އަލްއުސްތާޛު ޢަލީ ރަޝީދު
ކުންނާރުގެ ދ. ރިނބުދޫ

އަލްއުސްތާޛު ޢަލީ ރަޝީދަކީ، ހިލޭސާބަހަށް މަސައްކަތް ކުރެއްވުމާއި، މަސައްކަތުގެ ރޫޙު އާލާކުރެއްވުމުގެ ރޮނގުން ވަރަށް އިޚްލާސްތެރި ޚިދުމަތްތަކެއް މުޖުތަމަޢަށް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. ދ. ރިނބުދޫ ސްކޫލުގައްޔާއި، ދ. އަތޮޅު މަދަރުސާގައްޔާއި، ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިޔުކޭޝަންގައި ތަޢުލީމު ޙާސިލުކުރެއްވިއިރު، ދަރިވަރުންގެ ބައެއް ކުލަބުތަކުގެ ރައީސްކަމާއި، ނައިބު ރައީސްކަމުގެ އިތުރުން، ސްކޫލު ކެޕްޓަންކަމާއި، އެންމެ އިސް ޕްރިފެކްޓްގެ މަގާމުވަނީ އަދާކުރައްވައިފައެވެ. މަދުރަސީ ޙަޔާތުގައި ދަސްފުޅުވި ފިލާވަޅުން މަސައްކަތުގެ ދާއިރާއަށް ނުކުމެވަޑައިގަތީއްސުރެ މިއަދާ ހަމައަށްވެސް ޢަލީ ރަޝީދަކީ، ނަމޫނާ ޝަޚްޞިއްޔަތެކެވެ.

2011 ވަނަ އަހަރު ބޭއްވި ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ރިނބުދޫ ކައުންސިލަށް އިންތިޚާބުވުމަށްފަހު، އެ ކައުންސިލްގެ ނައިބު ރައީސްގެ މަގާމުގައި އެއް ދައުރު ފުރިހަމަ ކުރެއްވި ޢަލީ ރަޝީދުގެ އިޖުތިމާޢީ ޚިދުމަތް، ރިނބުދޫ ކައުންސިލަށާއި، ރިނބުދޫ ރައްޔިތުންނަށް މެދުނުކެނޑި ދެއްވަވަމުން ގެންދަވައެވެ. ޤާނޫނީ ދާއިރާއިން މަތީ ތަޢުލީމު ހާސިލުކުރައްވަމުން، މަދަނީ ޖަމުޢިއްޔާއެއް ހިންގަވަމުން އަދި ރަސްމީ ވަޒީފާއެއްގައި އުޅުއްވަމުންވެސް ރިނބުދޫ ކައުންސިލްގެ ވޮލަންޓަރީ ކޯޑިނޭޓަރުންގެ ގޮތުގައި މާލޭގައި މަސައްކަތް ކުރައްވާ 5 ބޭފުޅުންގެ ތެރޭގައި ޢަލީ ރަޝީދު ހިމެނިވަޑައިގެން، ރިނބުދޫ ކައުންސިލްގެ ތަފާތު ހަރަކާތްތައް ރާއްވަވައި އިންތިޒާމު ކުރެއްވުމުގައި ޢަމަލީގޮތުން ވަނީ އިސްދައުރެއް އަދާކުރައްވައިފައެވެ.

