ޑޮކްޓަރ ނާއިލާ އިބްރާހީމް މުޙައްމަދުދީދީ
ގ. ފެއިތު

ޑޮކްޓަރ ނާއިލާ އިބްރާހީމް މުޙައްމަދުދީދީއަކީ، ރާއްޖޭގެ ޞިއްޙީ ދާއިރާއަށް، ޚާއްޞަކޮށް، އަންހެނުންގެ ބަލިތަކުގެ ޚާއްޞަ ޑޮކްޓަރެއްގެ ގޮތުން ވަރަށްގިނަ ޚިދުމަތްތަކެއް ކޮށްދެއްވައިފައިވާ ބޭފުޅެކެވެ. އިންޑިއާގެ މެޑްރާސްގެ މެޑިކަލް ކޮލެޖުން، އެމް.ބީ.ބީ.އެސް. ހާސިލުކުރެއްވުމަށްފަހު ރާއްޖެއަށް ވަޑައިގެން، ގަވަރންމަންޓް ހޮސްޕިޓަލުގައި ޚިދުމަތް ކުރައްވަން ފެށްޓެވީ 10 ޖުލައި 1976 ގައެވެ. އެ ހޮސްޕިޓަލުގައި އޭރު މަސައްކަތް ކުރެއްވީ، މުޅިއެކު 5 ޑޮކްޓަރުންނެވެ. ޢާންމު ބަލިތަކަށް ފަރުވާދެއްވުމަށް ޑިއުޓީ އަދާކުރައްވަމުން ގެންދެވިއިރު، އެންމެ ނުރައްކާތެރި ޙާލަތަށް ހުށަހެޅިދާނެ ޙާލަތުގައި ތިބި ބަލިމީހުންގެ ގޮތުގައި ފާހަގަކުރެއްވުނީ، އަންހެނުންނެވެ. އޭގެތެރެއިންވެސް ގިނައިން ފާހަގަކުރެއްވުނީ، ވިހެއުމާ ގުޅިގެން ދިމާވާ މައްސަލަތަކުގައި ފަރުވާ ހޯދުމަށް އަންނަ މީހުންނެވެ. މިފަދަ ބަލިމީހުންނާ އެކީގައި ގިނަވަގުތުތަކެއް ހޭދަކުރައްވަން ޖެހިވަޑައިގަތުމުން، އަންހެނުންގެ ޚާއްޞަ ޑޮކްޓަރަކަށް ވެވަޑައިގަތުމުގެ ޝައުޤުވެރިކަން ނާއިލާގެ ހިތްޕުޅުގައި އުފެދި، ޕްރޮފެޝަނަލް ކެރިއަރގެ ބިންގާ އެޅިގެންދިޔައީ، މި ތަޖުރިބާއިންނެވެ.

1978 ވަނަ އަހަރު ޑަބްލިޔު.އެޗް.އޯ.އިން ލިބިވަޑައިގެންނެވި ސްކޮލަރޝިޕެއްގައި އިންޑިއާގެ މެޑްރާސްއަށް ވަޑައިގެން، ގައިނެކޮލޮޖީ އެންޑް އޮބްސްޓެޓްރިކްސްގެ ރޮނގުން ޑިޕްލޮމާއާއި، އެރޮނގުން މާސްޓަރޒް ހާސިލު ކުރެއްވުމަށްފަހު ރާއްޖެއަށް ވަޑައިގެން، އަލުން ޚިދުމަތް ފެށްޓެވީ، 5 ނޮވެންބަރު 1981ގައެވެ. އެ އަހަރު ރާއްޖޭގެ ފުރަތަމަ ޕޯސްޓްގުރެޖުއޭޓް ޑިގްރީ ހާސިލު ކުރެއްވި ޑޮކްޓަރަކަށް ވެވަޑައިގަތުމުގެ ފަޚުރާއެކީގައި ގަވަރންމަންޓް ހޮސްޕިޓަލްގެ ސީނިއަރ ހައުސް އޮފިސަރ އިން އޮބްސްޓެޓްރިކްސް އެންޑް ގައިނެކޮލޮޖީގެ މަގާމުގައި ޚިދުމަތް ފެށްޓެވިއެވެ. ޑޮކްޓަރ ނާއިލާއާއެކީގައި، ފިރިކަލުން ޑޮކްޓަރ މުޙައްމަދު ފިރުދައުސްވެސް ސަރޖަނެއްގެ ގޮތުގައި އޭރު ޚިދުމަތް ފެށްޓެވިއެވެ. ޑޮކްޓަރ ނާއިލާއާއި ފިރިކަލުން ޚިދުމަތް ފެށްޓެވުމާއެކު، އޮޕަރޭޝަން ތިއޭޓަރުގައި ގަވާއިދުން އޮޕަރޭޝަންތައް ކުރަން ފެށުނެވެ. އެދުވަސްވަރު ހޮސްޕިޓަލުގައި އަންހެނުންނަށް ޚާއްޞަ އެހެން ޑޮކްޓަރެއް ނެތުމާއެކު، ހޮސްޕިޓަލްގެ ޑިއުޓީގެ އިތުރަށް، 24 ގަޑިއިރުހެން އޮންކޯލްގައި ޑޮކްޓަރ ނާއިލާ ހުންނަވަން ޖެހިވަޑައިގަތެވެ. އަދި އޭރު ރަށްރަށުގެ ޞިއްޙީ މަރުކަޒުތަކުގެ ޙާލަތު އޮތްގޮތުން އެކަށީގެންވާ ފަރުވާ ދެވެންވެސް ނެތުމާއެކު، ޞިއްޙީ މަރުކަޒުތަކުގެ ހެލްތް ވާރކަރުންނާ ގުޅުއްވައި، އެކިކަންކަމުގައި ލަފާ ދެއްވައި، އެހީތެރިކަން ދެއްވަމުން ގެންދެވިއެވެ.

