އަލްފާޟިލް މުޙައްމަދު މަނިކު
ހ. ވަވޮއި

މުޙައްމަދު މަނިކަކީ، ވިޜުއަލް އާޓްސްގެ ދާއިރާގައި 38 އަހަރަށްވުރެ ދިގު މުއްދަތެއްގައި އިޚްލާޞްތެރި ޚިދުމަތްތަކެއް ކުރައްވައިފައިވާ ބޭފުޅެކެވެ. ޓެލެވިޜަން މޯލްޑިވްސްގެ ކެމެރާމަނެއްގެ ވަޒީފާއިން މި ދާއިރާއަށް ނުކުމެވަޑައިގެންނެވި މުޙައްމަދު މަނިކަކީ، ރާއްޖޭގައި އުފެދުނު ކެމެރާމަނުންގެ ތެރެއިން ވަރަށް މަޝްހޫރު ކެމެރާމަނެކެވެ. މި ރޮނގުން ގިނަ ތަޖުރިބާތަކެއް ހާސިލުކުރައްވައިފައިވާ އަދި ވަރަށްގިނަ ކެމެރާމަނުން ތަމްރީނު ކުރައްވައި، ލައިޓިންގ ހަދާނެގޮތާއި، ކެމެރާ ޕޮޒިޝަންކުރާނެ އެންގަލްތައް ވިދާޅުވެދެއްވައި، އެކަމުގެ އިރުޝާދު ދެއްވި އެދުރެކެވެ.

ޓެލެވިޜަން މޯލްޑިވްސްގައި ވަޒީފާ އަދާކުރައްވަމުން ގެންދެވިއިރު، އެތަނުން އުފެއްދި ގިނަ ޕްރޮގްރާމްތަކެއްގެ ކެމެރާމަނަކީ މުޙައްމަދު މަނިކެވެ. 1980ގެ އަހަރުތަކުގެ މެދަކާ ހަމައިން ފެށިގެން 2001 ވަނަ އަހަރު ޓީ.ވީ މޯލްޑިވްސްގެ ވަޒީފާއިން ވަކިވެވަޑައިގަތުމާ ހަމަޔަށް، ޓީ.ވީ މޯލްޑިވްސްގެ ތެރެއިން އުފެދިގެން އައި ވަރަށްގިނަ ކެމެރާމަނުންނަކީ، މުޙައްމަދު މަނިކު ތަމްރީނު ކޮށްދެއްވި ކެމެރާމަނުންނެވެ.

ކެމެރާ ކުރުމުގައި މުޙައްމަދު މަނިކު އެންމެބޮޑަށް އިސްކަންދެއްވާ އެއްކަމަކީ، އެކިއެކި މަންޒަރުތަކަށް އެންމެ ރަނގަޅު ފެންވަރަށް ލައިޓްތައް ހެއްދެވުމެވެ. ލައިޓްސް ޑިޒައިން ކުރުމާއި ސެޓް ކުރުމަކީ، ވަކި މަސައްކަތެއްގެ ގޮތުގައި ބެލެވިފައި އޮތްނަމަވެސް، ފިލްމާއި ޓެލެވިޜަންގައި ލައިޓްސްއާ ގުޅުންހުރި އެންމެހައި ކަންކަމަކީ، ސިނެމަޓޯގްރާފަރ/ޑީ.އޯ.ޕީ ކެމެރާމަންގެ ހުނަރާއި ޒިންމާއަށް ބިނާވެފައިވާ ކަންކަން ކަމަށްވާތީ، ކެމެރާގެ ޝޮޓް ކޮމްޕޮޒިޝަންސްއާއި، ޝޮޓްތަކުގެ އޮމާންކަމާއި، މަންޒަރުތައް ދިއްލުމުގައި މުޙައްމަދު މަނިކަކީ އާދަޔާޚިލާފު ފަންނީ މާހިރެކެވެ.

