ބަދުރުއްނަޞީރު
މއ. ވިލުވެލި

ބަދުރުއްނަޞީރަކީ ދިވެހިރާއްޖޭގެ ބްރޯޑްކާސްޓިންގ ދާއިރާއަށް 40 އަހަރަށްވުރެ ދިގު މުއްދަތެއްގައި ވަރަށް އިޚްލާޞްތެރި ޚިދުމަތްތަކެއް ކޮށްދެއްވި ބޭފުޅެކެވެ. ރާއްޖޭގެ ރޭޑިއޯ ނުވަތަ ރޭޑިއޯ މޯލްޑިވްސް ނުވަތަ ދިވެހިރާއްޖޭގެ އަޑޭ ދަންނަވައިފިނަމަ، ފުރަތަމަވެސް އަޅުގަނޑުމެންގެ ހިތްތަކަށް އަންނަނީ ބަދުރުގެ އަޑެވެ. ބަދުރުގެ ރީތި ހިތްގައިމު އަޑު، ރާއްޖޭގެ ރޭޑިއޯއާ ވަނީ ހިތުންހިތަށް ގުޅިފައެވެ.

ބަދުރުއްނަޞީރަކީ ރާއްޖޭގެ ރޭޑިއޯ ބްރޯޑްކާސްޓިންގގެ ޚިދުމަތް ފެށިގެން އައި ދުވަސްވަރު، ރޭޑިއޯގެ ވަރަށް ޅަފަތުގައި އެ ޚިދުމަތާ ގުޅިވަޑައިގެންނެވި ބޭފުޅެކެވެ. 1967 ވަނަ އަހަރުގެ ޖޫން މަހުގެ 19 ވަނަ ދުވަހު ވުޒާރަތުލް މާލިއްޔާ (ބ)ގެ 2 ނަންބަރު އޮޕަރޭޓަރެއްގެ ވަޒީފާއިން ރޭޑިއޯގެ ޚިދުމަތަށް ނުކުމެވަޑައިގަތީ، އެކަމަށް ބަދުރުއްނަޞީރުގެ ހިތްޕުޅުގައި އޮތް ޝައުޤުވެރިކަމުގެ ބޮޑުކަމުންނެވެ.

ރާއްޖޭގައި ބްރޯޑްކާސްޓް ކުރަން ފެށުމާއެކު، ރޭޑިއޯއާ ގުޅުންހުރި ދާއިރާއަކުން ވަޒީފާއެއް ހޯއްދެވުމަކީ، ބަދުރުއްނަޞީރުގެ އޭރުގެ އުންމީދެވެ. ރޭޑިއޯ ސްޓޭޝަނަށް އޮޕަރޭޓަރުން ބޭނުންވެގެން ސަރުކާރުން އުޅުއްވާކަމުގެ މަޢުލޫމާތު ބަދުރަށް ލިބިވަޑައިގެންނެވި ހިސާބުން ފެށިގެން އެ މަގާމަށް އިޢުލާނު ކުރައްވާނެ ވަގުތެއްގެ އިންތިޒާރުގައި މާކަގިނަ ދުވަހަކު ހުންނަވާކަށެއް ޖެހިވަޑައެއްނުގަތެވެ. އެދުވަސްވަރަކީ ވަޒީފާތަކަށް މާބޮޑު ވާދަވެރިކަމެއް އޮތް ދުވަސްވަރަކަށްނުވާތީ، އޮޕަރޭޓަރެއްގެ ވަޒީފާ ވަރަށް ފަސޭހައިން ލިބިވަޑައިގެންނެވިއެވެ.

ބަދުރުއްނަޞީރު ވަޒީފާ އަދާކުރައްވަން ޖެހިވަޑައިގަތީ ވުޒާރަތުލް މާލިއްޔާ (ބ)ގެ ދަށުން ހިންގާ މޯލްޑިވްސް އައިލެންޑް ބްރޯޑްކާސްޓިންގ ސަރވިސްގެ ރޭޑިއޯ ސްޓޭޝަންގައެވެ. ރާއްޖޭގައި ބްރޯޑްކާސްޓިންގގެ ޚިދުމަތް ފެށިތާ އޭރު 4 އަހަރަށްވުރެ ގިނަދުވަސް ވެއްޖެއެވެ. އޭރު ކުރައްވަން ޖެހިވަޑައިގެންނެވި މަސައްކަތަކީ، ރޭޑިއޯއިން ފޮނުވާ ހުރިހާ ޕްރޮގްރާމަކާއި، އެނައުންސަރުންގެ އަޑު އެއްވަރުކޮށް ކޮންޓްރޯލް ކުރުމާއެކު، އޮންއެއަރ ކުރުމެވެ.

