އަލްފާޟިލް ޙަސަން ޙުސައިންފުޅު
އައިރިސްގެ ރ. ކަނދޮޅުދޫ

ޙަސަން ޙުސައިންފުޅު ފެހުމުގެ މަސައްކަތް ފެށްޓެވީ އުމުރުން އެންމެ 12 އަހަރުގައެވެ. ބޭބެއާއެކު މަސައްކަތް ފަށްޓަވައި، އުފަން ރަށް ކަނދޮޅުދޫގައި، ސްކޫލް ކުދިންގެ ޔުނީފޯމް ފެހުމުގެ މަސައްކަތް ކުރެއްވިއެވެ. 1987 ވަނަ އަހަރު މާލެއަށް ދިރިއުޅުން ބަދަލުކުރެއްވުމާ ހަމައަށްވެސް ރަށުގައި އެ މަސައްކަތް ކުރިއަށް ގެންދެވިއެވެ. މާލޭގައި ފަހާތަނެއް ހުޅުއްވައިގެން މަސައްކަތް ފެށްޓެވީ 1989 ވަނަ އަހަރުއެވެ. ސަރުކާރުގެ ވަޒީފާއެއް އަދާކުރެއްވުމުގެ އިތުރުން، ފެހުމުގެ މަސައްކަތަށް މުޅި އާމްދަނީ ބިނާކުރެއްވީވެސް އެ އަހަރުގެ ތެރޭގައެވެ.

ޙަސަން ޙުސައިންފުޅު، މާލޭގައި ފުރަތަމަ މަސައްކަތް ފެށްޓެވީ، ދެ މުވައްޒަފުންނާ އެކުގައެވެ. އޭރުވެސް ދެ ޖިންސުގެ މީހުންގެ ހެދުން ފެހުމާއި، މާޖެހުމުގެ މަސައްކަތުގެ އިތުރުން، އެކި ވައްތަރުގެ ހެދުން ފަރުމާކުރެއްވުމުގެ މަސައްކަތްވެސް ކުރައްވަމުން ގެންދެވިއެވެ.

ޒުވާނުންނަށް އަމާޒު ކުރައްވައިގެން ފެހުމާއި، އެކިއެކި ޑިޒައިންތައް ދަސްކޮށްދެއްވުމުގެ މަޤްޞަދުގައި މާލެއާއި، ބައެއް ރަށްރަށުގައި އެކިއެކި ކޯސްތައް ޙަސަން ޙުސައިން ވަނީ ހިންގަވައިފައެވެ. މިގޮތުން، 2003 ވަނަ އަހަރު، ފެހުމާއި މާޖަހަން ދަސްކޮށްދޭ ކޯސްތަކެއް މާލޭގައި ހިންގެވިއެވެ. އަދި 2012 ވަނަ އަހަރު ރ. ދުވާފަރާއި، ނ. ވެލިދުއާއި، ރ. މަޑުއްވަރިއާއި، ހދ. ކުމުންދޫގައި، ފެހުމާއި ޑިޒައިން ކުރުމުގެ ކޯސްތައް ހިންގެވިއެވެ. 2013 ވަނަ އަހަރު ބ. ކުޑަރިކިލާއި، ހދ. ވައިކަރަދޫގައިވެސް ފެހުމާއި ޑިޒައިން ކުރުމުގެ ކޯސްތައް ހިންގެވިއެވެ.

2018 ވަނަ އަހަރު އަދި 2019 ވަނަ އަހަރު، މޯލްޑިވްސް މީޑިއާ އިންސްޓިޓިއުޓްގައި، މެލޭޝިއާގެ ލިމްކޮކް ވިންގގެ ލޭޑީޒް ޑްރެސް މޭކިންގ ކޯހެއް ޙަސަން ޙުސައިން ވަނީ ހިންގަވައިފައެވެ. ކޯސް ހިންގެވުމަށް ބޭނުންކުރައްވާ ފިލާވަޅުތަކާއި، ނަމޫނާ ޕެޓަރންތަކަކީ ޙަސަން ޙުސައިންފުޅު އަމިއްލަފުޅަށް އެކުލަވައިލެއްވި ސިލަބަހެއްގެ މައްޗަށް ތައްޔާރުކުރައްވައިފައިވާ ފިލާވަޅުތަކަކާއި ނަމޫނާތަކެކެވެ.

