ޑޮކްޓަރ މުޙައްމަދު ޝާފިޢުއަކީ އޮޕަރޭޝަނާ ބެހޭ ދާއިރާގައި 18 އަހަރަށް ވުރެ ދިގު މުއްދަތެއްގައި ރާއްޖޭގައި ޚިދުމަތް ކުރައްވައިފައިވާ، މިހާރުވެސް އެ ޚިދުމަތުގައި ދެމިހުންނެވި ބޭފުޅެކެވެ. އަދި ރާއްޖޭގެ އެންމެ ފުރަތަމަ ކާރޑިއޯ ވެސްކިއުލަރ އެންޑް ތޮރޭސިކް ސާރޖަން އެވެ. ކާރޑިއޯ ވެސްކިއުލަރ އެންޑް ތޮރޭސިކް ސާރޖަރީއަކީ، ފުއްޕާމެޔާއި، ހިތާއި، ހިތާ ގުޅިފައިވާ ބޮޑެތި ލޭހޮޅިތަކުގެ ބަލިތަކާއި އައިބުތައް ރަނގަޅު ކުރުމަށް ކުރާ އޮޕަރޭޝަންތަކެވެ.
ޑޮކްޓަރ މުޙައްމަދު ޝާފިޢުގެ މެޑިކަލް ޙަޔާތްޕުޅު ފެށްޓެވީ 1996ގައި އިންޑިއާއިން އެމް.ބީ.ބީ.އެސް. ފުރިހަމަ ކުރެއްވުމަށްފަހު، އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލުގައެވެ. އޭގެފަހުން ނޭޕާލުން، ޖެނެރަލް ސާރޖަރީގެ ރޮނގުން ތަޢުލީމާއި ތަމްރީނު ހޯއްދެވުމަށްފަހު 2002 ވަނަ އަހަރު ރާއްޖެއަށް ވަޑައިގެން އޮޕަރޭޝަން ކުރާ ޑޮކްޓަރެއް (ސާރޖަންއެއް) ގެ ގޮތުގައި 8 އަހަރު ޚިދުމަތް ކުރެއްވިއެވެ.
ޑޮކްޓަރ ޝާފިޢުއަކީ އަބަދުވެސް މުޅި ޞިއްޙީ ދާއިރާގެ ކުރިއެރުމަށާއި، އަމިއްލަފުޅު ކުރިއެރުމަށް ލޯބިކުރައްވާ ބޭފުޅަކަށްވާތީ، ސަބް-ސްޕެޝަލައިޒް ވެވަޑައިގަތުމަށް 2010 ވަނަ އަހަރު ލިބިވަޑައިގެންނެވި ފުރުޞަތުގައި، އިންޑިއާއިން ޓްރޭނިންގ ފުރިހަމަ ކުރެއްވުމަށްފަހު، "ކާޑިއޯ ވެސްކިއުލަރ އެންޑް ތޮރޭސިކް ސާރޖަން"އެއްގެ ގޮތުގައި އައި.ޖީ.އެމް. ހޮސްޕިޓަލުގެ ޚިދުމަތާ އަލުން ގުޅިވަޑައިގަތީ 2013 ވަނަ އަހަރުއެވެ. އަދި 5 އަހަރު އައި.ޖީ.އެމް. ހޮސްޕިޓަލުގައި ޚިދުމަތް ކުރެއްވިއެވެ.