މުޙައްމަދު މަނިކަކީ، ވަރަށް ފަރުވާބަހައްޓަވައިގެން އެކިއެކި ޑޮކިއުމެންޓްރީތަކަށާއި ޕްރޮގްރާމްތަކަށް ކެމެރާ ކުރައްވާ ބޭފުޅެކެވެ. ފިލްމާއި ޓެލެވިޜަން ޕްރޮޑަކްޝަންގައި ބޭނުންކުރާ އާލާތްތަކަކީ، ވަރަށް އަގުބޮޑު ތަކެތި ކަމަށްވުމާއެކު، އަދި ޝޫޓްކުރުމަށް ބޭނުންކުރާ ކެމެރާއަކީ، މަސައްކަތުގައި ބޭނުންކުރާ އެންމެ އަގުބޮޑު އާލާތް ކަމަށްވާތީ، މުޙައްމަދު މަނިކުގެ މަސައްކަތުގެ އަޚްލާޤު އަބަދުވެސް ފެށެނީ ކެމެރާގެ ރައްކާތެރިކަން ކަށަވަރުކުރުމާ ހަމައިންނެވެ. ކެމެރާގެ އިންޓަރނަލް ސެޓިންގތައް ރަނގަޅުތޯ ޔަގީންކުރެއްވުމާއި، އެ ދުވަހަކު ޝޫޓްކުރަން ބޭނުންވާ މަންޒަރުތަކުގެ މަޢުލޫމާތު، ދުރާލައި ހޯއްދަވައިގެން މަންޒަރުތައް އެންމެ ފުރިހަމައަށް ކެޕްޗަރ ކުރުމަށްޓަކައި މުޙައްމަދު މަނިކުގެ ހުނަރާއި އަމިއްލަފުޅު ތަޖުރިބާ ބޭނުންކުރައްވަން ތައްޔާރުވެވަޑައިގަތުމަކީ، އެންމެ ފާހަގަކުރެވޭ އެއް ސިފައެވެ.

ޓެލެވިޜަން މޯލްޑިވްސް އިން އުފެއްދި ފާހަގަކޮށްލެވޭ އުފެއްދުންތަކުގެ ތެރެއިން، "ސަޅިބައިސާ"، "މިއުޒިކް ވީޑިއޯ"، "ރިދަމް އޮފް ދަ ވޭވްސް" އަދި މާލޭ ސެކަންޑަރީ ސްކޫލްތަކުގެ ދަރިވަރުން ހުށަހަޅައިދިން ޕްރޮގްރާމް "އުދަރެސް"ފަދަ އުފެއްދުންތަކުގެ ކެމެރާމަނަކީ މުޙައްމަދު މަނިކެވެ.

ރާއްޖޭގެ މަޝްހޫރު ޕްރޮޑިއުސަރ އަދި ޑިރެކްޓަރ މުޙައްމަދު ނިޔާޒް (ޓެޑްރީ)އާ އެކީގައި، މުޙައްމަދު މަނިކު ކުރެއްވި މަސައްކަތްތަކަކީވެސް ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލަންޖެހޭ މަސައްކަތްތަކެކެވެ. މިގޮތުން، ފީޗަރ ފިލްމާއި، އިޝްތިހާރާއި، ޑޮކިއުމެންޓްރީ އަދި ޢާންމުން ހޭލުންތެރިކުރުވުމަށް އުފެއްދި ކޮންޓެންޓްތަކާއި، ޓޫރިސްޓް ރިޒޯޓުތަކުގެ ޕްރޮމޯޝަނަލް ވީޑިއޯތަކާއި، ރާއްޖެއާއި ރާއްޖެއިން ބޭރުގެ ކުންފުނިތަކަށް އުފައްދަވައިދެއްވި ވީޑިއޯ ކޮންޓެންޓްތަކުގައި، ކެމެރާމަނެއްގެ ހައިސިއްޔަތުން މުޙައްމަދު މަނިކު ކުރައްވައިފައިވަނީ ވަރަށް މުހިންމު މަސައްކަތްތަކެކެވެ.

