އަލްފާޟިލާ މަރްޔަމް ވަޙީދާ
ހ. ދުނި

މަރްޔަމް ވަޙީދާއަކީ ރާއްޖޭގެ އިޖުތިމާޢީ ޚިދުމަތުގެ ދާއިރާގައި މެދުނުކެނޑި ޚިދުމަތް ކުރައްވަމުން ގެންދަވާތާ ގިނަ އަހަރުތަކެއް ވެފައިވާ ބޭފުޅެކެވެ. ދިވެހިންގެ ޢާންމު ދިރިއުޅުމާއި، ޚާއްޞަކޮށް، ޢާއިލީ ދިރިއުޅުމާ ބެހޭގޮތުން ފުންކޮށް ވިސްނަވައި ޚިޔާލުފުޅުކުރައްވާ ބޭފުޅެކެވެ. މިވޭތުވެދިޔަ ދިގު މުއްދަތުގެ ތެރޭގައި، އިޖުތިމާޢީ ދާއިރާއިން ތަފާތު ގިނަ ޚިދުމަތްތަކެއް މަރްޔަމް ވަޙީދާވަނީ ކޮށްދެއްވައިފައެވެ. މިގޮތުން، ރާއްޖޭގައި ނުކުންނަ އެކިއެކި ނޫސް މަޖައްލާތަކަށް އިޖުތިމާޢީ ގިނަ ލިޔުންތަކެއް ވަނީ ލިޔުއްވައިފައެވެ.

މަރްޔަމް ވަޙީދާގެ އިޖުތިމާޢީ ޚިދުމަތުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް މަސައްކަތްޕުޅަކީ، ޓެލެވިޜަން މޯލްޑިވްސުން 1988 ވަނަ އަހަރު ފޮނުއްވަން ފެށްޓެވި "ރެހެންދި" ޕްރޮގްރާމެވެ. އެ ޕްރޮގްރާމް ލިޔުއްވައި ހުށަހަޅުއްވައިދެއްވީވެސް މަރްޔަމް ވަޙީދާއެވެ. އޭގެ 100 ޕްރޮގްރާމް ތައްޔާރުކުރައްވައި ހުށަހަޅުއްވައި ދެއްވިވެސްމެއެވެ. ރެހެންދި ޕްރޮގްރާމަކީ، ރާއްޖޭގެ އިޖުތިމާޢީ ޚިދުމަތުގެ ދާއިރާގައި މަސައްކަތް ކުރައްވާ ބޭފުޅުންގެ މަސައްކަތްތަކާއި، އިޖުތިމާޢީ ރޮނގުން ކުރިމަތިވާ މައްސަލަތަކާއި، ޢާއިލީ ގުޅުންތަކުގެ މައްޗަށާއި، ގުޅުން ބަދަހިކުރުމުގެ މުހިންމު ކަމުގެ މައްޗަށް ތައްޔާރުކުރައްވައި ހުށަހަޅުއްވައިދެއްވި ޕްރޮގްރާމެކެވެ. އޭގެފަހުން، ޓެލެވިޜަން މޯލްޑިވްސުން ހަފުތާއަކު އެއްފަހަރު ގެނެސްދެއްވި ޞިއްޙީ ޕްރޮގްރާމެއް ކަމަށްވާ "ފަރުވާ" މި ޕްރޮގްރާމްވެސް ލިޔުއްވައި ހުށަހަޅުއްވައިދެއްވީ މަރްޔަމް ވަޙީދާއެވެ. 1988 ން 1990 އަށް މި ސިލްސިލާގެ 13 ޕްރޮގްރާމު ހުށަހަޅުއްވައިދެއްވިއެވެ. މިއީ މުޅިންވެސް ހިލޭސާބަހަށް ކޮށްދެއްވި މަސައްކަތްތަކެކެވެ.

