އަލްފާޟިލް އިބްރާހީމް ވަޙީދު
ގ. ކަލާވެހި

ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ލިބިވަޑައިގަންނަވާ އިބްރާހީމް ވަޙީދަކީ، ދިވެހި ލިޔުންތެރިކަމުގެ ތަފާތު އެކި ފަންނުތަކުގައްޔާއި، ވާހަކަދެއްކުންތެރިކަމުގެ ރޮނގުން ވަރަށްގިނަ ޚިދުމަތްތަކެއް ކުރައްވައިފައިވާ އަދި މިހާރުވެސް އެ ޚިދުމަތުގައި ދެމިހުންނެވި ބޭފުޅެކެވެ. އިބްރާހީމް ވަޙީދަކީ ދިވެހިބަހަށާއި، ދިވެހިބަހުގެ އަދަބިއްޔާތަށާއި، ދިވެހިބަހުގެ ލިޔުންތެރިކަމަށް ވަރަށް ތުއްޕުޅުއިރުއްސުރެވެސް ޚާއްޞަ ސަމާލުކަމެއް ދެއްވަމުން ގެންދެވި ބޭފުޅެކެވެ. މަންމާފުޅާއި މާމާފުޅާއި ދޮންބައްޕާފުޅު، އަދި ޢާއިލާގެ ބައެއް ބޭފުޅުންގެ ފަރާތްޕުޅުންނާއި، އެކިއެކި އެދުރުންގެ ފަރާތްޕުޅުން ލިބިވަޑައިގެންނެވި އެހީތެރިކަމާއެކު ދިވެހިބަހަށް ޚިދުމަތް ކުރެއްވުމުގެ ޝައުޤުވެރިކަން ވަޙީދުގެ ހިތްޕުޅުގައި އޭރު އުފެދުނެވެ.

އިބްރާހީމް ވަޙީދު ދިވެހިބަހަށް ދެއްވާ އަހަންމިއްޔަތާއި ލޯބި އެތައް ބަޔަކަށް ހާމަވެގެންދާ އަނެއް ދަލީލަކީ 1980ގެ ކުރީކޮޅުގެ އަހަރުތަކުގެ ތެރޭގައި، ވަޙީދުގެ އާރުކާޓީ ކަމުގެ ދަށުން، ވަޙީދުގެ އެއްބަނޑު ކޮއްކޮ މަރްޔަމް ޝައުޤީ ޕްރޮޑިއުސް ކުރައްވައި، ވަޙީދުގެ އަމިއްލަފުޅު ޚިޔާލަށް ސްކްރިޕްޓް ލިޔުއްވައި، އަމިއްލަފުޅަށް ހުށަހެޅުއްވި ޓީ.ވީ. ދެ ޕްރޮގްރާމު ކަމަށްވާ "ހާމަ ހަމަ" އާއި، "އުލްފަތުގެ ގުލްޝަން" އެވެ.

ދިވެހިބަސް އުނގަންނައިދިނުމަކީ، ހުދުޗޯކުން ކަޅު ބޯޑުގައި ލިޔެގެން ކުރާ ކަމަކަށް އޮތް ޒަމާނެއްގައި، ކުދި ޑުރާމާއާއި ވީޑިއޯގެ ޒަރީޢާއިން ދިވެހިބަސް ކިޔަވައިދެވިދާނެކަން މުޅި ރާއްޖެއަށް ފުރަތަމަ ތަޢާރުފު ވެގެންދިޔައީ "ހާމަ ހަމަ" މި ޕްރޮގުރާމުންނެވެ. ދިވެހި ޅެންވެރިކަމަށް ފާޑުކިޔުމަކީ ޅެންވެރީންނަށް ތާރީފުކުރަން ބޭއްވޭ ޅެންވެރީންނާއެކު ހަވީރުކުރުން އެކަނި ކަމަށް އޮއްވައި، އެކަމަށް ހެޔޮބަދަލެއް އައީ ޓެލެވިޜަން މެދުވެރިކޮށް ފުރަތަމަ ތަޢާރުފު ވެގެންދިޔަ، ވަޙީދު އަމިއްލަފުޅަށް ލިޔުއްވައި ހުށަހެޅުއްވި "އުލްފަތުގެ ގުލްޝަން" މި ޕްރޮގްރާމުންނެވެ.

