އަލްފާޟިލް ޢަލީ ސަމްޢާން
ފެހިވިލާގެ ހއ. ކެލާ

ޢަލީ ސަމްޢާން، ނޫސްވެރިކަމުގެ ދާއިރާއަށް ވެދެވަޑައިގަތީ 2000 ވަނަ އަހަރުއެވެ. އޭރުން ފެށިގެން މިއަދާ ހަމަޔަށްވެސް މަސައްކަތް ކުރައްވަމުން ގެންދަވަނީ މި ދާއިރާގައެވެ. ސަމްޢާން ފުރަތަމަ ވަޒީފާ އަދާކުރެއްވީ ދިވެހިރާއްޖޭގެ އަޑުގެ ނިއުސްރޫމުގައެވެ. 27 ޖަނަވަރީ 2000 އިން ފެށިގެން 22 ޖަނަވަރީ 2006 އަށް ނިއުސްރޫމްގައި ޚިދުމަތް ކުރެއްވިއިރު ރިޕޯޓަރެއްގެ ވަޒީފާއިން ފެށްޓެވި މަސައްކަތުގައި، ޚަބަރާ ގުޅޭ ހުރިހާ ދާއިރާއެއްގެ ޚަބަރާއި ރިޕޯޓު ހެއްދެވުމާއި، ކޯޓުތަކުގައި ހިނގާ އެކިއެކި ޝަރީޢަތްތައް ކަވަރު ކުރެއްވުމާއި، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ކަވަރު ކުރެއްވުމާއި، ސުނާމީ ކާރިސާފަދަ ބޮޑެތި ހާދިސާތަކުގެ ލައިވް ކަވަރޭޖް ގެނެސް ދެއްވުމާ ހަމައިން ފެށިގެން ގޮސް ޕްރޮގްރާމްތައް ޕްރޮޑިއުސް ކުރައްވައި، ބައެއް ޕްރޮގްރާމްތައް ހުށަހަޅުއްވައި ދެއްވައިފައި ވެއެވެ.

މިގޮތުން، އޭރު ރޭގަނޑު 10 އިން 11 އަށް، ދިވެހިރާއްޖޭގެ އަޑުން ފޮނުވަމުން ގެންދިޔަ "ޚަބަރު ގަޑި" އާއި، ކޮންމެ ހުކުރު ދުވަހަކު ފޮނުވަމުން ގެންދިޔަ "ޚަބަރުފީތާ" ގެ ބައެއް ޕްރޮގްރާމުތައް އުފައްދަވައި، ހުށަހަޅުއްވައި ދެއްވައިފައި ވެއެވެ. އަދި ފަހުން ދިވެހިރާއްޖޭގެ އަޑާއި ޓެލެވިޜަން މޯލްޑިވްސް ހިންގުމަށް އުފެއްދި މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭޝަންގެ ބޯޑުގެ މެންބަރުކަން ކުރެއްވުމާއި، ބޯޑުގައި އޮންނަ ކޮންޓެންޓް ކޮމިޓީގެ ޗެއަރމަންކަން ކުރެއްވުމުގެ އިތުރުން، ކޮމްޕްލެއިންސް ކޮމިޓީވެސް ސަމްޢާން ބަލަހައްޓަވައިފައި ވެއެވެ. މިގޮތުން، ފެންވަރު ރަނގަޅު ޕަބްލިކް ސަރވިސް ބްރޯޑްކާސްޓަރެއްގެ ގޮތުގައި ދިވެހިރާއްޖޭގެ އަޑާއި ޓެލެވިޜަން މޯލްޑިވްސް ބައްޓަން ކުރެއްވުމުގައި ގިނަ މަސައްކަތްތަކެއް ސަމްޢާން ވަނީ ކުރައްވައިފައެވެ.