މުޙައްމަދު މަނިކު ކެމެރާ ކުރެއްވި ބައެއް ފިލްމުތަކުގެ ތެރެއިން ރާއްޖޭގައި އެންމެބޮޑަށް މަޤްބޫލުވެގެންދިޔަ އެއް ފިލްމަކީ ފިލްމު "ދެރިޔާ" އެވެ. "ދެރިޔާ"ގެ ކާމިޔާބީ ވަނީ ވަރަށްގިނަ ކަންކަމާ ލާމެހި ގުޅިފައެވެ. މިގޮތުން، އެ ފިލްމުގެ ސިނެމަޓޯގްރަފީއަކީ ބެލުންތެރިންގެ ސަމާލުކަން އެންމެ ބޮޑަށް ލިބުނު އެއް މަސައްކަތެވެ. ޝޮޓްތައް ހުށަހަޅައިދީފައިވާ ގޮތާއި، ކުލަތަކާއި އަލިތަކަކީ، އެހާތަނަށް ދިވެހި އެއްވެސް ފިލްމަކުން ފެނިފައިނުވާފަދަ ފެންވަރު ރަނގަޅު މަސައްކަތެކެވެ. ޚާއްޞަގޮތެއްގައި، ފިލްމުގައި އަލިތައް ބޭނުންކޮށްފައިވަނީ ސީދާ މުޙައްމަދު މަނިކު ބޭނުންފުޅުވެގެން އަޖުމަބެއްލެވި އެންބިއަންސް ލައިޓް ޓްރީޓްމަންޓާ އެކީގައެވެ. 1998 ވަނަ އަހަރު މުޙައްމަދު ނިޔާޒް އުފެއްދެވި "އަމާނާތް" މި ފިލްމުގައިވެސް މުޅިންހެން ބޭނުންކޮށްފައިވަނީ އެންބިއަންސް ލައިޓް އިފެކްޓެވެ.

ޓެލެވިޜަން މޯލްޑިވްސްގެ ކެމެރާމަނެއްގެ ގޮތުގައި 21 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރެއްވުމަށްފަހު، 2000 ވަނަ އަހަރު ޓީ.ވީ މޯލްޑިވްސް އިން ވަކިވެވަޑައިގެންނެވިއިރު މުޙައްމަދު މަނިކަކީ އެތާނގެ އެންމެ ސީނިއަރ ކެމެރާމަނެވެ. ޓީ.ވީ މޯލްޑިވްސްއިން ވަކިވެވަޑައިގެން ވީ.ޓީ.ވީ. އާ ގުޅިވަޑައިގަތުމަށްފަހު، ވީ.ޓީ.ވީ އުފެއްދުމަށް 2005 ވަނަ އަހަރުން ފެށިގެން ކުރެވުނު ހުރިހާ މަސައްކަތެއްގައި މުޙައްމަދު މަނިކު ވަނީ ޢަމަލީގޮތުން ބައިވެރިވެވަޑައިގެންފައެވެ. އޭރު ޞިއްޙީ ޙާލަތު ހުރިގޮތުން ކެމެރާ ކުރެއްވުމަށް ބޭރަށް ނިކުމެ ވަޑައިނުގެންނެވުނު ކަމުގައިވިޔަސް، ވީ.ޓީ.ވީ.ގެ ކެމެރާމަނުންގެ ކަންކަން ބަލަހައްޓަވައި، ޝޫޓިންގތައް ރާއްވަވައި، އެކަންކަމަށް ކެމެރާމަނުން ކަނޑައަޅުއްވައި، ޝޫޓިންގ ލޮގް ބަލަހައްޓަވައި، އިރުޝާދު ދެއްވަމުން ގެންދެވިއެވެ. އަދި ކެމެރާމަނުން ރެކޯޑުކޮށްގެން ގެންނަ ވީޑިއޯތައް ބައްލަވައި، ޗެކް ކުރައްވައި، ރަނގަޅު ކުރަންޖެހޭ ކަންކަން ވިދާޅުވެދެއްވައެވެ. އަދި އަލަށް މި ދާއިރާއާ ގުޅޭ ކެމެރާމަނުން ތަމްރީނު ކުރައްވައި، އެމީހުންނަށްވެސް ކަމާގުޅޭ އިރުޝާދުތައް ދެއްވަމުން ގެންދަވައެވެ.

