މި ފިލާ މި ދެއްވަނީ 2018 ވަނަ އަހަރުގެ ނޮވެންބަރުމަހުގެ 18 ވަނަ ދުވަހު ރ. އިނގުރައިދޫގައި މޫދަށް އެރި އުޅުނު ކުއްޖަކު، ފުރާނައަށް ނުރައްކާވާފަދަ ޙާލަތެއްގައި ވަނިކޮށް، އޭނާގެ ފުރާނަ ސަލާމަތްކުރި ދެ ސްކައުޓުން ކަމަށްވާ ރ. އިނގުރައިދޫ ހަތިހާ، ޢަލީ ފައުޒާން (އުމުރު 16 އަހަރު) އާއި، ރ. އިނގުރައިދޫ މާހާ، ނިޝާހް ޢަބްދުލްޣަފޫރު (އުމުރު 15 އަހަރު) އަށެވެ.
މާޅޮސްމަޑުލު އުތުރުބުރީ އިނގުރައިދޫ ހުދުފިނިފެންމާގޭ އަޙްމަދު އަޙްނަފް (އުމުރު 14 އަހަރު) އިނގުރައިދޫ ފުއްޓަރު ފަރާތަށް މަސްހިފަން ފީނަން ގޮސް އުޅެނިކޮށް، އަޙްނަފް ފާނައަކަށް ދަގަނޑު ޖެހުމުގެ ތެރެއިން، ގަލެއްގައި ދަގަނޑު ތާށިވެ، އަދި އެ ވަގުތު ދަގަނޑުގައި އައްސާފައި އޮތް ވާގަނޑު އަޙްނަފްގެ އަތުގައިވެސް އައްސާފައި އޮތުމުން، އަޙްނަފް މައްޗަށް އަރަން މަސައްކަތްކޮށް ނޭވާ ހާސްވިއިރުވެސް ދަގަނޑު ނެއްޓޭ ގޮތެއް ނުވިއެވެ. އެ ވަގުތު ޢަލީ ފައުޒާނާއި، ނިޝާހް ޢަބްދުލްޣަފޫރު ތިބީ އަޙްނަފާ ތަންކޮޅެއް ދުރުގައި ކަމަށްވުމުން، އެ ދެކުދިންނަށް އެހިސާބަށް ދެވުނުއިރު އަޙްނަފް އޮތީ ނޭވާ ހާސްވެގެން މޫދު އަޑީގައެވެ. އެހެންވެ، އަޙްނަފް ވަގުތުން ފެނުން މައްޗަށް ނެގޭތޯ އުޅެ ނެގޭގޮތް ނުވުމުން އަޙްނަފާއެކު ގަލުގައި ތާށިވެފައި ހުރި ދަގަނޑު، އެ ދެ ކުދިންގެ މަސައްކަތުން ހަލާކުކޮށްލައިގެން އަހްނަފް ފެނުން މައްޗަށް ނަގައި އެގޮތުން ކުރި މަސައްކަތުން އަޙްނަފަށް ނޭވާލެވޭގޮތްވެ، ލޯ ހުޅުވުމުން، ދެ ކުދިންވެގެން އަޙްނަފް އެއްގަމަށް އަރުވައި، އެވަގުތު އެހިސާބުގައި އެއްވެސް މީހަކު ނެތުމުން، މީހެއްގެ އެހީތެރިކަން ހޯދުމަށް އެތަނުން އެއް ކުއްޖަކު ރަށުތެރެއަށް ގޮސް، އިތުރު ދެ މީހެއްގެ އެހީތެރިކަމާއެކު ރަށުގެ ޞިއްޙީ މަރުކަޒަށް އަޙްނަފް ގެންދިޔައެވެ.
މި ހާދިސާ ހިނގި ގޮތަށް ބަލާއިރު، ގެނބިފައިވާ ކުއްޖެއްގެ ފުރާނަ، މި ދެ ސްކައުޓުންގެ މަސައްކަތުން ސަލާމަތް ކުރެވިފައިވާ ކަމަށް ރ. އިނގުރައިދޫ ޞިއްޙީ މަރުކަޒުން ދީފައިވާ ލިޔުމުން އެނގެން އޮތުމާއި، މި ދެކުދިންގެ މި މަސައްކަތަކީ އާދަޔާޚިލާފު ހިތްވަރުގަދަ މަސައްކަތަކަށްވާތީ، އަދި ރާއްޖޭގެ ސްކައުޓް އެސޯސިއޭޝަނުންވެސް މި ހާދިސާ ހިނގައިދިޔަގޮތް އިތުރަށް ބައްލަވައި، އެ އެސޯސިއޭޝަނުން އެ ދެ ސްކައުޓުންނަށް ޚާއްޞަ އެވޯޑެއް ދެއްވާފައިވުމާއި، ބައިނަލްއަޤްވާމީ ސްކައުޓް ޖަމުޢިއްޔާގެ އޭޝިއާ ޕެސިފިކް ރީޖަނުންވެސް އެކަން ފާހަގަކުރައްވާފައިވުމާއެކު، ޤައުމީ ފެންވަރެއްގައި އެކަމުގެ އަގު ވަޒަންކުރެއްވުމުގެ ގޮތުން، މި ދެ ސްކައުޓުންނަށް ސަރުކާރުން ހަނދާނީ ފިލައެއް ދެއްވުމަށް ނިންމެވީއެވެ.