ޢަލީ ސަމްޢާނަކީ ޕްރިންޓް މީޑިއާއާއި، އޮންލައިން މީޑިއާއާއި، ނިއު މީޑިއާގައިވެސް ގިނަ މަސައްކަތްތަކެއް ކުރައްވައިފައިވާ އަދި މިހާރުވެސް ޚިދުމަތުގައި ދެމިހުންނެވި ބޭފުޅެކެވެ. މިގޮތުން، ޗާޕުކޮށްގެން ނެރުނު ބައެއް މަޖައްލާތަކުގެ ތެރެއިން "އައްޑުވަސް" އަށް ލިޔުއްވައި "މަނަސް" މަޖައްލާގެ އެގްޒެކެޓިވް އެޑިޓަރު ކަމާއި، "ފިޔެސް" މަޖައްލާގެ ފައުންޑަރ މެންބަރުކަމާއި، ޑެޕިއުޓީ އެޑިޓަރު ކަމާއި، "ހަފްތާ" މަޖައްލާގެ މުއައްސިސް އަދި އެޑިޓަރުކަމާއި، ދުވަހު ނޫސް "ހާމަ" އިގެ ލިޔުންތެރިއެއްގެ ގޮތުގައި މަސައްކަތް ކުރެއްވުން ފާހަގަކޮށްލެވެއެވެ. މީގެ އިތުރުން، ތަޙުޤީޤީ ނަޒަރަކުން ލިޔުއްވައިފައިވާ ބައެއް ލިޔުއްވުންތައްވެސް ހިމެނެއެވެ.

ރާއްޖޭގައި ނޫސްވެރިކަން ކުރިއެރުވުމަށް ދިވެހި ނޫސްވެރިންނަށް ތަމްރީނު ދެއްވުމާއި، ނޫސްވެރިން ތާޒާކުރުމުގެ ގިނަ ފުރުޞަތުތައް ހޯއްދަވައިދެއްވުމުގައިވެސް ސަމްޢާނުގެ ދައުރު ބޮޑެވެ. މިގޮތުން، މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމް.ޖޭ.އޭ)ގެ ފަރާތުން ތަމްރީނުގެ ފުރުޞަތުތައް ހޯއްދަވައިދެއްވުމުގައި، ޖަމުޢިއްޔާގެ ނައިބު ރައީސްގެ ހައިސިއްޔަތުން ކުރައްވައިފައިވާ މަސައްކަތްތައް ފާހަގަކޮށްލަންޖެހެއެވެ. މިގޮތުން، އިންޑިއާގެ މަދަންޖީތް ސިންގް ސްކޮލަރޝިޕްގެ ދަށުން ސައުތު އޭޝިއާ ފައުންޑޭޝަނުން ހިލޭ، މަތީ ތަޢުލީމު ހާސިލުކުރުމުގެ ފުރުޞަތު، ރާއްޖޭގެ ބައެއް ނޫސްވެރިންނަށް ހޯއްދަވައިދެއްވައިފައި ވެއެވެ. އަދި ސްރީލަންކާގެ އެސް.އެލް.ޕީ.އޭ.އާއި ކޮމަންވެލްތާއި ބްރިޓިޝް ކައުންސިލާއި އިންޓަރނޭޝަނަލް ފެޑެރޭޝަން އޮފް ޖާނަލިސްޓްސް (އައި.އެފް.ޖޭ) އާ ގުޅިގެން ރާއްޖޭގެ ނޫސްވެރިންނަށް ތަމްރީނު ދެއްވުމުގެ އެކިއެކި ޕްރޮގްރާމްތައް ހިންގެވުމުގައި ސަމްޢާން މުހިންމު ދައުރެއް އަދާކުރައްވައިފައި ވެއެވެ. އަދި ރާއްޖޭގައި ނޫސްވެރިން ތާޒާކުރުމުގެ ގިނަ ވާރކްޝޮޕްތަކާއި ފޯރަމްތައް ބާއްވަވައި، ބައެއް ވާރކްޝޮޕްތަކާއި ފޯރަމްތަކުގައި ސަމްޢާން މަޢުލޫމާތު ދެއްވައިފައި ވެއެވެ. އަދި މަދަރުސާތަކުގެ ސެކަންޑަރީ ގްރޭޑްތަކުގެ ދަރިވަރުންގެ މެދުގައި ނޫސްވެރިކަމުގެ ޝައުޤު އިތުރުކުރުވުމުގެ ގޮތުން މާލޭގެ 3 ސްކޫލެއްގެ 25 ދަރިވަރުން ބައިވެރިކޮށްގެން "ސްކޫލް މީޑިއާ ކޭމްޕް" އެއް ބާއްވަވައިފައިވެސް ވެއެވެ.