ރޭޑިއޯއާއި، ބްރޯޑްކާސްޓް ކުރުމުގެ އެއްވެސް މަޢުލޫމާތެއް ބަދުރުއްނަޞީރަށް އޭރު އެނގިވަޑައިގެންފައިނުވިނަމަވެސް، ރޭޑިއޯއިން ބްރޯޑްކާސްޓް ކުރަންވާނީ، އަޑުއަހާ މީހުން އަޑުއަހާހިތްވާ، އަޑުއަހަން ބޭނުންވާކަހަލަ ލަވައާއި މިޔުޒިކާއި މަޢުލޫމާތު ކަމަށް ބަދުރުއްނަޞީރު އޭރުވެސް ގަބޫލުފުޅުކުރެއްވިއެވެ. ސަބަބަކީ އެ މަސައްކަތަކީ އަޑުއަހާ މީހުންގެ ޝައުޤުވެރިކަން ހޯދުން ކަމަށްވާތީއާއި، ފޮނުވާ ޕްރޮގްރާމްތައް ފޮނުވުމުގެ އެންމެ މުހިންމު ބޭނުމަކަށްވާނީ، އެ ފޮނުވާ އެއްޗެއް ވީހާގިނަ ބަޔަކު އަޑުއެހުން ކަމަށްވާތީއެވެ. ބައެއްފަހަރު އޮފީހުން ޕްރޮގްރާމް ތައްޔާރުކޮށްފައި ފޮނުވާފައި އޮންނަގޮތާ ޚިލާފަށްވެސް ބައެއް ކަންކަން ބަދުރުއްނަޞީރު ބަދަލުކޮށްލައްވައެވެ. ޚާއްޞަކޮށް، ބަދުރުއްނަޞީރު ޑިއުޓީގައި ހުންނަވާއިރު، އެދުވަސްވަރު ޕްރޮގްރާމްގައި ހިމެނޭ ލަވަތަކުގެ އޯޑަރު ބަދަލުކޮށްލައްވައި، އަޑުއަހާ މީހުންނަށް ކަމުދާނެކަމަށް ލަފާކޮށްލެއްވޭ ބައެއް ބަދަލު، ލަވަ ލިސްޓަށް ގެންނަވައެވެ. މިގޮތަށް ބަދުރުއްނަޞީރު އަމިއްލަފުޅަށް ޕްރޮގްރާމަށް ބަދަލުގެންނެވުމުގެ ތެރޭގައި، ފޮނުވާފައި ހުންނަ އިޝްތިހާރު ބްރޯޑްކާސްޓް ނުކުރެއްވުނު މައްސަލައެއްގެ ސަބަބުން ދުވަސްކޮޅަކަށް ވަޒީފާއިން އެކަހެރިކުރެއްވި ކުރެއްވުން އެއީ ބަދުރުއްނަޞީރުގެ ހިތްޕުޅުން ދުވަހަކުވެސް ފިލައިގެންދާނެ ހާދިސާއެއް ނޫނެވެ.

ބަދުރުއްނަޞީރު ގަބޫލުފުޅުކުރައްވާ ގޮތުގައި، ރާއްޖޭގެ ބްރޯޑްކާސްޓް ކުރުން މިއަދުގެ ޖީލާ ހަމަޔަށް އައިސްފައި މިވަނީ މިންނެތް މަސައްކަތްތަކެއް ބަޔަކު ކޮށްގެންނެވެ. ދާތަކެއް އޮހޮރުވައިގެންނެވެ. ވިސްނުންތަކެއް ވިސްނައި، ކެތްތެރިކަމުގެ ނަމޫނާވެސް ދައްކައިގެންނެވެ. ދިވެހިރާއްޖޭގެ ރޭޑިއޯ ނުވަތަ ދިވެހިރާއްޖޭގެ އަޑު މިއަދާ ހަމަޔަށް ގެނެސްދެވިފައި މިވަނީ ކިހާ މަސައްކަތަކާއި، ކިހާ ވަގުތެއް ހޭދަކޮށްގެން، ކިހާ ޚަރަދެއް ކޮށްގެންކަން ތަޞައްވުރު ކުރެއްވެނީ އޭރު އެކަންކަން އެންމެގާތުން ދެކެވަޑައިގެންނެވި އެއް ބޭފުޅަކީ ބަދުރުއްނަޞީރު ކަމަށްވާތީއެވެ.