ވާހަކަދެއްކުމާއި ބަހުސްކުރުމުގެ ފަންނަށް ކުޅަދާނަ އަދި މި ރޮނގުން ޤައުމީ ފެންވަރުގައި ތަފާތު ގިނަ ކާމިޔާބީތަކެއް ހާސިލުކުރައްވައިފައިވާ ޢަލީ ރަޝީދު ދެކެވަޑައިގަންނަވާ ގޮތުގައި، މި ފަންނުން ހާސިލުކުރެއްވުނު އެންމެ ބޮޑު ކާމިޔާބީއަކީ، ހިލޭސާބަހަށް ކުރެއްވި މި މަސައްކަތުން، ޒުވާން ވާހަކަދެއްކުންތެރިން ބިނާކުރެވިގެން ދިޔުމެވެ. 2016 ވަނަ އަހަރު ދިވެހިރާއްޖޭގެ އަޑުން އިންތިޒާމު ކުރެއްވި "ފަހިދޫ" ބަހުސް މުބާރާތުގެ އެންމެ މޮޅު ބަހުސްކުރުންތެރިޔާގެ މަގާމު ހާސިލު ކުރެއްވުމަށްފަހު، ޖެހިގެން އައި ހުރިހާ އަހަރުތަކެއްގައި އެންމެ މޮޅު 5 ބައިވެރިންގެ ތެރޭގައި ހިމެނިވަޑައިގެންނެވިއެވެ. ޢަލީ ރަޝީދަކީ ޤައުމީ ވާހަކަދެއްކުމުގެ މުބާރާތުގައި ހިލޭސާބަހަށް ފަނޑިޔާރުކަން ކޮށްދެއްވަމުން ގެންދަވާ ބޭފުޅެކެވެ. އަދި ސްކޫލްތަކާއި މުއައްސަސާތަކުގައި ބާއްވާ ވާހަކަދެއްކުމުގެ މުބާރާތްތަކުގައި ފަނޑިޔާރުކަން ކޮށްދެއްވަމުން ގެންދަވައެވެ.

މި ދާއިރާއިން ހާސިލުކުރެއްވޭނެ އެންމެ ފޮނިމީރު ކާމިޔާބީއަކީ، ދަސްވި އެއްޗެއް އެހެން މީހުންނަށް، ޚާއްޞަކޮށް ޒުވާނުންނަށް އުނގަންނަވައިދެއްވުންކަމަށް ދެކެވަޑައިގަންނަވާ ޢަލީ ރަޝީދު ވަނީ ކޮލެޖު، ޔުނިވަރސިޓީތަކުގައްޔާއި، އެކިއެކި މަދަރުސާތަކުގައި ވާހަކަދެއްކުންތެރިކަމުގެ ފަންނުގެ ކުލާސްތަކާއި ސެޝަންތައް ނަންގަވައި ދެއްވައިފައެވެ. އަދި ޢާންމުން ހޭލުންތެރިކުރުވުމުގެ މަޤްޞަދުގައި އެކިއެކި މުއައްސަސާތަކުން އިންތިޒާމުކުރާ ބަހުސްތަކުގައިވެސް ޢަލީ ރަޝީދު ބައިވެރިވަޑައިގަންނަވަމުން ގެންދަވައެވެ.