މަރްޔަމް ވަޙީދާއަކީ، 2 ޑިސެންބަރު 1992ން ފެށިގެން 29 މާރިޗު 2009 އާ ހަމަޔަށް "މޯލްޑިވްސް ގަރލްގައިޑް އެސޯސިއޭޝަން"ގެ ޗީފް ކޮމިޝަނަރުކަން ކުރައްވައިފައިވާ ބޭފުޅެކެވެ. މަރްޔަމް ވަޙީދާގެ ކޮމިޝަނަރުކަމުގެ ދައުރުގައި ގަރލްގައިޑްގެ ހަރަކާތްތައް ރާއްޖޭގައި ފުޅާކުރެއްވުމަށް ކުރައްވައިފައިވާ މަސައްކަތްޕުޅުތައް، ޚާއްޞަގޮތެއްގައި ފާހަގަކޮށްލަންޖެހެއެވެ. އެ އެސޯސިއޭޝަނާ މަރްޔަމް ހަވާލުވެވަޑައިގެންނެވިއިރު މާލޭގައި ތިބީ 300 މެންބަރުންނެވެ. މަރްޔަމް ވަކިވެވަޑައިގެންނެވިއިރު ގައިޑް ހަރަކާތް މުޅި ރާއްޖެއަށް ފުޅާކުރައްވައި، 15,000 ގައިޑުން ތިއްބެވެ. އަދި ދުނިޔޭގެ ގައިޑް ޖަމުޢިއްޔާގެ ފުރިހަމަ މެންބަރެއްގެ މަގާމު ވަނީ ލިބިފައެވެ. އަދި ރާއްޖޭގެ އެތައް ޓްރެއިނަރުންނެއް އުފައްދަވައިފައި ވެއެވެ. ބޭރު ޤައުމުތަކުގައި ބޭއްވުނު ކޭމްޕްތަކުގައްޔާއި ތަމްރީނުތަކުގައި ދިވެހި ކުދިންނަށް ފުރުސަތު ހޯއްދަވައިދެއްވައިފައި ވެއެވެ. ޕްރެޒިޑެންޓްސް ގައިޑް ބެޖް ފުރަތަމަ ފަހަރަށް ގައިޑް ކުދިންނަށް ދޭން ފެށިއެވެ. ރާއްޖޭގައި ކޮންމެ އަހަރަކު ބާއްވަމުން ގެންދިޔަ ގައިޑްކޭމްޕްތައް އިންތިޒާމު ކުރެއްވުމުގައްޔާއި، އެ ކޭމްޕްތައް ހިންގެވުމުގައި ޗީފް ކޮމިޝަނަރުގެ ހައިސިއްޔަތުން ވަރަށް އިސް ދައުރެއް މަރްޔަމް ވަޙީދާވަނީ އަދާކުރައްވައިފައެވެ.

މިހާރު މަރްޔަމް ވަޙީދާ މަސައްކަތް ކުރައްވަމުން ގެންދަވަނީ، މޯލްޑިވްސް ސްކައުޓް އެންޑް ގައިޑް ފެލޯޝިޕްގައެވެ. އެޖަމާޢަތުގެ ތެރެއިން އިޖުތިމާޢީ ވަރަށްގިނަ ޕްރޮގްރާމްތައް، އެކި އުމުރުފުރާތަކަށް އަމާޒުކުރައްވައިގެން، ހިންގައިފައިވާއިރު، މަރްޔަމްގެ ބައިވެރިވެވަޑައިގަތުން ފާހަގަކޮށްލެވެއެވެ. މަރްޔަމް ވަޙީދާއަކީ، އޭޝިއާ ޕެސިފިކް ސްކައުޓް އެންޑް ގައިޑް ފެލޯޝިޕްގެ ވައިސް ޗެއަރކަމުގެ ތިން އަހަރު ދުވަހުގެ ދައުރެއް ފުރިހަމަ ކުރައްވައިފައިވާ ބޭފުޅެކެވެ. އިޖުތިމާޢީ ޚިދުމަތުގެ ދާއިރާއިން މަރްޔަމް ވަޙީދާ ކުރައްވާ މަސައްކަތްތަކުގެ ތެރޭގައި، ބައެއްކަހަލަ ޙާލަތްތަކުގައި ލޭ ބޭނުންވާ މީހުންނަށް ލޭ ހޯއްދަވައި ދެއްވުމާއި އެހީތެރިކަން ލިބޭނެ މަގުތަނަވަސް ކޮށްދެއްވުން ހިމެނެއެވެ. ކައުންސެލިންގ ދެއްވުމަކީވެސް ހިލޭސާބަހަށް މަރްޔަމް ކުރެއްވި މުހިންމު މަސައްކަތެކެވެ.

