ކީރިތި ޤުރްއާން ކިޔަވައިދެއްވުމާއި އުނގަންނައިދެއްވުމުގެ މަސައްކަތް، އަލްޤާރީ ޢަބްދުﷲ ޢިމާދު ފެށްޓެވީ، މަޢުހަދުއް ދިރާސާތިލް އިސްލާމިއްޔާގެ ކޮލެޖް އޮފް އިސްލާމިކް ސްޓަޑީޒުން ތިލާވަތުގެ ރޮނގުން ޓީޗިންގ ސެޓްފިކެޓް ހާސިލުކުރެއްވުމަށްފަހު 1984 ވަނަ އަހަރުއެވެ. އެއަށްފަހު، 1989 ވަނަ އަހަރު އަލްމަދަރުސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާގައި ޤުރްއާން މުދައްރިސެއްގެ ވަޒީފާގައި ޚިދުމަތް ކުރައްވަން ފެށްޓެވިއެވެ. ޢަރަބިއްޔާގައި ދެ އަހަރު ދުވަހު ކިޔަވައި ދެއްވުމަށްފަހު 1991 ވަނަ އަހަރު ޕާކިސްތާނުގެ ލާހޯރަށް ވަޑައިގެން، ތިލާވަތުގެ ރޮނގުން ތަޢުލީމު ހާސިލު ކުރެއްވިއެވެ. އަދި އޭގެފަހުން 1995 ވަނަ އަހަރު އަލުން ޢަރަބިއްޔާއާ ގުޅިވަޑައިގަތެވެ.
ޢަބްދުﷲ ޢިމާދުވަނީ ސަޢޫދީ ޢަރަބިއްޔާގެ ރިޔާޟްގައި ހުންނަ ކިންގ ސަޢުދު ޔުނިވަރސިޓީއިން 2000 ވަނަ އަހަރު އެރެބިކް ލޭންގްއޭޖުން ޑިޕްލޮމާ ހާސިލުކުރައްވައިފައެވެ. އަދި އިސްލާމް ކިޔަވައިދެއްވުމުގެ ރޮނގުން، ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަންގައި، ސެކަންޑަރީ ޓީޗިންގ ފުރިހަމަކުރައްވައި 2001 ވަނަ އަހަރު ޢިމާދުއްދީން ސްކޫލުގައި އިސްލާމް ޓީޗަރެއްގެ ވަޒީފާ އަދާކުރެއްވުމަށްފަހު 2002 ވަނަ އަހަރުން ފެށިގެން 2006 ވަނަ އަހަރުގެ ނިޔަލަށް ކަލާފާނު ސްކޫލުގައި ކިޔަވައިދެއްވިއެވެ.
ކީރިތި ޤުރްއާނާބެހޭ މަރުކަޒުގައި ޢަބްދުﷲ ޢިމާދު ޚިދުމަތް ކުރައްވަން ފެށްޓެވީ 2007 ވަނަ އަހަރު ޤުރްއާން ޓީޗަރެއްގެ ގޮތުގައެވެ. އެއަށްފަހު 2008 ވަނަ އަހަރުން ފެށިގެން 2016 ވަނަ އަހަރާ ހަމައަށް ލީޑިންގ ޓީޗަރެއްގެ ވަޒީފާ އަދާކުރެއްވިއެވެ. މިއީ ޤުރްއާން ކިޔަވައިދެއްވުމާއި ސުޕަވައިޒަރެއްގެ ހުނަރު ތަރައްޤީ ކުރެއްވުމަށް ޢަބްދުﷲ ޢިމާދަށް ލިބިވަޑައިގެންނެވި ވަރަށް ރަނގަޅު ފުރުޞަތަކަށް ވިއެވެ. ޢަބްދުﷲ ޢިމާދަށް މިރޮނގުން ލިބިވަޑައިގެންނެވި އެންމެ ބޮޑު އެއް ކާމިޔާބީއަކީ، ޕާކިސްތާނުގެ ލާހޯރުގައި ހުންނަ އަޝްރަފިއްޔާ ޔުނިވަރސިޓީއިން ފުރިހަމަ ކުރެއްވި ޤިރާއަތު ކޯހުން 1993 ވަނަ އަހަރު ދެވަނަ ހާސިލު ކުރެއްވުމެވެ.
