އައްޝައިޚު ޝަރަފުއްދީން ޢަލީ
ފަލާހީ ރ. އަލިފުށި

އައްޝައިޚު ޝަރަފުއްދީން ޢަލީއަކީ އިންޑިއާގެ ގުޖުރާތު ސްޓޭޓުގެ ސޫރަތުގައި ހުންނަ ޖާމިޢާ ފަލާޙުއްދާރައިނިން ތިއޮލޮޖީގެ ރޮނގުން ބެޗްލަރ އޮފް އާޓްސް ހާސިލުކުރައްވައިފައިވާ ބޭފުޅެކެވެ. ކިޔަވައިވިދާޅުވެގެން އަމިއްލަފުޅު ރަށް ކަމަށްވާ އަލިފުށްޓަށް ވަޑައިގެން، އަލިފުށީގައި ހިލޭސާބަހަށް ދީނީ ތަޢުލީމު ދެއްވުމާއި، ކީރިތި ޤުރްއާން ކިޔަވައިދެއްވުމުގެ މަސައްކަތް ފެށްޓެވީ 1990 ވަނަ އަހަރުއެވެ. ފުރަތަމަ ކިޔަވައިދެއްވަން ފެށްޓެވީ، ޝަރަފުއްދީން އޭރު ދިރިއުޅުއްވަމުން ގެންދެވި ޝަރަފުއްދީންގެ ބޭބެގެ ގޭގައެވެ. ފަހުން މި މަސައްކަތް ފުޅާކުރެއްވީއެވެ.

އަލިފުށްޓަކީ އަބަދުވެސް ކީރިތި ޤުރްއާނަށް ލޯބިކުރާ، ކީރިތި ޤުރްއާނަށް އަހުލުވެރި ރައްޔިތެއް ދިރިއުޅޭ ރަށެއްނަމަވެސް، ތަޖުވީދުގެ ހަމަތަކާ އެއްގޮތަށް ކީރިތި ޤުރްއާން ކިޔެވުމަށް ރައްޔިތުންގެ ހިތްތަކުގައި ހޭލުންތެރިކަން އުފެދިގެންދިޔައީ، ޝަރަފުއްދީން ކުރެއްވި މަސައްކަތްތަކުގެ ސަބަބުންކަން ޚާއްޞަގޮތެއްގައި ފާހަގަކޮށްލަންޖެހެއެވެ.

1990 ވަނަ އަހަރުން ފެށިގެން ސްކޫލް ދަރިވަރުންނަށާއި، ޒުވާނުންނަށާއި، ބޮޑެތި މީހުންނަށާއި އެދުރުންނަށް އަމާޒުކުރައްވައިގެން ހިލޭސާބަހަށް އެކިއެކި ކުލާސްތައް، ޝަރަފުއްދީން ހިންގަވަމުން ގެންދަވައެވެ. އެ ކުލާސްތަކުގައި ކީރިތި ޤުރްއާނުގެ އިތުރުން، ޢަރަބި، ފިޤްހު، ޢަޤީދާ އަދި އުރުދޫ ކިޔަވައިދެއްވައެވެ.

2001 ވަނަ އަހަރުގެ ޖަނަވަރީމަހު އަލިފުށީ ހުކުރު މިސްކިތް، "މަސްޖިދުލްހުދާ"ގެ އިމާމުކަމުގެ ވަޒީފާ، ޝަރަފުއްދީނަށް ލިބިވަޑައިގަތް ހިސާބުން ފެށިގެން އަމިއްލަފުޅަށް އިސްނަންގަވައިގެން، ތަޖުވީދުގެ ހަމަތަކާ އެއްގޮތަށް ޤުރްއާން ކިޔަވަން ދަސްކޮށްދެއްވުމުގެ ކުލާސްތަކެއް، އެ މިސްކިތުގައި މެދުނުކެނޑި ހިންގަވަމުން ގެންދަވައެވެ. މީގެއިތުރުން، ތުއްތުކުދިންނަށް ޚާއްޞަކޮށްގެން ޤުރްއާން ހިތުދަސްކޮށްދިނުމަށް ހިންގެވި ޙިފްޡު ކުލާސް، ހިލޭސާބަހަށް ދެއަހަރު ވަންދެން އެ މިސްކިތުގައި ހިންގަވައިދެއްވިއެވެ. އަދި ނަމާދުކުރަން ދަސްކޮށްދެއްވުމަށާއި، ދީނީގޮތުން މީހުންނަށް ކަންކަން އޮޅުންފިލުއްވައިދެއްވުމަށްޓަކައި ކޮންމެ ރެއެއްގެ ޢިޝާ ނަމާދަށްފަހު، މަޢުލޫމާތު ދެއްވުމުގެ ޕްރޮގްރާމެއްވެސް މެދުނުކެނޑި 7 އަހަރު އެ މިސްކިތުގައި ހިލޭސާބަހަށް ހިންގަވައިދެއްވިއެވެ.

