އަލްޤާރީ މަޢުޞޫމް ސަލީމް
ޝަބްނަމްގެ ކ. ކާށިދޫ

އަލްޤާރީ މަޢުޞޫމް ސަލީމަކީ، ތުއްޕުޅުއިރުއްސުރެން ފެށިގެން ޤުރްއާން ކިޔެވުމުގެ ފަންނަށް ވަރަށްބޮޑު ޝައުޤުވެރިކަމެއް ހިތްޕުޅުގައި އުފެދިފައިވާ ބޭފުޅެކެވެ. ޢާއިލާގެ ފަރާތުންވެސް އެކަމަށް ވަރަށްބޮޑު ހިތްވަރެއް ލިބި، ކ. އަތޮޅު މަދަރުސާގައި ތަޢުލީމު ހާސިލު ކުރައްވަމުން ގެންދެވިއިރުއްސުރެން ފެށިގެން މަދުރަސީ ފެންވަރުގައި ބޭއްވި ޤުރްއާން ކިޔެވުމުގެ މުބާރާތްތަކުގައި ބައިވެރިވެވަޑައިގެން، ކާމިޔާބީތައް ހޯއްދަވަމުން ގެންދެވިއެވެ.

މަޢުޞޫމް ސަލީމް 2005 ވަނަ އަހަރު ޤުރްއާން މުދައްރިސް ކަމުގެ ކޯސް ފުރިހަމަ ކުރެއްވުމަށްފަހު 2006 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ތާޖުއްދީން ސްކޫލުގެ ޤުރްއާން މުދައްރިސެއްގެ ގޮތުން ގެންދަވަނީ ޚިދުމަތް ކުރައްވަމުންނެވެ.

ކީރިތި ޤުރްއާން ކިޔެވުމާއި، ޤުރްއާން އުނގަންނައިދެއްވުމުގެ މަސައްކަތް، މަޢުޞޫމް ސަލީމް ރަސްމީގޮތެއްގައި ފެށްޓެވީ 1995 ވަނަ އަހަރުއެވެ. އެ އަހަރުން ފެށިގެން 2003 ވަނަ އަހަރާ ހަމަޔަށް "ނޫރުލް ޤުރްއާން" ކުލާހުގެ ސީނިއަރ ޓީޗަރެއްގެ ގޮތުގައި، ބޮޑެތި މީހުންނަށާއި، އެކި އުމުރުފުރާތަކުގެ ކުދިންނަށް ޤުރްއާން ކިޔަވައިދެއްވައި، އެ ކުލާސް ހިންގެވުމުގައި އިސް ދައުރެއް އަދާކުރެއްވިއެވެ. އަދި ޖަމުޢިއްޔަތުލް ފަލާޙުން ހިންގި ޤުރްއާން ކުލާސްތަކުގައި 2004 އިން 2006 އަށް އެކި އުމުރުފުރާތަކުގެ ކުދިންނަށާއި މީހުންނަށް ޤުރްއާން ކިޔަވައިދެއްވައި، ކުލާސްތައް ސުޕަވައިޒް ކުރެއްވިއެވެ. މީގެއިތުރުން، ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުން ހިންގަވާ ޤާރީ ކޯހާއި، އިމާމު ކޯސްފަދަ ތަފާތު ކޯސްތަކުގައިވެސް ކީރިތި ޤުރްއާނާއި ތަޖުވީދު އުނގަންނައިދެއްވިއެވެ.

އަލްޤާރީ މަޢުޞޫމް ސަލީމަކީ ޤުރްއާން ކިޔެވުމުގެ ޤައުމީ މުބާރާތްތަކުގައްޔާއި، ރާއްޖޭގައި ބާއްވާ އެހެން ބައެއް ޤުރްއާން ކިޔެވުމުގެ މުބާރާތްތަކުގައި ބައިވެރިވެވަޑައިގެން، އެތައްފަހަރަކު މަތީ ވަނަތައް ހާސިލުކުރައްވައިފައިވާ ބޭފުޅެކެވެ. މި ދާއިރާއިން ހިންގޭ އިޖުތިމާޢީ އެކިއެކި ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމުގެ ގޮތުން، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ކުރިއަށް ގެންދަވާ ރަމަޟާން މަސް އިޙްޔާ ކުރުމުގެ ޕްރޮގްރާމްތަކުގައިވެސް މަޢުޞޫމް ޤުރްއާން ކިޔަވައިވިދާޅުވެދެއްވައެވެ. އަދި ސަރުކާރުން އިންތިޒާމުކުރައްވައިގެން ބާއްވަވާ އެކިއެކި ޖަލްސާތަކުގައިވެސް ޤުރްއާން ކިޔަވައިވިދާޅުވެދެއްވައިފައި ވެއެވެ.

