ނިންމެވުމާ ގުޅިގެން، އ.ދ. މަޖިލީހުގެ އެޖެންޑާގައި އެމައްސަލަ ހިމެނުއްވުމަށް ސަރުކާރުގެ ފަރާތުން ވަކާލާތު ކުރައްވައި ހިތްވަރާއެކު ކުރެއްވި މަސައްކަތްޕުޅުތަކަކީ ފާހަގަކޮށްލަންޖެހޭ މަސައްކަތްޕުޅުތަކެކެވެ. ހަމައެހެންމެ، 1992 ވަނަ އަހަރު ބްރެޒިލްގެ ރިއޯގައި ބޭއްވި އަރތު ސަމިޓުގެ ނެގޯޝިއޭޓަރެއްގެ ގޮތުން އެމަނިކުފާނު ކުރެއްވި މަސައްކަތްޕުޅުތައްވެސް ފާހަގަކޮށްލަން ޖެހެއެވެ. އަދި 1993 ވަނަ އަހަރު އޮސްޓްރިއާގެ ވިއެނާގައި ބޭއްވި އިންސާނީ ޙައްޤުތަކާބެހޭ ބައިނަލްއަޤްވާމީ ކޮންފަރެންސްގައި ޢަމަލީގޮތުން އެމަނިކުފާނު ބައިވެރިވެވަޑައިގެން، ގިނަ މަސައްކަތްޕުޅުތަކެއް ކުރައްވައިފައި ވެއެވެ.
ރާއްޖޭގެ ޚާރިޖީ ވުޒާރާގެ އިންޓަރނޭޝަނަލް އޯގަނައިޒޭޝަންސް ޑިޕާޓްމަންޓްގެ އެންމެ އިސް ވެރިއެއްގެ ގޮތުގައި ޢަބްދުﷲ ޝާހިދު ހުންނަވައިގެން، ބައިނަލްއަޤްވާމީ ޖަމުޢިއްޔާ ޖަމާޢަތްތަކުގެ އެކިއެކި ބައްދަލުވުންތަކުގައިވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ. މިގޮތުން، ކޮމަންވެލްތާއި، އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަނާއި، ނޮންއެލައިންޑް މޫވްމަންޓްގެ ބައްދަލުވުންތަކުގައި އެމަނިކުފާނު ވަނީ މުހިންމު ދައުރެއް އަދާކުރައްވައިފައެވެ. ޔުގާންޑާގައި 2007 ވަނަ އަހަރު ބޭއްވި ކޮމަންވެލްތު ޤައުމުތަކުގެ އެންމެ އިސްވެރިންގެ 20 ވަނަ ބައްދަލުވުމުގައި، ރާއްޖެއިން ބައިވެރިވި ވަފްދުގެ އެންމެ އިސް ބޭފުޅަކީވެސް ޢަބްދުﷲ ޝާހިދެވެ. އަދި ސެނެގޯލްގައި 1991 ވަނަ އަހަރު ބޭއްވި 6 ވަނަ އިސްލާމިކް ސަމިޓް ކޮންފަރެންސްގައި ރާއްޖެ ތަމްސީލު ކުރެއްވި އެންމެ އިސް ބޭފުޅަކީވެސް އެމަނިކުފާނެވެ. އަދި ސާކުގެ ސަމިޓް ޖަލްސާތަކާއި، ފޮރިން މިނިސްޓަރުންގެ ޖަލްސާތަކުގައިވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ރާއްޖޭގެ ޚާރިޖީ ދާއިރާގައި ޢަބްދުﷲ ޝާހިދު ޚިދުމަތް ކުރައްވަމުން ގެންދަވަނިކޮށް، ރައީސުލްޖުމްހޫރިއްޔާގެ އެގްޒެކެޓިވް ސެކްރެޓަރީ ކަމުގެ މަގާމަށް