ޢަބްދުﷲ ޢިމާދު ކިޔަވައިދެއްވި ދަރިވަރުން ބައިވެރިވި ޤުރްއާން މުބާރާތްތަކުން އެކިއެކި ކާމިޔާބީތައް ވަނީ ހޯދައިފައެވެ. މިގޮތުން، އަލްމަދަރުސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާއިން ޤައުމީ ޤުރްއާން ކިޔެވުމުގެ މުބާރާތުން 1989 ވަނަ އަހަރު އެންމެ ފުރަތަމަ ރަންވަނައެއް ލިބުނުއިރު، އެ ކާމިޔާބީގެ ފަހަތުގައި ހުންނެވި އެއް ބޭފުޅަކީ ޢަބްދުﷲ ޢިމާދެވެ. ވިދިގެން އައި 1990 ވަނަ އަހަރު ޢަރަބިއްޔާއަށް ޤައުމީ ޤުރްއާން މުބާރާތުން 1 ވަނަ ހޯއްދަވައިދެއްވުމުގައިވެސް އެންމެ އިސް ދައުރެއް އަދާކުރެއްވި އެއްބޭފުޅަކީ ޢަބްދުﷲ ޢިމާދެވެ.
އަލްޤާރީ ޢަބްދުﷲ ޢިމާދަކީ، ޤުރްއާން ކިޔަވައިދެއްވުމުގެ އިތުރުން 2012 ވަނަ އަހަރުން ފެށިގެން ގަލޮޅު މަދަރުސާއިން ހިންގަމުން ގެންދާ ޤުރްއާން ކުލާސް ހިންގެވުމާ ހަވާލުވެވަޑައިގެން، އެ ކުލާސް ތަރައްޤީ ކުރެއްވުމުގެ ބުރަ މަސައްކަތްވެސް ކޮށްދެއްވާ ބޭފުޅެކެވެ. އެ ކުލާހުގައި އެންމެ ފުރަތަމަ ތުއްތުކުދިންގެ ކްލާސްތަކެއް އުފެއްދެވިއެވެ. އޭގެފަހުން، ކީރިތި ޤުރްއާނާބެހޭ މަރުކަޒާ ގުޅިވަޑައިގެން، ޤިރާއަތު ކޯހުގެ ސެޓްފިކެޓް 1، 2، 3 އަދި 4 ގެ ކޯސްތައްވެސް ހިންގަވަން ފެށްޓެވިއެވެ. މި މަސައްކަތް އިތުރަށް ފުޅާކުރެއްވުމުގެ ގޮތުން 2016 ވަނަ އަހަރު، އިންސްޓިޓިއުޓް އޮފް ޤުރްއާން އެންޑް ސުންނާގެ ކޯސްތައްވެސް އެ ކުލާހުގައި ހިންގަވަމުން ގެންދެވިއެވެ. އަދި 2016 ވަނަ އަހަރުން ފެށިގެން މަދީނާ ޔުނިވަރސިޓީގެ މުޤައްރަރަށް ގަލޮޅު މަދަރުސާގައިވަނީ ޢަރަބި ކޯސްތަކެއް ކުރިއަށް ގެންދަވަން ފަށްޓަވައިފައެވެ. މީގެ އިތުރުން މިއަހަރު ވަނީ އޮންލައިންކޮށް 45 ކުލާހެއް ފަށްޓަވައިފައެވެ.
2017 ވަނަ އަހަރު ޕޯސްޓްގްރެޖުއޭޓް ޓީޗިންގ ޑިޕްލޮމާ ހާސިލުކުރައްވައިގެން ހުންނެވި އަލްޤާރީ ޢަބްދުﷲ ޢިމާދު މި ދާއިރާގައި ޚިދުމަތް ކުރައްވަމުން ގެންދަވާތާ މިއަދާ ހަމަޔަށް 31 އަހަރަށްވުރެ ގިނަދުވަސްވަނީ ވެފައެވެ. މިހާތަނަށް ޢިމާދު ވަނީ ވަރަށް ގިނަ ދަރިވަރުންނަށް ޤުރްއާން އުނގަންނަވައިދެއްވައި، އެ ދާއިރާއަށް އެތައް މުދައްރިސުންނެއް ތަމްރީނު ކުރައްވައި، ކިޔަވައިދިނުމުގެ ދާއިރާއަށް ނެރުއްވައިދެއްވައިފައިވެއެވެ. އަދި ވަރަށް ގިނަ ރަށްރަށުގައި ހިލޭސާބަހަށް ޤާރީކޯސްވެސް ވަނީ ހިންގަވައިދެއްވައިފައެވެ.
ޢަބްދުﷲ ޢިމާދުގެ އުންމީދަކީ، މި ދާއިރާއިން ހާސިލުކުރެއްވެން އޮތް އެންމެމަތީ ވަނައެއް ހާސިލުކުރެއްވުމެވެ. އަދި ކީރިތި ޤުރްއާން ކިޔަވައި، ޤުރްއާނަށް ޢަމަލުކުރާ ޖީލެއް އުފައްދަވައި، ދިވެހިރާއްޖޭގެ ކަންކޮޅުތަކުގައި ކީރިތި ޤުރްއާނުގެ ޢިލްމު ފެތުރުއްވުމަށްޓަކައި ހިލޭސާބަހަށް ޤުރްއާން ކިޔަވައިދެއްވާ ކްލާސްތަކެއް އުފައްދަވައި ހިންގެވުމެވެ.