މުއުމިނާ އިބްރާހީމަކީ، ރާއްޖޭގެ ބްރޯޑްކާސްޓް ކުރުމުގެ ދާއިރާއަށް ވަރަށް ދިގު މުއްދަތެއްގައި އިޚްލާޞްތެރި ޚިދުމަތްތަކެއް ކުރައްވައިފައިވާ ބޭފުޅެކެވެ. 26 އޭޕްރީލް 1971 ގައި ބްރޯޑްކާސްޓިންގ ދާއިރާއާ ގުޅިވަޑައިގެން 38 އަހަރުގެ ޚިދުމަތަށްފަހު، 2009 ވަނަ އަހަރު އެ ދާއިރާއާ ވަކިވެވަޑައިގެންނެވިއިރު، އެ ދާއިރާގެ ކުރިއެރުމަށާއި ތަރައްޤީއަށް މުއުމިނާ ކޮށްދެއްވައިފައިވާ ޚިދުމަތްތަކަކީ ފާހަގަކޮށްލަންޖެހޭ ޚިދުމަތްތަކެކެވެ.
ވަގުތީ ދަސްކުރާ އެނައުންސަރެއްގެ ގޮތުގައި މުއުމިނާ ފުރަތަމަ ޚިދުމަތް ކުރައްވަން ފެށްޓެވިއިރު، ރޭޑިއޯގެ ޚިދުމަތް އެހާބޮޑަކަށް ފުޅާވެފައެއް ނުވެއެވެ. ނަމަވެސް، ރޭޑިއޯގެ ޚިދުމަތް މަޑުމަޑުން ފުޅާވަމުންގޮސް، ރޭޑިއޯ ޕްރޮގްރާމްތައް އުފައްދަވައި ތައްޔާރުކުރައްވައި ހުށަހެޅުއްވުމަށް ލިބިވަޑައިގެންނެވި ތަމްރީނުތަކާއެކު، ތަފާތުގިނަ ޕްރޮގްރާމްތަކެއް މުއުމިނާ ތައްޔާރުކުރައްވަމުން ގެންދެވިއެވެ. އޭރު އެޑިޔުކޭޝަނަލް ޑިވެލޮޕްމަންޓް ސެންޓަރުން އުފައްދަމުން ގެންދިޔަ "ރޭޑިއޯ ހަވީރު"ގެ ޕްރޮގްރާމްތައް، ދިވެހިރާއްޖޭގެ އަޑުން ތައްޔާރުކުރާގޮތަށް ހަމަޖެހުމާއެކު، އޭގެ ބައެއް ޕްރޮގްރާމްތައްވެސް މުއުމިނާ ތައްޔާރުކުރެއްވިއެވެ. އޭގެތެރެއިން އެންމެ ގިނަ ދުވަހު ކުރިއަށްގެންދެވުނު ދެ ޕްރޮގްރާމަކީ، ދަނޑުވެރިކަމުގެ މަޢުލޫމާތު ގެނެސްދޭ "ދިވެހި ބިމުން" މި ޕްރޮގްރާމާއި، ޞިއްޙީ މަޢުލޫމާތުދޭ "ޢާންމު ޞިއްޙަތު" މި ޕްރޮގްރާމެވެ.
މުއުމިނާ ތައްޔާރުކުރައްވައިފައިވާ އެހެނިހެން ޕްރޮގްރާމްތަކުގެ ތެރޭގައި، މުނިފޫހިފިލުވައިދިނުމުގެ ޕްރޮގްރާމްތަކާއި، ގޭތެރޭގެ ދިރިއުޅުމާބެހޭ މަޢުލޫމާތުގެ ޕްރޮގްރާމްތަކާއި، ހަށިގަނޑުގެ ދުޅަހެޔޮކަމާ ބެހޭގޮތުން އަންހެނުންނަށް ޚާއްޞަކޮށްގެން ތައްޔާރުކުރެއްވި ޕްރޮގްރާމްތައް ހިމެނެއެވެ. މީގެއިތުރުން، ޢާންމު ޚިދުމަތުގެ އިނާމު ދެއްވަން ފެށްޓެވި ދުވަސްވަރު، މި އިނާމު ހާސިލުކުރައްވާ ބޭފުޅުންގެ ޚިދުމަތަށް ބަލައިލައި، އެބޭފުޅުންގެ ވާހަކަފުޅުތައް ހިމަނައިގެން ތައްޔާރުކުރެއްވި "ވިދުވަރު" ޕްރޮގްރާމާއި، ކުޑަކުދިންނަށް ޚާއްޞަކޮށްގެން ފޮނުވި "ކުޑަކުދިންގެ ބަގީޗާ" ޕްރޮގްރާމާއި، ދިވެހިބޭސް ނުވަތަ ޙަކީމީ ބޭސް ބޭނުންކުރާނެގޮތުގެ މަޢުލޫމާތު ގެނެސްދިން "ފަންސަނގު" މި ޕްރޮގްރާމް ހިމެނެއެވެ.
