އަލްމަދްރަސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާގެ ގްރޭޑް 12 ގައި ތަޢުލީމު ހާސިލު ކުރައްވަމުން ގެންދަވާ އިސްމާޢީލް ޖައިޝް ޖަލާލަކީ، އެ މަދަރުސާގެ ސްކައުޓް ގްރޫޕުން އެންމެ ފުރަތަމަ [ޕްރެޒިޑެންޓް ސްކައުޓް ބެޖް] ހާސިލު ކުރައްވާ ފަސް ސްކައުޓުންގެ ތެރެއިން އެއް ސްކައުޓެވެ. 2013 ވަނަ އަހަރު ސްކައުޓް ސެކްޝަނާ ގުޅިވަޑައިގަތުމަށްފަހު، 25 ފަންނީ ބެޖް ހާސިލުކުރައްވައި، [ޖޫނިއަރ ސްކައުޓް އެޕޮލެޓްސް] އަދި [ސްކައުޓް ކޯޑް]ގެ އިތުރުން، [ސީނިއަރ ސްކައުޓް އެޕޮލެޓްސް] އަދި [ބުޝްމަންސް ތޯންގް] ހޯއްދަވައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޭއްވުނު ސްކައުޓް ކޭމްޕްތަކާއި، ސްރީލަންކާގައި ބޭއްވުނު އިންޓަރނޭޝަނަލް ސްކައުޓް ޖަމްބޮރީގައި ބައިވެރިވެވަޑައިގެންފައިވެއެވެ.
ޕްރެޒިޑެންޓްސް ސްކައުޓް ބެޖް ހާސިލު ކުރެއްވުމަށްޓަކައި ޖައިޝް ވަނީ ތަފާތު ގިނަ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގެންފައެވެ. ކުރެހުމާއި ފަރުމާކުރުމުގެ ފަންނުގައި ކުރިއަށް ވަޑައިގަތުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ޖައިޝްއަކީ، ޢަރަބިއްޔާ ސްކޫލުގެ ސީނިއަރ ޕްރިފެކްޓް އަދި ބްލޫހައުސްގެ ކެޕްޓަންކަމުގެ އިތުރުން ޢަރަބިއްޔާ ސްކައުޓް ގްރޫޕްގެ ޕެޓްރޯލް ލީޑަރެކެވެ.