އެމަނިކުފާނު، އޭރުގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް ޢައްޔަން ކުރެއްވީ، 1995 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 9 ވަނަ ދުވަހުއެވެ. އެ މަގާމުގައި 10 އަހަރު ޚިދުމަތް ކުރެއްވިއިރު، ސަރުކާރު ހިންގެވުމުގައި ރައީސުލްޖުމްހޫރިއްޔާއަށް އެކި ގޮތްގޮތުން އެހީތެރިވެވަޑައިގެން ދެއްވިއެވެ. އެމަގާމުގައި ހުންނަވައިގެން އެމަނިކުފާނު ކުރެއްވި މުހިންމު ކަންކަމުގެ ތެރޭގައި، ސަރުކާރުގެ އޮފީސްތަކުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުއްވާ ހިންގުމާބެހޭ މައްސަލަތަކާއި، ލާމަރުކަޒީ އުސޫލުން ތަރައްޤީ ކުރައްވާ ރަށްރަށާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބަލަހައްޓަވަންޖެހޭ ކަންތައްތައް ބެލެހެއްޓެވުން ހިމެނެއެވެ. އަދި ކުދި ޤައުމުތަކުގެ ސަލާމަތާބެހޭ ކަންތައްތަކާއި، ތިމާވެށްޓާބެހޭ ކަންތައްތަކާއި، ކުޅިވަރާއި އިޖުތިމާޢީ ޚިދުމަތްތަކާބެހޭ ކަންތައްތައް ބެލެހެއްޓެވުންވެސް ހިމެނެއެވެ. އެމަނިކުފާނު ވަނީ ވަޒީރުންގެ މަޖިލީހުގެ ސެކްރެޓޭރިއެޓްވެސް ބަލަހައްޓަވާފައެވެ.
2005 ވަނަ އަހަރުގެ ޖުލައި މަހުގެ 14 ވަނަ ދުވަހު، ހިޒް އެކްސަލަންސީ ޢަބްދުﷲ ޝާހިދު، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއާޒް ކަމުގެ މަގާމަށް ޢައްޔަން ކުރެއްވިއެވެ. މިނިސްޓަރ އޮފް ފޮރިން އެފެއާޒްގެ މަގާމަށް އެމަނިކުފާނު ޢައްޔަން ކުރެއްވީ 2007 ވަނަ އަހަރުގެ އޮގަސްޓު މަހުގެ 23 ވަނަ ދުވަހުގައެވެ. އޭގެފަހުން، ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމްގެ ރިޔާސީ ދައުރު ނިމެންދެން އެ މަގާމުގައި ދެމިހުންނެވިއެވެ.
ޢަބްދުﷲ ޝާހިދުގެ ޚާރިޖީ ވަޒީރު ކަމުގައި ފާހަގަކުރެވުނު އެންމެ މުހިންމު އެއްކަމަކީ، ދުނިޔޭގެ ޤައުމުތަކުގައި ރާއްޖޭގެ ޑިޕްލޮމެޓިކް ފުޓްޕްރިންޓް އިތުރަށް ފުޅާކުރެއްވުމުގެ މަސައްކަތްޕުޅެވެ. މިގޮތުން، އެމެރިކާ، ޗައިނާ، ޖަޕާން، ސަޢޫދީޢަރަބިޔާ، ޔޫ.އޭ.އީ، ބަންގްލަދޭޝް، ޕާކިސްތާނު އަދި ސިންގަޕޫރުގައި ދިވެހި އެމްބަސީ ހުޅުވުން ހިމެނެއެވެ.
