އަލްފާޟިލް ޝުޖާޢު ސަލީމް
ހ. ރުމޭނިއާ

ކުޅިވަރުގެ ދާއިރާއަށް ޝުޖާޢު ސަލީމް ޝައުޤުވެރިވެވަޑައިގަތީ، 1988 ވަނަ އަހަރު ބޭއްވުނު ސޯލް އޮލިމްޕިކްސްގައި ރާއްޖޭގެ އެތުލެޓިކްސް ޓީމުގައި ހިމެނުނު ބައެއް ކުޅުންތެރިން ދިން ހިތްވަރާ ގުޅިގެންނެވެ. އެ ހިސާބުން އެތުލެޓިކްސް ޓީމާ ގުޅިވަޑައިގެން، އޭރުގެ ޤައުމީ އެތުލެޓިކްސް ކޯޗުގެ އިރުޝާދުގެ ދަށުން ފަރިތަކުރުންތައް ކުރިއަށް ގެންދެވިއެވެ. މިގޮތުން، 1989 ވަނަ އަހަރު ކުވައިތުގައި ބޭއްވުނު އިސްލާމިކް ޕީސްފުލް ގޭމްސްގައި ރާއްޖޭގެ ޤައުމީ ޓީމު ތަމްސީލު ކުރުމުގެ ފުރުޞަތު ޝުޖާޢަށް ލިބިވަޑައިގެންނެވިއެވެ. އެ މުބާރާތަށްފަހު، އެތްލެޓިކްސްގެ ކުލަބު މުބާރާތްތަކާއި، ޓޫރިޒަމް ދުވަހުގެ މުނާސަބަތުގައި ބޭއްވި މުބާރާތްތަކުން ފަޚުރުވެރި ވަނަތަކެއް ޝުޖާޢު ހާސިލު ކުރެއްވިއެވެ.

އެތުލެޓިކްސްގެ ރޮނގުން ޝުޖާޢު ކުރިއަށް ވަޑައިގަތުމަށްޓަކައި އެކިއެކި ތަމްރީނު ކޯސްތައް ފުރިހަމަކުރައްވައި، ކޯޗިންގގެ ދާއިރާއަށް ވެދެވަޑައިގެންނެވިއެވެ. މިގޮތުން، ޖަމާލުއްދީން ސްކޫލުގެ އެތްލެޓިކްސް ޓީމަށް ދެ އަހަރު، އަމީނިއްޔާ ސްކޫލުގެ އެތްލެޓިކްސް ޓީމަށް ހަތަރު އަހަރު ކޯޗުކަން ކޮށްދެއްވައިފައި ވެއެވެ. އަދި ށ. ކޮމަންޑުއާއި، ރ. އިނގުރައިދުއާއި، ކ. މާފުށްޓާއި، އދ. ދަނގެއްޗާއި، މ. ކޮޅުފުށްޓާއި، ސ. ހިތަދޫގައިވެސް އެތުލެޓިކްސް މުބާރާތްތައް ރާއްވަވައި ހިންގަވައި ކޯޗުކަން ކޮށްދެއްވައިފައި ވެއެވެ. އެ ރަށްރަށުގައި ތަމްރީނުތައް ހިންގަވައި، މުބާރާތްތައް ބާއްވަވައިދެއްވައިފައިވަނީ، ހިލޭސާބަހަށެވެ.

މި ދާއިރާގައި މަސައްކަތް ކުރެއްވުމުގެ ހިތްހަމަޖެހުން ލިބިވަޑައިގެންފައިވާތީ، އެކިއެކި ކުޅިވަރުތަކުން އިތުރު ތަޖުރިބާ ހޯއްދެވުމަށްޓަކައި ފުޓްބޯޅައާއި، ސްވިމިންގއާއި، ކްރިކެޓާއި، ނެޓްބޯޅައާއި، ބާސްކެޓްބޯޅައާއި، ހޭންޑްބޯލްފަދަ ކުޅިވަރުތަކުން ޝުޖާޢު ވަނީ ކޯޗިންގއާއި ހިންގުމުގެ ތަމްރީނުތައް ފުރިހަމަކުރައްވައިފައެވެ. ޚާއްޞަކޮށް، ސްވިމިންގގެ ރޮނގުން ކޮށްދެއްވައިފައިވާ ޚިދުމަތްތައް ފާހަގަކޮށްލަންޖެހެއެވެ. ސްވިމިންގ އެސޯސިއޭޝަނުން ހިންގާ ފެތުމުގެ ހަރަކާތްތައް ކުރިއަށް ގެންދެވުމަށް އެކި ގޮތްގޮތުން އެހީތެރިވެދެއްވައި، ސްވިމިންގގެ ރޮނގުން ކުދިން ތަމްރީނު ކުރެއްވުމަށް ގިނަގުނަ މަސައްކަތްތަކެއް ޝުޖާޢު ވަނީ ކޮށްދެއްވައިފައެވެ.

