މެލޭޝިޔާގެ މަހްސާ ޔުނިވަރސިޓީ އިން މެޑިކަލް އިމޭޖިންގގެ ދާއިރާއިން މަތީ ތަޢުލީމު ހާސިލު ކުރައްވަމުން ގެންދަވާ ސަޢާދާ އަޙްމަދަކީ، ދިވެހިރާއްޖޭގެ ސްކައުޓް ޖަމާޢަތުގެ ހެޑްކުއަރޓަރ ކޮމިޝަނަރ ފޮރ ޕްރީ-ކަބް ސެކްޝަންގެ މަޤާމު އަދާކުރައްވަމުން ގެންދަވާ ޒުވާނެކެވެ. ޖަމާލުއްދީން ސްކޫލާއި، އަމީނިއްޔާ ސްކޫލުން ތަޢުލީމު ހާސިލު ކުރެއްވުމަށްފަހު، 2013 ވަނަ އަހަރު، ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިޔުކޭޝަނުން މަތީ ޘާނަވީ ތަޢުލީމު ވަނީ ފުރިހަމަކުރައްވާފައެވެ.
ސަޢާދާ ސްކައުޓް ޙަރަކާތް ގުޅިވަޑައިގަތީ 2008 ވަނަ އަހަރު އަމީނިއްޔާ ސްކޫލްގެ ސްކައުޓް ގްރޫޕްގެ ސްކައުޓެއްގެ ގޮތުގައެވެ. އެއަށްފަހު 2014 ވަނަ އަހަރު ޣިޔާޘުއްދީން ސްކޫލްގެ ސްކައުޓް ގްރޫޕާ ގުޅިވަޑައިގެން، އެ ސްކޫލްގެ ރޯވަރ ސްކައުޓެއްގެ ގޮތުގައި ޙަރަކާތްތެރިވެވަޑައިގެންނެވިއެވެ. އަދި 2018ވަނަ އަހަރު މަޖީދިއްޔާ ސްކޫލްގެ ސްކައުޓް ގްރޫޕާ ގުޅިވަޑައިގެން، އެ ސްކޫލްގެ ރޯވަރ ސްކައުޓެއްގެ ގޮތުގައި ބޭޑަން ޕަވަލްގެ ސްކައުޓް އެވޯޑުގެ މަސައްކަތް ނިންމެވިއެވެ.
ސަޢާދާއަކީ ރާއްޖޭގެ އަންހެން ސްކައުޓުންގެ ތެރެއިން އެންމެ ފުރަތަމަ [ބޭޑަން ޕަވަލް ބެޖް] ހާސިލުކުރައްވާ ދެ ސްކައުޓުންގެ ތެރެއިން ސްކައުޓެކެވެ. ސަޢާދާ ވަނީ އަމީނިއްޔާ ސްކޫލްގެ އެސިސްޓެންޓް ގްރޫޕް ސްކައުޓް ލީޑަރެއްގެ ގޮތުގައިވެސް ޚިދުމަތް ކުރައްވާފައެވެ.