އަޙްމަދު ލަޠީފަކީ، 1972 ވަނަ އަހަރުން ފެށިގެން ތަފާތު ގިނަ ކުޅިވަރުތަކެއް ކުޅުއްވައި، ޤައުމީ ފެންވަރުގެ ގިނަ ކާމިޔާބީތަކެއް ހޯއްދަވައިފައިވާ ބޭފުޅެކެވެ. ޤައުމީ ފެންވަރުގައި ކުޅުއްވި ކުޅިވަރުތަކުގެ ތެރޭގައި، ޓޭބަލްޓެނިހާއި، ވޮލީބޯޅައާއި، ކްރިކެޓް އަދި ޓެނިސް ހިމެނެއެވެ. މި ކުޅިވަރުތަކުގެ މުބާރާތްތަކުގައި ބައިވެރިވެވަޑައިގެން، އެ ކުޅިވަރުތަކުން ރަން ވަނަތަކެއް އަޙްމަދު ލަޠީފް ހާސިލުކުރައްވައިފައި ވެއެވެ. މީގެތެރެއިން އަޙްމަދު ލަޠީފް އެންމެ ބޮޑަށް ފާހަގަވެގެންދިޔަ ކުޅިވަރަކީ، ޓޭބަލްޓެނިހެވެ. ޓޭބަލްޓެނިހުން ރާއްޖެއާއި ރާއްޖެއިން ބޭރުގައި ރަން ވަނަތަކެއް ހާސިލުކުރައްވައިފައި ވެއެވެ. މިގޮތުން، ޤައުމީ ޓޭބަލްޓެނިސް މުބާރާތްތަކުގެ ސިންގަލްސްއާއި ޑަބަލްސް އަދި ޓީމް އިވެންޓްތަކުން ގިނަ އަހަރުތަކެއްގައި ޗެމްޕިއަންކަން ހޯއްދަވައިފައިވެއެވެ.
1973 ވަނަ އަހަރު ސަރުކާރުން ރާއްޖެއިން ބޭރަށް ފުރަތަމަ ފޮނުވި ކުޅިވަރު ޓީމު ކަމުގައިވާ ޤައުމީ ޓޭބަލް ޓެނިސް ޓީމުގައި އަޙްމަދު ލަޠީފް ހިމެނިވަޑައިގެންނެވިއެވެ. ޗައިނާއަށް ކުރެއްވި އެ ތާރީޚީ ދަތުރުން އެނބުރި ވަޑައިގެން، އެ ދަތުރުން ލިބިވަޑައިގެންނެވި ތަޖުރިބާއިން ރާއްޖޭގެ ޓޭބަލްޓެނިހަށް ގެނެވުނު ބަދަލުތައް ގެންނެވުމުގައި އިސްކޮށް ހުންނެވީވެސް އަޙްމަދު ލަޠީފެވެ.
1979 ވަނަ އަހަރު ލާ ރޭނިޔޯން ނުވަތަ ރީ-ޔުނިއަންގައި ބޭއްވުނު ފުރަތަމަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި އަޙްމަދު ލަޠީފުގެ ކެޕްޓަން ކަމުގެ ދަށުން ބައިވެރިވި ރާއްޖޭގެ ޤައުމީ ޓޭބަލްޓެނިސް ޓީމު، އެ މުބާރާތުން ބްރޯންޒް މެޑެލް ހާސިލުކުރިކަން އެއީވެސް ފާހަގަކޮށްލެވޭ ކާމިޔާބީއެކެވެ.
ޤައުމީ ޓީމަށް ކުޅުއްވުން ހުއްޓަވައިލެއްވުމަށްފަހު، ރާއްޖޭގައި ޓޭބަލްޓެނިސް ކުރިއެރުވުމުގެ މަސައްކަތް އަޙްމަދު ލަޠީފް ފެށްޓެވީ 1990 ވަނަ އަހަރުއެވެ. ޓޭބަލްޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އެކި މަގާމުތަކުގައި ހުންނަވައިގެން ދިގު މުއްދަތަކަށް ހިލޭސާބަހަށް ޚިދުމަތް ކުރައްވައިފައި ވެއެވެ. މިގޮތުން، ފުރަތަމަ އެ އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީކަމާއި، 1999ން 2004 އަށް އެ އެސޯސިއޭޝަންގެ ޗެއަރމަންކަމާއި، އޭގެފަހުން 2012 އިން 2016 އަށް އެ އެސޯސިއޭޝަންގެ އިންތިޚާބީ ރައީސްކަންވެސް އަޙްމަދު ލަޠީފް ކުރެއްވިއެވެ.
