ޙުސައިން ރަޝީދު ޙަސަނަކީ، ރާއްޖޭގައި އުފެދުނު ބެޑްމިންޓަން ކުޅުންތެރިންގެ ތެރެއިން ރަންވަނަތަކެއް ހާސިލު ކުރައްވައިފައިވާ، މިހާރުވެސް ކޯޗެއްގެ ގޮތުން ޚިދުމަތް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. ބެޑްމިންޓަން ކުޅުއްވަން ފުރަތަމަ ފެށްޓެވީ އުމުރުން 13 އަހަރުގައެވެ. އޭގެފަހުން މެދުނުކެނޑި 45 އަހަރު ބެޑްމިންޓަން ކުޅުންތެރިއެއްގެ ގޮތުގައި ކުޅިވަރުގެ މައިދާނުން ޙުސައިން ރަޝީދު ފެނިގެންދިޔައެވެ. ރާއްޖޭގެ ޤައުމީ ބެޑްމިންޓަން ޓީމުގެ ކުޅުންތެރިއެއްގެ ގޮތުގައި ޙުސައިން ރަޝީދު ހިމެނިވަޑައިގަތީ 1980 ވަނަ އަހަރުއެވެ.
ޙުސައިން ރަޝީދަކީ، ރާއްޖޭގައި ބޭއްވުނު ޤައުމީ ބެޑްމިންޓަން މުބާރާތްތަކުގައްޔާއި، އެނޫން އެހެން މުބާރާތްތަކުގައިވެސް ކުލަގަދަ ކާމިޔާބީތަކެއް ހާސިލުކުރައްވައިފައިވާ ކުޅުންތެރިއެކެވެ. ޤައުމީ މުބާރާތުގެ ސިންގަލްސް ޗެމްޕިއަންކަމާއި، ޑަބަލްސް ޗެމްޕިއަންކަން އަދި އޯޕަން ޑަބަލްސް ޗެމްޕިއަންކަން، ގިނަ އަހަރުތަކަކު ހޯއްދަވައިފައި ވެއެވެ. މީގެއިތުރުން، އެކި ޓީމުތަކަށް ކުޅުއްވައި، އެ ޓީމުތަކަށްވެސް ގިނަ ކާމިޔާބީތަކެއް ހޯއްދަވައިދެއްވިއެވެ.
ޙުސައިން ރަޝީދަކީ، ބެޑްމިންޓަންގެ މަޝްހޫރު ކޯޗެއްވެސްމެއެވެ. އިންޓަރނޭޝަނަލް ބެޑްމިންޓަން ފެޑަރޭޝަންގެ ކޯޗިންގ ކޯސްތަކާއި، އިންޓަރނޭޝަނަލް އޮލިމްޕިކް ސޮލިޑޭރިޓީ ކޯސްތައްވެސް ޙުސައިން ރަޝީދު ވަނީ ފުރިހަމަކުރައްވައިފައެވެ. މީގެއިތުރުން، ރާއްޖޭގައާއި ރާއްޖެއިން ބޭރުގައި ބޭއްވުނު ތަފާތު ތަމްރީނު ކޯސްތަކުގައްޔާއި، ތަމްރީނު ޕްރޮގްރާމްތަކުގައިވެސް ޙުސައިން ރަޝީދު ބައިވެރިވެވަޑައިގެންފައިވެއެވެ.
ރާއްޖޭގައި ބެޑްމިންޓަން ތަޢާރުފުވެ، މިއަދާ ހަމަޔަށް އައިއިރު، ބެޑްމިންޓަންގައި މަޝްހޫރު ގިނަ ކުޅުންތެރިންނަކީ، ޙުސައިން ރަޝީދުގެ ދަރިވަރުންނެވެ. ޙުސައިން ރަޝީދު ވަނީ ވަރަށްގިނަ ކުޅުންތެރިންނަށް ކޯޗްވެސް ކޮށްދެއްވައިފައެވެ. މިގޮތުން، މާލޭގެ ބައެއް ސްކޫލް މަދަރުސާތަކަށާއި، ރާއްޖޭގެ އެހެން ބައެއް ރަށްރަށުގެ ސްކޫލް މަދަރުސާތަކުގެ ދަރިވަރުންނަށްވެސް ކޯޗެއްގެ ގޮތުން ޚިދުމަތް ކޮށްދެއްވައިފައި ވެއެވެ. އަދި ބައެއް އޮފީސްތަކަށާއި ކުންފުނިތަކަށް ޚާއްޞަކޮށްގެން ބާއްވާ ބެޑްމިންޓަން މުބާރާތްތަކަށްވެސް ކުޅުންތެރިން ތަމްރީނުކޮށްދެއްވައިފައި ވެއެވެ.