ޑޮކްޓަރ ނާއިލާ، އަންހެނުންގެ ޚާއްޞަ ޑޮކްޓަރަކަށް ވެވަޑައިގަތުމަށްފަހު، ޚިދުމަތް ކުރައްވަން ފެށްޓެވި ދުވަސްވަރަކީ، ސަރުކާރުން ރާއްޖޭގެ އެކި ހިސާބުތަކަށް ޞިއްޙީ ޚިދުމަތް ފުޅާކުރެއްވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދެވި ދުވަސްވަރެކެވެ. އެހެންކަމުން، އެ މުހިންމު މަސައްކަތަށް އެހީތެރިވެދެއްވުމުގެ ގޮތުން، ހެލްތް ވާރކަރުންނާއި، ފޫޅުމައިން ތަމްރީނު ކުރެއްވުމުގެ ކޯސްތަކުގައި ޑޮކްޓަރ ނާއިލާ ވަނީ ކިޔަވައިދެއްވައިފައެވެ.

އަންހެނުންގެ ޚާއްޞަ ޑޮކްޓަރެއްގެ ގޮތުގައި ޚިދުމަތް ކުރައްވަން ފެށްޓެވުމާއެކު، މި ދާއިރާ އިތުރަށް ތަރައްޤީކޮށް ފުޅާކުރެއްވުމަށް ބޭނުންވެފައިއޮތް މިންވަރު ޑޮކްޓަރ ނާއިލާއަށް ވަރަށް ބޮޑަށް އިޙްސާސް ކުރެއްވުނެވެ. މިގޮތުން، އަލްޓްރާ ސޮނޮގުރާފީގެ ޚިދުމަތް، އެކަމުގެ ތަމްރީނާއެކު، 1986 ވަނަ އަހަރު ރާއްޖެއަށް ތަޢާރުފު ކުރެއްވުމުގައްޔާއި، ޔޫ.އެން.ޑީ.ޕީ.ގެ އެހީއާއެކު، ލެޕްރޯސްކޯޕީގެ ޚިދުމަތް ރާއްޖެއަށް ތަޢާރުފު ކުރެއްވުމުގައި، ނާއިލާގެ ހިއްސާ ބޮޑުކަން ފާހަގަކޮށްލަން ޖެހެއެވެ.

ކްލިނިކަލް ދާއިރާގައި ޚިދުމަތް ކުރެއްވުމުގެ އިތުރަށް، ޑޮކްޓަރ ނާއިލާއަކީ ޕޮލިސީ ލެވެލްގައިވެސް ޞިއްޙީ ދާއިރާއަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވައިފައިވާ ބޭފުޅެކެވެ. މިގޮތުން، ހޮސްޕިޓަލުގައި ޚިދުމަތް ކުރައްވަމުން، މިނިސްޓްރީ އޮފް ހެލްތް އެންޑް ވެލްފެއަރގެ އެކްޓިންގ މެޑިކަލް އެޑްވައިޒަރުގެ ހައިސިއްޔަތުން މުޅި ޞިއްޙީ ދާއިރާއަށް ޚިދުމަތް ކޮށްދެއްވިއެވެ. 1993 ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ ތެރޭގައި، މިނިސްޓްރީ އޮފް ހެލްތް އެންޑް ވެލްފެއަރގެ ޑިރެކްޓަރ އޮފް ހެލްތް ސަރވިސަސްގެ މަގާމަށް ބަދަލުކުރެއްވުމާ ގުޅިގެން، ޕޮލިސީ ލެވެލްގައި ޚިދުމަތް ކުރެއްވުމުގެ ފުރުޞަތު އިތުރަށް ފުޅާވެގެންދިޔައެވެ. އެދުވަސްވަރަކީ، އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލްގެ ޚިދުމަތްތައް ފެށުމުގެ އިންތިޒާމުތައް ހަމަޖައްސަވަމުން ގެންދެވި ދުވަސްވަރު ކަމަށްވުމާއެކު، އެކަންކަމުގައި ޢަމަލީގޮތުން ބައިވެރިވެވަޑައިގެން، ކަންތައްތައް ރާއްވަވައި އިންތިޒާމު ކުރެއްވުމުގައި އެހީތެރިވެދެއްވިއެވެ.

