މުޙައްމަދު މައުއިލް މިހާރު ތަޢުލީމު ހާސިލު ކުރައްވަމުން ގެންދަވަނީ، އަލްމަދްރަސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާގެ ގްރޭޑް 11 ގައެވެ. މައުއިލްއަކީވެސް އެ މަދަރުސާގެ ސްކައުޓް ގްރޫޕުން ޕްރެޒިޑެންޓްސް ސްކައުޓް ބެޖް ހާސިލު ކުރައްވާ ސްކައުޓެކެވެ. 2014 ވަނަ އަހަރު ސްކައުޓް ސެކްޝަނާ ގުޅިވަޑައިގަތުމަށްފަހު، މިހާތަނަށް 23 ފަންނީ ބެޖް ހާސިލުކުރައްވައި، [ޖޫނިއަރ ސްކައުޓް އެޕޮލެޓްސް] އަދި [ސްކައުޓް ކޯޑް]ގެ އިތުރުން، [ސީނިއަރ ސްކައުޓް އެޕޮލެޓްސް] އަދި [ބުޝްމަންސް ތޯންގް] ހޯއްދަވައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޭއްވުނު ސްކައުޓް ކޭމްޕްތަކާއި، ސްރީލަންކާގައި ބޭއްވުނު އިންޓަރނޭޝަނަލް ސްކައުޓް ޖަމްބޮރީގައި ބައިވެރިވެވަޑައިގެންފައިވެއެވެ. މައުއިލް ވަނީ ތަފާތު ގިނަ އިޖުތިމާޢީ ޙަރަކާތްތަކުގައިވެސް ބައިވެރިވެވަޑައިގެންފައެވެ.
ކެރަމް ކުޅުއްވައި، ޤައުމީ ކެރަމް މުބާރާތްތަކުގައި އަމްޕަޔަރުކަން ކުރައްވަމުން ގެންދަވާ މައުއިލްއަކީ، ޢަރަބިއްޔާ ސްކައުޓް ގްރޫޕްގެ ޕެޓްރޯލް ލީޑަރުންގެ ތެރެއިން 2018 ވަނަ އަހަރުގެ އެންމެ ރަނގަޅު ޕެޓްރޯލް ލީޑަރެވެ.