ހިލޭސާބަހަށް މަސައްކަތް ކުރެއްވުމުގެ ދާއިރާއިންނާއި، ލިޔުންތެރިކަމުގެ ރޮނގުން މަރްޔަމް ވަޙީދާއަށް ލިބިވަޑައިގެންފައިވާ އެކިއެކި އެވޯޑުތަކުގެ ތެރޭގައި، ލިޔުންތެރިކަމަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި ދެއްވި ރިހި ގަލަމާއި، ރާއްޖޭގެ ގައިޑް ޓްރެއިނަރަކަށް ދެވޭ އެންމެމަތީ އެވޯޑު، ގޯލްޑް ޕާމާއި، ގައިޑް ހަރަކާތްތަކަށް ކޮށްދެއްވި ފާހަގަކުރެވޭ ޚިދުމަތްތަކަށްޓަކައި 2002 ވަނަ އަހަރު ލިބިވަޑައިގެންނެވި އެވޯޑާއި، ގައިޑް ހަރަކާތަށް ކޮށްދެއްވާ ޚިދުމަތްތަކަށްޓަކައި ވާރލްޑް އެސޯސިއޭޝަންގެ އޭޝިއާ ޕެސިފިކް ސަރަޙައްދުގެ އައުޓް ސްޓޭންޑިންގ ޚިދުމަތުގެ އެވޯޑާއި، ވިމެން އޮފް ދި އިޔަރ 2019 އާއި، ވިމެން އިން މެނޭޖްމަންޓްގެ ފަރާތުން 2018 އަދި 2019 ވަނަ އަހަރު ހޮވި ޓޮޕް 50 ޕްރޮފެޝަނަލް އެންޑް ކެރިއަރ ވިމެން އިންސްޕިރޭޝަނަލް ވިމެން އޮފް ދި އިޔަރ އެވޯޑާއި، ދިގު މުއްދަތަކަށް އެކިއެކި ލިޔުންތައް ހިލޭސާބަހަށް ލިޔުއްވައިދެއްވައިފައިވާތީ، ހަވީރު ނޫހުން ދެއްވި އެޕްރިސިއޭޝަން އެވޯޑު ހިމެނެއެވެ.

މަރްޔަމް ވަޙީދާއަކީ، ރާއްޖޭގެ ފިލްމީ ދާއިރާއިންވެސް ކުޑަދުވަސްކޮޅަކަށް އަޅުގަނޑުމެންނަށް ފެނުނު ވިދުންގަދަ ތަރިއެކެވެ. ފިލްމީ ދާއިރާއަށް ވެދެވަޑައިގެންނެވީ، އެ އިންޑަސްޓްރީއަށް ޚިދުމަތްތަކެއް ކޮށްދެއްވުމުގެ ބޭނުންފުޅުގައި، އަލްފާޟިލް ޙުސައިން ޝިހާބުގެ އެދިވަޑައިގަތުމަކަށެވެ. ޙުސައިން ޝިހާބު ހެއްދެވި ފިލްމު "ހަދިޔާ"ގެ ބަޠަލާގެ ބައި މަރްޔަމް ވަޙީދާ އަދާކުރެއްވިއެވެ. އަދި ޢަބްދުލްމުހައިމިން އުފެއްދެވި "ދެރިޔާ" ފިލްމުގައި ސަޕޯޓިންގ އެކްޓްރެސްއެއްގެ ރޯލުވެސް އަދާކުރެއްވިއެވެ. މީގެއިތުރުން، ޔޫސުފް ރަފީޢުގެ ފިލްމެއް ކަމަށްވާ "ވަޢުދު"ގެ ރޯލެއްވެސް މަރްޔަމް އަދާކުރެއްވިއެވެ.

މަރްޔަމް ވަޙީދާއަކީ، ސަރުކާރަށް 42 އަހަރަށްވުރެ ދިގު މުއްދަތެއްގައި އިޚްލާޞްތެރި ޚިދުމަތްތަކެއް ކޮށްދެއްވައިފައިވާ ބޭފުޅެކެވެ. ސަރުކާރަށް ޚިދުމަތް ކުރައްވަން ފެށްޓެވީ 7 ޑިސެންބަރު 1970 ގައެވެ. ފުރަތަމަ އަދާކުރެއްވީ، އަމީނިއްޔާ ސްކޫލްގެ ޓީޗަރުކަމުގެ ވަޒީފާއެވެ. އޭގެފަހުން ސަރުކާރުގެ އެކިއެކި އިދާރާތަކުގައި އިނގިރޭސި ސެކްރެޓަރީއެއްގެ ގޮތުން ޚިދުމަތް ކުރައްވައިފައިވެއެވެ. "ނޭޝަނަލް ޕްލޭނިންގ އޭޖެންސީ" ފުރަތަމަ އުފެއްދެވިއިރު އެތާނގެ ސެކްރެޓަރީއަކަށް ހަމަޖެއްސެވީވެސް މަރްޔަމް ވަޙީދާއެވެ. ނޭޝަނަލް ޕްލޭނިންގ އޭޖެންސީގެ މަސައްކަތްތައް ތަރައްޤީވެ، އެތާނގެ ނަމަށާއި މަސައްކަތްތަކަށް ބަދަލުތައް އައިސް، ޕްލޭނިންގ މިނިސްޓްރީ އުފެދި ހިނގަމުންދިޔައިރު، ކަންކަން ރާއްވަވައި ހިންގެވުމުގައި އިސް ދައުރެއް މަރްޔަމް ވަޙީދާ އަދާކުރެއްވިއެވެ. އަދި އެ އޮފީހުގައި ހޭދަކުރެއްވި 22 އަހަރުގެ ތެރޭގައި އެތާނގެ އިސް މަގާމުތަކެއްވެސް ފުރުއްވިއެވެ.

