މި އިނާމު މި އެރުވެނީ، އިނގިރޭސިވިލާތުގެ ސްކޮޓްލޭންޑްގައި ހުންނަ ހެރިއެޓް-ވޮޓް ޔުނިވަރސިޓީއިން 2018 ވަނަ އަހަރު އިސްލާމިކް ޓޫރިޒަމްގެ ދާއިރާއިން ޑޮކްޓަރ އޮފް ފިލޯސޮފީ ހާސިލު ކުރައްވައިފައިވާތީއާއި، ޕީ.އެޗް.ޑީ. އަށް ކުރެއްވި ދިރާސާ، ބައިނަލްއަޤްވާމީ ޖަރނަލެއްގައި ޝާއިޢު ކޮށްފައިވާތީއެވެ.
ޑޮކްޓަރ ނައުޝާދު މުޙައްމަދުގެ ޕީ.އެޗް.ޑީ. ތީސީސްގައި ދިރާސާ ކުރައްވައިފައިވަނީ، ދިވެހިރާއްޖެއަކީ، އިސްލާމީ ޤައުމަކަށްވުމާއެކު، މުސްލިމު ފަތުރުވެރިން ރާއްޖެއަށް އައުމަށް ޝައުޤުވެރިކުރުވުމުގެ މައްޗަށެވެ. މި ދިރާސާގައި ދިވެހިރާއްޖޭގައި ފަތުރުވެރިންގެ ގޮތުގައި ޗުއްޓީ ހޭދަކޮށްފައިވާ 47 ޤައުމަކަށް ނިސްބަތްވާ 984 މުސްލިމު ފަތުރުވެރިންގެ ސަރވޭއަކާއި 36 އިންޓަވިއުއެއް ހިމަނައިފައިވެއެވެ. ދިވެހިރާއްޖެއަށް އަންނަ މުސްލިމު ފަތުރުވެރިންނަށް މުހިންމު ކަންކަމުގެ ތެރޭގައި، ދިވެހިރާއްޖެއަކީ ރައްކައުތެރި މަންޒިލަކަށް ވުމާއި، ހަލާލު ކާނާގެ ބާވަތްތައް ފަސޭހަކަމާއެކު ލިބުމުގެ މުހިންމުކަން މި ދިރާސާއިން ފާހަގަކުރެވިފައިވެއެވެ. ވަކިން ޚާއްޞަކޮށް މީހުން ދިރިއުޅޭ ރަށްރަށުގައި ޗުއްޓީ ހޭދަކުރުމަށް ވަރަށްބޮޑު ޝައުޤުވެރިކަމެއް ދޭކަން މި ދިރާސާއިން އެނގުނެވެ.
ޑޮކްޓަރ ނައުޝާދު މުޙައްމަދުގެ ތީސީސްއަށް ކުރެއްވި ދިރާސާގެ އަލީގައި ވަނީ ޖަރނަލް އާޓިކަލެއް ޕަބްލިޝް ކޮށްފައެވެ. މި އާޓިކަލް ޕަބްލިޝް ކޮށްފައިވަނީ "ސްޓިމިއުލޭޓިންގ ސެޓިސްފެކްޝަން އެންޑް ލޯޔަލްޓީ: ޓްރާންސްފޯރމެޓިވް ބިހޭވިއަރ އެންޑް މުސްލިމު ކޮންޒިއުމަރސް" ގެ ޓައިޓަލްގައި "އިންޓަރނޭޝަނަލް ޖަރނަލް އޮފް ކޮންޓެމްޕަރަރީ ހޮސްޕިޓޭލިޓީ މެނޭޖްމެންޓް" ގައެވެ. މި ޖަރނަލް އާރޓިކަލްގައި މުސްލިމު ފަތުރުވެރިންގެ "ޑިސިޝަން-މޭކިންގ އެންޑް ބިހޭވިއަރ" ދިރާސާކުރާނެ މޮޑެލެއް ބޭނުންކުރައްވައިފައިވެއެވެ.
މީގެ އިތުރުން، ޑޮކްޓަރ ނައުޝާދު މުޙައްމަދު ވަނީ 2016 ވަނަ އަހަރު އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް އެޑިންބަރގައި އޮތް ކޮންފަރެންސެއްގައި މުސްލިމު ފަތުރުވެރިން، އިސްލާމީ ޤައުމަކަށް ޗުއްޓީ ހޭދަކުރަންދާއިރު އާންމުކޮށް ބޭނުންވާ ކަންކަމާ ބެހޭގޮތުން ކަރުދާހެއް ހުށަހަޅުއްވައިފައެވެ. އަދި 2017 ވަނަ އަހަރު މޮރޮކޯގައި ބޭއްވި [އެޑްވާންސަސް އިން ޓޫރިޒަމް މާކެޓިންގ ކޮންފަރެންސް”ގައި ދިވެހިރާއްޖޭގެ އިސްލާމިކް ޑެސްޓިނޭޝަން އިމޭޖާ ބެހޭގޮތުންވެސް ކަރުދާހެއް ހުށަހަޅުއްވައިފައިވެއެވެ.
ޑޮކްޓަރ ނައުޝާދު މުޙައްމަދު މިހާރު ހުންނެވީ، މިނިސްޓަރ އޮފް ޓޫރިޒަމްގެ ނާއިބު ކަމުގެ މަގާމުގައެވެ.