ޙުސައިން ރަޝީދަކީ، މި ދާއިރާއިން ހިލޭސާބަހަށްވެސް ގިނަ މަސައްކަތްތަކެއް ކޮށްދެއްވައިފައިވާ ބޭފުޅެކެވެ. ކޯޗުންގެ ގޮތުގައި މީހުން ތަމްރީނުކޮށްދެއްވުމަށް މާލޭގައްޔާއި ރާއްޖޭގެ އެކިރަށްރަށުގައި ޙުސައިން ކުރައްވައިފައިވާ މަސައްކަތްތަކުގެ އަގު ބެޑްމިންޓަން އެސޯސިއޭޝަނުން އެތައްފަހަރަކު ވަނީ ވަޒަންކުރައްވައިފައެވެ.
މުޅި ރާއްޖޭގައި ބެޑްމިންޓަން މިހާރު ފުޅާވެފައިވާ މިންވަރަށް އަތޮޅުތެރޭގައި ބެޑްމިންޓަންގެ ހަރަކާތްތައް ފުޅާވެ، ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް އެދަނީ 2007 ވަނަ އަހަރުން ފެށިގެން ޢަމަލީގޮތުން ޙުސައިން ރަޝީދު ކޮށްދެއްވައިފައިވާ މަސައްކަތްޕުޅުގެ ސަބަބުންނެވެ. މިގޮތުން، 2007 ވަނަ އަހަރު ބެޑްމިންޓަން އެސޯސިއޭޝަނުން، ޙުސައިން ރަޝީދުގެ ބެއްލެވުމުގެ ދަށުން، ލާމަރުކަޒީ އުސޫލުން އަތޮޅުތެރޭގައި ބެޑްމިންޓަންގެ ހަރަކާތްތައް ހިންގުމަށް މަސައްކަތް ފަށްޓަވައި، 2008 ވަނަ އަހަރު ބެޑްމިންޓަން އެސޯސިއޭޝަންގެ ހިންގާ ގަވާއިދުގެ ދަށުން 13 އަތޮޅެއްގައި ބެޑްމިންޓަން ޑިވެލޮޕްމަންޓް ކޮމިޓީ ޤާއިމުކޮށް ހަރުދަނާކުރެއްވިއެވެ. އަދި އެ ކޮމިޓީތައް މެދުވެރިވެގެން އަތޮޅުތެރޭގެ ހަރަކާތްތައް ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމަށްޓަކައި ފެށުނު މަސައްކަތުގައި އެސޯސިއޭޝަންގެ އަމާޒަކަށްވީ، މުޅި ރާއްޖޭގައި ބެޑްމިންޓަންގެ ހަރަކާތްތައް ފުޅާކޮށް ބެޑްމިންޓަން ކުރިއަރުވައި ކުޅުންތެރިން ބިނާކުރުމެވެ.
މި މަސައްކަތުގައި އެންމެ އިސްކޮށް ހުންނެވީ، ޙުސައިން ރަޝީދެވެ. މި މަސައްކަތުގެ ތެރެއިން، އަތޮޅުތެރެއަށް ޚާއްޞަކޮށްގެން ބެޑްމިންޓަން މުބާރާތެއް ރާވައި ހިންގުމަށް، މުބާރާތްތަކުގެ އޮނިގަނޑަށް ވަރަށްބޮޑު ބަދަލެއް ގެނެވި، ޒޯން ހިމެނޭގޮތަށް އަތޮޅު ލީގު މުބާރާތެއް ރޭވިގެން، ޑިސެންބަރު 2008 ގައި އެ މުބާރާތް ކުރިއަށް ގެންދެވުނެވެ. 2007 ވަނަ އަހަރު ފެށުނު އެ މަސައްކަތުން އެއްއަހަރުން އަނެއް އަހަރަށް މުބާރާތުގައި ވާދަކުރާ ކުޅުންތެރިންގެ އަދަދު އިތުރުވެ، 2020 ވަނަ އަހަރާ ހަމައަށް ކާމިޔާބުކަމާއެކު 12 މުބާރާތް ބޭއްވިގެންދިޔުމުގައި ޙުސައިން ރަޝީދުގެ ޙިއްޞާ ވަރަށްބޮޑެވެ.
ހަމައެއާއެކު، ބެޑްމިންޓަން އެސޯސިއޭޝަނާއެކު ދާއިމީ ޕްރޮގްރާމްތައް ހިނގަމުންދާ އަތޮޅުތަކުގެ ރަށްރަށުގެ ބައެއް ސްކޫލްތަކުގައި އިންޓަރހައުސް ބެޑްމިންޓަން މުބާރާތްތަކާއި އަތޮޅު ފެންވަރުގައި އިންޓަރސްކޫލް ބެޑްމިންޓަން މުބާރާތްތަކާއި، އަތޮޅުތެރެއަށް އަމާޒުކޮށްގެން ކަލަންޑަރު މުބާރާތެއްގެ ގޮތުގައި ހުނަރުވެރި ގިނަ ދަރިވަރުންތަކަކަށް ބައިވެރިވެވޭނެހެން ފުރުޞަތުތައް ހުޅުވައިލުމަށް 2007 ވަނަ އަހަރު ބެޑްމިންޓަން އެސޯސިއޭޝަނުން ފެށި ޕްރޮގްރާމްތައް ހިންގަވައިދެއްވުމުގައި ޙުސައިން ރަޝީދު ކޮށްދެއްވި މަސައްކަތްތައް ފާހަގަކޮށްލަންޖެހެއެވެ. އަދި އަތޮޅުތެރޭގައި މިރޮނގުން މީހުން ބިނާކުރުމުގައްޔާއި، އިންޓަރސްކޫލް މުބާރާތްތަކާއި، ޒޯން މުބާރާތްތައް ބޭއްވުން ފާހަގަކުރެވެއެވެ. އަދި 2019 ވަނަ އަހަރު ބޭއްވުނު އިންޓަރސްކޫލް ބެޑްމިންޓަން މުބާރާތުގައި މާލެއާއި އަތޮޅުތެރެއިން ޖުމްލަ 26 ސްކޫލަކުން 600 އަށްވުރެ ގިނަ ދަރިވަރުން ބައިވެރިވެފައިވާކަމީ، ޙުސައިން ރަޝީދު މި ކުރައްވާ މަސައްކަތަކީ ވަރަށް ކާމިޔާބު މަސައްކަތެއް ކަމުގެ ފުރިހަމަ ދަލީލެކެވެ.
