އަލްޙާފިޡް މޫސާ މާއިޝް މާޖިދު
މ. ޝޭޑީރެސްޓް ދެކުނުބައި

ކީރިތި ޤުރްއާން ހިތުދަސްކުރެއްވުމުގެ ޝައުޤުވެރިކަން އުފެދުނީ، ކީރިތި ޤުރްއާނަކީ މާތްﷲ ގެ ކަލާމްފުޅުކަމަށްވެފައި، ކީރިތި ޤުރްއާނުގެ ހިޔަލުގައި މުސްތަޤްބަލު ބިނާކުރުމަށް ހިތުގައި ދެވުނު ލޯތްބަކުންނާއި، ޕްރީ-ސްކޫލުގައި އުޅުއްވިއިރު ސްކޫލުގައި ބޭއްވުނު ޤުރްއާން މުބާރާތުން 1ވަނަ ހާސިލުކުރެއްވުމުންނެވެ. އޭރުންފެށިގެން ޤުރްއާން ކިޔެވުމަށް މާއިޝް ޚާއްޞަ ޝައުޤުވެރިކަމެއް ބަހައްޓަވައެވެ. ޕްރީ-ސްކޫލް ނިންމަވައި ޖަމާލުއްދީން ސްކޫލުގައި އުޅުއްވަމުން، ޤުރްއާނާބެހޭ މަރުކަޒުގެ ހިތުދަސްކުރާ ކްލާހުން ލިބިވަޑައިގެންނެވި ފުރުޞަތުގައި ދޮޅުއަހަރު ދުވަހުގެ ތެރޭގައި ތިން ފޮތް ހިތުން ދަސްކުރެއްވިއެވެ. އޭގެފަހުން، އިންޑިއާގެ ދާރުއްސަލާމް ޙިފްޡު ޤުރްއާން ކޮލެޖަށް ވަންނަވައި، ޤުރްއާން އެއްކޮށް ހިތުދަސްކުރައްވައި ނިންމެވީ، މި އަހަރުގެ މާރިޗު މަހުއެވެ. އެ ކޮލެޖުގައި 1440 ވަނަ އަހަރު ރަމަޟާންމަހު އިމާމުވެ ތަރާވީސް ނަމާދުވެސް މާއިޝް ވަނީ ކުރައްވާފައެވެ. އޭރު މާއިޝްގެ އުމުރަކީ 12 އަހަރެވެ. މާރިޗު މަހުން ފެށިގެން ޖޫން މަހުގެ ނިޔަލަށް އެ ކޮލެޖުގައި މުރާޖަޢާ ކުރެއްވުމަށްފަހު، އަލުން މާލެއަށް ބަދަލުވެވަޑައިގެން އިމްތިޙާނު ފުރިހަމަކުރައްވައި ނިންމެވީ، މި އަހަރުގެ ސެޕްޓެންބަރު މަހުއެވެ.