އަލިފުށީ ކައުންސިލުން ހިންގަވާ ޤުރްއާން މުބާރާތްތަކުގައްޔާއި، އަލިފުށީ ސްކޫލާއި، ރަށުގެ ކުލަބް ޖަމުޢިއްޔާތަކާއި، ޤުރްއާން ކުލާސްތަކުން ބާއްވާ ޤުރްއާން މުބާރާތްތަކުގައި ޝަރަފުއްދީން ފަނޑިޔާރުކަން ކޮށްދެއްވަމުން ގެންދަވައެވެ. އަދި ޤުރްއާން މުބާރާތްތަކުގައި ބައިވެރިވާ ދަރިވަރުން މުބާރާތްތަކަށް ތައްޔާރުކޮށްދެއްވައި، އެ މުބާރާތްތަކުން ރަނގަޅު ކާމިޔާބީތަކެއް ހޯއްދަވައިދެއްވުމަށް މުދައްރިސެއްގެ ހައިސިއްޔަތުން މަސައްކަތް ކޮށްދެއްވައިފައިވެއެވެ. އަދި ޚާއްޞަކޮށް، ޤައުމީ ޤުރްއާން މުބާރާތްތަކުން ރަށަށް ރީތިނަން ހޯއްދަވައިދެއްވުމަށް މަސައްކަތްކޮށްދެއްވައިފައި ވެއެވެ.

އައްޝައިޚު ޝަރަފުއްދީން ޢަލީއަކީ އަލިފުށީގެ މިސްކިތްތަކުގައި އިމާމުވެ ނަމާދުކުރެވޭ ފެންވަރަށް އިމާމުން ތައްޔާރުކުރެއްވުމުގެ މަސައްކަތްވެސް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. މިގޮތުން، ކުޑަކުދިންނަށް އަމާޒުކުރައްވައިގެން، ބަންގި ގޮވުމަށާއި، ނަމާދުކުރަން ދަސްކޮށްދިނުމުގެ ޕްރޮގްރާމެއް މިހާރުވެސް އަލިފުށީ ހުކުރު މިސްކިތުގައި ހިންގަވަމުން ގެންދަވައެވެ. މި ޕްރޮގްރާމް ހިންގަވާތާ މިއީ 3 ވަނަ އަހަރެވެ. މިހާތަނަށް، ރީތިކޮށް ބަންގިގޮވާ ފެންވަރަށް 15 ކުދިންނާއި، އިމާމުވެ ނަމާދުކުރެވޭ ފެންވަރަށް 8 ކުދިން ތައްޔާރުކޮށްދެއްވައިފައިވެއެވެ.

ރަށުގައި ތިބި ދެ ޖިންސުގެ ޒުވާނުންނަށް އަމާޒުކުރައްވައިގެން، އެ ޒުވާނުންނަކީ ދީނީގޮތުންނާއި ދުނިޔަވީގޮތުން މުޖުތަމަޢަށް ބޭނުންތެރި ރަނގަޅު ޒުވާނުންގެ ގޮތުގައި ތަރުބިއްޔަތު ކުރެއްވުމުގެ މަޤްޞަދުގައި "ފަޚްރުވެރި ޒުވާނުން" މި ނަމުގައި ހޭލުންތެރި ކުރުވުމުގެ ޕްރޮގްރާމްތަކެއް، އަލިފުށީގެ ޒުވާނުންނާ ގުޅިގެން ޝަރަފުއްދީން މި އަހަރު ވަނީ ފަށްޓަވައިފައެވެ. މިއީ ކޮންމެ ހަފުތާއަކު ދެރޭ ޢިޝާނަމާދަށްފަހު އަލިފުށީ ހުކުރު މިސްކިތުގައި ހިންގަވާ ޕްރޮގްރާމެކެވެ.

މީގެއިތުރުން، ރަށުގައި ޖަމާޢަތްތެރިން އުފެއްދެވުމުގެ މަޤްޞަދުގައި، އަލިފުށީ ސްކޫލްގެ ދެޖިންސުގެ ދަރިވަރުންނަށް ޖަމާޢަތްތެރިކަން ދަސްކޮށްދެއްވުމުގެ ތަމްރީނު ކުލާސްތަކެއް ޝަރަފުއްދީން މިހާރުވެސް ކުރިއަށް އެބަގެންދަވައެވެ.

ޝަރަފުއްދީން ޢަލީއަށް މިއަދު ލިބިވަޑައިގަންނަވާ އެންމެބޮޑު އުފާފުޅަކީ، މިހާތަނަށް ކުރެއްވި އަދި ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ސަބަބުން އަލިފުށީގެ ރައްޔިތުންގެ ހިތްތަކުގައި ކީރިތި ޤުރްއާން އުނގެނުމަށާއި، ކީރިތި ޤުރްއާން ހިތުދަސްކުރުމަށް ދެވިފައިވާ އަހަންމިއްޔަތުކަމުގެ ބޮޑުކަމެވެ. ޝަރަފުއްދީންގެ އުންމީދަކީ، ކުރިއަށް އޮތް ތާނގައިވެސް މި ދާއިރާއިން އިތުރަށް ކުރިއަށް ވަޑައިގެން، އަލިފުށީގެ ރައްޔިތުންނަށް އިޚްލާޞްތެރި ޚިދުމަތްތަކެއް ކޮށްދެއްވުމެވެ.