ހިލޭސާބަހަށް ޚިދުމަތްކުރަމުން ގެންދާ ދިވެހިރާއްޖޭގެ އެންމެ ބޮޑު މަދަނީ ޖަމުޢިއްޔާ ކަމުގައިވާ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަންގެ ހިންގާ ކޮމިޓީއާ ޢަލީ ރަޝީދު ގުޅިވަޑައިގަތީ 2015 ވަނަ އަހަރު، ނައިބު ރައީސެއްގެ ގޮތުންނެވެ. އަދި 2016 ވަނަ އަހަރާއި 2017 ވަނަ އަހަރު ދަރިވަރުންގެ ޔޫނިއަންގެ 4 ވަނަ ދައުރާއި، 5 ވަނަ ދައުރުގެ ރައީސްކަންވެސް ޢަލީ ރަޝީދު ވަނީ ކުރައްވައިފައެވެ. ދަރިވަރުންގެ ޔޫނިއަންގައި މަސައްކަތް ކުރެއްވި ދުވަސްވަރުވެސް ޢަލީ ރަޝީދު އެންމެ ބޮޑު އަހަންމިއްޔަތުކަމެއް ދެއްވީ، އިޖުތިމާޢީ ޚިދުމަތަށް ޒުވާނުން ޝައުޤުވެރި ކުރުވުމަށެވެ. ޢަލީ ރަޝީދުގެ ރައީސްކަމުގެ ދެ ދައުރުގައި، ދަރިވަރުންގެ ޔޫނިއަންއިން ވަނީ ކޮލެޖު، ޔުނިވަރސިޓީ ފެންވަރުގައްޔާއި ޤައުމީ ފެންވަރުގައި ގިނަގުނަ ކުރިއެރުންތަކެއް ހޯދައިފައެވެ. އަދި ދަރިވަރުންގެ ޔޫނިއަންގެ ކުރީގެ ރައީސްގެ ހައިސިއްޔަތުން ޢަލީ ރަޝީދު މިހާރުވެސް ގެންދަވަނީ އެ ޖަމުޢިއްޔާއަށް ޚިދުމަތް ކުރައްވަމުންނެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ޕްރޮފެޝަނަލް ސްޓޭންޑަރޑްގެ ވެރިޔާގެ ވަޒީފާގައި ހުންނެވި ޢަލީ ރަޝީދު، އިޖުތިމާޢީ ޚިދުމަތެއްގެ ގޮތުން މިހާރު ކުރައްވަމުން ގެންދަވާ އެންމެ މުހިންމު އެއް މަސައްކަތަކީ، ޒުވާނުންނަކީ ޤައުމަށް ވަފާތެރި އަދި ޤައުމުދެކެ ލޯބިވާ ބަޔަކަށް ހެއްދެވުމުގެ މަސައްކަތެވެ. މިގޮތުން ޒުވާން ލީޑަރުން ބިނާކުރެއްވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާއިރު، ޒުވާން ލީޑަރުން ތަމްރީނު ކުރެއްވުމުގެ ފޯރަމްތަކުގައި ޢަލީ ރަޝީދު ގެންދަވަނީ ސެޝަންތައް ނަންގަވައި ދެއްވަމުންނެވެ. އެގޮތުން ޔޫތު ލީޑަރޒް ނެޓްވަރކުން ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ޒުވާނުންނަށް އަމާޒުކޮށްގެން ހިންގި ޒުވާނުންގެ 8 ފޯރަމެއްގައި 600 އަށްވުރެ ގިނަ ޒުވާނުންނަށް ޢަލީ ރަޝީދުވަނީ މަޢުލޫމާތު ދެއްވައިފައެވެ.

މިހާރު ޢަލީ ރަޝީދަކީ ޤާނޫނީ ވަކީލެއްވެސް މެއެވެ. ޤާނޫނީ ދާއިރާއިންވެސް ހިލޭސާބަހަށް ޚިދުމަތް ކުރަންޖެހޭނެކަމަށް ޢަލީ ރަޝީދު އަބަދުވެސް ދެކެވަޑައިގަންނަވައެވެ. އެހެންކަމުން، ބައެއް މައްސަލަތަކުގައި މިހާރުވެސް ހިލޭ ޤާނޫނީ ލަފާ ދެއްވުމުގެ އިތުރަށް ހިލޭސާބަހަށް ވަކާލާތު ކޮށްދެއްވަމުންވެސް ގެންދަވައެވެ. އަދި ކޯސްތަކަށާއި ވަޒީފާތަކަށް ކުރިމަތިލާ ޒުވާނުންނަށް ޢަލީ ރަޝީދު ގެންދަވަނީ ހިލޭސާބަހަށް އެޓެސްޓޭޝަންގެ ޚިދުމަތްވެސް ފޯރުކޮށްދެއްވަމުންނެވެ.

ޢަލީ ރަޝީދަކީ ޤައުމިއްޔަތުގެ ރުކުންތަކަށް އިޙްތިރާމު ކުރައްވާ، ޤައުމުދެކެ ލޯބިވާ ޒުވާނެކެވެ. ޢަލީ ރަޝީދުގެ އުންމީދަކީ، ޒުވާނުން ބިނާކުރުމުގެ މަސައްކަތް އިތުރަށް ފުޅާކުރައްވައި، ރާއްޖޭގެ ޒުވާނުންނަކީ އަޚްލާޤީ ގޮތުން ނަމޫނާދައްކައިދޭ، އަދި އިސްލާމް ދީނަށާއި ޤައުމަށް ތެދުވެރި ބަޔަކަށް ހެއްދެވުމެވެ.