އަލްފާޟިލް ޙަސަން މުޙައްމަދު
މއ. މާވަރު

ރާއްޖޭގެ ތަޢުލީމީ ދާއިރާގައި، ޚިދުމަތް ކުރައްވަމުން ގެންދަވާތާ މިހާރު 29 އަހަރަށްވުރެ ދިގު މުއްދަތެއް ވެފައިވާ، ޖަމާލުއްދީން ސްކޫލްގެ ޕްރިންސިޕަލް ކަމުގެ މަގާމުގައި ހުންނެވި ޙަސަން މުޙައްމަދަކީ، ދިވެހިރާއްޖޭގެ ތަޢުލީމު ކުރިއެރުވުމަށް އިޚްލާޞްތެރި ޚިދުމަތްތަކެއް ކުރައްވައިފައިވާ އަދި މިހާރުވެސް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.

ޙަސަން މުޙައްމަދުގެ ޚިދުމަތްތަކުގެ ތެރެއިން ފާހަގަކޮށްލެވޭ އެންމެ މުހިންމު އެއް ޚިދުމަތަކީ، ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނަށާއި މީހުންނަށް، އެމީހުންގެ ޙައްޤުތައް ހޯއްދަވައިދެއްވުމަށް އަދާކުރައްވަމުން ގެންދަވާ މުހިންމު ދައުރެވެ. މިގޮތުން، އެފަދަ ކުދިންނަށާއި މީހުންނަށް ޚިދުމަތް ކުރެއްވުމާއި، ފުދުންތެރި ބަޔަކަށް ހެއްދެވުމަށް މަސައްކަތް ކުރެއްވުމާއި، ކުޑަކުދިންނަށް ރައްކާތެރި މުޖުތަމަޢެއް ޤާއިމުކޮށްދެއްވުމަށް މަސައްކަތް ކުރެއްވުމާއި، ކުޑަކުދިންނާއި ޒުވާނުންގެ މެދުގައި އިޖުތިމާޢީ އާދަތައް އަށަގަންނަވައި، ޒިންމާދާރު ބައެއްގެ ގޮތުގައި ތަރުބިއްޔަތު ކުރެއްވުން ހިމެނެއެވެ.

މިކަންކަމުގެ ތެރޭގައި އުފެދުނު "މޯލްޑިވްސް ޑެފް އެސޯސިއޭޝަން" ވުޖޫދުވުމުގެ އެންމެ މުހިންމު އެއް މޭސްތިރިއަކީ ޙަސަން މުޙައްމަދެވެ. މި ޖަމުޢިއްޔާ ހިންގުމުގައި، މާލީގޮތުންނާއި އިންސާނީ ވަސީލަތުގެ ގޮތުން އެންމެބޮޑު އެހީތެރިކަމެއް ވެދެއްވި އެއްބޭފުޅަކީވެސް ޙަސަން މުޙައްމަދެވެ. މިގޮތުން، އެ ޖަމުޢިއްޔާގެ މެންބަރުންނަށް ސައިން ލޭންގުއޭޖް ކްލާސްތައް ހިންގެވުމާއި، އަޑުއިވުމުން މަޙްރޫމުވެފައިވާ ކުދިންނާ ދޭތެރޭގައި މުޖުތަމަޢު ދެކޭގޮތް ބަދަލުކުރުމުގެ މަސައްކަތްވެސް ޙަސަން މުޙައްމަދު ވަނީ ކުރައްވައިފައެވެ. އަދި އެފަދަ ކުދިންގެ ހުނަރުވެރިކަން އިތުރުކުރެއްވުމުގެ ގޮތުން، މަސައްކަތްތެރިކަމުގެ ތަފާތު ޕްރޮގްރާމްތައް، ކަމާބެހޭ ފަރާތްތަކާ ގުޅިގެން ކުރިއަށް ގެންދެވުމާއި، އެ ކުދިންނަށް ޚާއްޞަ ކުރައްވައިގެން މުނިފޫހިފިލުވުމުގެ ޕްރޮގްރާމްތައް ރާއްވަވައި ހިންގެވުމުގައިވެސް ޙަސަން މުޙައްމަދު މުހިންމު ދައުރެއް އަދާކުރެއްވިއެވެ.

ރާއްޖޭގައި ފުރަތަމަފަހަރަށް ސައިން ލޭންގުއޭޖް ޑިކްޝަނަރީއެއް އެކުލަވައިލެއްވުމުގައި އެންމެ އިސްކޮށްހުންނަވައިގެން އެކަމަށް ބޭނުންވާ ފަންނީ ލަފާ ދެއްވަމުން ގެންދެވި އެއްބޭފުޅަކީވެސް ޙަސަން މުޙައްމަދެވެ. މީގެއިތުރުން، "ބޭސިކް ލިޓްރަސީ ޕްރޮގްރާމް ފޮރ ދަ ޑެފް"ގެ ނަމުގައި ޑެފް އެސޯސިއޭޝަންގެ މެންބަރުންނަށް ލިޔަންކިޔަން ދަސްކޮށްދެއްވުމުގެ ޕްރޮގްރާމާއި، ލީޑަރޝިޕް ޓްރޭނިންގ ޕްރޮގްރާމް ހިންގަވައިދެއްވައިފައިވެއެވެ.

