އަލްފާޟިލް ޙުސައިން އިޙްފާލް އަޙްމަދު
ހ. ފްލޭޝް

ޙުސައިން އިޙްފާލް އަޙްމަދަކީ، އެންމެ ތުއްޕުޅުއިރުއްސުރެން ފެށިގެންވެސް ކުރެހުމަށް ޚާއްޞަ ޝައުޤުވެރިކަމެއް ގެންގުޅުއްވި ބޭފުޅެކެވެ. ކުރެހުމާއި ކުރެހުމުގެ ދާއިރާއާ ގުޅިފައި ހުރި ކަންކަމުގައި ނޫޅުއްވާއިރެއް އިޙްފާލް ހަނދުމަފުޅެއް ނުވެއެވެ. މަދުރަސީ ދައުރު ނިންމެވުމަށްފަހު، ވިޜުއަލް އާޓްސްއާ ގުޅިފައިވާ ދާއިރާއެއް ކަމަށްވާ "ސްވިނިއަރ އާޓް"ގެ މަސައްކަތް، އުމުރުން 20 އަހަރުގައި ފެށްޓެވިއެވެ. ސްވިނިއަރ އާޓުގެ މަސައްކަތުގައި 8 އަހަރު ހޭދަކުރެއްވިއިރު، މި މަސައްކަތް ކުރެއްވީ ފްރީލާންސް އާޓިސްޓެއްގެ ގޮތުގައެވެ.

ސްވިނިއަރ އާޓުގެ މަސައްކަތް ހުއްޓަވައިލެއްވުމަށްފަހު، މި ރޮނގުން މަތީ ތަޢުލީމު ހާސިލުކުރެއްވުމަށް އިޙްފާލް ޢަޒުމް ކަނޑައަޅުއްވައި، ދިރިއުޅުމުގެ ޙާލަތު ހުރިގޮތުން އެ ފުރުސަތު ލިބިވަޑައިނުގަތުމުން، ދެން މަސައްކަތް ފެށްޓެވީ ރާއްޖޭގައި އާޓް ކޮމިއުނިޓީއެއް އުފެއްދެވުމަށެވެ. މިގޮތުން، "މޯލްޑިވިއަން އާޓިސްޓް ކޮމިއުނިޓީ" (އެމް.އޭ.ސީ.)ގެ ނަމުގައި ވިޜުއަލް އާޓިސްޓުންނަށް ޚާއްޞަ ޖަމުޢިއްޔާއެއް، 10 ޖަނަވަރީ 2016 ގައި އުފެއްދެވިއެވެ. ޖަމުޢިއްޔާ އުފެއްދެވުމުގެ މައިގަނޑު މަޤްޞަދަކީ، ރާއްޖޭގެ ވިޜުއަލް އާޓްސްގެ ދާއިރާ ފުޅާކުރައްވައި، ކުރިއަރަމުން އަންނަ ޒުވާން އާޓިސްޓުން މުޖުތަމަޢަށް ނެރެދެއްވައި، އާމްދަނީ ލިބޭނެ ރަނގަޅު ވަސީލަތެއް ޤާއިމުކޮށްދެއްވުމެވެ. އަދި ދިވެހި އުފެއްދުން އިތުރުކޮށް، ރާއްޖޭގައި އާޓްގެ ދާއިރާއިން މީހުން ހޭލުންތެރިކަން އިތުރުކޮށްދީ، އާޓުގެ ދާއިރާއަކީ، ޕްރޮފެޝަނަލް ދާއިރާއަކަށް ހެއްދެވުމެވެ.

ނަތީޖާއެއްގެ ގޮތުން، މިވޭތުވެދިޔަ މުއްދަތުގެ ތެރޭގައި، މޯލްޑިވްސް އާޓިސްޓް ކޮމިއުނިޓީ ވެފައިވަނީ، ރާއްޖޭގައި ހިނގަމުންދާ އެންމެ ހަރަކާތްތެރި އަދި އެންމެ ގިނަ މީހުން ބަލައިގަންނަ އާޓްސް ޖަމުޢިއްޔާއަށެވެ. މިހާތަނަށް މި ޖަމުޢިއްޔާއިން އިންތިޒާމުކޮށްގެން އާޓުގެ ގިނަ އިވެންޓްތަކެއް ވަނީ ބާއްވައިފައެވެ. 70 އަށްވުރެ ގިނަ އަމިއްލަ އާޓް އެގްޒިބިޝަންތައް (ސޯލޯ އާޓް އެގްޒިބިޝަންސް) އާއި، 13 ގްރޫޕް އާޓް އެގްޒިބިޝަން، އެ ޖަމުޢިއްޔާއިން ބާއްވައިފައި ވެއެވެ. މިއީ، ޖަމުޢިއްޔާއިން އިސްނަގައިގެން ހިލޭސާބަހަށް ކުރަމުންދާ މަސައްކަތްތަކެކެވެ. އަދި މިއީ ރާއްޖޭގައި މިހާތަނަށް އެންމެ ގިނަ އާޓް އެގްޒިބިޝަން ބޭއްވި ފުރަތަމަ ޖަމުޢިއްޔާކަންވެސް ފާހަގަކޮށްލަންޖެހެއެވެ. ޙުސައިން އިޙްފާލަކީ، ޖަމުޢިއްޔާ އުފެދުނީއްސުރެ އެ ޖަމުޢިއްޔާގެ ޖެނެރަލް ސެކްރެޓަރީއެވެ.