އަޙްމަދު ލަޠީފުގެ އަގުހުރި ޚިދުމަތްތަކުގެ ތެރޭގައި، ރާއްޖޭގެ ޓޭބަލްޓެނިހުގެ ފެންވަރު މަތިކުރެއްވުމަށްޓަކައި ރާއްޖޭގައާއި ރާއްޖެއިން ބޭރުގައި ކުޅުންތެރިންނަށް ތަމްރީނުގެ ފުރުސަތު ހޯއްދަވައިދެއްވުމުގައްޔާއި، މުބާރާތްތަކާއި އިވެންޓްތައް ހިންގެވުމުގައްޔާއި، ކުޅުންތެރިންނާއި އޮފިޝަލުން އުފެއްދެވުމަށް ކުރެއްވި މަސައްކަތް ހިމެނެއެވެ. ޓޭބަލްޓެނިހުގެ ރޮނގުން ކުޅުންތެރިންނާއި ކޯޗުން ތަމްރީނު ކުރެއްވުމަށްޓަކައި ރާއްޖޭގެ ބައެއް އަތޮޅުތަކަށްވެސް ލަޠީފްވަނީ ޒިޔާރަތްކުރައްވައި ކޯޗިންގ ކޭމްޕްތައް ހިންގަވައިފައެވެ.
އަޙްމަދު ލަޠީފް ވަނީ ޓޭބަލްޓެނިސް ކުޅުންތެރިން ކުރިއެރުވުމަށްޓަކައި އަމިއްލަގޮތުންނާއި، ބައެއްފަހަރު އަމިއްލަފުޅު ޚަރަދުގައި ގިނަ މަސައްކަތްތަކެއް ކުރައްވައިފައެވެ. މިގޮތުން، އެސޯސިއޭޝަންގައި ލަޠީފް ޚިދުމަތް ކުރެއްވި މުއްދަތުގެ ތެރޭގައި، ގިނަ އަދަދެއްގެ ކުޅުންތެރިން އިންޑިވިޖުއަލް ޓްރޭނިންގއަށް އަދި ޓީމް ޓްރޭނިންގއަށް ސްރީލަންކާއަށާއި، އިންޑިއާއަށާއި، މެލޭޝިއާއަށާއި، ޗައިނާއަށާއި، ޖަޕާނަށް ފޮނުއްވައިފައި ވެއެވެ. މީގެއިތުރުން، ރާއްޖެއިން ބޭރުން ކޯޗުންނާއި، މޮޅު ކުޅުންތެރިން ގެންނަވައިގެން ލަޠީފް ވަނީ އެކި ދުވަސްވަރު، ކުޑަކުދިން ކޯޗު ކުރައްވައިފައެވެ. ސެޝަންސްތައްވެސް ނަންގަވައިދެއްވައިފައެވެ. ވޭތުވެދިޔަ ވިއްސަކަށް އަހަރު ދުވަހުގެ ތެރޭގައި، ރާއްޖޭގައި އުފެދިފައިވާ ޤައުމީ ފެންވަރުގެ ގިނަ ކުޅުންތެރިންނަކީ ލަޠީފް ހޯއްދަވައިދެއްވި ޓްރޭނިންގ ފުރުޞަތުގެ ބޭނުންހިފައި، އޭގެ ފައިދާއާއި މަންފާ ލިބިފައިވާ ކުޅުންތެރިންކަން ފާހަގަކޮށްލަންޖެހެއެވެ.