ދިވެހިރާއްޖޭގެ އަޑުގައި މުއުމިނާ ޚިދުމަތް ކުރެއްވި ދުވަސްވަރު، ޤައުމަށް ކުރިމަތިވި ނުރައްކާތެރި ބައެއް ހާދިސާތަކުގައި، ދިވެހިރާއްޖޭގެ އަޑު މެދުވެރިކޮށް، ދިވެހި ރައްޔިތުންނަށް ދެމުންގެންދިޔަ އެކިއެކި މަޢުލޫމާތު ޕްރޮގްރާމްތަކުގައި ޢަމަލީގޮތުން މުއުމިނާ ބައިވެރިވެވަޑައިގެންފައިވެއެވެ. ދިވެހިރާއްޖޭގެ އަޑުން އަތޮޅުތަކުގައި އުފެއްދި މީޑިއާ ސެންޓަރުތަކަށްދިޔަ ޓީމުގައި ބައިވެރިވެވަޑައިގެން، ޕްރޮގްރާމް ތައްޔާރުކުރުމަށް މަސައްކަތްކުރާ ޕްރޮޑިއުސަރުންނަށް އެތަންތަނުގައި ހިންގި ތާޒާކުރުމުގެ ބައްދަލުވުންތަކުގައި މުއުމިނާ ޢަމަލީގޮތުން ބައިވެރިވެވަޑައިގެންފައިވެއެވެ.
1997 ވަނަ އަހަރު "އިންގްލިޝް ސަރވިސް"ގެ ނަމުގައި ދިވެހިރާއްޖޭގެ އަޑުން އުފެއްދި ރޭޑިއޯ ޗެނަލް ހިންގުމުގައިވެސް އެންމެ އިސް ބޭފުޅެއްގެ ގޮތުގައި ހުންނެވީ މުއުމިނާއެވެ. އެ ޗެނަލުން އިނގިރޭސިބަހުން ގެނެސްދިން ޕްރޮގްރާމްތަކުގެ ތެރެއިން ތަފާތު ރަހައިގެ ނަމުގައި، ކުރީ ޒަމާނުގައި އެކި ރަށްރަށަށް ޚާއްޞަކުރެވިފައިވާ ކާނާގެ ތަފާތު ބާވަތްތަކާއި، ދިވެހިންގެ މަޝްހޫރު ދިވެހި ކެއުންތައް ހަދާނެގޮތް ހިމަނައިގެން ގެނެސްދެއްވި "މިސްޓިސިޒަމް އިން ދަ މޯލްޑިވްސް" ޕްރޮގްރާމާއި، "ޕްލޭ އޮފް ވީކް"ގެ ނަމުގައި ގެނެސްދެއްވި ޑްރަމަޓައިޒް ވާހަކަ ޕްރޮގްރާމް ފާހަގަކޮށްލެވެއެވެ. އެ ޕްރޮގްރާމްގައި ހިމަނުއްވައިފައިވަނީ، ކުރީގެ މަޝްހޫރު ވާހަކަތަކުގެ ތެރެއިން "ދޮންބީފާނު" ވާހަކަ، "ޙުސްނީ ނުވަތަ ކެހިވެރި ލޯބި" ފަދަ ވާހަކަތަކެވެ. އެ ޕްރޮގްރާމްތައް އުފައްދައި އަދި ބައެއް ޕްރޮގްރާމްތައް ހުށަހެޅުއްވުމުގައިވެސް މުއުމިނާ ބައިވެރިވެވަޑައިގެންނެވިއެވެ.