މީގެއިތުރުން، ނޫސްވެރިން ބަނދެވޭގޮތަށް ހުރި ޤާނޫނުތަކާ ގުޅުންހުރި އެކިއެކި އުސޫލުތައް ލުއިކުރުމަށް، ކަމާ ގުޅުންހުރި މުއައްސަސާތަކާ މަޝްވަރާ ކުރެއްވުމާއި، ރާއްޖޭގެ އެކި މީޑިއާތަކުގައި މަސައްކަތް ކުރައްވާ އެޑިޓަރުން ހިމަނައިގެން، ނޫސްވެރިންގެ ކޯޑް އޮފް ކޮންޑަކްޓެއް އެކުލަވައިލުމުގައި، އެމް.ޖޭ.އޭ.އިން ކުރި މުހިންމު މަސައްކަތުގައިވެސް ސަމްޢާންގެ ދައުރު ބޮޑެވެ.

ޢަލީ ސަމްޢާނަކީ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި، މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޢުލޫމާތު ފޯރުކޮށްދެއްވުމަށް ޓީ.ވީ އަދި ރޭޑިއޯ ޝޯތަކުގައި ބައިވެރިވެވަޑައިގެންފައިވާ ބޭފުޅެއްވެސްމެއެވެ. ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި، މަޢުލޫމާތު ހޯދައި ލިބިގަތުމުގެ މައްޗަށް ފޯރަމްތައް ބޭއްވެވުމާއި، ނޫސްވެރިކަން ނުވަތަ ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ހަނިވާގޮތަށް އުފެދެމުންދިޔަ ސިޔާސީ ހަލަބޮލިކަން މިޞްރާބު ކުރެއްވުމަށް އެކިއެކި ޓީ.ވީ އަދި ރޭޑިއޯ ޕްރޮގްރާމްތަކުގައި ބައިވެރިވެވަޑައިގެން، ހޭލުންތެރިކުރުވުމުގެ މަސައްކަތްތައްވެސް ސަމްޢާން ކުރައްވައިފައިވެއެވެ. މިހާރު އޮތް ކޯވިޑުގެ ހާލަތާ ގުޅިގެން އާންމު ހޭލުންތެރިކަން އިތުރުކުރުމަށް ދިވެހި ގިނަ މީޑިއާތައް ގުޅިގެން ހިންގަމުންދާ [ކޯވިޑް ހުއްޓުވާނީ އަހަރެން] ޤައުމީ ކެމްޕެއިންގެ ކޯޑިނޭޓަރަކީވެސް ސަމްޢާންކަން ފާހަގަކޮށްލެވެއެވެ.

މިހާރު ސަމްޢާނަކީ އޮންލައިން ނޫހެއް ކަމުގައިވާ "ދަ ޕްރެސް"ގެ އެޑިޓަރުވެސް މެއެވެ. ނޫސްވެރިކަމުގައި ސަމްޢާން އަބަދުވެސް އެންމެބޮޑު އިސްކަމެއް ދެއްވަނީ، ޒިންމާދާރު ނޫސްވެރިކަމެއް ކުރެއްވުމަށެވެ. ލިޔާ ލިޔުމަކާއި ގެނެސްދޭ ޚަބަރަކީ، ތެދު މަޢުލޫމާތުގެ މައްޗަށް އޮންނަ ލިޔުމެއްތޯ ބެއްލެވުމަކީ ސަމްޢާން އަބަދުވެސް ކުރައްވާ ކަމެކެވެ. އަދި އެ ލިޔުމަކާ ގުޅޭ ހުރިހާ ފަރާތެއްގެ ބަސް ހިމެނުމަށް އިސްކަން ދެއްވުމާއެކު، އިތުބާރު ހިފޭ ނޫސްވެރިކަމެއް "ދަ ޕްރެސް"އިން ކޮށް، އެ ނޫހަކީ މަޤްބޫލު ނޫހަކަށް ހެއްދެވުމަކީ ސަމްޢާންގެ އެންމެ މުހިންމު އަމާޒެވެ.