އަލްފާޟިލް މައިނާ އިބްރާހީމް ރަޝީދު
ގ. މައިނާގެ

    ގަލޮޅު މައިނާގޭ އިބްރާހީމް ރަޝީދު، އަޅުގަނޑުމެންގެ ތެރެއަށް މަޝްހޫރުވެފައިވާ ނަމުންނަމަ "މައިނާ" އަކީ، ރާއްޖޭގެ ކުޅިވަރުގެ ތާރީޚުގައި ވަރަށް ޚާއްޞަގޮތެއްގައި ފާހަގަކުރެވިގެންދިޔަ ބޭފުޅެކެވެ. ރާއްޖޭގެ ކުޅިވަރުގެ ދާއިރާގައި މެދުނުކެނޑި 26 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވައި، ވަރަށްގިނަ ކާމިޔާބީތަކެއް ޙާޞިލު ކުރައްވާފައިވާ ބޭފުޅެކެވެ. އަދި ވަރަށް ތާރީޚީ ހަނދާންތަކެއް، ކުޅިވަރުގެ މާޒީއަށް ދޫކުރައްވާފައިވާ ބޭފުޅެކެވެ. ޚާއްޞަކޮށް، ދިވެހި ފުޓްބޯޅައިގައި އެންމެ މަޝްހޫރު އެއް ކްލަބް އަދި މިހާތަނަށް ފުޓްބޯޅައިގެ އެންމެގިނަ ތަށި ޙާޞިލު ކޮށްފައިވާ ވިކްޓްރީ ސްޕޯޓްސް ކްލަބް އުފެއްދެވުމުގައި، އެންމެ އިސް ދައުރެއް އަދާކުރެއްވި ބޭފުޅަކީ، މައިނާ އިބްރާހީމް ރަޝީދެވެ.

      1971 ވަނަ އަހަރުގެ ޖުލައި މަހުގެ 3 ވަނަ ދުވަހު، އެ ކްލަބް ދިވެހި ވުޖޫދަށް އުފަންވުމުގައި މައިނާގެ ދައުރު ވަރަށް ބޮޑެވެ. އޭނާ މި މަސައްކަތުގައި ބައިވެރިވެވަޑައިގަތީ، އޭނާގެ ހިތްޕުޅުގައި ކުޅިވަރާމެދު އުފެދިފައިވާ ވަރުގަދަ ލޯތްބެއްގެ ސަބަބުންނެވެ.

     1971 ވަނަ އަހަރުން ފެށިގެން 1978 ވަނަ އަހަރާ ދެމެދު ފުޓްބޯޅައިގެ އިތުރުން، ހޮކީ، ކްރިކެޓް، ޓެނިސް، ބެޑްމިންގޓަން، ވޮލީ، ބާސްކެޓް، ފެތުން، އެތްލެޓިކްސް، ޓީ.ޓީފަދަ ކުޅިވަރުތައްވެސް އޭނާ ވަނީ ކުޅުއްވާފައެވެ. އަދި ބައިސްކަލް ރޭސްތަކުގައިވެސް އޭނާ ވަނީ ބައިވެރިވެވަޑައިގެންފައެވެ. މިދެންނެވި ހުރިހާ ކުޅިވަރުތަކުން ވިކްޓްރީ ސްޕޯޓްސް ކްލަބް ވަނީ 142 ޗެމްޕިއަންޝިޕް ޙާޞިލުކޮށްފައެވެ. ފުޓްބޯޅައަށް ބަލާއިރު ވިކްޓްރީ ސްޕޯޓްސް ކްލަބް މިހާތަނަށް 32 ފަހަރު ޗެމްޕިއަންކަން ހޯދައި، 20 ފަހަރު ތަށި ޙާޞިލުކޮށްފައިވެއެވެ. ފުޓްބޯޅައިގައި ވިކްޓްރީ ސްޕޯޓްސް ކްލަބް ހޯދާފައިވާ ގިނަގުނަ ކާމިޔާބީތަކުގައި އެންމެ މުހިންމު ޙިއްޞާއެއް އަދާކުރެއްވި އެއްބޭފުޅަކީ، މައިނާއެވެ.

