އަލްފާޟިލް ޢަލީ ޚުޝްރުވާން އަޙްމަދު
ހ. މާކަރީހައުސް

ޢަލީ ޚުޝްރުވާން އަޙްމަދު، ނުވަތަ ޢާންމު ނަމުން ދަންނަވާނަމަ ކުޑައައްޔައަކީ، އަދުގެ ތާރީޚުގައި ރާއްޖޭގެ އަދި ދެކުނު އިރުމަތީ އޭޝިޔާގެ އެއްވަނަ ބޮޑީބޯޑަރއެވެ. އުމުރުން އެންމެ 12 އަހަރުގައި އެ ދުވަސްވަރު ބޮޑީބޯޑެއްގެ ގޮތުގައި ބޭނުންކުރަމުން އައި މަޅުގަނޑެއްގައި ފުރަތަމަ ރާޅާއެޅިއެވެ. އަދި މިއަދާ ހަމައަށް ގާތްގަނޑަކަށް 32,120 ގަޑިއިރު ވަނީ މިކަމަށް ހޭދަކުރައްވައިފައެވެ.

ޢަލީ ޚުޝްރުވާން ވަނީ ޤައުމީ އަދި ބައިނަލްއަޤްވާމީ ގިނަ ބޮޑީބޯޑިންގ މުބާރާތްތަކުން ވަނަތައް ހާސިލު ކުރައްވައިފައެވެ. ރާއްޖޭގެ އިތުރުން، އޮސްޓްރޭލިޔާ އަދި މެލޭޝިޔާގައި ބޭއްވި މުބާރާތްތައް ހިމެނެއެވެ. 2001 ވަނަ އަހަރު، ދިވެހިރާއްޖޭގައި ބޭއްވުނު ފުރަތަމަ ބޮޑީބޯޑިންގ މުބާރާތް ކަމުގައިވާ ޤައުމީ ވަރުނުލާ ޗެލެންޖުގައި ބައިވެރިވެވަޑައިގެން، އެންމެ އުންމީދީ ބޮޑީބޯޑަރގެ މަގާމު، ޢަލީ ޚުޝްރުވާން ހާސިލު ކުރެއްވިއެވެ. މީގެއިތުރުން، 2005 ވަނަ އަހަރު ޤައުމީ ވަރުނުލާ ޗެލެންޖުގައި ބައިވެރިވެވަޑައިގެން، ޗެމްޕިއަންކަން ހާސިލު ކުރައްވައިފައިވެއެވެ. ހަމައެހެންމެ 2014 ވަނަ އަހަރު ބޭއްވުނު އޭޝިއަން ސާރފިންގ ޗެމްޕިއަންޝިޕް މޯލްޑިވްސް އޯޕަން މުބާރާތުން ދެވަނަ އަދި 2015 ވަނަ އަހަރު ބޭއްވި މުބާރާތުން ޗެމްޕިއަންކަން ހާސިލު ކުރެއްވިއެވެ. މީގެއިތުރުން، އޮސްޓްރޭލިޔާގައި 2012 ވަނަ އަހަރު ބޭއްވުނު ޑޫންސް ސްޓޭޓް ޓައިޓަލްއިން 3 ވަނަ އަދި އެމަރެލްޑް ސްޓޭޓް ޓައިޓަލްއިން ޗެމްޕިއަންކަން ހާސިލު ކުރައްވައި، ނިއު ސައުތު ވޭލްސް ޓީމުން އެއްވަނަ ބޮޑީބޯޑަރގެ ގޮތުގައި ޖާގަ ހޯއްދެވިއެވެ. ޢަލީ ޚުޝްރުވާނާއެކު، ނިއު ސައުތް ވޭލްސް ޓީމު ވަނީ 2012 ވަނަ އަހަރު އޮސްޓްރޭލިއާގެ ސްޓޭޓް ޗެމްޕިއަންޝިޕް ހާސިލުކޮށްފައެވެ. އަދި 2012 ވަނަ އަހަރު ނެޝަނަލް ސްޕޯޓްސް އެވޯޑު ހާސިލުކުރެއްވުމުގެ އިތުރުން، ޤައުމީ އަދި ބައިނަލްއަޤްވާމީ ވަނަތަކެއް ޚުޝްރުވާން ވަނީ ހޯއްދަވައިފައެވެ.

ވަޒީފާގެ ރޮނގުން ކުރިއަށް ވަޑައިގަންނަވަން ބޭނުންވާ ދާއިރާއެއްގެ ގޮތުގައި ބޮޑީބޯޑިންގ އިސްކުރައްވައި 2010 ވަނަ އަހަރުން 2012 ވަނަ އަހަރާ ހަމައަށް ޢަލީ ޚުޝްރުވާންވަނީ ފްރީލާންސް ސަރފް ގައިޑެއްގެ ގޮތުގައި ތަފާތު ސަފާރީ ބޯޓުތަކުގައި މަސައްކަތް ކުރައްވައިފައެވެ. އަދި 2012 އިން 2019 އަށް ވަނީ "މަންޓާ ކްރޫސް" ނަމަކަށް ކިޔާ ވާރލްޑް ސާރފަރީސްގެ ސަފާރީ ބޯޓެއްގައި ސާރފް ގައިޑެއްގެ ގޮތުގައިވެސް މަސައްކަތް ކުރައްވައިފައެވެ. އަދި 2017 ވަނަ އަހަރުގެ ބެސްޓް ސާރފް ގައިޑުގެ އެވޯޑުވެސް ހާސިލު ކުރެއްވިއެވެ. 2005 ވަނަ އަހަރުން ފެށިގެން ޢަލީ ޚުޝްރުވާނަކީ، ސީ ސްޕޯޓްސްގެ އެމްބެސެޑަރުވެސް މެއެވެ. އަދި އިންޓަރނޭޝަނަލް ހައިޑްރޯފިންސްގެ އެމްބެސެޑަރުކަންވެސް 2013 ވަނަ އަހަރު ކުރައްވައިފައި ވެއެވެ.

