ފައިޙާ ޢަބްދުﷲ އަކީ މިހާރު، ޢިމާދުއްދީން ސްކޫލްގެ ސްކައުޓް ލީޑަރުކަން އަދި ރާއްޖޭގެ ސްކައުޓް ޖަމުޢިއްޔާގެ ޔޫތު ކައުންސިލުގެ ޗެއަރޕަރސަން ކަމުގެ މަޤާމު އަދާކުރައްވަމުން ގެންދަވާ ޒުވާނެކެވެ. ޖަމާލުއްދީން ސްކޫލާއި، ހިރިޔާ ސްކޫލުން ތަޢުލީމު ހާސިލު ކުރެއްވުމަށްފަހު، 2017 ވަނަ އަހަރު އެވިޑް ކޮލެޖުން ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ރޮނގުން ވަނީ ޑިޕްލޮމާ ހާސިލު ކުރައްވާފައެވެ.
ފައިޙާ، ސްކައުޓް ޙަރަކާތާ ގުޅިވަޑައިގަތީ 2010 ވަނަ އަހަރުއެވެ. އަދި ރޯވަރ ސްކައުޓް ފަށްޓަވާފައިވަނީ 23 ވަނަ މާލޭ ސްކައުޓް ގްރޫޕްގައި 2014 ވަނަ އަހަރުއެވެ. މި އަހަރު މެލޭޝިޔާގައި ބޭއްވުނު އިންޓަރނޭޝަނަލް ގާރލްސް އިން ސްކައުޓިންގ ގެދަރިންގގައި ރާއްޖެ ތަމްސީލު ކުރައްވާފައިވެއެވެ. ފައިޙާވަނީ 2018 ވަނަ އަހަރު ރާއްޖޭގެ ސްކައުޓް ޖަމާޢަތުގެ ޔޫތު ކައުންސިލުގެ ވައިސް ޗެއަރޕަރސަން ކަމުގެ މަޤާމު އަދާކުރައްވާފައެވެ. ފައިހާ ހިމެނިވަޑައިގަންނަވަނީ ރާއްޖޭގެ އަންހެން ސްކައުޓުންގެ ތެރެއިން އެންމެ ފުރަތަމަ [ބޭޑަން ޕަވަލް ބެޖް] ހާސިލުކުރައްވާ ދެ ސްކައުޓުންގެ ތެރޭގައެވެ.