ޚާރިޖީ ވަޒީރުކަމާ ޢަބްދުﷲ ޝާހިދު އެންމެ ފުރަތަމަ ހަވާލުވެވަޑައިގެން، އިންސާނީ ޙައްޤުތަކާބެހޭ މަޖިލީހުގެ ނަންބަރު 23/7ގެ ޤަރާރުގެ ދަށުން ވަރަށް މުހިންމު ހުށަހެޅުމެއް އެމަނިކުފާނު ހުށަހެޅުއްވިއެވެ. މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ސީދާގޮތުންނާއި ނުސީދާގޮތުން އިންސާނީ ޙައްޤުތަކަށް ކުރިމަތިވާ ކަންބޮޑުވާ ކަންތައްތަކުގެ މައްޗަށް އަލިއަޅުއްވައިލައްވައި، އެމަނިކުފާނު ވަނީ ބައިނަލްއަޤްވާމީ މައްސަލައަށް ދުނިޔޭގެ ސަމާލުކަން ހޯއްދަވައިދެއްވައިފައެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމާ ހަވާލުވެވަޑައިގަތުމަށްފަހު، މިނިސްޓަރ އޮފް ފޮރިން އެފެއާޒްގެ މަގާމަށް ޢައްޔަން ކުރެއްވި ބޭފުޅަކީވެސް ޢަބްދުﷲ ޝާހިދެވެ. ޚާރިޖީ ވަޒީރުކަމުގެ މަގާމާ ދެވަނަ ފަހަރަށް ޙަވާލުވެވަޑައިގެން، ޢަބްދުﷲ ޝާހިދު ވަނީ ދިވެހިރާއްޖެއަކީ ބައިނަލްއަޤްވާމީ މުޖުތަމަޢުގައި، ދުނިޔޭގެ ޤައުމުތަކުގެ އިޙްތިރާމާއި އިތުބާރު ލިބިފައިވާ ޤަދަރުވެރި އަދި ޒިންމާދާރު ޤައުމެއްގެ ގޮތުގައި ހެއްދެވުމަށް ގިނަގުނަ މަސައްކަތްޕުޅުތަކެއް ކުރައްވައިފައެވެ. މިގޮތުން، ރާއްޖެއާ ގުޅުން ހީނަރުވެފައިވާ ޤައުމުތަކާއެކު އަލުން ގުޅުން އިޢާދަކުރައްވައި ބަދަހިކުރެއްވުމާއި، އިތުރު ޤައުމުތަކާއެކު ގުޅުން ޤާއިމުކުރެއްވުމަށް އެމަނިކުފާނު ވަނީ މަސައްކަތްޕުޅު ކުރައްވައިފައެވެ. އެކަމުގެ ނަތީޖާއެއްގެ ގޮތުން، 4 އަހަރުގެ މެދުކެނޑުމަކަށްފަހު، ކޮމަންވެލްތާ ރާއްޖެ އަލުން ގުޅި، އަދި 2023 ވަނަ އަހަރު ބާއްވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ބިޑް ރާއްޖެއިން ކާމިޔާބުކޮށް، ފުރަތަމަ ފަހަރަށް ބައިނަލްއަޤްވާމީ ފެންވަރުގައި ގިނަ ކުޅިވަރުތަކެއް ހިމެނޭހެން ރާއްޖޭގައި ކުޅިވަރު މުބާރާތެއް ބޭއްވުމަށް މަގުފަހިވެގެން ދިޔައެވެ.
ބޭރު ޤައުމުތަކުގައި ހުރި ދިވެހި އެމްބަސީތަކުގެ ބޭނުން، އެންމެ ފުޅާ ދާއިރާއެއްގައި ހިއްޕެވުމުގެ ބޭނުމުގައްޔާއި، ރާއްޖޭގެ ޑިޕްލޮމެޓިކް ފުޓްޕްރިންޓް އިތުރަށް ފުޅާކުރެއްވުމުގެ ބޭނުމުގައި، ބޭރުގައި ތިއްބެވި ސަފީރުން، ނޮން-ރެސިޑެންޓް ސަފީރުންގެ ގޮތުގައި ޤައުމުތަކަށް ކަނޑައެޅުއްވުމުގެ އުސޫލު އިތުރަށް ފުޅާކުރެއްވިއެވެ. މިއަދު ދިވެހިރާއްޖެއިން 38 ޤައުމަކަށް ނޮން-ރެސިޑެންޓް ސަފީރުންގެ ގޮތުގައި ބޭފުޅުން ކަނޑައަޅުއްވައިފައިވެއެވެ. މިއީ ރާއްޖޭގެ ޑިޕްލޮމެޓިކް ފުޓްޕްރިންޓް އެންމެ މައްޗަށް ގޮސްފައިވާ މިންވަރެވެ.
