ޢަލީ ނިޝާން، ފޮޓޯ ނަންގަވަން ފެށްޓެވީ، 1990ގެ އަހަރުތަކުގެ ތެރޭގައެވެ. އެ މަސައްކަތަށް ހުރި ޝައުޤުވެރިކަމާއެކު، އެ މަސައްކަތް ފެށްޓެވި ދުވަހަކީ، އެ މަސައްކަތުގެ ބިންގާ އެޅުނު ދުވަސްވެސްމެއެވެ. އޭގެފަހުން، "ފެންނަ ކޮންމެ އެއްޗެއް" ފޮޓޯ ނެންގެވުމަކީ ތީމެއް ކަމުގައި ހައްދަވައިގެން، ޢަލީ ނިޝާން މަސައްކަތް ކުރައްވަމުން ގެންދެވިއެވެ. 4 މެއި 2000 ގައި، ނޭޝަނަލް ސެކިއުރިޓި ސާރވިސްގެ ވަޒީފާއާ ގުޅިވަޑައިގެން އެތަނުގައި ކޮމިއުނިކޭޝަން، އިލެކްޓްރޯނިކްސް އެންޑް އިންފޮމޭޝަން ޓެކްނޯލޮޖީ ސަރވިސްގައި މަސައްކަތް ކުރެއްވިއެވެ. އެ ވަޒީފާއިން ވަކިވެވަޑައިގަތުމަށްފަހު، އެންވަޔަރަންމަންޓަލް ރިސާރޗް ސެންޓަރުގައި ވަޒީފާ އަދާކުރައްވަމުން ގެންދެވިއިރު، ރާއްޖޭގެ އެކި ރަށްރަށުގެ ތަފާތު ގަސްގަހާއި ދިރޭ ތަކެތީގެ ސާމްޕަލް އެއްކުރެއްވިއެވެ. އަދި މިދަތުރުތަކުގެ ސަބަބުން ތިމާވެށި ހިމާޔަތްކުރުމުގެ މުހިންމުކަން އެނގިވަޑައިގެން އަދި ފޮޓޯއިން އެވާހަކަތައް ގެނެސްދެއްވަން ފެށްޓެވިއެވެ.
ފޮޓޯ ޖާރނަލިސްޓެއްގެ ގޮތުން ޢަލީ ނިޝާން ވަނީ، ދުވަހު ނޫސް "ހަވީރު"، "ތޮމްސަން ރޮއިޓަރސް"، "ދަ އެސޯސިއޭޓެޑް ޕްރެސް" ގައި މަސައްކަތް ކުރައްވައިފައެވެ. ދިވެހިރާއްޖޭގެ ނޫސްވެރިކަމުގެ އިނާމުގެ ޖަޖިންގ ޕެނަލްގައި، 2018 އަދި 2019 ވަނަ އަހަރު ނިޝާން ބައިވެރިވެވަޑައިގެންފައިވެއެވެ. އަދި އިޖުތިމާޢީ އެކިއެކި ޕްރޮޖެކްޓްތަކުގައި، ޔޫ.އެން.ގެ ބައެއް އޭޖެންސީތަކާ ގުޅިގެންވެސް ފޮޓޯގްރަފީގެ މަސައްކަތް ކުރައްވައިފައި ވެއެވެ.
ފޮޓޯގްރަފީގެ މަސައްކަތުގައި 2010 ވަނަ އަހަރު "ސްޓޫޑިއޯ 650"ގެ ނަމުގައި އަދި ވެޑިންގ ފޮޓޯއާއި ވީޑިއޯއަށް ޚާއްޞަ "އައިލެންޑް ކިއުޕިޑްސް"ގެ ނަމުގައި، ޢަލީ ނިޝާން ފޮޓޯގްރަފީގެ ޚިދުމަތް ދެއްވުމަށްޓަކައި އަމިއްލަ ވިޔަފާރި ފެށްޓެވިއެވެ. އަދި ދުނިޔޭގެ ބައެއް ޤައުމުތަކުގައި ބޭއްވި ފޮޓޯ މައުރަޒުތަކުގައި ނިޝާންވަނީ ބައިވެރިވެވަޑައިގެންފައެވެ. މިގޮތުން، ޖަޕާނު، ނޭޕާލް، ޑެންމާކް، އިންޑިއާ، އިނގިރޭސިވިލާތް އަދި އާޓް ގެލެރީ ހުރި ބައެއް ރިޒޯޓުތަކުގައި ބޭއްވުނު ފޮޓޯ މައުރަޒުތަކުގައި ނިޝާނުގެ ފޮޓޯތައް ދައްކައިލައިފައި ވެއެވެ. އަދި ނިޝާންގެ އުފެއްދުންތައް ގިނަ މީހުންނަށް އެނގޭނީ "މިލްޒީރޯ"ގެ ނަމުންނެވެ.
