އަލްފާޟިލް މުޙައްމަދު ޠާރިޤު
ރަތްވިލާގެ ނ. މަނަދޫ

މުޙައްމަދު ޠާރިޤަކީ މަދުރަސީ ދައުރުއްސުރެން ފެށިގެން ދިވެހިވަންތަކަމަށާއި، ދިވެހި ތާރީޚަށާއި ޘަޤާފަތަށާއި ތަރިކައަށް ޚާއްޞަ ލޯތްބެއް ހިތްޕުޅުގައި އުފެދިފައިވާ ބޭފުޅެކެވެ. މިކަން ހާމަވެގެންދަނީ، މަދަރުސީ ދައުރުގައި ދިވެސް އަކުރު ކޯސް ފުރިހަމަކުރެއްވުމާއި، އެވޭލާ އަކުރުވެސް ދަސްކުރައްވައިފައިވާތީއެވެ. ނަތީޖާއެއްގެ ގޮތުން ފުރަތަމަ ވަޒީފާ އަދާކުރައްވަން ފެށްޓެވީ، ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުގައެވެ. ތާރީޚާއި ޘަޤާފަތާއި ތަރިކަ ރައްކައުތެރިކުރެއްވުމަށް 1988 ވަނަ އަހަރު ފެށްޓެވި މަސައްކަތުގައި މިހާރުވެސް ޠާރިޤު ދެމިހުންނެވީ، ޤައުމީ ތަރިކައިގެ ދާއިރާއިން ޤައުމަށް ޚިދުމަތްތަކެއް ކޮށްދެއްވުމުގެ މަތިވެރި ޢަޒުމުގެ ސަބަބުންނެވެ.

ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުގައި މުޙައްމަދު ޠާރިޤު ފުރަތަމަ ޚިދުމަތް ކުރައްވަން ފެށްޓެވީ ރިސާރޗް އޮފިސަރ (ޓްރޭނީ)ގެ މަގާމުގައެވެ. އޭގެފަހުން އެ މަރުކަޒުގެ ތަފާތު މަގާމުތައް ފުރުއްވައިފައިވެއެވެ. އަދި މިނިސްޓަރ އޮފް ޓޫރިޒަމް، އާޓްސް އެންޑް ކަލްޗަރގެ ނާއިބުގެ މަގާމުގައި ހުންނަވައިގެން އެ މަރުކަޒު ހިންގެވުމުގެ ބުރަ މަސްއޫލިއްޔަތުވެސް އުފުއްލެވިއެވެ. މި މަސައްކަތުގެ ތެރެއިން، ތަރިކަ ޙިމާޔަތްކުރުމާއި، ކޮންޒަރވޭޝަން ޕްރިޒަރވޭޝަންގެ ރޮނގުން އެކިއެކި ތަމްރީނު ޕްރޮގްރާމްތައް ރާއްޖެއާއި ރާއްޖެއިން ބޭރުގައި ފުރިހަމަކުރައްވައި، އަމަލީގޮތުން އެ މަސައްކަތް ރާއްޖޭގައި ކުރައްވައި، ތަރިކައާއި ތާރީޚުގެ އެކި ވަރކްޝޮޕްތަކާއި ސެމިނާރުތަކުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

ތަރިކަ ޙިމާޔަތް ކުރެއްވުމުގެ މަސައްކަތުގެ ތެރެއިން ރާއްޖޭގެ އެކި ރަށްރަށަށް ދަތުރުކުރައްވައި އާސާރީ ތަންތަނުގެ ހާލަތު ބައްލަވައި، އެތަންތަނުގެ ފޮޓޯތައް ނަންގަވައި، އެކި ދިރާސާތަކުގެ މައްޗަށް ރިޕޯޓުތައް އެކުލަވައި ލިޔުއްވިއެވެ. މި މަސައްކަތުގައި ރާއްޖޭގައި މީހުން ވަޒަންވެރިވެ އުޅޭ ހުރިހައި ރަށަކަށާއި، ޤައުމީ ތަރިކައާއި ތާރީޚާ ގުޅޭ އެއްވެސް ނިޝާނެއް ހުރިކަމަށް ބުނާ ކޮންމެ ފަޅުރަށަކަށް ޠާރިޤު ދަތުރުކުރެއްވިއެވެ.

