ޑޮކްޓަރ ސަޢުދުﷲ ޢަލީއަކީ، ދީނީ ހޭލުންތެރިކަން އިތުރުކުރެއްވުމުގެގޮތުން އަޅުގަނޑުމެންގެ ތެރޭގައި ވަރަށް މަޝްހޫރު ބޭފުޅެކެވެ. ސަޢުދުﷲ ޢަލީ، ޘާނަވީ ތަޢުލީމާއި، ފުރަތަމަ ޑިގްރީ ހާސިލުކުރެއްވީ، މިޞްރުގެ އަލްއަޒްހަރު ޔުނިވަރސިޓީއިންނެވެ. މާސްޓަރޒް ޑިގްރީ ހާސިލު ކުރެއްވީ މެލޭޝިޔާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީއިންނެވެ. ފުރަތަމަ ޑިގްރީއާއި މާސްޓަރޒް ޑިގްރީ، އެޑިޔުކޭޝަންގެ ދާއިރާއިން ހާސިލުކުރެއްވިއިރު ޚާއްޞަވެވަޑައިގަތީ އިސްލާމީ ތަޢުލީމުގެ ރޮނގުންނެވެ. ޕީ.އެޗް.ޑީ. ހާސިލުކުރެއްވީ، މެލޭޝިޔާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީއިން، އެޑިޔުކޭޝަންގެ ދާއިރާއިންނެވެ. ޕީ.އެޗް.ޑީ.ގެ ދިރާސާ ޚާއްޞަކުރެއްވީ، އިސްލާމީ ޘަޤާފާގެ މައްޗަށެވެ.
އިސްލާމީ ޘަޤާފާގެ ދިފާޢުގައި ޝައުޤުވެރިކަމާއެކު މަސައްކަތް ކުރައްވައި، އިސްލާމާއި ޤުރްއާން ކިޔަވައިދޭ މުދައްރިސުން އުފެއްދެވުމަށް ކުރެއްވި މަސައްކަތްތަކަކީ، ސަޢުދުﷲ ޢަލީގެ ޚިދުމަތުގެ ތެރެއިން 18 އަހަރުގެ ޚިދުމަތުގައި މެދުނުކެނޑި ކުރިއަށް ގެންދެވި އެންމެ މުހިންމު އެއް މަސައްކަތެވެ. މަތީތަޢުލީމުދޭ މުއައްސަސާތައް ހިންގެވުމުގައި ދިހަވަރަކަށް އަހަރު ސަޢުދުﷲ ހޭދަކުރައްވައިފައިވެއެވެ. މިހާރުވެސް އެކަމުގައި ކުރިއަށް ވަޑައިގަންނަވާއިރު، ޚާއްޞަ ޝައުޤުވެރިކަމަކާއެކު ކުރިއަށް ގެންދަވާ ޕްރޮފެޝަނަލް މަސައްކަތްތަކެއްގެ ގޮތުގައި ކަރިކިއުލަމް ފަރުމާކުރައްވައި ތަރައްޤީ ކުރެއްވުމާއި، ކިޔަވައި ދެއްވުމާއި، ފެންވަރު ވަޒަންކުރުމާ ގުޅޭ މަސައްކަތްތައް ކުރެއްވުން ހިމެނެއެވެ.
ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ޑޮކްޓަރ ސަޢުދުﷲ ޢަލީ ކުރައްވާ އެންމެ ފާހަގަކޮށްލެވޭ މަސައްކަތަކީ 1991 ވަނަ އަހަރުން ފެށިގެން، ކުރީގެ ދުވަހު ނޫސް ހަވީރަށް، އޭގެފަހުން "މިހާރު" ނޫހަށް 2016 ވަނަ އަހަރުން ފެށިގެން ކޮންމެ ހަފުތާއަކު އަދި ކޮންމެ ރަމަޟާން މަހަކު ދެ ދުވަހުން އެއްދުވަހު ލިޔުއްވަމުން ގެންދަވާ ދީނީ މަޒުމޫނުތަކެވެ. މިގޮތުން ސަޢުދުﷲ މިހާތަނަށް ލިޔުއްވި 1100 އަށްވުރެ ގިނަ މަޒުމޫނުވަނީ ޝާއިޢުކޮށްފައެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކުރިން ނެރުއްވަމުން ގެންދެވި ދީނުގެ މަގަށްވެސް ތަފާތު މައުޟޫޢުތަކަށް ޑޮކްޓަރ ސަޢުދުﷲ ވަނީ ޢިލްމީ ލިޔުއްވުންތައް ލިޔުއްވައިފައެވެ.