މަދުރަސީ ދައުރުން ފެށިގެން ލިޔުންތެރިކަމުގެ ދާއިރާއަށް އަހަންމިއްޔަތުކަން ދެއްވާ ވަޙީދު، ފުރަތަމަ ޑިގްރީ ހާސިލު ކުރައްވައިގެން 1983 ވަނަ އަހަރު ރާއްޖެއަށް ވަޑައިގެންނެވި ހިސާބުން ފެށިގެން މިއަދާ ހަމަޔަށްވެސް، އެކި ގޮތްގޮތުން ދިވެހިބަހުގެ ލިޔުންތެރިކަމަށް ޚިދުމަތް ކުރައްވަމުން ގެންދަވައިފައި ވެއެވެ. މިގޮތުން، ރާއްޖޭގެ އެކިއެކި ނޫސް މަޖައްލާތަކަށް ކުރުވާހަކަޔާއި، އެކި މައުޟޫޢުގެ މައްޗަށް މަޒުމޫނު ލިޔުއްވައި، ޅެން ހައްދަވައިދެއްވައި ޝާއިޢު ކުރައްވައިފައި ވެއެވެ. ވަޙީދު ލިޔުއްވި ލިޔުއްވުންތައް ޝާއިޢުކުރެއްވި ނޫސް މަޖައްލާތަކުގެ ތެރޭގައި "ހަވީރު"، "މިއަދު"، "ޒުވާނުންގެ ހަރަކާތް" "ޖަމާޢަތުގެ ޚަބަރު"، "އައްޑުވަސް"، "ފަތްތޫރަ" ހިމެނެއެވެ. މި މަސައްކަތް ގިނައިން ކޮށްދެއްވައިފައިވަނީވެސް ހިލޭސާބަހަށެވެ. މިގޮތުން ވަޙީދު ލިޔުއްވައިފައިވާ ބައެއް މަޒުމޫނު، ރާއްޖޭގެ ބައެއް ސްކޫލްތަކުގައި ކިޔަވައިދިނުމަށާއި، ޤައުމީ ފެންވަރުގައި ބާއްވާ އިމްތިޙާނުތަކުގައި ދިވެހިބަހުގެ ދޭހައަށްވެސް ބޭނުންކުރެވިފައި ވެއެވެ.

ރޭޑިޔޯއާއި ޓީ.ވީ.އަށް، ޤައުމީ ޚިދުމަތުގެ ގޮތުގައި ވަޙީދު ކޮށްދެއްވައިފައިވާ މަސައްކަތްޕުޅުތަކުގެ ތެރޭގައި، އެއްދުވަސްވަރެއްގައި ރާއްޖޭގައި ރޭޑިޔޯގެ ޒަރީޢާއިން މަޤްބޫލުވެގެންދިޔަ، ކީރިތި ޤުރްއާނުގެ އިނގިރޭސި ތަރުޖަމާ ވިދާޅުވުމާއި، ދީނީ އަދި އިޖުތިމާޢީ ހޭލުންތެރިކަން އިތުރުކުރެއްވުމުގެ ގޮތުން ވަޙީދު ސްކްރިޕްޓް ލިޔުއްވައި ހުށަހަޅުއްވައިދެއްވި "ވިޓްނަސް ވިތް ވަޙީދު" ހިމެނެއެވެ. މީގެ އިތުރުންވެސް، ރާއްޖޭގެ އެކި ރޭޑިޔޯ އަދި ޓެލެވިޜަން ޗެނަލްތަކަށް އެކި ރޮނގުން ވަޙީދު ޚިދުމަތްކޮށްދެއްވައިފައި ވެއެވެ. އޭގެ ތެރޭގައި ޕްރޮގުރާމް ހުށައަޅުއްވައިދެއްވުމާއި، މީހުން ތަމްރީނުކޮށްދެއްވުން ހިމެނެއެވެ.

ރާއްޖޭގައި ވިޔަފާރި އުސޫލުން ފުރަތަމަ އުފެއްދި ވީޑިއޯ ފިލްމު ކަމަށްވާ "ތިން ފިޔަވަޅު" ގ. ބޮޑުފެންވަޅުގޭ މުޙައްމަދު މުޞްޠަފާ ޙުސައިނާއި، ބްރައުންސް މޫވީ ސޮސައިޓީއާ މި ދެފަރާތް ގުޅިގެން އުފެއްދިއިރު، ބީ.އެމް.އެސް.ގެ ހިންގާ ކޮމިޓީގެ ރައީސަކީ ވަޙީދެވެ. ފިލްމުގެ ބެކް މިޔުޒިކުވެސް ހެއްދެވީ ވަޙީދެވެ.

ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަޖިލީހުގެ (ފަހުން ޤައުމީ މަރުކަޒު) ބަސްކޮމިޓީގެ މެންބަރެއްގެ ހައިސިއްޔަތުން 1986 އިން ފެށިގެން އެ މަރުކަޒުގައި ޚިދުމަތް ކުރައްވައިފައި ވެއެވެ. އެދުވަސްވަރު ބޭއްވި ޤައުމީ ވާހަކަދެއްކުމުގެ މުބާރާތްތަކުގެ ފަނޑިޔާރުކަން، ޖެހިޖެހިގެން 9 އަހަރު ވަޙީދު ކޮށްދެއްވިއެވެ. ހަމަ އެހެންމެ، ދިވެހިބަހުގެ އެކެޑަމީ އުފެއްދެވިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި، އެ އެކެޑަމީގެ ބަސްކޮމިޓީގެ މެންބަރަކަށް ވަޙީދު ހަމަޖެއްސެވި ދުވަހުން ފެށިގެން މިއަދާ ހަމައަށްވެސް ހުންނެވީ މެންބަރެއްގެ ގޮތުގައެވެ.

އިބްރާހީމް ވަޙީދުގެ ލިޔުއްވުންތަކަކީ، ވަކި ދާއިރާއަކަށް ޚާއްޞަކުރައްވައިފައި ހުންނަ ލިޔުއްވުންތަކެއް ނޫނެވެ. ޢިލްމީ އެކި މައުޟޫޢުތަކާއި، އިޖުތިމާޢީ ސީރިއަސް މައްސަލަތަކުން ފެށިގެންގޮސް، ސަމާސާ އަދަބާ ހަމައަށް ވަޙީދުގެ ލިޔުއްވުންތައް ދެމިގެންގޮސްފައިވެއެވެ. އަދި "އަދިވެސް" އޮންލައިން ނޫހުގައި "ކަލާވެހި ކޮލަމް"ގެ ނަމުގައި ކޮލަމެއް މިހާރުވެސް ލިޔުއްވަމުން ގެންދަވައެވެ.

ވަޙީދަކީ، ޅެމާއި ލަވަވެސް ހައްދަވާ ބޭފުޅެކެވެ. ދިވެހިބަހުން ވަޙީދު ހައްދަވައިފައިވާ ބައެއް ޅެމާއި ލަވަ، ރާއްޖޭގައި ވަރަށް މަޝްހޫރުވެފައި ވެއެވެ. އޭގެތެރޭގައި "ގޯޅިގޯޅި ކަންމަތިން" "ފިޔަރީތި ނަލަވި މުނިޔާ" ފަދަ ލަވަތައް ހިމެނެއެވެ. އަދި ފްރީޒް ބޭންޑުގެ "ކަޅިރަވަ" އަލްބަމަށާއި، ތިނަދޫ ކޮމްބޯ ބޭންޑުގެ "ފަތެވަރަ" އަލްބަމްފަދަ އަލްބަމްތަކަށްވެސް ލަވަ ހައްދަވައި ދެއްވައިފައި ވެއެވެ. މީގެ އިތުރުން، ބައެއް ސްކޫލްތަކުގެ އަދަބީ ޖަމުޢިއްޔާތަކުގެ މޮޓޯއާއި ލަވަ، ވަޙީދު ހައްދަވައިދެއްވައިފައި ވެއެވެ. ރާއްޖޭގެ ފުޓުބޯޅަޔަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި ހެދި ރަސްމީ ލަވަ "އިޓްސް ގޯލްޑް"އަކީވެސް ވަޙީދުގެ ޅެންވެރިކަމުގެ ތެރެއިން ފާހަގަކޮށްލެވޭ ލަވައެކެވެ. އެ ލަވައިގެ ޅެމާއި ރާގު ހައްދަވައި، ލަވައިގެ އެއްބައި ވިދާޅުވެދެއްވީވެސް ވަޙީދެވެ.