ރޭޑިއޯ އޮޕަރޭޓަރެއްގެ ވަޒީފާއިން ފެށްޓެވި މަސައްކަތުގެ ތެރެއިން ޕްރޮގްރާމްތަކުގައްޔާއި، އެނޫން އެހެން ކަންކަމުގައި ބައިވެރިވެވަޑައިގަތުމުގެ ފުރުޞަތު ބަދުރުއްނަޞީރަށް ލިބިވަޑައިގަންނަވަމުންދިޔައެވެ. ފުރަތަމަ ބައިވެރިވެވަޑައިގެންނެވި ރޭޑިއޯ ޑްރާމާގެ ހަނދާންތައް މިއަދުވެސް ބަދުރުއްނަޞީރު އާކުރައްވައެވެ. ފުރަތަމަ ރެކޯޑު ކުރެއްވި ޑްރާމާއަކީ އަލްމަރްޙޫމް ސައިކުރާ އިބްރާހީމް ނަޢީމް ތައްޔާރުކުރެއްވި "ޙަޔާތުގެ ރާސްތާ" މި ޑްރާމާއެވެ. ފަރީދީ ސިނަމާގައި ރެކޯޑުކުރި ފުރަތަމަ ޑްރާމާ ރެކޯޑު ކުރުމުގައި އޭރު އުޅުއްވަން ޖެހިވަޑައިގެންނެވި ދަތި އުނދަގޫކަމާއި، އެދުވަސްވަރު އެކަށީގެންވާ ވަސީލަތްތައްވެސް ނެތުމާއެކު، ހިތްޕުޅަށްވެސް ގެންނަންދަތި އެތައް ކަމެއް ކުރިމަތިވެވަޑައިގެންނެވިއެވެ. އެދުވަސްވަރުވެސް އަދި މިހާރުވެސް އެނގޭ އެއްކަމަކީ، ރޭޑިއޯއިން ބްރޯޑްކާސްޓް ކުރަނީ ރާއްޖޭގެ ރައްޔިތުންނަށް އެ އަޑު އިއްވުމަށް ކަމަށެވެ. އެ ފޮނުވާ އެއްޗެއް ފޮނުވަންޖެހޭނީ، އެހުންތެރިން އަޑުއަހާނެ ކަމަށް ލަފާކުރެވޭ އެއްޗެއް އަހާލަން ފަސޭހަގޮތަކަށް ފަސޭހަ ގަޑިއެއްގައިކަމެވެ.

ރޭޑިއޯ މޯލްޑިވްސްގެ ފަރާތުން ލިބިވަޑައިގެންނެވި 6 މަސްދުވަހުގެ ސްކޮލަރޝިޕެއްގައި ރޭޑިއޯ ޓެލެވިޜަން ސިންގަޕޫރަށް ވަޑައިގަތުމުގެ ފުރުޞަތު، 1971 ވަނަ އަހަރު ބަދުރުއްނަޞީރަށް ލިބިވަޑައިގަތުންވީ ލިބިވަޑައިގެންނެވި ވަރަށްބޮޑު އުފާފުޅަކަށެވެ. އެ ފުރުޞަތު ތަނަވަސްކޮށްދެއްވީ، އޭރުގެ ރައީސް ސުމުއްވުލްއަމީރު އަލްމަރްޙޫމް އިބްރާހީމް ނާޞިރު ރަންނަބަނޑޭރި ކިލެގެފާނެވެ. ބަދުރުއްނަޞީރު ޢަޒުމް ކަނޑައެޅުއްވީ، މި ލިބިވަޑައިގެންނެވި ފުރުޞަތުގައި މާތްﷲގެ ވާގިފުޅާއެކު، މި ރޮނގުން ވަޑައިގެންނެވޭނެހާ ކުރިއަކަށް ވަޑައިގަތުމަށެވެ. ދިވެހި ދައުލަތަށާއި ދިވެހި ރައްޔިތުންނަށް ރޭޑިއޯ މެދުވެރިކޮށް ކޮށްދެއްވެން އޮތް ޚިދުމަތެއް އެންމެ ރަނގަޅަށް ކޮށްދެއްވުމާއި، ވެރިން ކުރެއްވި އިތުބާރާއި ޔަޤީންކަން ވެވަޑައިގެންނެވިވަރަކުން ދެމެހެއްޓެވުމެވެ. ރޭޑިއޯ ބްރޯޑްކާސްޓިންގ ދާއިރާއިން ރާއްޖެއިން ބޭރުން އެންމެ ފުރަތަމަ ތަޢުލީމު ހާސިލުކުރެއްވި ބޭފުޅެއްގެ ގޮތުގައި ބަދުރުއްނަޞީރުގެ ނަން، ރޭޑިއޯގެ ތާރީޚުގައިވެސް ވަނީ ލިޔެވިފައެވެ.