2007 ވަނަ އަހަރު ފެށުނު މި މަސައްކަތުން ރާއްޖޭގެ ކަންކޮޅުތަކުގެ ކުޅުންތެރިންނަށް ހަމަހަމަކަމާއެކު ވާދަކުރުމުގެ ފުރުޞަތު ހޯއްދަވައިދެއްވައި، އަތޮޅުތެރެއިން އުފެދިގެން އައި ކުޅުންތެރިން ޤައުމީ ބެޑްމިންޓަން ޓީމުގައި ހިމެނި 2019 ވަނަ އަހަރު ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ރާއްޖެ ތަމްސީލުކޮށްފައިވާކަމީ، ޙުސައިން ރަޝީދަށްވެސް ލިބިވަޑައިގެންނެވި ޝަރަފެކެވެ.
ބެޑްމިންޓަން ކުރިއެރުވުމަށާއި، މީހުން ބިނާކުރުމަށް ބެޑްމިންޓަން އެސޯސިއޭޝަނުން 2007 ވަނައަހަރު ތަޢާރުފުކުރެއްވި ލާމަރުކަޒީ އުސޫލުގެ ތެރެއިން ބެޑްމިންޓަން ޑިވެލޮޕްމަންޓް ކޮމިޓީތަކުން މިހާތަނަށް ކޮންމެ ޒޯނެއްގައި 15 ކޯޗުން ތަމްރީނުކޮށް، އޭގެތެރެއިން ބެޑްމިންޓަން ވާރލްޑް ފެޑެރޭޝަންގެ ލެވެލް 1 އަދި ލެވެލް 2ގެ ކޯޗުން މިހާރު ހަރަކާތްތެރިވަމުންދާކަން އެއީވެސް ޙުސައިން ރަޝީދަށް ލިބިވަޑައިގެންނެވި ވަރަށް ބޮޑު ކާމިޔާބީއެކެވެ. އަދި މިކަމުގައި ޢަމަލީގޮތުން ޙުސައިން ރަޝީދު ކުރެއްވި މަސައްކަތާއި، ހޭދަކުރެއްވި ވަގުތުތަކަކީ ޙުސައިން ރަޝީދުގެ ހިތްޕުޅުގައި ބެޑްމިންޓަނާމެދު އުފެދިފައިވާ ލޯބި ހާމަވެގެންދިޔަ ކަމެއްމެއެވެ.
މި ފާއިތުވި އަހަރުތަކުގައި، ބެޑްމިންޓަން ކުރިއެރުވުމަށާއި، ބެޑްމިންޓަންގެ ރޮނގުން މީހުން ބިނާކުރެއްވުމަށް ވަރުބަލިފުޅުވުމެއްނެތި ބެޑްމިންޓަން އެސޯސިއޭޝަނާއެކު ޙުސައިން ރަޝީދު ކުރައްވަމުން ގެންދަވާ މަސައްކަތުގައި މިހާރުވެސް ރަށްރަށަށް ވަޑައިގެން ކޯޗުންނާއި ކުޅުންތެރިންގެ ތަމްރީނުތައް ބައްޓަން ކުރެއްވުމުގައި ޢަމަލީގޮތުން ބައިވެރިވެވަޑައިގަންނަވައެވެ.
ރާއްޖޭގެ ބެޑްމިންޓަން މިހާރު އޮތް ފެންވަރަށް ތަރައްޤީ ކުރެއްވުމުގައި ޙުސައިން ރަޝީދު ކުރައްވައިފައިވާ މަސައްކަތްޕުޅުތަކަކީ، ޚާއްޞަގޮތެއްގައި ފާހަގަކޮށްލެވޭ މަސައްކަތްޕުޅުތަކެކެވެ. ކުޅިވަރުގެ ދާއިރާއިން ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ލިބިވަޑައިގަންނަވާކަން އެއީ، ޙުސައިން ރަޝީދަށް ލިބިވަޑައިގަންނަވާ ވަރަށް ބޮޑު ޝަރަފަކާއި ހިތްވަރެއްވެސްމެއެވެ.