މުޙައްމަދު މަނިކުވަނީ، ދިވެހި ޤައުމީ ފިލްމުގެ 6 އެވޯޑެއް ހާސިލުކުރައްވައިފައެވެ. މިގޮތުން، ދިވެހި ޤައުމީ ފިލްމު ފެސްޓިވަލް، ފިލްމު އެވޯޑުސް 1995ގައި، ޓެލެވިޜަން މޯލްޑިވްސްގެ އުފެއްދުމަކަށް، ޑޮކިއުމެންޓްރީ ބައިން "ބިއޯންޑް ދަ ޑްރީމްސް" އިން ބެސްޓް ކެމެރާމަންގެ އެވޯޑާއި، ފީޗަރ ފިލްމުގެ ބައިން ކްލަބް ސްކޯޕާއި، އެޓަރނަލް ޕިކްޗަރސް އިން އުފެއްދި ފިލްމު "ދެރިޔާ" އަށް ބެސްޓް ސިނަމެޓޮގްރަފީގެ އެވޯޑާއި، ދެވަނަ ދިވެހި ޤައުމީ ފިލްމު އެވޯޑުސްގެ ޑޮކިއުމެންޓްރީ ބައިން، ބެސްޓް ކެމެރާމަންގެ އެވޯޑު މުޙައްމަދު މަނިކަށް ލިބިވަޑައިގަތެވެ. މިއީ އެޓަރނަލް ޕިކްޗަރސްގެ އުފެއްދުމެކެވެ. މީގެއިތުރުން، 3 ވަނަ ދިވެހި ޤައުމީ ފިލްމު އެވޯޑުސްގެ ޑޮކިއުމެންޓްރީ ބައިން ބެސްޓް ކެމެރާމަންގެ އެވޯޑާއި، ފީޗަރ ފިލްމުގެ ބައިން ބެސްޓް ސިނަމެޓޮގްރަފީގެ އެވޯޑުވެސް ލިބިވަޑައިގަތެވެ. މިއީވެސް އެޓަރނަލް ޕިކްޗަރސްގެ އުފެއްދުމެކެވެ. އަދި އެންމެފަހުން 2015 ވަނަ އަހަރު ބޭއްވި 6 ވަނަ ދިވެހި ޤައުމީ ފިލްމު އެވޯޑުސްގައި، ލައިފްޓައިމް އެޗީވްމަންޓް އެވޯޑު މުޙައްމަދު މަނިކު ވަނީ ހާސިލުކުރައްވައިފައެވެ.

މުޙައްމަދު މަނިކަކީ، ދިވެހިރާއްޖެ އުފެއްދި ވަރަށް ކުޅަދާނަ ކެމެރާމަނެކެވެ. މޮޅު ފަންނުވެރިއެކެވެ. މިހާރު ޞިއްޙީ ޙާލަތު ހުރިގޮތުން މުޙައްމަދު މަނިކަށް ޚިދުމަތަށް ނުކުމެވަޑައިނުގެންނެވުނު ކަމުގައިވީނަމަވެސް، މުޙައްމަދު މަނިކު ފާހަގަކުރެވިގެންދާނީ، ކެމެރާ ކުރެއްވުމުގައްޔާއި، ކެމެރާމަނުން ތަމްރީނު ކުރެއްވުމުގައި ލާމަސީލު ޚިދުމަތްތަކެއް ކުރެއްވި ބޭފުޅެއްގެ ގޮތުގައެވެ. ހަމައެހެންމެ، އެންމެންގެ ލޯތްބާއި އިޙްތިރާމް ލިބިވަޑައިގެންފައިވާ ބޭފުޅެއްގެ ގޮތުގައިވެސްމެއެވެ.