ޑޮކްޓަރ ނާއިލާއަކީ، ނޭޝަނަލް ތެލެސީމިއާ ސެންޓަރުގެ އެޑްވައިޒަރެއްގެ ގޮތުންވެސް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވައިފައިވާ ބޭފުޅެކެވެ. މިގޮތުން 1993 ވަނަ އަހަރު ތަޢާރުފު ކުރެވުނު ފުރަތަމަ ނެޝަނަލް ތެލަސީމިއާ ޕްރޮގްރާމްގެ އެޑްވައިޒަރެއްގެ ހައިސިއްޔަތުން އެ ޕްރޮގްރާމް ހިންގެވުމުގައްޔާއި، 2006 ވަނަ އަހަރު ފެށުނު އެ ޕްރޮގްރާމުގެ ދެވަނަ ފޭސްގެ ތެރެއިން އެ ޕްރޮގްރާމުގައި ހިމެނޭ ކަންކަން ހަރުދަނާކުރެއްވުމުގެ މަސައްކަތުގައިވެސް ނާއިލާ ބައިވެރިވެވަޑައިގެންނެވިއެވެ.

އެއިޑްސް ކޮމިޓީގެ ޗެއަރޕަރސަންގެ ހައިސިއްޔަތުން 1992 އިން 1994 އަށް ޤައުމީ އެއިޑްސް ޕްރޮގްރާމް ބެލެހެއްޓެވީ، ޑޮކްޓަރ ނާއިލާއެވެ. ރާއްޖޭގައި އެއިޑްސްޖެހުނު ފުރަތަމަ މީހާ ފާހަގަވުމާއެކު، މުޅި ޕްރޮގްރާމް އަލުން ބައްޓަން ކުރައްވަން ޖެހިވަޑައިގަތެވެ. މިގޮތުން، އެއިޑްސްޖެހޭ މީހުންގެ ސިއްރު ހިފެހެއްޓުމަށާއި، ކައުންސެލިންގގެ އިތުރަށް އެމީހުންނަށް ފަރުވާދެވޭނެ ގޮތްތައް ރޭއްވެވުމުގައިވެސް ޑޮކްޓަރ ނާއިލާ މުހިންމު ދައުރެއް އަދާކުރެއްވިއެވެ.

2005 ވަނަ އަހަރު، އެއް ފުރާޅެއްގެ ދަށުގައި ދަރިމައިވަންތަކަމުގެ އަދި އަންހެނުންނަށް ޚާއްޞަ ކްލިނިކްތައް ހިންގުމަށް އައި.ޖީ.އެމް.އެޗް ގައި ރިޕްރޮޑަކްޓިވް ހެލްތް ސެންޓަރެއް (އާރު.އެޗް.ސީ) ޤާއިމުކުރެއްވުމުގައި އެންމެ އިސް ދައުރެއް އަދާކުރެއްވީވެސް ޑޮކްޓަރ ނާއިލާއެވެ.