ޚާރިޖީ ދާއިރާގެ މަސައްކަތްތައް އިޞްލާޙު ކުރައްވައި، ޒަމާނާ ގުޅޭގޮތުން ޑިޕްލޮމެޓިކް ސަރވިސްއެއް އުފެއްދެވުމުގެ މަސައްކަތްޕުޅަކީ، ޝާހިދު ވަރަށް އިހުއްސުރެ ދެކެވަޑައިގަންނަވާ ހުވަފެންފުޅެކެވެ. މިގޮތުން، ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފައިވާ، ޚާރިޖީ ޚިދުމަތުގެ ބިލް ޚާއްޞަގޮތެއްގައި ފާހަގަކޮށްލަންޖެހެއެވެ. މި ބިލް ޤާނޫނަކަށްވުމުން، ރާއްޖޭގެ އެންމެ މަތީ މަޞްލަޙަތު ރައްކާތެރިކުރެވި، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓުމުގައި، ބައިނަލްއަޤްވާމީ މުޖުތަމަޢުގައި، ރާއްޖޭގެ ފަރާތުން އަދާކުރަންޖެހޭ ޒިންމާތައް އަދާކުރަންވެސް ފަސޭހަވެގެންދާނެއެވެ. މި ބިލުން ޚާރިޖީ ޓީމަށް އަންނާނެ އެންމެ ބޮޑު ބަދަލަކީ، ހުނަރުވެރި ޢިލްމީ މުވައްޒަފުންތަކެއް ބިނާކުރުމަށް މިހާރަށްވުރެ ފަހި ފުރުޞަތުތަކެއް ތަނަވަސްވެގެންދިޔުމެވެ.
މިއަދު ދުނިޔެއަށް ކުރިމަތިވެފައި މިވާ ޢާލަމީ ވަބާ ކަމަށްވާ ކޯވިޑް-19ގެ ތެރޭގައި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ދިވެހިން އަނބުރާ ރާއްޖެ ގެނައުމުގެ މަސައްކަތުގައްޔާއި، ރާއްޖެއިން ބޭރުގައި ތިބި ދިވެހިންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެއްވުމުގައްޔާއި، މުޅި ދުނިޔެ ފުރަބަންދަށް ގޮސްފައިވި ވަގުތު ރާއްޖެއަށް ބޭނުންވާ އަސާސީ ކާނާއާއި، ތެލުގެ ބާވަތްތަކާއި، ބޭސް ރާއްޖެއަށް ދަތިނުވެ ގެނެވޭނެގޮތް ހަމަޖައްސަވައި، ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދުގެ ދަށުން އެކަންކަން ހިންގެވުމުގެ އެންމެ އިސް މޭސްތިރިއަކީވެސް ޢަބްދުﷲ ޝާހިދެވެ. އަދި ކޯވިޑް19-ގެ ވެކްސިން އުފެއްދިތާ ގިނަދުވަސްތަކެއްނުވެ އެ ވެކްސިން ރާއްޖެއަށް ލިބިގެންދިޔުމުގެ މަސައްކަތުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެންމެ އިސް ދައުރެއް އަދާކުރެއްވީ، ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދެވެ. ތަރައްޤީވަމުން އަންނަ ކުދި އަދި ނާޒުކު ޖަޒީރާ ޤައުމުތަކަށް ކޯވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން އިޤްތިޞާދީ ގޮތުންނާއި، އިޖުތިމާޢީ ގޮތުން ލިބެމުންދާ ގެއްލުންތަކާއި، އަންނަމުންދާ ހީނަރުކަމުގެ ވާހަކަ، ބައިނަލްއަޤްވާމީ މައިދާނުގައި އެންމެ ފާޅުކަންބޮޑު ގޮތެއްގައި ދައްކަވަމުން ގެންދަވާ ބޭފުޅެއްގެ ގޮތުގައި ޢަބްދުﷲ ޝާހިދު ފާހަގަކުރެވެއެވެ.
