2000 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 23 ވަނަ ދުވަހު [ކްލީކް ޓްރޭނިންގ ސެންޓަރު“ގެ ނަމުގައި އުފެދުނު ތަޢުލީމު އުނގަންނައިދިނުމުގެ މަރްކަޒުގެ ޚިދްމަތްތައް ފުޅާވެ، ކޮލެޖަކަށް ބަދަލުވީ، މިއަހަރުއެވެ. ހަމައެކަނި ދެ ކްލާހަކާއި އޮފީސް ހިންގާނެ ކުޑަ ޖާގައަކާއެކު ކްލީކް ޓްރޭނިންގ ސެންޓަރު ފަށްޓަވައި، ފޯރުންތެރިކަން ހުރި މިންވަރުން ޚިދްމަތްތައް ފުޅާކުރައްވައި، ޖާގަ އިތުރުކުރައްވަމުން ގެންދެވީއެވެ. ކޮލެޖްތަކުގައި ހުންނަންޖެހޭ ޒަމާނީ ހުރިހާ ވަސީލަތްތަކެއް މިއަދު [ކްލީކް ކޮލެޖް“ ގައި ވަނީ ޤާއިމުކޮށްފައެވެ. ލެކްޗަރރޫމްތަކާއި، ކޮމްޕިއުޓަރ ލެބާއި، ލައިބްރަރީއަކީ ކޮލެޖްގެ ދަރިވަރުންނަށް މިއަދު ފަސޭހަކަމާއެކު ޚިދްމަތް ލިބެން ހުރި ތަންތަނެވެ. ކޮލެޖްގެ ދަރިވަރުންނަށް ކިޔަވައިދެއްވުމުގައި ބެޗްލަރސް، މާސްޓަރޒް އަދި ޕީ.އެޗް.ޑީ. ފެންވަރުގެ 50 ލެކްޗަރަރއިން މިވަގުތު ގެންދަވަނީ ޚިދްމަތް ކުރައްވަމުންނެވެ.
ކްލީކް ކޮލެޖުން މިއަދު ހިންގަވާ ހުރިހާ ކޯސްތަކަކީ، މޯލްޑިވްސް އެކްރެޑިޓޭޝަން ބޯޑުން އެޕްރޫވް ކުރައްވާފައިވާ ކޯސްތަކެކެވެ. މިހާތަނަށް ކްލީކް ޓްރޭނިންގ ސެންޓަރުންނާއި، ކްލީކް ކޮލެޖުން ހިންގެވި ކޯސްތަކުގައި 2300 އަށްވުރެ ގިނަ ދަރިވަރުން ތަޢްލީމު ޙާޞިލުކޮށް، ވަޒީފާގެ ބާޒާރުގައި ޚިދްމަތް ކުރަމުން އެބަދެއެވެ. 2001 ވަނަ އަހަރުން ފެށިގެން މެދުކެނޑުމެއްނެތި، ސަރުކާރާއި އަމިއްލަ ކުންފުނިތަކުގެ މުވައްޒަފުންގެ ހުނަރު އިތުރުކޮށް، ވަޒީފާއަށް އަހުލުވެރިކުރުމުގެ ގޮތުން ތަފާތު ސެމިނަރތަކާއި ވަރކްޝޮޕްތައް، ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ހިންގަވާފައިވެއެވެ.
އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް ކެމްބްރިޖްގެ [ކެމްބްރިޖް ކެރިއަރ އެވޯޑްސް“ ހިންގުމަށްޓަކައި ކެމްބްރިޖް އިންޓަރނޭޝަނަލް އެގްޒެމިނޭޝަނާ، ކްލީކް ޓްރޭނިންގ ސެންޓަރު ގުޅުނީ 2001 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައެވެ. ކްލީކް ކޮލެޖް އެފިލިއޭޓް ވެފައިވާ ބައިނަލްއަޤްވާމީ އިންސްޓިޓިއުޓްތަކުގެ ތެރޭގައި، އިނގިރޭސިވިލާތުގެ ދި އެސޯސިއޭޝަން އޮފް ބިޒްނަސް އެގްޒެކެޓިވްސް (އޭ.ބީ.އީ) އާއި، ދި އެސޯސިއޭޝަން އޮފް ޗާޓަރޑް ސަޓިފައިޑް އެކައުންޓެންޓްސް (އޭ.ސީ.ސީ.އޭ) ހިމެނެއެވެ. ކްލީކް ކޮލެޖަކީ، އޭ.ސީ.ސީ.އޭ.ގެ ރަޖިސްޓަރޑް ޓިއުޝަން ޕްރޮވައިޑަރއެއްގެ އިތުރުން، ކޮމްޕިއުޓަރ ބޭސްޑް އެގްޒޭމް ސެންޓަރެކެވެ.
އޭ.ބީ.އީ އިމްތިޙާނުގައި ކްލީކްގެ ދަރިވަރުން ފުރަތަމަ ބައިވެރިވީ 2001 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ. އޭގެފަހުން ޑިޕްލޯމާއާއި އެޑްވާންސް ޑިޕްލޯމާ އިމްތިޙާނުތަކުގައި ކްލީކް ކޮލެޖްގެ ދަރިވަރުން އަންނަނީ، ބައިވެރިވަމުންނެވެ. މި އިމްތިޙާނުގައި 350 އަށްވުރެ ގިނަ ދަރިވަރުންނާ ވާދަކޮށް، ކޮންމެ އަހަރަކު ކްލީކް ކޮލެޖްގެ ދަރިވަރުން އަންނަނީ، ޓޮޕް ޕޭޕަރ ޕްރައިޒް ހޯދަމުންނެވެ. މިގޮތުން މިހާތަނަށް ކްލީކް ކޮލެޖްގެ 20 ދަރިވަރަކު ވަނީ، މި ފަޚްރުވެރި އެވޯޑް ޙާޞިލުކޮށްފައެވެ.
މިއަދު ތަފާތު 5 ދާއިރާއަކުން ޑިގްރީ ޕްރޮގްރާމްތަކާ ގުޅުމަށް މަގުފަހިކޮށްދޭ ކޯސްތައް، ކްލީކް ކޮލެޖުން ދަނީ ހިންގަމުންނެވެ. އޭގެތެރޭގައި ބިޒްނަސް މެނޭޖްމަންޓް، މާކެޓިންގ، ޓޫރިޒަމް، ހިއުމަން ރިސޯސް މެނޭޖްމަންޓް އަދި އެކައުންޓިންގ ހިމެނެއެވެ.