ދިވެހިރާއްޖޭގެ އަޑުން ވަގުތުން ގެނެސްދޭ އެކިއެކި ރަސްމިއްޔާތުތަކާއި، އެކިއެކި ޙަފްލާތައްވެސް މުއުމިނާ ގެނެސްދެއްވައިފައިވަނީ ވަރަށް ފުރިހަމަކޮށް، އަޑުއަހާ ބަޔަކަށް އެ މަންޒަރުތައް ސިފަވާގޮތަށެވެ. ރާއްޖޭގައި ފުރަތަމަފަހަރަށް ބޭއްވުނު "ސާރކް ސަމިޓް" ޚާއްޞަގޮތެއްގައި މުއުމިނާ ފާހަގަކުރައްވައެވެ.
މުއުމިނާއަކީ އެނައުންސަރުން ތަމްރީނު ކުރެއްވުމަށްވެސް ގިނަ މަސައްކަތްތަކެއް ކޮށްދެއްވައިފައިވާ ބޭފުޅެކެވެ. މުއުމިނާ ތަމްރީނު ކުރެއްވި އެނައުންސަރުންގެ އަޑު، ދިވެހިރާއްޖޭގެ އަޑުން މިހާރު ގެނެސްދޭ ޕްރޮގްރާމްތަކާއި، ޓީ.ވީ މޯލްޑިވްސް އިން ގެނެސްދޭ ޚަބަރާއި، ބައެއް ލައިވް ކަވަރޭޖްތަކުން އިވެމުން އަދި އެ އެނައުންސަރުން ފެންނަމުންދެއެވެ. އެއީ މުއުމިނާއަށް ލިބިވަޑައިގަންނަވާ ވަރަށް ބޮޑު އުފާފުޅެކެވެ.
މުއުމިނާ އިބްރާހީމްގެ ޚިދުމަތްތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ޚިދުމަތަކީ، ފުޓްބޯޅަ ކޮމެންޓްރީ، ރޭޑިއޯއިން ވަގުތުން ގެނެސްދެއްވުމެވެ. ފުލްޓައިމް ކޮމެންޓްރީ ދެއްވުމުގެ މަސައްކަތް މުއުމިނާ ފެށްޓެވީ، އޭރު ދިވެހިރާއްޖޭގެ އަޑު ހިންގަވަން ތިއްބެވި އަލްފާޟިލް ސަމަރުބްލޫ އިބްރާހީމް މަނިކާއި، އަލްފާޟިލް ބަދުރުއްނަޞީރުގެ އެދިވަޑައިގަތުމަކަށެވެ. އެ މަސައްކަތް ފެށްޓެވިއިރު އުނދަގޫތަކާ ކުރިމަތިލައްވަން ޖެހިވަޑައިގެންނެވިނަމަވެސް، އެކަމުގެ ޝައުގުވެރިކަން ހިތްޕުޅުގައި އޮތްލެއް ބޮޑުކަމުން، ވީހާވެސް ފުރިހަމައަށް ކޮމެންޓްރީ ގެނެސްދެއްވުމަށް މުއުމިނާ އަބަދުވެސް މަސައްކަތް ކުރެއްވިއެވެ.
ފުޓްބޯޅަ ކޮމެންޓްރީ ދެއްވަން މުއުމިނާ ފެށްޓެވި ދުވަސްވަރަކީ، ފުޓްބޯޅައިގެ 1 ވަނަ ޑިވިޜަނާއި، 2 ވަނަ ޑިވިޜަނާއި، 3 ވަނަ ޑިވިޜަންގެ މެޗުތައްވެސް ވަގުތުން ގެނެސްދިން ދުވަސްވަރުކަމަށްވުމުން، އެ ހުރިހާ މެޗުތަކެއް އޭރު ވަގުތުން ގެނެސްދެއްވައިފައިވެއެވެ. ރާއްޖެއަށް ފުޓްބޯޅައިން ފުރަތަމަ ރިހިމެޑެލް ލިބުނު ސާފް ގޭމްސްގެ ފައިނަލް މެޗުގެ ކޮމެންޓްރީ ވަގުތުން ގެނެސްދިނުމުގައިވެސް މުއުމިނާ ބައިވެރިވެވަޑައިގެންނެވިއެވެ. މިގޮތުން 14 ވަރަކަށް އަހަރު މުއުމިނާ ފުޓްބޯޅަ ކޮމެންޓްރީ ގެނެސްދެއްވިއެވެ.