ޑޮކްޓަރ ސަޢުދުﷲ ޢަލީއަކީ، ރާއްޖޭގެ މިސްކިތްތަކުގައި އިމާމުވެވަޑައިގެން ހުކުރު ކުރައްވައި، އަދި މިސްކިތްތަކުގައި ދީނީ ޕްރޮގްރާމްތައް ހިންގަވައިދެއްވައި، ރޭޑިއޯއާއި ޓީ.ވީ ޕްރޮގްރާމްތަކުގައި ދީނީ ރޮނގުން ތަފާތު މައުޟޫޢުތަކަށް ތަޤްރީރު ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. އަދި ތަޢުލީމީ މުއައްސަސާތަކާއި، މަދަނީ ޖަމުޢިއްޔާތަކާއި، އެނޫންވެސް މަންސަތަކުގައި ދީނީ މަޢުލޫމާތު ފޯރުކޮށްދެއްވުމާއި، ދަރުސްތައް ދެއްވުމާއި، ޢަރަބިބަހުންދޭ ދީނީ ތަޤްރީރުތައް ތަރުޖަމާ ކުރެއްވުމުގެ މަސައްކަތްވެސް ކުރައްވަމުން ގެންދަވާ ބޭފުޅެއްމެއެވެ.
ޤައުމީ ފެންވަރުގެ ބައެއް ކޮމިޓީތަކާއި، ބޯޑުތަކުގެ މެންބަރުކަންވެސް ޑޮކްޓަރ ސަޢުދުﷲ ޢަލީ ކުރައްވަމުން ގެންދަވައެވެ. މިގޮތުން، ހަޔަރ އެޑިޔުކޭޝަންގެ ހުނަރު ތަރައްޤީ ކުރުމާއި ތަމްރީނު ކުރުމުގެ އެޑްވައިޒަރީ ކޮމިޓީގެ މެންބަރުކަމާއި، ޒަކާތު ސްކޮލަރޝިޕް ކޮމިޓީގެ މެންބަރުކަމާއި، ހައްދުފަހަނަޅައި ދިޔުމާއި، ދީނަށް ފުރައްސާރަ ކުރުމާގުޅޭ މައްސަލަތަކުގައި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒަށް ލަފާދޭ ކޮމިޓީގެ މެންބަރުކަންވެސް ކުރައްވަމުން ގެންދަވައެވެ.
ޑޮކްޓަރ ސަޢުދުﷲ ޢަލީ އިޖުތިމާޢީ ރޮނގުން ކުރައްވާ މުހިންމު އެހެން މަސައްކަތެއްގެ ގޮތުގައި، ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުން ކުރިއަށް ގެންދަވާ މަސައްކަތު ބައްދަލުވުންތަކުގައި ދީނީ މަޢުލޫމާތު ފޯރުކޮށްދެއްވުމާއި، އެ ސެންޓަރުގެ ނިއުސް ލެޓަރގައި ދިރާސާތައް ޝާއިޢު ކުރައްވަމުން ގެންދެވުން ހިމެނެއެވެ.
ޑޮކްޓަރ ސަޢުދުﷲ ޢަލީ މިހާރު ހުންނެވީ، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ޑެޕިއުޓީ ވައިސް ޗާންސެލަރ (އެކަޑެމިކް އެފެއާޒް)ގެ މަގާމުގައެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމުގެ ކުރިންވެސް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގައި 17 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކޮށްދެއްވައިފައި ވެއެވެ.