ކުޅުންތެރިން ތަމްރީނު ކުރުމުގެ ރޮނގުން ކުރިއަށް ވަޑައިގަތުމުގައި ޝުޖާޢަށް ލިބިވަޑައިގަންނަވާ އެންމެބޮޑު އުފާފުޅަކީ، ކުޅިވަރުގެ ދާއިރާގެ ފުންނާބު އުސް ބޭފުޅުންނާއި، އިސްވެރިން ޝުޖާޢާ ދޭތެރޭގައި ބަހައްޓަވާ ގާތްކަމާއި އޯގާތެރިކަމާއި، ރައްދުކުރައްވާ ހިތްވަރުދިނުމުގެ ހެޔޮބަސްފުޅުތަކެވެ. އެކަންކަމުން ހިތްވަރު ލިބިވަޑައިގެން، އެސޯސިއޭޝަންތަކާއި، ކުޅިވަރުގެ އެކިއެކި ދާއިރާއިން މީހުން ބިނާކުރައްވައި، ޤައުމީ ފެންވަރުގައްޔާއި، ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭފަދަ ކުދިން ވަނީ ކުޅިވަރުގެ ދާއިރާއަށް ނެރެދެއްވައިފައެވެ.

ޝުޖާޢު ސަލީމް، ޖަމާލުއްދީން ސްކޫލްގެ ވަޒީފާއާ ގުޅިވަޑައިގަތީ، 1991 ވަނަ އަހަރުއެވެ. އެ އަހަރުން ފެށިގެން އެ ސްކޫލްގެ ސްޕޯޓްސް ސުޕަވައިޒަރުގެ މަގާމުގައި އިޚްލާޞްތެރި ޚިދުމަތްތަކެއް ޝުޖާޢު ގެންދަވަނީ ކޮށްދެއްވަމުންނެވެ. ކުޅިވަރުގެ ދާއިރާގައްޔާއި، ޔުނީފޯމް ޙަރަކާތްތަކުގައްޔާއި، ތިމާވެށީގެ ޙަރަކާތްތަކުގައި، ޖަމާލުއްދީން ސްކޫލަށް ޝުޖާޢު ވެދެއްވަމުން ގެންދަވާ އެހީތެރިކަން ފާހަގަކޮށްލަންޖެހެއެވެ. އަދި އެ ސްކޫލުން ހިންގާ ތަފާތު ކުޅިވަރު ޙަރަކާތްތަކުގައި ވަރުބަލިފުޅުވުމެއްނެތި ގިނަ ވަގުތުތަކެއްގައި ޚިދުމަތް ދެއްވައި، ދަރިވަރުންނާއި ބެލެނިވެރިންގެ ލޯތްބާއި އިޙްތިރާމް ޝުޖާޢު ވަނީ ހޯއްދަވައިފައެވެ.

މާތްﷲގެ މިންވަރުފުޅުން، ކުޅިވަރުގެ ދާއިރާގައި މެދުކެނޑުމެއްނެތި ޚިދުމަތް ކުރުމުގެ ސަބަބުން ލިބިވަޑައިގަންނަވާ ހިތްހަމަޖެހުމާއި، ހިތްވަރާއި، އުފަލަކީ، ޝުޖާޢުގެ ލޮބުވެތި ޢާއިލާގެ ފަރާތުން ލިބިވަޑައިގަންނަވާ އެއްބާރުލެއްވުންކަންވެސް ޝުޖާޢު ފާހަގަކުރައްވައެވެ.