ހިޒް އެކްސަލަންސީ ޢަބްދުﷲ ޝާހިދަކީ، ރައްޔިތުންގެ މަޖިލީހަށްވެސް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވައިފައިވާ ބޭފުޅެކެވެ. މެދުނުކެނޑި ރައްޔިތުންގެ މަޖިލީހަށް ޚިދުމަތް ކުރައްވަމުން ގެންދަވާތާ 5 ދައުރު ހަމަވަނިކޮށް، 17 ނޮވެންބަރު 2018 ގައި މަޖިލީހުގެ މެންބަރުކަމުން ވަކިވެވަޑައިގަތީ، ހިނގަމުން މިދާ ރިޔާސީ ދައުރުގައި މިނިސްޓަރ އޮފް ފޮރިން އެފެއާޒްގެ މަގާމާ ޙަވާލުވެވަޑައިގަތުމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކުރައްވަން ޢަބްދުﷲ ޝާހިދު ފަށްޓަވާފައިވަނީ 24 ފެބުރުވަރީ 1995 ގައެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސުލްޖުމްހޫރިއްޔާގެ މެންބަރުކަމާއި، ވ. އަތޮޅު މެންބަރުކަމާއި، ކެޔޮދޫ ދާއިރާގެ މެންބަރުކަމާއި، ހެންވޭރު އުތުރު ދާއިރާގެ މެންބަރުކަން ކުރައްވާފައި ވެއެވެ. މީގެ އިތުރުން، 1998 ވަނަ އަހަރު ތަޞްދީޤު ކުރެއްވި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި، 2008 ވަނަ އަހަރު ތަޞްދީޤު ކުރެއްވި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ، ރައްޔިތުންގެ ޚާއްޞަ މަޖިލީހުން އެކުލަވައިލެއްވިއިރު، އެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައިވެސް ޢަބްދުﷲ ޝާހިދު ހުންނެވިއެވެ.
2008 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤު ކުރެއްވި އާ ޤާނޫނުއަސާސީގެ ދަށުން 2009 ވަނަ އަހަރު ބޭއްވުނު ފުރަތަމަ މަލްޓި-ޕާޓީ ޕާލަމެންޓަރީ އިންތިޚާބުގައި، ރައްޔިތުންގެ މަޖިލީހުގެ ކެޔޮދޫ ދާއިރާގެ ގޮނޑިއަށް އިންތިޚާބުވެވަޑައިގެން، ރައްޔިތުންގެ މަޖިލީހުގެ ފުރިހަމަ އަޣްލަބިއްޔަތުން އެ މަޖިލީހުގެ ރައީސްކަމަށް މެންބަރުން އިންތިޚާބު ކުރެއްވި ބޭފުޅަކީ ޢަބްދުﷲ ޝާހިދެވެ. ރާއްޖޭގެ ވެރިކަން ޑިމޮކްރެޓިކް ނިޒާމަކަށް ބަދަލުވެގެން އައި ދުވަސްވަރު، ރާއްޖޭގެ ޕާލިމަންޓަރީ ޑިމޮކްރަސީ ދެމެހެއްޓެވުމަށް އެމަނިކުފާނު ކުރެއްވި މަސައްކަތްޕުޅުތައް، ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލަން ޖެހެއެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގެ މަގާމުގައި ހުންނަވައިގެން، "ސާރކް ސްޕީކަރސް އެންޑް ޕާލިމަންޓޭރިއަންސް ކޮންފަރެންސް" ގެ ރައީސްގެ މަގާމުވެސް އެމަނިކުފާނު ފުރުއްވިއެވެ. 2012 އިން 2015 އަށް، ކޮމަންވެލްތު ޕާލިމަންޓް އެސޯސިއޭޝަންގެ އެގްޒެކެޓިވް ކޮމިޓީގެ މެންބަރުކަން ކުރެއްވިއެވެ. އަދި ކޮމަންވެލްތު ސްޕީކަސް ކޮންފަރެންސްގެ ނައިބު ރައީސްކަންވެސް ކުރައްވައިފައިވެއެވެ. މީގެއިތުރުން، އިންޓަރ ޕާލިމަންޓަރީ ޔޫނިއަން (އައި.ޕީ.ޔޫ.)ގެ އެކިއެކި ޙަރަކާތްތަކުގައިވެސް ޢަމަލީގޮތުން ބައިވެރިވެވަޑައިގެންނެވިއެވެ.