ޑޮކްޓަރ ނާއިލާއަކީ، އިޖުތިމާޢީ ރޮނގުންވެސް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވައިފައިވާ ބޭފުޅެކެވެ. މިގޮތުން 1998 ވަނަ އަހަރު އުފެދުނު އަމިއްލަ ޖަމުޢިއްޔާއެއް ކަމަށްވާ ސޮސައިޓީ ފޮރ ހެލްތް އެޑިޔުކޭޝަން (ޝީ)ގެ ހަތަރު ފައުންޑަރ މެންބަރުންގެ ތެރެއިން އެއް ބޭފުޅަކީ ޑޮކްޓަރ ނާއިލާއެވެ. ތަފާތު ފެންވަރުގައި ގިނަގުނަ ޚިދުމަތްތަކެއް އެ ޖަމުޢިއްޔާއަށް ވަނީ ފޯރުކޮށްދެއްވައިފައެވެ. މިގޮތުން ފާހަގަކޮށްލެވޭ އެއްކަމަކީ، ގިނަ ޕްރޮފެޝަނަލުންތަކެއް (މެޑިކަލް ޑޮކްޓަރުންނާއި، ލެބޯރެޓަރީ ޓެކްނީޝަނުންނާއި، ޓީޗަރުންނާއި، ކައުންސެލަރުން) ގުޅިގެން ދޭ އިޖުތިމާޢީ ޚިދުމަތެއް ފޯރުވައިދެއްވުމަށް ކުރެއްވި މަސައްކަތްޕުޅެވެ. މި ޙަރަކާތް ހިންގެވުމުގެ ތެރޭގައި ރާއްޖޭގެ 114 ރަށަކަށް ދަތުރުފުޅުކުރައްވައި، ޞިއްޙީ ހޭލުންތެރިކަން އިތުރުކުރުމަށް ހިންގުނު ގިނަ ޕްރޮގްރާމްތަކެއްގައި ޢަމަލީގޮތުން ޑޮކްޓަރ ނާއިލާ ބައިވެރިވެވަޑައިގެންފައިވެއެވެ. މީގެތެރޭގައި، ޢާއިލާތަކުގެ މެންބަރުންނަށް ޚާއްޞަކޮށްގެން ހިންގުނު ހޭލުންތެރިކަމުގެ ޕްރޮގްރާމްތަކާއި، ޒުވާނުންނަށް ޚާއްޞަކޮށްގެން ހިންގުނު ޕްރޮގްރާމްތައް ހިމެނެއެވެ.

"ޝީ"އާ ގުޅިގެން ޑޮކްޓަރ ނާއިލާ ކުރެއްވި މަސައްކަތްތަކުގެ ތެރޭގައި، ނަފްސާނީ އަދި އިޖުތިމާޢީ ދުޅަހެޔޮކަމުގެ މުހިންމުކަން އޮޅުންފިލުވައިދެއްވުމާއި، ތެލަސީމިއާއާ ގުޅޭ ލޭގެ އެހެނިހެން ބަލިތައް ކޮންޓްރޯލް ކުރުމުގެ މަސައްކަތާއި، ތެލަސީމިއާއަށް ޓެސްޓް ކުރުމުގެ މަސައްކަތް ފެށްޓެވުމާއި، ޖެނެޓިކް ކައުންސެލިންގގެ ޚިދުމަތް ތަޢާރުފު ކުރެއްވުން ހިމެނެއެވެ.

ޑޮކްޓަރ ނާއިލާގެ މަސައްކަތްޕުޅު، ޢިލްމީ ޕްލެޓްފޯމްތަކުގައިވެސް ފެންނަން ހުންނާނެގޮތް ހެއްދެވުމުގެ ގޮތުން، "ޝީ"ގެ ޑޭޓާބޭސް ބޭނުންކުރައްވައިގެން، 7 ސައިންޓިފިކް ޕަބްލިކޭޝަންސް، ބައިނަލްއަޤްވާމީ އެކިއެކި ޖާނަލްތަކުގައި ޝާއިޢު ކުރައްވައިފައިވެއެވެ. މެޑިކަލް ޑޮކްޓަރެއްގެ ގޮތުގައި ޑޮކްޓަރ ނާއިލާ މިހާރު ޚިދުމަތް ނުކުރެއްވިނަމަވެސް، މި ދާއިރާއަށް ވެދެއްވެން އޮތް ހުރިހާ އެހީތެރިކަމެއް މިހާރުވެސް ވެދެއްވަމުން ގެންދަވައެވެ. އަދި އެކިއެކި ފަރާތްތަކުން އެދިވަޑައިގަންނަވާ ކަންކަމުގައި ފަންނީ ލަފާވެސް ދެއްވަމުން ގެންދަވައެވެ.

ޞިއްޙީ ޚިދުމަތް ކުރުމުގެ ރޮނގުން ޑޮކްޓަރ ނާއިލާއަށް 1994 ވަނަ އަހަރު ސަރުކާރުން ވަނީ ޢާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު އަރުވައިފައެވެ. ޑޮކްޓަރ ނާއިލާ އެންމެފަހުން ހުންނެވީ، އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލްގެ ސީނިއަރ ކޮންސަލްޓަންޓް އިން އޮބްސްޓެޓްރިކްސް އެންޑް ގައިނެކޮލޮޖީގެ މަގާމުގައެވެ. މިހާރު ކުރައްވާ މަސައްކަތަކީ ރާއްޖޭގެ ކަނޑުއަޑީގެ މަންޒަރުތައް ކުރެއްސެވުމެވެ.