ޙަސަން މުޙައްމަދަކީ، އަޑުއިވުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ޙައްޤުތައް ހޯއްދަވައިދެއްވުމަށާއި، އެ ޙައްޤުތަކުގެ ކަށަވަރުކަން ހޯއްދަވައި ދެއްވުމަށާއި، އެފަދަ ފަރާތްތަކުގެ ފައިދާއާއި މަންފާއަށް އަޑުއުފުއްލަވައި އަދި އެފަދަ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތުތައް ހޯއްދަވައިދެއްވުމަށް ވަކާލާތު ކުރައްވަމުން ގެންދަވާ ބޭފުޅެއްވެސްމެއެވެ.

ޖަމާލުއްދީން ސްކޫލްގެ ޕްރިންސިޕަލްގެ މަގާމުގައި ހުންނަވައިގެން، ޚާއްޞަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ސާނަވީ ތަޢުލީމާ ހަމަޔަށް ކިޔަވައިދެއްވުމުގައި އަދާކުރެއްވި ދައުރާއި، އެފަދަ ކުދިންނަށް ޖީ.ސީ.އީ. އޯލެވެލް އިމްތިޙާނުގައި ބައިވެރިވުމުގެ ފުރުޞަތު ހޯއްދަވައިދެއްވުމުގައި ކުރެއްވި މަސައްކަތްޕުޅު ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލަންޖެހެއެވެ. ޙަސަން މުޙައްމަދު ގިނަބަޔަކަށް އެނގެން ފެށީވެސް ޕްރިންސިޕަލުންގެ ތެރެއިން، ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނަށް ތަފާތު ޕްރޮގްރާމްތައް ހިންގަވާ ޚިދުމަތްތެރި ޕްރިންސިޕަލެއްގެ ގޮތުންނެވެ.

ޙަސަން މުޙައްމަދު، ސަރުކާރަށް ޚިދުމަތް ކުރައްވަން ފެށްޓެވީ 9 ޖޫން 1990ގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ޓްރޭނީ ހެޑްމާސްޓަރެއްގެ ވަޒީފާއިންނެވެ. ފުރުއްވި ބައެއް އެހެން މަގާމުތަކުގެ ތެރޭގައި، ތަޢުލީމާއި ތަމްރީނު ދިނުމުގެ ކުޑަކުދިންގެ ޚާއްޞަ މަރުކަޒުގެ މުދީރުކަމާއި، މުޙްޔިއްދީން ސްކޫލްގެ އެސިސްޓެންޓް ޕްރިންސިޕަލްކަމާއި، ސީނިއަރ އެސިސްޓެންޓް ޕްރިންސިޕަލްކަން ހިމެނެއެވެ. 8 ޖޫން 2006ން ފެށިގެން ޙަސަން މުޙައްމަދު ޚިދުމަތް ކުރައްވަމުން ގެންދަވަނީ، ޖަމާލުއްދީން ސްކޫލްގައެވެ. ޕްރިންސިޕަލަކަށް ވެވަޑައިގަތުމުގެ ކުރިން އެ ސްކޫލްގެ ޑެޕިއުޓީ ޕްރިންސިޕަލްކަންވެސް ޙަސަން މުޙައްމަދު ކުރެއްވިއެވެ.

ތަޢުލީމާއި ތަމްރީނު ދިނުމާއި ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކާބެހޭ ކަންކަން ހިންގަވައި ރޭއްވެވުމާ ބެހޭގޮތުން ޙަސަން މުޙައްމަދު ވަނީ އެކިއެކި ޤައުމުތަކުގައި ހިންގުނު ތަމްރީނު ޕްރޮގްރާމްތަކުގައި ބައިވެރިވެވަޑައިގެން ޢަމަލީ ތަޖުރިބާ ހޯއްދަވައިފައެވެ. ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނާއި މީހުންގެ ޙައްޤުތައް ހޯއްދަވައިދެއްވުމަށާއި، އެމީހުންނަކީ، މުޖުތަމަޢުގައި ބޭނުންތެރި ބަޔަކަށް ހެއްދެވުމުގެ ޢަމަލީ މަސައްކަތާއި، އެ މަސައްކަތް އިތުރަށް ފުޅާކުރައްވައި ހަރުދަނާ ކުރެއްވުމަށް ޙަސަން މުޙައްމަދު އަދާކުރައްވާ ދައުރުވެސް ފާހަގަކޮށްލަންޖެހެއެވެ.