ހިޒް އެކްސަލަންސީ ޢަބްދުﷲ ޝާހިދަކީ، މިންތީގެ ހަމަހަމަކަން ޤާއިމުކުރެއްވުމަށް މުހިންމު މަސައްކަތްޕުޅުތަކެއް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. ހިނގަމުން މިދާ ރިޔާސީ ދައުރުގައި މިނިސްޓަރ އޮފް ފޮރިން އެފެއާޒް ކަމުގެ މަގާމާ އެމަނިކުފާނު ހަވާލުވެވަޑައިގަތުމަށްފަހު، އެންމެ ބޮޑު އިސްކަމެއް ދެއްވި އެއްކަމަކީ، ރާއްޖެއިން ބޭރުގައި ތިއްބަވާ ދިވެހި ސަފީރުންގެ މަގާމުތަކަށް ބޭފުޅުން ޢައްޔަނުކުރެއްވުމުގައި މިންތީގެ ހަމަހަމަކަން ޤާއިމުކުރެއްވުމެވެ. ބޭރުގައި ތިއްބަވާ ސަފީރުންގެ މަގާމަށް، މި ސިޔާސަތުގެ ދަށުން ޢައްޔަން ކުރެއްވި ބޭފުޅުންގެ ތެރެއިން ދެބައިކުޅަ އެއްބަޔަކީ އަންހެން ބޭފުޅުންނެވެ. މިންތީގެ ހަމަހަމަކަން ޤާއިމުކުރެއްވުމަށް ޢަބްދުﷲ ޝާހިދު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތައް ފާހަގަކޮށް، ބައިނަލްއަޤްވާމީ އިސްވެރިންގެ ވިއުގައެއް ކަމަށްވާ އިންޓަރނޭޝަނަލް ޖެންޑަރ ޗެމްޕިއަންސް (އައި.ޑީ.ސީ.) އިން ވަނީ، "އިންޓަރނޭޝަނަލް ޖެންޑަރ ޗެމްޕިއަން" ގެ ލަޤަބު އެމަނިކުފާނަށް އަރުވާފައެވެ.
ހިޒް އެކްސަލަންސީ ޢަބްދުﷲ ޝާހިދަކީ ޢިލްމީގޮތުންވެސް އަދި ހިންގުމުގެ ދާއިރާގައިވެސް ކުޅަދާނަ، އެހާމެ ޤާބިލު ބޭފުޅެކެވެ. އެމަނިކުފާނު، ފުރަތަމަ ޑިގްރީ ހާސިލު ކުރެއްވީ، ޕޮލިޓިކަލް ސައިންސްގެ ރޮނގުން އޮސްޓްރޭލިއާގެ ޔުނިވަރސިޓީ އޮފް ކެމްބަރާއިންނެވެ. މާސްޓަރޒް ޑިގްރީ ހާސިލު ކުރެއްވީ، އިންޓަރނޭޝަނަލް ރިލޭޝަންސްގެ ރޮނގުން، އެމެރިކާގެ ޓަފްޓްސް ޔުނިވަރސިޓީގެ ދަ ފްލެޗަރ ސްކޫލް އޮފް ލޯ އެންޑް ޑިޕްލޮމެސީންނެވެ. އެމަނިކުފާނާ ޙަވާލުކުރެއްވި ކޮންމެ ކަމެއްވެސް ކުރައްވައިފައިވަނީ، ވަރަށް އިޚްލާޞްތެރިކަމާއި ތެދުވެރިކަމާއެކުގައެވެ. އެ މަނިކުފާނުގެ ހިތްޕުޅުގައި ޤައުމަށްޓަކައި އުފެދިފައިވާ ލޯތްބާއި ޤަދަރުގެ މަތިވެރިކަން ދައްކައިދޭފަދަ ގޮތެއްގައެވެ. އެ މަނިކުފާނަކީ ވަރަށް ޤާބިލު، ދޫފުޅު ފަސޭހަ މުޤައްރިރެކެވެ. ފުންނާބު އުސް އަދީބެކެވެ. ޤާބިލުކަމާއެކު މުއްސަނދި ޅެންތަކެއް ހެއްދެވި ޝާޢިރެކެވެ.