މީގެއިތުރުން، ރާއްޖޭގެ އެކި ރަށްރަށުގައި ބާއްވާ ޤުރްއާން ކިޔެވުމުގެ މުބާރާތްތަކުގައްޔާއި، އެކިއެކި ޖަމުޢިއްޔާ ޖަމާޢަތްތަކުން އިންތިޒާމުކޮށްގެން ބާއްވާ ޤުރްއާން ކިޔެވުމުގެ މުބާރާތްތަކުގައްޔާއި، މާލޭގެ ސްކޫލްތަކުންނާއި، ޤުރްއާން ކުލާސްތަކުން ބާއްވާ ޤުރްއާން މުބާރާތްތަކުގައްޔާއި، ޖަމުޢިއްޔަތުލް ފަލާޙުން ބާއްވާ ޤުރްއާން މުބާރާތްތަކުގައިވެސް އެކި އަހަރުތަކުގައި ފަނޑިޔާރުކަން ކޮށްދެއްވައިފައި ވެއެވެ. އަދި ޕީ.އެސް.އެމް.އިން ދިވެހިރާއްޖޭގެ އަޑާއި ޓެލެވިޜަން މޯލްޑިވްސް މެދުވެރިކުރައްވައި، ރަމަޟާން މަހު ކުރިއަށް ގެންދަވާ ތުއްތުކުދިންގެ ޤުރްއާން މުބާރާތުގައިވެސް ފަނޑިޔާރުކަން ކޮށްދެއްވައެވެ.

ރާއްޖެއާއި ރާއްޖެއިން ބޭރުގައި ބާއްވާ އެކިއެކި ޤުރްއާން މުބާރާތްތަކަށް ދަރިވަރުން ތައްޔާރުކުރެއްވުމުގެ މަސައްކަތް، މުދައްރިބުގެ ހައިސިއްޔަތުން މަޢުޞޫމް ސަލީމް ކުރައްވަމުން ގެންދަވައެވެ. ވޭތުވެދިޔަ 25 އަހަރު ދުވަހުގެ ތެރޭގައި، އަމިއްލަގޮތުން ވަކިވަކިން އެތައްސަތޭކަ ދަރިވަރުންނަކަށް ރީތި ރާގުތަކަށް ތަޖުވީދު މަގުން ޤުރްއާން ކިޔަވަން ދަސްކޮށްދެއްވައި، އެކި މުބާރާތްތަކަށްވެސް ކުދިން ތައްޔާރުކޮށްދެއްވައި، ގިނަ ކާމިޔާބީތަކެއް ހޯއްދަވައިދެއްވައިފައިވެއެވެ.

މަޢުޞޫމް ސަލީމުގެ އުފަން ރަށް، ކ. ކާށިދުއަށްވެސް މި ރޮނގުން ވަނީ ގިނަ ޚިދުމަތްތަކެއް ކޮށްދެއްވައިފައެވެ. އެރަށުގެ ރައްޔިތުންގެ ހިތްތަކުގައި ކީރިތި ޤުރްއާނަށް އޮންނަ ލޯބި އިތުރުކޮށް އާލާކުރެއްވުމުގެ ގޮތުން އަމިއްލަ އިސްނެންގެވުމުގެ މަތިންނާއި، ކާށިދޫ ވެންޗަރ ކުލަބުގެ ނައިބު ރައީސްގެ ހައިސިއްޔަތުން ވަނީ މަސައްކަތް ކޮށްދެއްވައިފައެވެ.

ޤުރްއާން ކިޔަވައިދިނުމާއި އުނގަންނައިދިނުމުގެ ދާއިރާއިން ހިލޭސާބަހަށްވެސް މަޢުޞޫމް ސަލީމް ވަނީ ގިނަ މަސައްކަތްތަކެއް ކޮށްދެއްވައިފައެވެ. މިގޮތުން، ރާއްޖޭގެ ބައެއް މީޑިއާތަކަށް، ކީރިތި ޤުރްއާން ކިޔަވައިދިނުމާބެހޭ ޕްރޮގްރާމްތައް ތައްޔާރުކޮށްދެއްވުމާއި، މަޢުޞޫމުގެ އަޑުން ޤުރްއާން ކިޔެވުން ރެކޯޑުކޮށްދެއްވުން ހިމެނެއެވެ.

ކީރިތި ޤުރްއާން ކިޔެވުމާއި، އުނގަންނައިދިނުމާއި، ކީރިތި ޤުރްއާނުގެ ޢިލްމުގެ ދާއިރާއިން، ކީރިތި ޤުރްއާން އުނގަންނައިދިނުމުގެ ރޮނގުން ހިތްވަރުދިނުމުގެ ޤައުމީ އިނާމު، މަޢުޞޫމް ސަލީމަށް އެރުވުމަށް މި ކޮމިޓީއިން ކަނޑައެޅީ، އިސްވެ ބަޔާންވެދިޔަ ކަންކަމުގެ މައްޗަށާއި، މިދާއިރާގެ ކުރިއެރުމަށާއި ތަރައްޤީއަށް ކުރައްވައިފައިވާ މަސައްކަތްޕުޅުތަކުގެ މައްޗަށް ބެލުމަށްފަހު، މަޢުޞޫމް ސަލީމަކީ، މި އިނާމު އެރުވުމަށް އެކަށީގެންވާ ބޭފުޅެއްކަމަށް މި ކޮމިޓީއަށް ފެނިގެންނެވެ.