މިހާތަނަށް އިޙްފާލް ވަނީ، ނެޝަނަލް އާޓް ގެލެރީގައި އަމިއްލަ 3 އާޓް އެގްޒިބިޝަން (ސޯލޯ އެގްޒިބިޝަން) ބާއްވަވައިފައެވެ. މިއީ ރާއްޖޭގެ މަދު އާޓިސްޓަކަށްނޫނީ ހޯދިފައިނުވާފަދަ ކުރިއެރުމެކެވެ. އަދި މި އެގްޒިބިޝަންތައް ޔުނައިޓެޑް އެރެބް އެމިރޭޓްސްގައިވެސް ބާއްވަވައި، ވިޜުއަލް އާޓްސްގެ ދާއިރާއިން ރާއްޖެ ތަމްސީލުކޮށްދެއްވައިފައި ވެއެވެ. އަދި 2016 ވަނަ އަހަރު ބޭއްވި އައި.ޓީ.ބީ. ބަރލިން ފެއަރގައާއި، ގިނަ ޤައުމުތަކެއްގެ މަންދޫބުންގެ ހާޒިރުގައި އ.ދ.ގެ މައި މަރުކަޒުގައި، އިޙްފާލުގެ އާޓުގެ ހުނަރު ވަނީ ދައްކަވައިލައްވައިފައެވެ.

ޙުސައިން އިޙްފާލް ހޯއްދަވައިފައިވާ ބައެއް ކާމިޔާބީތަކުގެ ތެރޭގައި، 2015 ވަނަ އަހަރު ބޭއްވުނު މިނިވަން 50ގެ ގިޑިގެ ހެދުމުގެ މުބާރާތުން 1 ވަނަ ހާސިލުކުރެއްވުމާއި، 2019 ވަނަ އަހަރު ބޭއްވުނު އަތްތެރި މަސައްކަތުގެ މައުރަޒުގެ ކުރެހުމުގެ ބައިން 2 ވަނަ ހޯއްދެވުމާއި، އެ މައުރަޒުގެ ޕެއިންޓް ކުރުމުގެ ބައިން 3 ވަނަ ހޯއްދެވުން ހިމެނެއެވެ. މީގެ އިތުރުން، ރާއްޖެއިން ބޭރުގައި ބާއްވާ ކުރެހުމުގެ އެކިއެކި ފެސްޓިވަލްތަކުގައިވެސް އިޙްފާލްވަނީ ބައިވެރިވެވަޑައިގެންފައެވެ. މިގޮތުން، 2013، 2015، 2018 ގައި ބޭއްވުނު ސާރކް އާޓިސްޓް ކޭމްޕް އެންޑް އެގްޒިބިޝަންގައްޔާއި، 2019 ގައި ޔޫ.އޭ.އީ.ގެ ޝާރުޖާގައި ބޭއްވި އާޓް ފެސްޓިވަލްގައި އިޙްފާލް ބައިވެރިވެވަޑައިގެންފައިވެއެވެ.

ޙުސައިން އިޙްފާލް، މި ދާއިރާއިން އެންމެ ބޮޑަށް މަޝްހޫރުވެގެންދިޔައީ، ކޮފީ ބޭނުންކޮށްގެން މާލޭގައި ބޭއްވި ކުރެހުމުގެ މައުރަޒުންނެވެ. އެއީ ވަރަށްގިނަ ބައެއްގެ ސަމާލުކަން ލިބުނު މައުރަޒެކެވެ. އަދި އެ ކުރެހުންތައް ޔޫ.އޭ.އީ.ގައި ތިންފަހަރެއްގެ މަތިން އިޙްފާލް ވަނީ ދައްކަވައިލައްވައިފައެވެ. އޭގެފަހުން މޫދުއަޑީގައި ކުރެއްސެވި ކުރެހުންތަކެވެ. މޫދުއަޑީގައި އިޙްފާލް ކުރެއްސެވި ކުރެހުންތައް ދައްކަވައިލެއްވުމުގެގޮތުން ބޭއްވި މައުރަޒުގައި، މޫދު އަޑީގައި ކުރެހުމުގެ އޭޝިއާގެ ފުރަތަމަ އާޓިސްޓަށް ވެވަޑައިގަތުމަކީ، އިޙްފާލަށް ލިބިވަޑައިގެންނެވި ވަރަށްބޮޑު ޝަރަފަކާއި ފަޚުރެކެވެ. އަދި އެއީ ރާއްޖެއަށްވެސް ރީތި ނަމެއް ހޯއްދަވައިދެއްވުނު މަސައްކަތެއް މެއެވެ. މި ޚަބަރު ރާއްޖެއިން ބޭރުގެ ބައެއް މީޑިއާތަކުން ގެނެސްދީފައިވެއެވެ.