މަރްޔަމް ވަޙީދާ އެންމެ ގިނަދުވަހު ޚިދުމަތް ކުރެއްވި އެއް އިދާރާއަކީ، ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަނެވެ. އެ ޑިޕާޓްމަންޓްގެ ޑިރެކްޓަރުކަމާއި، އެސިސްޓެންޓް ޑިރެކްޓަރ ޖެނެރަލް ކަމާއި، ޑިރެކްޓަރ ޖެނެރަލްކަމާއި، އެގްޒެކެޓިވް ޑިރެކްޓަރުކަމުގެ މަގާމުގައި ހުންނަވައިގެން، އެ ޑިޕާޓްމަންޓުގެ ކުރިއެރުމާއި ތަރައްޤީއަށް ކޮށްދެއްވި މަސައްކަތްތައް، ޚާއްޞަގޮތެއްގައި ފާހަގަކޮށްލަންޖެހެއެވެ. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހެދުމުގެ މަސައްކަތްތައް ހަލުވިކުރެއްވުމަށާއި، އެ މަސައްކަތަށް މިހާރު އައިސްފައިވާ ކުރިއެރުމާއި ތަރައްޤީގައި މަރްޔަމް ވަޙީދާގެ ޙިއްޞާ ވަރަށްބޮޑުވެސް މެއެވެ. ސަރުކާރުން ވަކިވެވަޑައިގަތުމާ ހަމަޔަށް މަރްޔަމް ވަޙީދާ ހުންނެވީ، މިނިސްޓްރީ އޮފް ހޯމްއެފެއާޒްގެ ޕަރމަނަންޓް ސެކްރެޓަރީގެ މަގާމުގައެވެ. 29 އެޕްރީލު 2008ން ފެށިގެން 5 އަހަރު ދުވަހުގެ މުއްދަތަށް އެ މަގާމު އަދާކުރެއްވިއެވެ.

އިޖުތިމާޢީ ހޭލުންތެރިކަން އިތުރުކުރެއްވުމުގެ ރޮނގުން 1990 ވަނަ އަހަރު މަރްޔަމް ވަޙީދާއަށް ވަނީ ޢާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު ލިބިވަޑައިގެންފައެވެ.

މިހާރުވެސް މަރްޔަމް ވަޙީދާ ދެމިހުންނެވީ، އިޖުތިމާޢީ ޚިދުމަތުގެ ދާއިރާއިން ޤައުމަށް ޚިދުމަތް ކުރެއްވުމުގައެވެ. މިހާރުވެސް އަމިއްލަ ފޭސްބުކް 3 ޕޭޖް ހިންގަވަމުން ގެންދަވާކަން އެއީ އިޖުތިމާޢީ ޚިދުމަތުގެ ދާއިރާއަށް މަރްޔަމްގެ ހިތްޕުޅުގައި އުފެދިފައިވާ ޝައުޤުވެރިކަމުގެ އަލިގަދަ ދަލީލެކެވެ. މަރްޔަމް ވަޙީދާ އެންމެ ކުރައްވާހިތްޕުޅުވާ މަސައްކަތަކީ، ކިޔަވައިދެއްވުމާއި، އެކި ލިޔުންތައް ލިޔުއްވުމާއި، ހިތާއި ވިންދާ ގުޅިފައިވާ މަސައްކަތް ކަމަށްވާ ހިލޭސާބަހަށް ޚިދުމަތް ކުރެއްވުމެވެ.