ފެބުރުވަރީ 2018 އިން ފެށިގެން ޑޮކްޓަރ ޝާފިޢު ޚިދުމަތް ކުރައްވަމުން ގެންދަވަނީ އޭ.ޑީ.ކޭ. ހޮސްޕިޓަލުގައެވެ. އެ ހޮސްޕިޓަލުގައި 15 މާރިޗު 2018 ގައި ހުޅުވުނު ޒަމާނީ ފެންވަރުގެ ކާޑިއެކް ސެންޓަރު ޤާއިމުކުރެއްވުމުގައި ޑޮކްޓަރ ޝާފިޢުގެ ފަންނީ އެހީތެރިކަން އެ ހޮސްޕިޓަލަށް ވަނީ ފޯރުކޮށްދެއްވައިފައެވެ. އަދި ހިތާއި ފުއްޕާމޭގެ ބަލިތަކާބެހޭ ކަންކަމުގައި މަޢުލޫމާތު ފޯރުކޮށްދެއްވުމަށާއި، ޢާންމުންގެ އިތުބާރު ހޯއްދެވުމަށް އަމިއްލަފުޅު އިސްނެންގެވުމުގެ މަތިންވެސް ގިނަ މަސައްކަތްތަކެއް ވަނީ ކުރައްވައިފައެވެ.
އޭ.ޑީ.ކޭ. ހޮސްޕިޓަލުގެ ކާޑިއެކް ސެންޓަރު ހުޅުވުމާ ވިދިގެން "އޯޕަން ޑޭ" ގެ ނަމުގައި ޙަރަކާތްތަކެއް ކުރިއަށް ގެންދެވުނެވެ. މިއީ ހިތުގެ އޮޕަރޭޝަން ކުރުމުގެ ޚިދުމަތްތަކާއި، ތިއޭޓަރާއި، މެޝިނަރީތަކާއި، އާލާތްތައް ޢާއްމުންނަށް ދައްކައިލުމަށާއި މަޢުލޫމާތު ފޯރުކޮށްދިނުމަށް ހިންގުނު 5 ދުވަހުގެ ޙަރަކާތެކެވެ. އެކި ދާއިރާތަކުގެ ފަންނީ ބޭފުޅުންނާއި، ބައެއް ސްކޫލުތަކުގެ ދަރިވަރުންނާއި، ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންވެސް މި ޙަރަކާތުގައި ބައިވެރިވިއެވެ.
ޑޮކްޓަރ ޝާފިޢުގެ މެޑިކަލް ޙަޔާތްޕުޅުގައި އެންމެ ފާހަގަކުރެވޭ އެއްދުވަހަކީ، 2018 ވަނަ އަހަރުގެ އޮގަސްޓު މަހުގެ 8 ވަނަ ދުވަހެވެ. އެ ދުވަހަކީ، ޑޮކްޓަރ ޝާފިޢުއާއި އޭ.ޑީ.ކޭ. ހޮސްޕިޓަލްގެ ކާޑިއެކް ޓީމުން ދިވެހިރާއްޖޭގައި ފުރަތަމަފަހަރަށް "ކޮރޮނަރީ އާރޓަރީ ބައިޕާސް ސަރޖަރީ" ހެދި ދުވަހެވެ. އަދި އޭގެ ތިން ދުވަސްފަހުން، އޮގަސްޓު މަހުގެ 11 ވަނަ ދުވަހު، އޯޕަން ހާޓް ސާރޖަރީއެއް ހައްދަވައިގެން ޑޮކްޓަރ ޝާފިޢު ތާރީޚުން އިތުރު ޖާގައެއް ހޯއްދެވިއެވެ. އެއީ "މައިޓްރަލް ވެލްވް ރިޕްލޭސްމަންޓް ސާރޖަރީ" އެކެވެ. މި ދެ އޮޕަރޭޝަންވެސްވީ ކާމިޔާބު ދެ އޮޕަރޭޝަނަކަށެވެ.