ސިންގަޕޫރުގެ އިތުރުން، ނެދަރލެންޑްސްއާއި އޮސްޓްރޭލިއާއިންވެސް ބަދުރުއްނަޞީރުވަނީ ރޭޑިއޯ ޕްރޮގްރާމް އުފެއްދުމާއި ހުށަހެޅުމާބެހޭ ތަފާތު ތަމްރީނު ޕްރޮގްރާމްތައް ފުރިހަމަކުރައްވައިފައެވެ. އަދި އޭގެ ނަތީޖާއާއި ހެޔޮ ބަދަލު، ރޭޑިއޯ މޯލްޑިވްސްއާއި ދިވެހިރާއްޖޭގެ އަޑުގެ ޕްރޮގްރާމްތަކުން ފެންނަމުންދިޔައެވެ. ބަދުރުއްނަޞީރަކީ، ރޭޑިއޯއަކީ ކޮން އެއްޗެއްކަމާއި، ދިވެހިރާއްޖެއަށް ރޭޑިއޯގެ ޚިދުމަތް ބޭނުންވަނީ ކީއްވެގެންކަން ކިޔަވައިދެއްވައި، ދިވެހި އެތައް ދަރިންނެއް ތަމްރީނު ކުރެއްވި މާހިރެކެވެ. ރޭޑިއޯ ޕްރޮގްރާމްތައް އުފެއްދެވުމުގައި ބަދުރުއްނަޞީރަކީ ޚާއްޞަކޮށް، އެކި ފަންނުގެ މަސައްކަތްތެރިންނާ ވަރަށްގާތުން މަސައްކަތް ކުރެއްވި ޕްރޮޑިއުސަރެކެވެ. އަދި ޑިސްޓެންސް އެޑިޔުކޭޝަނަކީވެސް ބަދުރުއްނަޞީރު ވަރަށް ޚާއްޞަ އަހަންމިއްޔަތުކަމެއް ދެއްވައިގެން ކުރިއަށް ގެންދެވި ޕްރޮގްރާމެއްވެސްމެއެވެ. އެގޮތުން، ރޭޑިއޯ ހަވީރުގެ ޕްރޮގްރާމްތަކުގެ ސިލްސިލާގެ ތެރެއިން ގިނަ ޕްރޮގްރާމްތައް ބައްޓަން ކުރައްވައި، ބަދުރުއްނަޞީރު ކުރިއަށް ގެންގޮސްދެއްވިއެވެ.

ދިވެހި ރައްޔިތުންނަށާއި ދިވެހި ޤައުމަށް ޚިދުމަތް ކުރުމުގައި، ރޭޑިއޯ މޯލްޑިވްސްގެ ނަމުގައި ދިވެހިރާއްޖޭގެ ރޭޑިއޯ 11 އަހަރު ހޭދަކުރިއިރު، އެއީ ބަދުރުއްނަޞީރުގެ ރޭޑިއޯ ޙަޔާތުންވެސް ތާރީޚީ ޞަފްޙާތަކެއް ހުޅުވުނު އަހަރުތަކެކެވެ. އެދުވަސްވަރު ފޮނުވުނު ތަފާތު ޕްރޮގްރާމްތަކުގެ ތެރެއިން ބައެއްގެ ސިކުނޑިއަށް އެންމެ އަވަހަށް އަސަރުކުރުވައިދޭ މެސެޖެއް ފޮނުވައިދެވެނީ ރޭޑިއޯ ޑްރާމާއިން ކަމަށްވާތީ، ރޭޑިއޯ ޑްރާމާ އެކުލަވައިލެއްވުމުގައި ބަދުރުއްނަޞީރު އަދާކުރެއްވި ދައުރަކީވެސް ޚާއްޞަ ގޮތެއްގައި ހަނދާންކޮށްލަންޖެހޭ ދައުރެކެވެ. އޭގެތެރެއިން ގިނަ ޑްރާމާތަކުގައި އަޑުގެ މުވައްޒަފުންނާއެކު ބަދުރުއްނަޞީރު ބައިވެރިވެވަޑައިގެންނެވިއެވެ. އެދުވަސްވަރުގެ ޑްރާމާތަކުގެ ތެރެއިން އެންމެ ޚާއްޞަ ގޮތެއްގައި ބަދުރުއްނަޞީރު ފާހަގަކުރައްވާ އެއް ޑްރާމާއަކީ އަލްއުސްތާޛު އަލްމަރްޙޫމް މުޙައްމަދު ޖަމީލްދީދީ ލިޔުއްވި "ގިތެޔޮގުޅި" ޑްރާމާއެވެ.