ޙަސަން ޙުސައިންފުޅު އަބަދުވެސް މަސައްކަތް ކުރައްވަމުން ގެންދެވީ، އެވަގުތަކު މަސައްކަތް ފުޅާކުރެއްވެން އޮތް މިންވަރަކަށް މަސައްކަތް ފުޅާކުރެއްވުމަށެވެ. މިގޮތުން، ފެހުމުގެ މަސައްކަތް ކުރައްވަމުން ގެންދެވި ތަން، 2011 ވަނަ އަހަރު ބޮޑުކުރައްވައި، މުވައްޒަފުން އިތުރުކުރެއްވިއެވެ. އަދި ރާއްޖޭގައި ކުރިން ލައިއުޅުނު ޢާންމު ހެދުމާއި، ޤައުމީ އަދި ސަގާފީ ހެދުންތަކާއި އެއާގުޅޭ ގަހަނާ، ޢާންމުންނަށާއި، ކައިވެނީގެ ޙަފްލާތަކަށް އަދި ޚާއްޞަކޮށް، ސްކޫލްތަކުގައި ބާއްވާ އެކިއެކި އިވެންޓްތަކުގައި ބޭނުންކުރުމަށް ސްކޫލް ކުދިންނަށް ކުޑަ އަގެއްގައި ކުއްޔަށް ލިބޭނެ އިންތިޒާމު ހަމަޖެއްސެވިއެވެ. އަދި ކާބަފައިން ހިފައި ގެންގުޅުނު ތަކެއްޗާއި، އެނޫންވެސް އެހެން ބައެއް ތަކެތި، ހެޔޮ އަގެއްގައި ކުއްޔަށް ދޫކުރައްވަމުން ގެންދަވައެވެ. މިއީ ގިނަ ބަޔަކަށް ލުއިފަސޭހަތަކެއް ލިބިގެންދިޔަ ކަމެކެވެ. ސަބަބަކީ، ސަގާފީ ހެދުންތަކަކީ އަގުބޮޑު ހެދުންތަކަކަށްވުމާއެކު، ހެޔޮ އަގެއްގައި އެފަދަ ހެދުން ބޭނުންކުރުމަށް ލިބޭނެގޮތް ހަމަޖެހިގެންދިޔުމަކީ، ފޯރުންތެރިކަންކުޑަ ގިނަ ބަޔަކަށް ލިބިގެންދިޔަ ލުއިފަސޭހަ ޚިދުމަތަކަށްވާތީއެވެ.

ޙަސަން ޙުސައިންފުޅު މި ދާއިރާއިން ހިލޭސާބަހަށް ކޮށްދެއްވައިފައިވާ މަސައްކަތްތަކުގެ ތެރޭގައި، ފިލްމު އެވޯޑު ޙަފްލާއަކަށް ހިލޭ ހެދުން ފަރުމާކޮށްދެއްވުމާއި، އެކިއެކި ޤައުމީ މުނާސަބަތުތަކަށާއި، އެހެން ބައެއް މުނާސަބަތުތަކަށް ހެދުން ފަރުމާކުރެއްވުމާއި، ފަހަން ދަސްކޮށްދޭ ކޯސްތައް ހިންގެވުން ހިމެނެއެވެ.

އިންޑިއާގެ ބެންގަލޫރުގެ ފޯރޗޫން އިންސްޓިޓިއުޓުން ޙަސަން ޙުސައިންފުޅު ވަނީ އެއް އަހަރު ދުވަހުގެ ފެޝަން އެންޑް ޑިޒައިނިންގ މެނޭޖްމަންޓް ކޯހެއް ފުރިހަމަކުރައްވައިފައެވެ. އަދި މެލޭޝިއާގެ "ލިމްކޮކްވިންގ ލޭޑީޒް ޑްރެސް މޭކިންގ ކޯސް" ރާއްޖޭގައި ހިންގުމުގެ ފުރުޞަތުވެސް ޙަސަން ޙުސައިންފުޅަށް ލިބިވަޑައިގެންފައިވެއެވެ. މި ރޮނގުން ލިބިވަޑައިގެންފައިވާ ތަޖުރިބާތަކުގެ އަލީގައި، ފެހުމާއި މާޖަހަން ދަސްކޮށްދިނުމަށް އެކިއެކި ފޮތްތައްވެސް ޙަސަން ޙުސައިންފުޅު ވަނީ ތައްޔާރު ކުރައްވައިފައެވެ.

ފެހުމުގެ ކޯސްތައް ހިންގާނޭ އަމިއްލަފުޅު އިންސްޓިޓިއުޝަނެއް އުފެއްދެވުމަކީ، ޙަސަން ޙުސައިންފުޅު އަބަދުވެސް އިންތިޒާރު ކުރައްވާ އަދި ދެކެވަޑައިގަންނަވަން އެންމެ ބޭނުންފުޅުވާ ދުވަހެވެ. އެ މަސައްކަތަށް މަގުފަހިކުރެއްވުމަށްޓަކައި ކުރައްވަންޖެހޭ ކަންކަން މިހާރު ގެންދަވަނީ ކުރައްވަމުންނެވެ.