ރަސްމީ ވަޒީފާގެ އިތުރުން، މި ދާއިރާއިން މީހުން ހޭލުންތެރިކުރެއްވުމަށް އަމިއްލަފުޅު ހައިސިއްޔަތުން ޠާރިޤު ކުރައްވައިފައިވާ މަސައްކަތްޕުޅުވެސް ފާހަގަކޮށްލަންޖެހެއެވެ. ތަރިކައާބެހޭ މަޢުލޫމާތު އެއްކުރެއްވުމުގެ ގޮތުން، ރަށްރަށަށް ކުރެއްވި ދަތުރުފުޅުތަކުގައި، ބައެއް ރަށްރަށުގައި ގިނަ ދުވަސްތަކަކު ހުންނަވައިގެން، އެ ރަށްރަށުގައި ހުރި އާސާރީ ތަންތަނާއި ތަކެތީގެ މަޢުލޫމާތު އެއްކުރެއްވުމާއި، އާބާތުރަފިލުވައި ދެމެހެއްޓެނިވި ގޮތެއްގައި ގިނަ ދުވަހަށް ރައްކާތެރިކުރެއްވުމުގެ މަސައްކަތުގައި ބައިވެރިވެވަޑައިގެންނެވިއެވެ. މިގޮތުން، އދ. ފެންފުށީ އާސާރީ މިސްކިތުގެ އާބާތުރަފިލުވައި، ގިނަ ދުވަހަށް ދެމިހުންނާނެ ގޮތަށް ހެދުމުގެ މަސައްކަތާއި، ކ. ކާށިދޫ އާސާރީ ސަރަޙައްދު (ކުރުހިންނަ ތަރާގަނޑު) ކޮނެ، ސައިންޓިފިކް އުސޫލުން، ދިރާސާކުރުމުގައި އޮސްލޯ ޔުނިވަރސިޓީގެ ބޭފުޅުންނާ އެކީގައި ކުރެއްވި މަސައްކަތްތަކާއި، ހއ. ބާރަށު އާސާރީ މިސްކިތް މަރާމާތު ކުރުމުގެ މަސައްކަތުގައިވެސް ޠާރިޤު ޢަމަލީގޮތުން ބައިވެރިވެވަޑައިގެންނެވިއެވެ.

މުޙައްމަދު ޠާރިޤު އިސްވެ ހުންނަވައިގެން މި ދާއިރާގައި ކުރައްވައިފައިވާ ފާހަގަކުރެވޭ އެހެން މަސައްކަތްޕުޅުތަކުގެ ތެރޭގައި، ލ. އިސްދުއާއި، އެ އަތޮޅު ގަމުގައި ހުރި އާސާރީ ސަރަހައްދު ރައްކާތެރިކުރުމަށް ތޮށިލުމާއި، އދ. ފެންފުށީ މިސްކިތާއި، މާލޭ ދަރުމަވަންތަ މިސްކިތް، ސައިންޓިފިކް އުސޫލުގެ ދަށުން ޕްރިޒަރވްކޮށް، ގިނަ ދުވަހަށް ދެމިހުންނާނެގޮތަށް ޙިމާޔަތްކުރުމުގެ މަސައްކަތް، އިންޑިޔާގެ ނޭޝަނަލް ރިސާރޗް ލެބޯރެޓަރީ ފޮރ ކޮންޒަރވޭޝަންގެ ތަޖުރިބާކާރުންނާއެކު ކުރެއްވުން ހިމެނެއެވެ. މާލޭ ޢީދު މިސްކިތް ގިނަދުވަހަށް ދެމިހުންނާނެގޮތަށް ރައްކާތެރިކުރުމުގެ މަސައްކަތަކީ ސީދާ ޠާރިޤު އަމިއްލަފުޅަށް ކުރެއްވި، ފާހަގަކޮށްލެވޭ ބޮޑު މަސައްކަތެކެވެ. ޠާރިޤަކީ 2007 ވަނަ އަހަރު އުފެއްދެވި ޤައުމީ ތާރީޚީ ކޮމިޓީގެ މެންބަރެކެވެ. އަދި 2011 ވަނަ އަހަރު އެކުލަވައިލެވުނު ތަރިކަ ކޮމިޓީގެ ނައިބު ރައީސްކަންވެސް ކުރެއްވި ބޭފުޅެކެވެ.