ރޭޑިއޯ މޯލްޑިވްސްއިން ފޮނުވާ ޕްރޮގްރާމްތަކަށް އެވަގުތަކާ އެކަށީގެންވާ ބަދަލުތަކެއް ގެންނެވުމަކީ އޭރުވެސް ކުރެވެމުންދިޔަ މުހިންމު މަސައްކަތްތަކެކެވެ. ރޭޑިއޯ މޯލްޑިވްސްގެ އިނގިރޭސި ސެކްރެޓަރީ ކަމުގެ މަގާމަށް އަލްފާޟިލް ސަމަރުބްލޫ އިބްރާހީމް މަނިކު ވަޑައިގެންނެވި ހިސާބުން ފެށިގެން ރޭޑިއޯ ޕްރޮގްރާމްތަކަށް އިބްރާހީމް މަނިކުވެސް ވަރަށްބޮޑު ޝައުޤުވެރިކަމެއް ދެއްވިއެވެ. 1980ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 1 ވަނަ ދުވަހު، އޭރުގެ ރޭޑިއޯ މޯލްޑިވްސްގެ ޕްރޮގްރާމްތަކަށް ގެނެވުނު މުހިންމު ބަދަލުތައް ގެންނެވުމުގައި އެންމެ އިސްބޭފުޅެއްގެ ގޮތުގައި ހުންނެވި އެއްބޭފުޅަކީ ބަދުރުއްނަޞީރެވެ. އޭރު ފެށި ޕްރޮގްރާމްތަކުގެ ތެރެއިން ބަދުރުއްނަޞީރާއި އިބްރާހީމް މަނިކު ކޮންމެ ދުވަހަކު ހެނދުނު ގެނެސްދެއްވި "ބާއްޖަވެރި ހެނދުނެއް" މި ޕްރޮގްރާމަކީ އާ ދުވަހަކަށް އެހުންތެރިން ހޭލައްވައިލަދެއްވުމުގެ މަޤްޞަދުގައި ތައްޔާރުކުރެއްވި ޕްރޮގްރާމެކެވެ. ރޭޑިއޯއިން މިހާތަނަށް ފޮނުވި ޕްރޮގްރާމްތަކުގެ ތެރެއިން ޢާންމުންގެ އެންމެބޮޑު ތަރުޙީބެއް ލިބުނު ޕްރޮގްރާމަކީ "ބާއްޖަވެރި ހެނދުނެއް" މި ޕްރޮގްރާމްކަން ދިވެހިރާއްޖޭގެ އަޑުން ކުރެއްވި އެކި ސަރވޭތަކުން ފާހަގަކުރެވިފައިވެއެވެ.

ރޭޑިއޯ މޯލްޑިވްސްގެ ނަން، ދިވެހިރާއްޖޭގެ އަޑުގެ ނަމަށް 1400 ވަނަ އަހަރުގެ ޤައުމީ ދުވަހު ބަދަލުވި ހިސާބުން އަނެއްކާވެސް ބޮޑެތި ބަދަލުތަކެއް ދިވެހިރާއްޖޭގެ އަޑަށް އަންނަން ފެށިއެވެ. ރޭޑިއޯގެ އަޑު މުޅި ރާއްޖެއަށް އިއްވުމުގައި ވަރަށްބޮޑެތި ދަތިކަންކަން ހުރުމާއެކު، މުޅި ރާއްޖެއަށް ރޭޑިއޯގެ ސިގްނަލް ލިބޭނެގޮތް ހެއްދެވުމަށްޓަކައި ޚާއްޞަ ޕްރޮޖެކްޓެއް ފަށައިގެން ކުރިޔަށް ގެންދިޔައިރުވެސް އެކަމުގައި އިސް ބޭފުޅެއްގެ ގޮތުގައި ހުންނެވި އެއްބޭފުޅަކީ ބަދުރުއްނަޞީރެވެ. މި މަޝްރޫޢު ވެގެންދިޔައީ ވަރަށް ކާމިޔާބު މަޝްރޫޢަކަށެވެ.

