އަލްޙާފިޡާ ޢާއިޝަތު ރަފާހު ޢަލީ
މއ. ހެބޫދޫގެ

ކީރިތި ޤުރްއާން ހިތުދަސްކުރުމަކީ، އެންމެ ކުޑައިރުއްސުރެން ފެށިގެން ވަރަށްބޮޑު ޝައުޤުވެރިކަމެއް ދިން ކަމެކެވެ. ހިތުދަސްކުރަން ފެށީ 2013 ވަނަ އަހަރުއެވެ. އުމުރުން އެންމެ 12 އަހަރުގައި އަލްމަދްރަސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާގެ ގްރޭޑް 7 ގައި ތަޢުލީމު ހާސިލުކުރަމުން، ޤުރްއާން ހިތުދަސްކުރުމަށް ޤުރްއާނާބެހޭ މަރުކަޒުގެ ޙިފްޡު ކުލާހުގައި ބައިވެރިވީއެވެ. ކޮންމެ ދުވަހަކު ދަސްކުރަނީ ޤުރްއާނުން އެއް ޞަފްޙާ ނުވަތަ ބައި ޞަފްޙާއެވެ. އޭގެ ނަތީޖާއަކީ، ފަސް އަހަރު ފަހުން، އުމުރުން 16 އަހަރުގައި ޤުރްއާން އެއްކޮށް ހިތުދަސްކޮށް ނިންމުމެވެ. އަދި އެއަށްފަހު، ކޮންމެ ދުވަހަކުވެސް މަދުވެގެން އެއް ގަޑިއިރު ހުސްކޮށްގެން މުރާޖަޢާކޮށްފައި، މާތްﷲގެ ހެޔޮ ރަޙްމަތްފުޅާއެކު، އޭގެ އެއް އަހަރާއި 7 މަސްފަހުން ޙިފްޡު ކޮމިޓީއަށް ކިޔައިދީ ނިންމީއެވެ.