ހިޒް އެކްސަލަންސީ ޢަބްދުﷲ ޝާހިދަކީ، ރާއްޖޭގެ ސިޔާސީ މައިދާނުގައިވެސް ވަރަށް މުހިންމު ދައުރެއް އަދާކުރައްވާފައިވާ ބޭފުޅެކެވެ. އެމަނިކުފާނަކީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ވަރަށް އިސް މެންބަރެކެވެ. އެ ޕާޓީގެ ފޮރިން ރިލޭޝަންސް ކޮމިޓީގެ ޗެއަރގެ މަގާމު ފުރުއްވަމުން ގެންދަވަނީ އެމަނިކުފާނެވެ.
ހިޒް އެކްސަލަންސީ ޢަބްދުﷲ ޝާހިދު، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީއާ ގުޅިވަޑައިގެންނެވި ރޭ، އެ ޕާޓީގެ އޭރުގެ ޕާލަމެންޓަރީ ގްރޫޕްގެ ރައީސް، އަދި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ޢަބްދުﷲ ޝާހިދު ސިފަކުރެއްވީ، ސިޔާސީ މައިދާނުގައި ނަމޫނާ ދައްކަވަމުން ގެންދަވާ ލީޑަރެއްގެ ގޮތުގައެވެ. ޚާރިޖީ ރޮނގުންނާއި، ދާޚިލީ ރޮނގުންނާއި އަދި ސިޔާސީ ރޮނގުންވެސް އެތައް ކަމެއް ތަޖުރިބާ ކުރައްވައިފައިވާ ބޭފުޅަކު އެ ޕާޓީއާ ގުޅިވަޑައިގަތުމަކީ، އެ ޕާޓީއަށް ލިބުނު ވަރަށްބޮޑު ޝަރަފަކާއި އުފަލެއްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރައްވަމުން، އެ މަނިކުފާނަށް އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރައްވައި، ހެޔޮބަސްތައް ތަކުރާރު ކުރެއްވިއެވެ.
އ.ދ.ގެ ޢާންމު މަޖިލީހުގެ 76 ވަނަ ސެޝަންގެ ރައީސްގެ ހައިސިއްޔަތުން، ހިޒް އެކްސަލަންސީ ޢަބްދުﷲ ޝާހިދު ރާއްޖެއަށް މިކުރައްވާ ދަތުރުފުޅު، އެތައް ގޮތަކުން ރާއްޖޭގެ ތާރީޚުގެ ތެރެއަށް ވަދެގެންދެއެވެ. މުޅި އިންސާނިއްޔަތަށް ހާސްކަމާއި ނުތަނަވަސްކަން ކުރިމަތިވެފައި މިވާ ޙައްސާސް ދަނޑިވަޅުގައި، ދުނިޔޭގެ އެންމެ ބޮޑު ޖަމުޢިއްޔާގެ ރިޔާސަތުގައި އެމަނިކުފާނު އިންނަވައިގެން، "ޕްރެޒިޑެންސީ އޮފް ހޯޕް" ގެ އުއްމީދީ ޝިޢާރުގެ ރަންއަލިދޯދިން، ރޯޝަންކަމާއި އުޖާލާކަން ގެނެސްދެއްވުމުގެ މަތިވެރި ޢަޒުމުގައި ފަށްޓަވައިފައި މިވާ ތާރީޚީ މަސައްކަތްޕުޅުގައި، ފާގަތި އަމާން މަންޒިލަކަށް ވާސިލުވުމުގެ ހެޔޮ ތައުފީޤު، މާތްﷲ މިންވަރުކޮށްދެއްވާށިއެވެ! އާމީން.