ދިވެހިރާއްޖޭގެ އަޑުގެ ޕްރޮގްރާމްތަކަށް ބޭނުންވާ އެކިއެކި މެޓީރިއަލްތައް ހޯއްދެވުމަކީވެސް ބަދުރުއްނަޞީރު ވަރަށްބޮޑު އިސްކަމެއް ދެއްވައިގެން ކުރެއްވި މަސައްކަތެކެވެ. ސަރުކާރުގެ އެކި މިނިސްޓްރީތަކުން އަތޮޅުތަކަށް އޭރު ކުރައްވާ އެކިއެކި ދަތުރުތަކުގައި ދިވެހިރާއްޖޭގެ އަޑަށް އަބަދުވެސް ފުރުޞަތު ދެއްވައެވެ. މިގޮތުން، ލިބިވަޑައިގަންނަވާ ފުރުޞަތުތަކުގައި، ރަށްރަށަށް ވަޑައިގެން މީހުންނާ ބައްދަލުކުރައްވައި، އިންޓަރވިޔުތައް ނަންގަވައި، އެ ރަށްރަށުގެ ތާރީޚާ ބެހޭގޮތުންނާއި، އަދި ރައްޔިތުންގެ ދިރިއުޅުމުގެ ޙާލަތު އޭރުހުރިގޮތާ ބެހޭގޮތުން މަޢުލޫމާތު އެއްކުރައްވަމުން ގެންދެވިއެވެ. އަދި އެކި ރަށްރަށުގައި ތިބި އެކި ފަންނުގެ މީހުންނާ ބައްދަލުކުރައްވައި، އެމީހުން ކުރާ މަސައްކަތްތަކުގެ މަޢުލޫމާތުވެސް އެއްކުރައްވަމުން ގެންދެވިއެވެ. ރައިވަރު، ބަނދި، ފަރިހިފަދަ އެތައް ލަވައެއް ރެކޯޑު ކުރުމުގެ ފުރުޞަތުވެސް ހޯއްދެވިއެވެ. މި މަސައްކަތް ވެގެންދިޔައީ ދިވެހިރާއްޖޭގެ އަޑުގެ ޕްރޮގްރާމްތަކަށް ލިބުނު ވަރަށްބޮޑު މުއްސަނދިކަމަކަށެވެ.

ރަށްރަށަށް ބަދުރުއްނަޞީރު ކުރައްވާ ދަތުރުތަކުގައި ބައެއްފަހަރު ވަރަށް އާދަޔާޚިލާފު ކަންތައްތަކާވެސް ކުރިމަތިވެވަޑައިގެންނެވިއެވެ. ބަދުރުއްނަޞީރުގެ އަޑު އަބަދުވެސް އިވެނީ ރޭޑިއޯއިން ކަމަށްވާތީ، ގިނަބަޔަކަށް ބަދުރުއްނަޞީރެއް ނޭނގެއެވެ. ނަމަވެސް، ރަށްރަށަށް އެ ކުރައްވާ ދަތުރުތަކުގައި އެރަށެއްގައި ބަދުރުއްނަޞީރު އުޅުއްވާކަން އެނގުމުން، ގިނަބަޔަކު ބަދުރުއްނަޞީރާ ބައްދަލުކުރެއެވެ. އަދި ބަދުރުއްނަޞީރު ފެނުމުން، ބައެއް މީހުން އެއީ ބަދުރުއްނަޞީރު ކަމަކަށްވެސް ގަބޫލެއްނުކުރެއެވެ. އަދި ބަދުރު ހުންނަވާނީ އެހެން ނޫންކަމަށްވެސް އެމީހުން ބުނަމުންގެންދެއެވެ. ނަމަވެސް، ބަދުރުއްނަޞީރު ވާހަކަދައްކަވަން ފެށްޓެވުމުން، އެއީ ބަދުރުއްނަޞީރުގެ އަޑުކަން އެމީހުންނަށްވެސް ޔަޤީންކުރެވެއެވެ.

ރާއްޖޭގެ ރޭޑިއޯގެ ޚިދުމަތުގައި ބަދުރުއްނަޞީރު، 28 އަހަރަށްވުރެ ދިގު މުއްދަތެއް ހޭދަކުރެއްވުމަށްފަހު، 28 މޭ 1995 ގައި އެ ޚިދުމަތުން ވަކިވެވަޑައިގެން، އެހެން ދާއިރާއަކަށް ވަޑައިގަތުންވީ ގިނަބަޔަކަށް ލިބުނު ކުއްލި ސިހުމަކަށެވެ. ދިވެހިރާއްޖޭގެ އަޑުން ބަދުރުއްނަޞީރު ވަކިވެވަޑައިގަތުން، ރާއްޖޭގެ މަޝްހޫރު ޝާޢިރެއް ކަމަށްވާ އުތީމު އާދަމް ޢަބްދުއްރަޙްމާން ޅެންބަހުން އޭނާގެ ޝުޢޫރުތައް ބަންޑުންކޮށްލެއްވީ ސަބަބުތަކެއް ނެތިއެއްނޫނެވެ.