މީގެއިތުރުން، ޓީ.ޓީ ކޯޗުންނާއި، ބައިނަލްއަޤްވާމީ އަމްޕަޔަރުން އުފެއްދެވުމަށް އަޙްމަދު ލަޠީފް ކުރެއްވި މަސައްކަތްޕުޅުތައްވެސް ފާހަގަކޮށްލަންޖެހެއެވެ. މިގޮތުން، އައި.ޓީ.ޓީ.އެފް.ގެ ލެވެލް 1ގެ ކޯސްތައް ރާއްޖޭގައި ބޭއްވުމަށް މަގުފަހިކޮށްދެއްވައި، 2016 ވަނަ އަހަރު ފުރަތަމަފަހަރަށް ރާއްޖޭގައި އިންޓަރނޭޝަނަލް ޓޭބަލްޓެނިސް އަމްޕަޔަރުން ތަމްރީނު ކޮށްފައިވެއެވެ. މި ތަމްރީނަށްފަހު ހެދި ޓެސްޓުން 7 ބައިވެރިން ފާސްވެ، އިންޓަރނޭޝަނަލް އަމްޕަޔަރޒް ލައިސަންސް ހޯދައިފައިވެއެވެ. ނަތީޖާއެއްގެ ގޮތުން، ރާއްޖޭގެ ޓީ.ޓީ އަމްޕަޔަރުންނަށް، ބައިނަލްއަޤްވާމީ މުބާރާތްތަކުގައި އަމްޕަޔަރުކަން ކުރުމަށް ފުރުސަތު ލިބިގެންދިޔައެވެ. މިގޮތުން، ބައެއް މުބާރާތްތަކުގެ ފައިނަލް މެޗުތަކުގައިވެސް ދިވެހިން އަމްޕަޔަރުކަން ކޮށްފައިވެއެވެ.
ޓޭބަލްޓެނިސް އިތުރަށް އާލާކޮށް ދިރުވުމަށްޓަކައި ޓޭބަލްޓެނިސް އެސޯސިއޭޝަންގައި ވެޓަރަންސް ކޮމިޓީއެއް އުފައްދަވައި، ލަޠީފް އިސްނަންގަވައިގެން ރާއްޖެއިން ބޭރުގެ ގިނަ މުބާރާތްތަކުގައި ވެޓެރަންސް ޓީމު ބައިވެރިކުރުވައި، އެޓީމަށް ކުޅުއްވައި، ތަފާތު މެޑެލްތައް ހޯއްދަވައިފައިވެއެވެ. އަޙްމަދު ލަޠީފަކީ މިހާރުވެސް މޮޅަށް ޓީ.ޓީ ކުޅުއްވާ ބޭފުޅެކެވެ. ލަޠީފް ވަނީ 2020 ވަނަ އަހަރު ޖަރުމަނުވިލާތުގެ ބާރލިން އޯޕަން މުބާރާތުގައި ލަޠީފްގެ އުމުރުފުރައިން ޗެމްޕިއަންކަންވެސް ހޯއްދަވައިފައެވެ.
ރާއްޖޭގައި ކުޅިވަރު ކުރިއެރުވުމަށް އަޙްމަދު ލަޠީފް ދެއްވާ އެންމެ ބޮޑު އަހަންމިއްޔަތުގެ އެއް ދަލީލަކީ 2012 ވަނަ އަހަރު މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ އެކްސްކޯ މެންބަރެއްގެ ގޮތުންނާއި، 2017 ވަނަ އަހަރުން ފެށިގެން މިހާތަނާ ޖެހެންދެންވެސް ނައިބު ރައީސްގެ ގޮތުން ހިލޭސާބަހަށް ކޮށްދެއްވަމުން ގެންދަވާ ޚިދުމަތެވެ. މިހާރު ރާއްޖެއިން ބޭރުގައި ޚާރިޖީ ދާއިރާގައި ޚިދުމަތް ކުރައްވަމުން ގެންދަވާއިރުވެސް އަޙްމަދު ލަޠީފުގެ ޚިދުމަތް، އޮލިމްޕިކް ކޮމިޓީއަށް މެދުނުކެނޑި ލިބެމުންދާކަންވެސް ފާހަގަކޮށްލެވެއެވެ. އަޙްމަދު ލަޠީފަކީ، 2017 ވަނަ އަހަރުން ފެށިގެން މިހާތަނަށްވެސް އޭޝިއަން ޓޭބަލްޓެނިސް ޔޫނިއަންގެ ސައުތު އޭޝިއާއަށް ކަނޑައަޅުއްވައިފައިވާ ނައިބު ރައީސެވެ. އަދި އޮލިމްޕިކް ކައުންސިލް އޮފް އޭޝިއާގެ ކަލްޗަރ ކޮމިޓީގެ މެންބަރެއްވެސް މެއެވެ. މި މަގާމުތަކުގައި ހުންނަވައިގެން ސީދާގޮތުންނާއި ނުސީދާގޮތުން ގެންދަވަނީ ކުޅިވަރަށް ޚިދުމަތް ކުރައްވަމުންނެވެ.
