އަލްމަދްރަސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާގެ ގްރޭޑް 12 ގައި ތަޢުލީމު ހާސިލު ކުރައްވަމުން ގެންދަވާ މަރްޔަމް ބަރްޝާ މުޙައްމަދަކީ، ރާއްޖޭގެ އަންހެން ސްކައުޓުންގެ ތެރެއިން އެންމެ ފުރަތަމަ [ޕްރެޒިޑެންޓް ސްކައުޓްސް ބެޖް] ހާސިލުކުރައްވާ ދެ ސްކައުޓުންގެ ތެރެއިން ސްކައުޓެކެވެ. 2013 ވަނަ އަހަރު ސްކައުޓް ސެކްޝަނާ ގުޅިވަޑައިގަތުމަށްފަހު، 20 ފަންނީ ބެޖް ހާސިލުކުރައްވައި، [ޖޫނިއަރ ސްކައުޓް އެޕޮލެޓްސް] އަދި [ސްކައުޓް ކޯޑް]ގެ އިތުރުން [ސީނިއަރ ސްކައުޓް އެޕޮލެޓްސް] އަދި [ބުޝްމަންސް ތޯންގް] ހޯއްދަވާފައިވެއެވެ. ރާއްޖޭގެ އެކިކަންކޮޅުތަކުގައި ބޭއްވުނު ސްކައުޓް ކޭމްޕްތަކާއި، ސްރީލަންކާގައި ބޭއްވުނު އިންޓަރނޭޝަނަލް ސްކައުޓް ޖަމްބޮރީގައި ބަރްޝާ ބައިވެރިވެވަޑައިގެންފައިވެއެވެ.
ޕްރެޒިޑެންޓްސް ސްކައުޓް ބެޖް ހާސިލު ކުރެއްވުމަށްޓަކައި ބަރްޝާ ވަނީ ތަފާތު ގިނަ އިޖުތިމާޢީ މަސައްކަތްތައް ކުރައްވާފައެވެ. ބަރްޝާއަކީ، ޢަރަބިއްޔާ ސްކޫލުގެ ސްކައުޓް ގްރޫޕްގެ ސީނިއަރ ޕެޓްރޯލް ލީޑަރެވެ. އަދި މި ސްކައުޓް ގްރޫޕުން މި ބެޖް ހާސިލު ކުރައްވާ ސްކައުޓުންގެ ތެރެއިން އުމުރުން އެންމެ ހަގު އަންހެން ސްކައުޓެވެ.