"އަޑަށް" އަލިކުރި "ބަދުރު" ތިޔަ އޮއްސުނަސް އަތްތައް މިހިނދު އުފުލާ
                      އަޑަށް އާ ހަނދުވަރެއް ބަދުރުގެ ލިބުން އެދެމުން ދުޢާ ކުރެޔޭ"

މިހެން ވިދާޅުވެ، އެ އަސަރުގަދަ ޅެން، އުތީމު އާދަމްބެ ނިންމަވައިލެއްވީ، ދެވަނަފަހަރަށްވެސް މި ދާއިރާއިން ބަދުރުއްނަޞީރު ފެންނާނެކަމުގެ އުންމީދު އާކުރައްވަމުންނެވެ.

ދިވެހިރާއްޖޭގެ އަޑުގެ ވަޒީފާއިން ވަކިވެވަޑައިގަތުމަށްފަހު، ބަދުރުއްނަޞީރު މަސައްކަތް ކުރައްވަން ފެށްޓެވީ ޕްރައިވެޓް ސެކްޓަރުގައެވެ. މަސްވެރިކަމުގެ ދާއިރާގައި "ޕޭން އޯޝަން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑް" ގައެވެ. އެ ވަޒީފާއިން ވަކިވެވަޑައިގެން ބަދުރުއްނަޞީރު ގުޅިވަޑައިގަތީ، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކަމްޕެނީ ލިމިޓެޑާއެވެ. އެ ކޯޕަރޭޝަންގެ އެސިސްޓެންޓް މެނެޖިންގ ޑިރެކްޓަރުގެ މަގާމުގައި ގއ. ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްގައި 2004 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 5 ވަނަ ދުވަހާ ހަމަޔަށް ހުންނެވިއެވެ.

މިފްކޯގައި ވަޒީފާ އަދާކުރައްވަމުން ގެންދެވިއިރު، ދެވަނަ ފަހަރަށް ދިވެހިރާއްޖޭގެ އަޑުގައި ޚިދުމަތް ކުރެއްވުމުގެ ފުރުޞަތު ލިބިވަޑައިގަތެވެ. މަގާމުން އަމިއްލައަށް އިސްތިޢުފާ ދެއްވާފައި، އެހެން ވަޒީފާއެއް އަދާކުރައްވަމުން ގެންދަވަނިކޮށް، ދިވެހިރާއްޖޭގެ އަޑުގައި ކުރިން އަދާކުރެއްވި ޑިރެކްޓަރ ޖެނެރަލް ކަމުގެ މަގާމާ ހަވާލުވެވަޑައިގަތުމަށް ސަރުކާރުން އެދިވަޑައިގަތުމުން، އެކަން ގަބޫލުފުޅުކުރައްވައި 5 އޮކްޓޫބަރު 2004 ގައި އަލުން އަޑާ ގުޅިވަޑައިގަތެވެ. އެދުވަސްވަރަކީ ޤައުމުގެ ސިޔާސީ ޙާލަތު ވަރަށްބޮޑަށް ބަދަލުވެ، މަލްޓި ޕާޓީ ސިސްޓަމަކަށް ރާއްޖެ ތައްޔާރުވަމުން އައި ދުވަސްވަރެވެ.

ބަދުރުއްނަޞީރު ދިވެހިރާއްޖޭގެ އަޑާ ފަހުން ގުޅިވަޑައިގެން، އެތާނގެ ހިންގެވުމަށާއި އެކިއެކި ޕްރޮގްރާމްތަކަށް ގެންނެވި ބަދަލުތަކާއި، ތަނުގެ އިންސާނީ ވަސީލަތްތައް ބިނާކުރެއްވުމަށް ދެއްވި އަހަންމިއްޔަތުވެސް ފާހަގަކޮށްލަންޖެހެއެވެ. މިގޮތުން، ކޮމިއުނިޓީ ރޭޑިއޯ ތަޢާރުފް ކުރެއްވުމަކީ ބަދުރުއްނަޞީރުގެ ވަރަށް މުހިންމު މަސައްކަތްޕުޅެކެވެ. އޭގެފަހުން ޒުވާނުންގެ އާބާދީއަށް އަމާޒުކުރައްވައިގެން ޤާއިމުކުރެއްވި ރާއްޖެ އެފް.އެމް ޗެނަލަކީވެސް ވަރަށްގިނަ މަޢުލޫމާތުތަކާއި، ޒުވާނުން މުނިފޫހިފިލުވުމުގެ އެތައް ޕްރޮގްރާމެއް ގެނެސްދިން ޗެނަލެކެވެ. ރާއްޖެ އެފް.އެމް.ގެ ނަމުގައި ޒުވާނުންނަށް އަމާޒު ކުރައްވައިގެން ފެށްޓެވި ޗެނަލް ހިންގުން ހަވާލުކުރެއްވީ އޭރު އަޑުގައި ތިއްބެވި އެންމެ ޒުވާން ޕްރޮޑިއުސަރުންނާއި އެނައުންސަރުންނާއެވެ.