ރާއްޖޭގެ ޤައުމީ ތަރިކަ ރައްކައުތެރިކުރެއްވުމުގެ ގޮތުން ޠާރިޤު ކުރެއްވި އެންމެ މުހިންމު އެއް މަސައްކަތްޕުޅަކީ، ރައްޔިތުންގެ މަޖިލީހުގެ މަނަދޫ ދާއިރާގެ މެންބަރުކަން ކުރެއްވިއިރު، އަމިއްލަފުޅަށް އެކުލަވައިލައްވައި މަޖިލީހަށް ހުށަހެޅުއްވި "ދިވެހިރާއްޖޭގެ ޤައުމީ ޢަރުޝީފުގެ ޤާނޫނު" ގެ ބިލެވެ. އެ ބިލް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައި، ފާސްވެ ޤާނޫނަކަށް ވެގެންދިޔުމަކީ، މަރުކަޒީ ނިޒާމަކުން ދިވެހި ދައުލަތުގެ އެންމެހައި ލިޔެކިޔުންތަކާއި ރެކޯޑުތައް ވިލަރެސްކުރެވިގެން ރައްކައުތެރިކުރުމުގެ ތާރީޚީ ފެށުމެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ވޭތުވެދިޔަ 9 ވަރަކަށް އަހަރުގެ ތެރޭގައި ޢަރުޝީފުގެ ދާއިރާއިން މީގެކުރިން ދިވެހި ޤައުމަށް ނުލިބޭފަދަ ކުރިއެރުންތައް ލިބިފައިވާކަން ފާހަގަކޮށްލަންޖެހެއެވެ. މީގެ އިތުރުން "ކޮޕީރައިޓާއި އެއާގުޅޭ އެހެނިހެން ޙައްޤުތަކުގެ ޤާނޫނު"ގެ ބިލަކީވެސް ޠާރިޤު އަމިއްލަފުޅަށް އެކުލަވައިލައްވައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިގެން ފާސްކުރެއްވި ޤާނޫނެކެވެ. ދިވެހި ޤައުމަށްޓަކައި އަދި ރާއްޖޭގެ ތަރިކައާއި ކޮޕީރައިޓުގެ ޙައްޤުތައް ހޯއްދަވައިދެއްވުމަށް ޠާރިޤު ކުރެއްވި މި މުހިންމު މަސައްކަތްތައް ޚާއްޞަގޮތެއްގައި ފާހަގަކޮށްލަންޖެހެއެވެ.

މާލޭގައި ހުރި ކަޅުވަކަރު މިސްކިތް ރޫޅާލައި، މި އާސާރީ ބިނާ ރާއްޖޭގެ އެހެން ރަށަކަށް ބަދަލުކުރައްވަން 2016 ވަނަ އަހަރު އޭރުގެ ސަރުކާރުން ނިންމެވުމާ ގުޅިގެން، އެ މިސްކިތް ރޫޅާލައިގެން މާލެއިން ބޭރަށް ނުގެންދިއުމަށް ދިވެހި ދައުލަތުގެ މައްޗަށް އަމުރެއް ކޮށްދެއްވުން އެދިވަޑައިގެން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުއްވި ދެ ބޭފުޅުންގެ ތެރެއިން އެއް ބޭފުޅަކީވެސް މުޙައްމަދު ޠާރިޤެވެ. މިއީވެސް ރާއްޖޭގެ ތަރިކަ ޙިމާޔަތްކުރައްވައި ރައްކާތެރިކުރެއްވުމަށް ފަރުދީގޮތުން ޠާރިޤު ކުރެއްވި މުހިންމު މަސައްކަތްޕުޅެކެވެ.

މިހާރު ޢަމަލުކުރެވެމުންދާ ޤާނޫނު ނަންބަރު 12/2019 (ދިވެހިރާއްޖޭގެ ސަގާފީ ތަރިކައިގެ ޤާނޫނު) އާއި، އެ ޤާނޫނުގެ ދަށުން ހަދަންޖެހުނު ގަވާއިދުތައް ހެދުމުގައިވެސް އެންމެ އިސް ދައުރެއް އަދާކުރެއްވި އެއްބޭފުޅަކީ މުޙައްމަދު ޠާރިޤެވެ.