އަޙްމަދު ލަޠީފަކީ، ޗައިނާގައި، ބޭރުގެ ޑިޕްލޮމޭޓުންގެ މެދުގައި ބޭއްވުނު ޓެނިހާއި، ޓޭބަލްޓެނިސް މުބާރާތްތަކުގެ ޗެމްޕިއަންކަން ހޯއްދަވައިފައިވާ ބޭފުޅެކެވެ. 2006 ވަނަ އަހަރުން ފެށިގެން "ޑިޕްލޮމެޓްސް ޓޭބަލްޓެނިސް ޓޯނަމަންޓް"ގެ ނަމުގައި ލަޠީފްވަނީ މުބާރާތެއް ތަޢާރުފުކުރައްވައި، އެ މުބާރާތް އެކި ޤައުމުތަކުގައިވަނީ ބާއްވަވައިފައެވެ. މިގޮތުން، 2006 ވަނަ އަހަރު ނިއުދިއްލީގައާއި، 2008، 2009، 2010 އަދި 2011 ގައި ބެއިޖިންގގައި އަދި 2019 ގައި ބަރލިންގައި މި މުބާރާތްތައް ވަނީ ކާމިޔާބުކަމާއެކު ހިންގަވައިފައެވެ. މި މުބާރާތްތައް ވެގެންދިޔައީ "ޕިންގ ޕޮންގ ޑިޕްލޮމަސީ"ގެ އިތުރު ބޮޅުތަކެއް ގަތައިލެވޭ ހަރަކާތެއްގެ ގޮތުގައެވެ.
އަޙްމަދު ލަޠީފަށް ކުޅިވަރުގެ ދާއިރާއިން ޝަރަފުވެރިކަމުގެ ޤައުމީ އިނާމު އެރުވުމަށް ޤައުމީ އިނާމާބެހޭ ކޮމިޓީން ނިންމެވީ، ރާއްޖޭގެ ޓޭބަލް ޓެނިސް ކުރިއެރުވުމަށާއި ތަރައްޤީކުރެއްވުމަށް ކުރައްވައިފައިވާ މަސައްކަތްޕުޅުތަކަކީ، އެފަދަ ޝަރަފެއް އެރުވުން ޙައްޤު، އަދި ވަރަށް އިޚްލާޞްތެރިކަމާއެކު ކުރެއްވި ބުރަ މަސައްކަތްތަކެއްކަމަށް ކޮމިޓީއަށް ފެނިވަޑައިގަންނަވާތީއެވެ. އަދި ރާއްޖެއިން ބޭރުގައި ޑިޕްލޮމޭޓެއްގެ ގޮތުގައި މިހާރު ޚިދުމަތް ކުރައްވަމުން ގެންދަވާއިރު އަދި އޭގެކުރިންވެސް ޚިދުމަތްކުރައްވަމުން ގެންދެވިއިރު، ރާއްޖޭގައި ޓޭބަލްޓެނިސް ކުރިއަރުވައި ތަރައްޤީކުރެއްވުމަށާއި، އެރޮނގުން ރާއްޖެއިން ބޭރުން އެކިއެކި އެހީތަކާއި ފުރުސަތުތައް ރާއްޖެއަށް ހޯއްދަވައިދެއްވުމަށް މެދުނުކެނޑި ކުރައްވައިފައިވާ އަދި ކުރައްވަމުން ގެންދަވާ އިޚްލާޞްތެރި މަސައްކަތްޕުޅުތަކުގެ އަގު ވަޒަންކުރެއްވުމުގެ ގޮތުންނެވެ.