      މައިނާ އިބްރާހީމް ރަޝީދަކީ، ތެދުތެދަށް ދަންނަވާނަމަ، ވިކްޓްރީ ސްޕޯޓްސް ކްލަބްގެ ރޫޙެވެ. އެކްލަބް މިއަދާ ހަމައަށް ކުޅިވަރުގެ މައިދާނުގައި އެތައް ކާމިޔާބީތަކެއް ޙާޞިލު ކުރަމުން ގެންދިޔައިރު، އެކަމުގެ އިސް ސަފުގައި މައިނާ ހުންނަވައިގެން ކުރެއްވި މަސައްކަތްޕުޅުތައް ފާހަގަކުރަމެވެ. އެމަސައްކަތްޕުޅުތައް އެގޮތަށް އެކުރެއްވީ، ކްލަބާމެދު އޭނާގެ ހިތްޕުޅުގައި އުފެދިފައިވާ އިޚްލާޞްތެރި ޝުޢޫރުތަކުގެ ސަބަބުންނެވެ. އެ ކްލަބަށްޓަކައި އޭނާ ވެވަޑައިގެންނެވި ޤުރްބާނީއަކީ، ވިކްޓްރީ ސްޕޯޓްސް ކްލަބަށް އެކި ކުޅިވަރުތައް ކުޅުއްވާފައިވާ އަދި އެ ކްލަބަށް ތަރުޙީބު ދެއްވާ އެތައް ބޭފުޅުންނެއް ހެޔޮހިތުން ގަބޫލުފުޅު ކުރައްވާނެ ޤުރްބާނީއެއްކަމާމެދު ޝައްކެއްނެތެވެ.

     ރާއްޖޭގެ ޤައުމީ ފުޓްބޯޅަ ޓީމުގެ މެނޭޖަރުކަންވެސް ދެ އަހަރަކު މައިނާ އިބްރާހީމް ރަޝީދު ވަނީ ކުރައްވާފައެވެ. އޭގެތެރެއިން އެއްއަހަރު ފުޓްބޯޅައިގެ ރިހި މެޑެލް، ރާއްޖޭގެ ޤައުމީ ޓީމު ޙާޞިލު ކުރިއިރު، އެޓީމުގެ މެނޭޖަރެއްގެ ގޮތުން އިޚްލާޞްތެރި މަސައްކަތްޕުޅުތަކެއް ކުރައްވައި، ޓީމުގެ ކުޅުންތެރިންނާއެކު ރެޔާދުވާ ހޭދަކުރެއްވި ބޭފުޅަކީވެސް، މައިނާ އިބްރާހީމް ރަޝީދެވެ. މީގެ އިތުރުން ރާއްޖޭގެ 19 އަހަރުން ދަށުގެ ޤައުމީ ފުޓްބޯޅަ ޓީމުގެ މެނޭޖަރުކަންވެސް އޭނާވަނީ 5 އަހަރު ކުރައްވާފައެވެ.

      މައިނާ އިބްރާހީމް ރަޝީދުގެ ބަލިޙާލު ހުރިގޮތުން ކުޅިވަރާ ދުރުގައި މިއަދު ހުންނެވި ނަމަވެސް، ރާއްޖޭގެ ކުޅިވަރަށް ޚާއްޞަކޮށް، ވިކްޓްރީ ސްޕޯޓްސް ކްލަބަށް އޭނާ ކޮށްދެއްވާފައިވާ އިޚްލާޞްތެރި އަދި ތެދުވެރި ޚިދްމަތްތަކަކީ، ދިވެހި ކުޅިވަރުގެ ތާރީޚުން ފަނޑުވެގެންދާނެ ޚިދްމަތްތަކެއް ނޫނެވެ. އޭނާއަށް މިހާތަނަށް ކުޅިވަރުގެ ރޮނގުން ހިތްވަރު ދިނުމުގެ އިނާމެއް ލިބިވަޑައިގެންފައި ނެތްނަމަވެސް، މިއަދު އޭނާއަށް ކުޅިވަރުގެ ރޮނގުން ޝަރަފުވެރިކަމުގެ އިނާމެއް ލިބިވަޑައިގަންނަވާކަން އެއީ، އޭނާއަށާއި ވިކްޓްރީ ސްޕޯޓްސް ކްލަބަށާއި، ރާއްޖޭގެ ކުޅިވަރަށް ލޯބިކުރައްވާ ފަރާތްތަކަށް ލިބިވަޑައިގަންނަވާ ވަރަށްބޮޑު ޝަރަފަކަށްމެނުވީ ނުވާނެއެވެ.