މުއުމިނާ އިބްރާހީމަކީ، ދުނިޔޭގައި ފުޓްބޯޅަ ކޮމެންޓްރީ ދެއްވި ފުރަތަމަ އަންހެން ރޭޑިއޯ ކޮމެންޓޭޓަރުކަމަށް، ރާއްޖޭގައި ރޭޑިއޯގެ ޚިދުމަތުގައި އުޅުއްވާ ގިނަބޭފުޅުން ދެކެވަޑައިގަންނަވައެވެ. މުއުމިނާ އެ މަސައްކަތް ފެށްޓެވިއިރު، ރާއްޖެ ފިޔަވައި ދުނިޔޭގެ އެހެން ޤައުމެއްގައި އަންހެން ކޮމެންޓޭޓަރުންނެއް ނެތެވެ.
މުއުމިނާ މިހާރު ރޭޑިއޯގެ ޚިދުމަތުން ވަކިވެވަޑައިގެން ހުންނެވި ނަމަވެސް، މިހާރުވެސް ދިވެހިރާއްޖޭގެ އަޑުން އަދި ޕީ.އެސް.އެމް. އިން އެދިވަޑައިގެންނެވި ކޮންމެ ކަމެއްގައި އެހީތެރިކަން ފޯރުއްވައިދެއްވަމުން ގެންދަވައެވެ. ދިވެހިރާއްޖޭގެ އަޑަށް މުއުމިނާގެ ޚިދުމަތް ބޭނުންފުޅުވާ ކޮންމެ ވަގުތެއްގައިވެސް، އެ ޚިދުމަތް ވީހާވެސް ރަނގަޅަކަށް ދެއްވުމަކީ، މުއުމިނާއަށް ލިބިވަޑައިގަންނަވާ ވަރަށްބޮޑު އުފާފުޅެކެވެ. އަދި ޝަރަފެއްވެސްމެއެވެ.
އެނައުންސަރެއްގެ އިތުރުން، ދިވެހިރާއްޖޭގެ އަޑުގައި މުއުމިނާ އަދާކުރެއްވި ވަޒީފާތަކުގެ ތެރޭގައި، ސީނިއަރ އެނައުންސަރ ކަމާއި، ޕްރެޒެންޓަރ ޕްރޮޑިއުސަރ ކަމާއި، ޕްރޮގްރާމް އޮގަނައިޒަރ ކަމާއި، ސީނިއަރ ޕްރޮގްރާމް އޮގަނައިޒަރކަން ހިމެނެއެވެ. އަދި ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް، ޑިވެލޮޕްމަންޓްކަމުގެ މަގާމުވެސް ފުރުއްވައިފައިވެއެވެ.
ޚަބަރާއި މަޢުލޫމާތު ފެތުރުމުގެ ދާއިރާއިން މުއުމިނާ އިބްރާހީމަށް ޝަރަފުވެރިކަމުގެ ޤައުމީ އިނާމެއް އެރުވުމަށް ޤައުމީ އިނާމާބެހޭ ކޮމިޓީން ނިންމެވީ، ބްރޯޑްކާސްޓިންގ ދާއިރާގައި 38 އަހަރު ދުވަހު މުއުމިނާ ކޮށްދެއްވި ޚިދުމަތްތަކަކީ، ޤައުމީ ފެންވަރެއްގައި ބަލައިގަންނަންޖެހޭ ޚިދުމަތްތަކެއް ކަމަށްފެނިވަޑައިގަންނަވާތީއެވެ. އަދި މުއުމިނާއަކީ ރާއްޖޭގެ ގިނަ ބަޔަކު ދަންނަ ރޭޑިއޯގެ މަޤްބޫލު ޝަޚްޞިއްޔަތަކަށްވާތީވެސް މެއެވެ.