ދިވެހިބަހާއި ބޭރުގެ އެކި ބަހާ ދެމެދު އެޅޭ ފާލަން ކަމަށްވާ ތަރުޖަމާ ކުރުމަކީވެސް ވަޙީދުގެ ޚާއްޞަ ފަންނުތަކުގެ ތެރޭގައި ހިމެނޭ ފަންނެކެވެ. މިގޮތުން، ޓީ.ވީ. މޯލްޑިވްސްގެ "ހެއްޔާންބޯ" ޕްރޮގްރާމުގައި އެއްދުވަސްވަރެއްގައި މަޤުބޫލުވެގެންދިޔަ "ފަށްޓާލަވަ"އިގެ ތަރުޖަމާނަކީވެސް ވަޙީދެވެ. ބޭރުގެ އެކިއެކި ފަންނާނުންގެ ހުނަރު ދިވެހިބަހަށް އަނބުރައިލައްވައިގެން ގެނެސްދެއްވުމުގައި "ފަތްތޫރަ" މަޖައްލާޔަށްވެސް މި ރޮނގުން ލިޔުންތައް ލިޔުއްވައިފައި ވެއެވެ. އޭގެ އިތުރުން، ދައުލަތަށާއި އަމިއްލަ އެކި ފަރާތްތަކަށް ބޭނުންފުޅުވާ ތަފާތު ލިޔުންތަކާއި އެކި ޚާއްޞަ ލިޔުންތަކުގެ ތަރުޖަމާތައް ވަޙީދު ގަވައިދުން ކޮށްދެއްވަމުން ގެންދަވައިފައި ވެއެވެ. 1988 ގައި ރާއްޖެއަށް ކުރިމަތިވި ބޭރުގެ ޢުދުވާނީ ޙަމަލައިގެ ޝަރީޢަތަށް ބޭނުންވި އެންމެހައި ތަރުޖަމާއެއްގެ މަސައްކަތް ކުރައްވަން ދައުލަތުން ކަނޑައެޅުއްވި ފަސް މެންބަރުންގެ މަތީ ފެންވަރުގެ ޓީމުގައިވެސް ވަޙީދުވަނީ ދަރުމަޔަށް ޚިދުމަތް ކޮށްދެއްވައިފައެވެ.

އިބްރާހީމް ވަޙީދަކީ، އިންޑިޔާގެ ސާހިތްޔަ އެކެޑަމީގެ ފަރާތުން ލިޔުންތެރިންނަށް ދެއްވާ "މުންޝީ ޕްރޭމްޗަންދް އެވޯޑު" އާއި، ސާރކް ޤައުމުތަކުގެ އަދަބީ އިނާމު ކަމަށްވާ "ސާރކް ލިޓްރަރީ އެވޯޑު" 2011 ވަނަ އަހަރު ހާސިލު ކުރައްވައިފައިވާ ބޭފުޅެކެވެ. އަދި ރާއްޖެއިން ބޭރުގައި ބޭއްވޭ އަދަބީ އެކިއެކި މަހާސިންތާތަކުގައި ރާއްޖޭގެ ރައްޔިތެއްގެ ހައިސިއްޔަތުން ބައިވެރިވެވަޑައިގަންނަވަމުން ގެންދަވާ ބޭފުޅެއްވެސްމެއެވެ.

ލިޔުންތެރިކަމުގެ ރޮނގުން މި ފަހަކަށްއައިސް ވަޙީދު ކުރައްވައިފައިވާ އެންމެ މުހިންމު އެއް މަސައްކަތްޕުޅަކީ، ހުރިހާ އުމުރުފުރަޔަކަށް ކިޔޭގޮތަށް އިންޓަރނެޓުގައި ހަމައެކަނި ދިވެހިބަހުން، ފޮތް ޝާއިޢު ކުރެއްވުމެވެ. މިގޮތުން، މިއަހަރުގެ އެޕްރީލް މަހު "ޙަޔާތުގެ ދާލިކޮޅުކޮޅު 2" ގެ ނަމުގައި އެމޭޒަންގައި ފޮތެއް ޝާއިޢު ކުރެއްވިއެވެ. އަދި މޭމަހު "އެ ރޭޑިޔޯ" އަދި "އަޙްލާމް" ގެ ނަމުގައި ދެ ނާވިލު ޝާއިޢު ކުރެއްވިއެވެ.

އިބްރާހީމް ވަޙީދު، ނުވަތަ ގަލަން ނަމުން ދަންނަވާނަމަ އިބްރާހީމް ވަޙީދު "އޮގަރު" އަކީ "ކްރިއޭޓިވް ރައިޓިންގް"ގެ ރޮނގުން ކޮލެޖު، ޔުނިވަރސިޓީ ފަދަ ތަންތަނުގައި ބައެއް ލެކްޗަރތައް ދެއްވާ ބޭފުޅެއްވެސްމެއެވެ. މިގޮތުން ވަޙީދު އެންމެފަހުން ކޮށްދެއްވި މަސައްކަތްޕުޅަކީ، ކޯވިޑު 19ގެ ފުރަބަންދުގެ އެންމެ "ތާށި ދުވަސްވަރު" ދިވެހިބަހުގެ އެކެޑަމީން އޮންލައިންކޮށް ހިންގެވި ސިލްސިލާ ޕްރޮގްރާމުގައި "އުފެއްދުންތެރި ލިޔުންތެރިކަން" މި މައުޟޫޢުގެ މައްޗަށް ދިވެހިބަހުން، މުޅިން ދަރުމަޔަށް ވެބިނާރއެއް ހުށައަޅުއްވައިދެއްވުމެވެ.