ބަދުރުއްނަޞީރަކީ، ރާއްޖޭގެ ރޭޑިއޯ ބްރޯޑްކާސްޓިންގ ދާއިރާގައި ތަފާތު ގިނަ މަގާމުތައް ފުރުއްވައިފައިވާ ބޭފުޅެކެވެ. އޭގެތެރޭގައި، ރޭޑިއޯ މޯލްޑިވްސްގެ ޕްރޮގްރާމް ރާވާކަމާއި، ޕްރޮގްރާމް ޕްރޮޑިއުސަރު ކަމާއި، ދިވެހިރާއްޖޭގެ އަޑުގެ އެސިސްޓެންޓް ޑިރެކްޓަރު ކަމާއި، ސީނިއަރ ޕްރޮގްރާމް ކޯޑިނޭޓަރު ކަމާއި، ޑިރެކްޓަރ އޮފް ޕްރޮގްރާމްސްކަމާއި، ޑިރެކްޓަރ ޖެނެރަލް، ރޭޑިއޯ ކަމުގެ މަގާމު ހިމެނެއެވެ. ދިވެހިރާއްޖޭގެ އަޑުގެ ވަޒީފާއިން ބަދުރުއްނަޞީރު ވަކިވެވަޑައިގަތީ 2011 ވަނަ އަހަރުގެ ތެރޭގައި، ޢުމުރުފުޅުން 65 އަހަރު ވުމުންނެވެ. އޭގެފަހުން، ދިވެހިރާއްޖޭގެ ބްރޯޑްކާސްޓިންގ ކޮމިޝަންގެ ފުރަތަމަ ރައީސްކަން، 3 އަހަރަށްވުރެ ގިނަދުވަހު ކުރެއްވުމަށްފަހު، 2013 ވަނަ އަހަރު އެ މަގާމުން އިސްތިޢުފާ ދެއްވުމާ ހަމައިން ބްރޯޑްކާސްޓިންގގެ ދާއިރާއާ މުޅިން ވަކިވެވަޑައިގަތެވެ.

ބަދުރު ދެކެވަޑައިގަންނަވާ ގޮތުގައި، ބްރޯޑްކާސްޓިންގ ދާއިރާގައި ދިގު މުއްދަތެއްގައި ޒިންމާދާރުކަމާއެކު އިޚްލާޞްތެރި ޚިދުމަތްތަކެއް ކުރެއްވުނީ، ބަދުރުގެ ޢާއިލާގެ މެންބަރުން ޚާއްޞަކޮށް ބަދުރުގެ ލޮބުވެތި ބޭފުޅުންގެ ފަރާތްޕުޅުން ލިބިވަޑައިގެންނެވި ފުރިހަމަ އެއްބާރުލެއްވުމާއި އެހީތެރިކަމުގެ ސަބަބުން.

ބަދުރުއްނަޞީރަށް ވަނީ މިނިވަން 25ގެ ޢާންމު ޚިދުމަތުގެ އިނާމު ލިބިވަޑައިގެންފައެވެ. ދިވެހި ދައުލަތަށާއި، ދިވެހި ސަރުކާރަށާއި ރައްޔިތުންނަށް އަދި ޚާއްޞަކޮށް، ބްރޯޑްކާސްޓިންގ ދާއިރާއަށް ބަދުރުއްނަޞީރު ކޮށްދެއްވި މަތިވެރި ޚިދުމަތްތަކަކީ، އަޅުގަނޑުމެންގެ ހިތްތަކުން ފޮހެވިގެންދާނެ ޚިދުމަތްތަކެއް ނޫނެވެ. ބަދުރުއްނަޞީރަކީ ތެދުވެރިކަމާއި އިޚްލާޞްތެރިކަމާއެކު ޚިދުމަތް ކުރެއްވި ނަމޫނާ ޝަޚްޞިއްޔަތެއްމެއެވެ. ހަވާލުކުރެއްވި ކޮންމެ މަސްއޫލިއްޔަތެއް، ޒިންމާދާރުކަމާއެކު އަދާކުރެއްވި އިޚްލާޞްތެރި ޚާދިމެކެވެ.