މީގެ އިތުރުން، ރާއްޖޭގައި އަލަށް "ޕީޑިއޭޓްރިކް ކާޑިއެކް ސާރޖަރީ" އެއް 2020 ވަނަ އަހަރު ޖޫންމަހުގެ 21 ވަނަ ދުވަހު ވަނީ ހައްދަވައިފައެވެ. އެއީ، އުމުރުން 12 ދުވަސްވީ ތުއްތުކުއްޖެއްގެ ހިތުގެ މައިހޮޅި "ރިޕެއަރ" ކުރުމުގެ އޮޕަރޭޝަނެކެވެ. އެއީވެސް ފާހަގަކޮށްލެވޭ ކާމިޔާބު އޮޕަރޭޝަނެކެވެ. ޑޮކްޓަރ މުޙައްމަދު ޝާފިޢުގެ ޚިދުމަތް ފާހަގަކުރެވިގެންދަނީ ހަމައެކަނި ކުރައްވާ ކާމިޔާބު އޮޕަރޭޝަންތަކުގެ ސަބަބުންނެއް ނޫނެވެ. އޮޕަރޭޝަންގެ ފަހުން ބަލިމީހާއަށް ވާނުވާގޮތް، އެހެންމީހަކަށް ބަރޯސާނުވެ، އަމިއްލަފުޅަށް ބެއްލެވުމަށް ދެއްވާ އަހަންމިއްޔަތުގެ ސަބަބުންވެސްމެއެވެ.
ހަމައެހެންމެ، ކާޑިއެކް ކެއާރގެ ދާއިރާއިން މީހުން ބިނާކުރެއްވުމަށް ސީ.ސީ.ޔޫ.ގައި މެޑިކަލް އޮފިސަރުންނާއި ނަރުހުން ތަމްރީނު ކުރެއްވުމުގެ މަސައްކަތްވެސް ޑޮކްޓަރ ޝާފިޢު ކުރިއަށް ގެންދަވައެވެ. އޭ.ޑީ.ކޭ. ހޮސްޕިޓަލުން ހިތުގެ އޮޕަރޭޝަން ކުރުމުގެ ޚިދުމަތް ދެމުން ގެންދާތާ ދެއަހަރު ފުރުން ފާހަގަކުރުމަށް 2020 ވަނަ އަހަރު އޮގަސްޓު މަހުގެ 8 ވަނަ ދުވަހު ބޭއްވުނު މަސައްކަތު ބައްދަލުވުން، "އަ ޑޭ އިން ކާރޑިއެކް ސާރޖަރީ" އަކީވެސް ޑޮކްޓަރ ޝާފިޢުގެ އަމިއްލަފުޅު އިސްނެންގެވުމުގެ މަތިން ބޭއްވި މަސައްކަތު ބައްދަލުވުމެކެވެ. މި މަސައްކަތު ބައްދަލުވުމުގައި ރާއްޖޭގެ އެހެން ހޮސްޕިޓަލުތަކުގައި މަސައްކަތް ކުރައްވާ ޑޮކްޓަރުންނާއި ނަރުހުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ. ވާރކްޝޮޕްތަކުގެ އިތުރުން، ޓީވީ މެދުވެރިކޮށް ފޮނުވާ މަޢުލޫމާތު ދިނުމާއި ޢާއްމުން ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތަކުގައިވެސް ޑޮކްޓަރ ޝާފިޢު ބައިވެރިވެވަޑައިގަންނަވައެވެ.
ކުރިން ރާއްޖެއިން ބޭރުންނޫނީ ނުކުރެވޭ، ހިތާއި ފުއްޕާމޭގެ އޮޕަރޭޝަންތައް މިހާރު ރާއްޖޭގައި ކުރެވޭކަމީ ދިވެހިންނަށާއި، ޞިއްޙީ ދާއިރާގައި މަސައްކަތް ކުރައްވާ ހުރިހާ ފަރާތްތަކަށް ވަރަށްބޮޑު ހިތްހަމަޖެހުމަކާއި އުފަލެއް ލިބިދޭނެ ކަމެކެވެ. މިގޮތުން ޑޮކްޓަރ ޝާފިޢުއާއި، ޝާފިޢުއާ އެކުގައި މަސައްކަތް ކުރައްވާ ޓީމުން މިވޭތުވެދިޔަ ދެ އަހަރުދުވަހުގެ ތެރޭގައި ކާޑިއެކް ސާރޖަރީގެ 70 އަށްވުރެ ގިނަ އޮޕަރޭޝަން ރާއްޖޭގައި ކުރައްވައިފައި ވެއެވެ.