ރާއްޖޭގައި ބޭއްވުނު ތަފާތު ފޮޓޯ މައުރަޒުތައް ޢަލީ ނިޝާން ރާއްވަވައި ހިންގަވައި އަދި މައުރަޒުތަކުގައި ބައިވެރިވެވަޑައިގެން، އެ މައުރަޒެއްގެ މައިގަނޑު ތީމާ ގުޅޭގޮތުން ތަފާތު އެތައް ފޮޓޯއެއް ވަނީ ހުށަހަޅުއްވައިފައެވެ. މިގޮތުން، ފޮޓޯ ބައިވެރިކުރެއްވި ބައެއް މައުރަޒުތަކުގެ ތެރޭގައި 2014 ވަނަ އަހަރު ނޭޕާލްގެ ނެޝަނަލް އާޓް ކައުންސިލް ގެލެރީގައި ބޭއްވުނު "ބިއުޓިފުލް މޯލްޑިވްސް" އެގްޒިބިޝަން ހިމެނެއެވެ. މިއީ، ސޯލޯ ފޮޓޯ އެގްޒިބިޝަނެކެވެ. އަދި 2011 ވަނަ އަހަރު ބޭއްވި "ބަޔޯ ޑައިވަރސިޓީ އިޒް އަވަރ ލައިފް" އާއި، 2015 ވަނަ އަހަރު ބޭއްވި "އެގްޒިބިޝަން އޮން މައިގްރެންޓް ވަރކަރސް ލައިވްސް އިން ދަ މޯލްޑިވްސް" އާއި، 2011 ވަނަ އަހަރު ބޭއްވި "7 ބިލިއަން އެގްޒިބިޝަން އޮފް ޔޫ.އެން.އެފް.ޕީ.އޭ" އާއި، 2012 ވަނަ އަހަރު ބޭއްވި "ބްރީދިންގ އެޓޮލްސް: ޖަޕާން - މޯލްޑިވްސް ކޮންޓެމްޕަރަރީ އާޓް އެގްޒިބިޝަން" ވެސް ހިމެނެއެވެ.
ޢަލީ ނިޝާން ވަނީ ފޮޓޯގްރަފީގެ ދާއިރާއިން ހިލޭސާބަހަށްވެސް ގިނަ މަސައްކަތްތަކެއް ކޮށްދެއްވައިފައެވެ. މިގޮތުން، މާލެއާއި ބައެއް ރަށްރަށުގައި ފޮޓޯގްރަފީ ވާރކްޝޮޕްތައް ހިންގަވައިދެއްވައިފައި ވެއެވެ. އަދި ބައެއް ޑޮކިއުމެންޓްރީ ފިލްމުތައްވެސް ހިލޭސާބަހަށް ނަންގަވައިދެއްވައި، އެކި ކަންކަމާ ގުޅޭގޮތުން އެކި ފަރާތްތަކުން ތައްޔާރުކުރާ ކުރު ފިލްމުތަކަށާއި، ޞިއްޙީ ދާއިރާއާ ގުޅޭގޮތުން ޢާންމުންގެ ހޭލުންތެރިކަން އިތުރުކުރުވުމަށް ތައްޔާރުކުރާ އެކިއެކި ޕްރޮގްރާމްތަކަށާއި، އެކިއެކި މެސެޖުތައް ހިމަނައިގެން އުފައްދާ އުފެއްދުންތަކުގައިވެސް ނިޝާން ވަނީ ހިލޭސާބަހަށް މަސައްކަތްކޮށްދެއްވައިފައެވެ.
2015 ވަނަ އަހަރުން ފެށިގެން ޢަލީ ނިޝާނަކީ، ޔުނައިޓެޑް ފޮޓޯގްރާފަރސްގެ ފައުންޑަރ މެންބަރެކެވެ. މީގެ އިތުރުން، 2014 އިން 2016 އަށް، އިންޓަރނޭޝަނަލް ސޮސައިޓީ އޮފް ޕްރޮފެޝަނަލް ވެޑިންގ ފޮޓޯގްރާފަރސްގެ ވެޑިންގ ފޮޓޯގްރާފަރެކެވެ. އަދި މިދިޔަ 10 އަހަރުގެ ތެރޭގައި، ނިޝާންވަނީ ފޮޓޯގްރަފީއާބެހޭ 13 ވާރކްޝޮޕް ހިންގަވައި 130 އަށްވުރެ ގިނަކުދިން މި ދާއިރާއިން ތަމްރީނުކުރައްވައިފައެވެ. ނިޝާން ހިންގެވި ވަރކްޝޮޕްތަކުގެ ތެރޭގައި، 2013 ވަނަ އަހަރުގެ އޮކްޓޫބަރު މަހު، 10 ދުވަހުގެ މުއްދަތަށް ހިންގެވި "ޕޯޓްރެއިޓް ފޮޓޯގްރަފީ ވާރކްޝޮޕް" އާއި، 2014 ވަނަ އަހަރުގެ މާރިޗު މަހު، 15 ދުވަހުގެ މުއްދަތަށް ހިންގެވި "ސްޓިލް ލައިފް އެންޑް ޕޯޓްރެއިޓް ފޮޓޯގްރަފީ ވާރކްޝޮޕް" އާއި، 2017 އޮގަސްޓު މަހު ހިންގެވި "ޕޯޓްރެއިޓް ރީޓަޗިންގ ފައުންޑޭޝަން ވާރކްޝޮޕް" އަދި 2020ގައި ގދ. އަތޮޅުގައި ހިންގި "ބޭސިކް ފޮޓޯގްރަފީ ވާރކްޝޮޕް" ހިމެނެއެވެ.
ޢަލީ ނިޝާން އެންމެބޮޑު އިސްކަމެއް ދެއްވަނީ، ނަންގަވާ ފޮޓޯތަކުގެ އާޓިސްޓިކް ފެންވަރު އެންމެމަތީ ފަންތީގައި ހިފެހެއްޓެވުމަށެވެ. އަދި ވިޜުއަލް ނޫސްވެރިކަމުގެ އުފެއްދުންތައް ލިޔުމާ އެއްހަމައެއްގައި ހިފެހެއްޓުމުގެ ގޮތުން ކުރެއްވެންހުރި މަސައްކަތްތައް ކުރައްވައި، ވިޜުއަލް ނޫސްވެރިކަން ޤައުމީ ފެންވަރުގައި ތަރައްޤީ ކުރެއްވުމަށެވެ.