"މޯލްޑިވްސް ބޮޑީބޯޑިންގ އެސޯސިއޭޝަން"ގެ ކޯ ފައުންޑަރއަކީ ޢަލީ ޚުޝްރުވާނެވެ. އެމް.ބީ.ބީ.އޭ އުފެދުނީ 2013 ވަނަ އަހަރުއެވެ. މި އެސޯސިއޭޝަންގެ މައިގަނޑު އަމާޒަކީ، ދިވެހިރާއްޖޭގައި ބޮޑީބޯޑިންގ ތަރައްޤީކޮށް، ޤައުމީ ފެންވަރުގައްޔާއި، ބައިނަލްއަޤްވާމީ ފެންވަރުގައި ވާދަކުރާނެ ބަޔަކު އުފެއްދުމެވެ. އަދި އެއީ، ތިމާވެށްޓަށް ލޯހުޅުވިފައިވާ، ފަރުތަކާއި ގޮނޑުދޮށްތައް ޙިމާޔަތްކުރާނެ މީހުންނަށް ހެދުންވެސް މެއެވެ.

މޯލްޑިވްސް ބޮޑީ ބޯޑިންގ އެސޯސިއޭޝަނުން ޤައުމީ ބޮޑީބޯޑިންގ މުބާރާތްތައް ރޭވުމުގެ އިތުރުން، ބޮޑީބޯޑިންގއަށް ޚާއްޞަކޮށް ޤައުމީ ރޭންކްތަކެއް ވަނީ އުފައްދައިފައެވެ. މީގެއިތުރުން، ބޮޑީބޯޑިންގއަކީ މިހާރު، ޤައުމީ ފެންވަރުގައި ކުޅޭ ކުޅިވަރެއްކަންވެސް ފާހަގަކޮށްލަންޖެހެއެވެ.

ސީ ސްޕޯޓްސްގެ އެހީގައި ބޮޑީބޯޑިންގ ކުލާސްތަކެއް ހިންގެވުމަށް 2018 ވަނަ އަހަރު "ރާއްޖެ ބޮޑީބޯޑިންގ"ގެ ނަމުގައި ކްލާހެއް، ޢަލީ ޚުޝްރުވާނާއި އެކުވެރިން ވަނީ އުފައްދަވައިފައެވެ. ރާއްޖެ ބޮޑީބޯޑިންގގެ އަމާޒަކީ، ކުޅިވަރަށް ޝައުޤުވެރިކަން ހުންނަ 18 އަހަރުން ދަށުގެ ކުދިން ތަމްރީނު ކުރުމެވެ. މީގެއިތުރުން، ފަރުތަކާއި ތިމާވެށި ޙިމާޔާތްކުރުމުގެ ގޮތުން ގޮނޑުދޮށާއި މޫދު ސާފުކުރުމުގެ ގިނަ ޕްރޮގްރާމްތަކެއްވެސް ރާއްޖެ ބޮޑީބޯޑިންގއިން އިސްނަގައިގެން ރާވަމުން ގެންދެއެވެ. ހަރަކާތްތައް ނިންމާލުމުގެ ގޮތުން ކުދި މުބާރާތްތައް ބޭއްވުމުގެ މަޤްޞަދަކީ، ކުދިންނަށް ދަސްވެފައިވާ އުކުޅުތައް ދައްކައިލުމުގެ ފުރުޞަތު އެކުދިންނަށް ހޯދައިދިނުމެވެ.

ޢަލީ ޚުޝްރުވާނުގެ ޢަޒުމަކީ ބޮޑީބޯޑިންގއިން ވަޑައިގެންނެވެން އޮތް އެންމެ ކުރިއަކަށް ވަޑައިގެން ދިވެހިރާއްޖެ އަދި މުޅި ސަރަހައްދުގައި ކުޅިވަރަށް ލޯބިކުރާ މީހުންގެ ހިތްތަކުގައި މި ކުޅިވަރު އާލާކުރައްވައި ކުރިއެރުއްވުމެވެ. އަދި ކުރިއަށް އޮތް ތާނގައިވެސް ބައިނަލްއަޤްވާމީ ގިނަ ވަނަތައް ހާސިލު ކުރައްވައި، ދިވެހިރާއްޖެއަށް ރީތި ނަން ހޯއްދަވައިދެއްވުމެވެ. މީގެއިތުރުން، ބޮޑީބޯޑިންގ ވާރލްޑް ޓުއަރގައި ބައިވެރިވެވަޑައިގަތުމާއި، މި ކުޅިވަރުން ކާމިޔާބީތައް ހޯދުމުގައި، އިތުރު ކުދިން ނެރުއްވައި، އެކުދިންނަށް ލިބެންވާ އެހީއާއި ތަމްރީނުތައް ހޯއްދަވައިދެއްވުމެވެ.