އަލްފާޟިލް ޖާދުﷲ އިސްމާޢީލް
ގދ.ތިނަދޫ/ ހިންދޫސް

އެޕްލައިޑް އާޓްސްގެ ދާއިރާއިން، ފެޝަން ޑިޒައިންގެ ރޮނގުން ހިތްވަރު ދިނުމުގެ ޤައުމީ އިނާމު، މިއަހަރު ލިބިވަޑައިގަންނަވާ ޖާދުﷲ އިސްމާޢީލަކީ، މީގެ 13 އަހަރު ދުވަސް ކުރިން މި ދާއިރާގައި ޚިދްމަތް ކުރައްވަން ފެށްޓެވި ބޭފުޅެކެވެ. ފެހުމުގެ މަސައްކަތާ ޖާދުﷲ ކުރިމަތިލެއްވީ، މިއީ ވަރަށް ރަނގަޅަށް ކުރެއްވިދާނެ އަދި ހުނަރުވެރި މަސައްކަތެއް ކަމަށްވާއިރު، މިރޮނގުން ކުރިއަށް ވަޑައިގަތުމުގެ މަޤްޞަދުގައެވެ.

ފެހުމުގެ މަސައްކަތް ޖާދުﷲ ފެށްޓެވީ، ސިފައިންގޭގެ ވަޒީފާގައި އުޅުއްވި ދުވަސްވަރުއެވެ. އޭރު ސިފައިންގެ ފަރާތުން އެކިއެކި މުނާސަބަތުތަކުގައި ބާއްވާ ޝޯތަކަށް ހެދުންތައް ފަރުމާކުރައްވައި ފައްސަވައިދެއްވާފައިވެއެވެ. އޭގެތެރެއިން، މިލީނިއަމް ޝޯއާ ގުޅިގެން ބޭއްވި [ކާފަގެ ވާހަކަ] މިޝޯގެ ބައެއް ހެދުންތައް ފަރުމާކޮށްދެއްވައި، އެ ހެދުންތައް ފައްސަވައިދެއްވީ ޖާދުﷲ އެވެ. އަދި އެޝޯގެ ޓެޕް ޑާންސްގެ ހުރިހާ ހެދުންތައްވެސް ފަރުމާކޮށްދެއްވައި ފައްސަވައިދެއްވީ، ޖާދުﷲ އެވެ.

މުނިފޫހިފިލުވުމުގެ ދާއިރާއިން މިފަހަކަށް އައިސް ބޭއްވި ފަންޑްރައިޒިންގ ގިނަ ޙަރަކާތެއްގައިހެން ޖާދުﷲ ބައިވެރިވެވަޑައިގެންފައިވެއެވެ. 2004 ވަނަ އަހަރު ސުނާމީ ކާރިސާގައި ޙާލުގައި ޖެހުނު މީހުންނަށް އެހީވުމުގެ ގޮތުން ބޭއްވި ފަންނާނުންގެ ޝޯގެ ފިރިހެން އަދި އަންހެން ހުރިހާ ހެދުމެއްހެން ހިލޭ ސާބަހަށް ފަރުމާކުރައްވައި ފައްސަވައިދެއްވީ، ޖާދުﷲ އެވެ. މުނިފޫހިފިލުވުމުގެ ދާއިރާއަށް އެހީތެރިކަން ދެއްވުމުގެ ގޮތުން ރާއްޖޭގެ ގިނަ ފަންނާނުންގެ ހެދުންތައް ހިލޭސާބަހަށް ފަރުމާކޮށްދެއްވައި، ފައްސަވައި ދެއްވާފައިވެއެވެ. އަދި ޓީ.ވީ. ޝޯތަކުގައި ބައިވެރިވާ ގިނަ ޕްރެޒެންޓަރުންނަށް ހެދުން ހިލޭ ފަރުމާކޮށްދެއްވައި ފައްސަވައިދެއްވާފައި ވެއެވެ.

ފެޝަން ޑިޒައިންގެ ރޮނގުން އިތުރަށް ކުރިއަށް ވަޑައިގަތުމުގެ ޝައުޤުވެރިކަން، ޖާދުﷲގެ ހިތްޕުޅުގައި އުފެދިފައިވާލެއް ބޮޑުކަމާއެކު، ޖާދުﷲ ވަނީ، ސްރީލަންކާއާއި އިންޑިޔާއިން ފެޝަން ޑިޒައިނާބެހޭ ކޯސްތައް ފުރިހަމަކުރައްވާފައެވެ. ޢާންމުކޮށް ޖާދުﷲ ފަރުމާކުރައްވައި ފައްސަވަމުން ގެންދަވަނީ، ރާއްޖޭގެ ފިލްމީ ތަރިންގެ ހެދުންތަކާއި، އެކިއެކި ޝޯތަކަށް ބޭނުންވާ ހެދުންތަކެވެ. އަދި ވެޑިންގ ޑްރެސްވެސް  އޭނާ ފައްސަވައެވެ.

މި ދާއިރާއަށް މީހުން ބިނާކުރެއްވުމުގައި ޖާދުﷲ ކުރައްވަމުން ގެންދަވާ މަސައްކަތްތައް ފާހަގަކޮށްލަންޖެހެއެވެ. އެގޮތުން، އެކިއެކި ރަށްރަށަށް ދަތުރުކުރައްވައި، ދެ ޖިންސުގެ ގިނަ ޢަދަދެއްގެ ޒުވާނުންނަށް، ފެހުމާއި، ފެޝަން ޑިޒައިންގެ މަސައްކަތް ދަސްކޮށްދެއްވާފައިވެއެވެ. އެންމެފަހުން އޭނާ ހިންގެވި ކޯހަކީ، މިދިޔަ އޮކްޓޯބަރު މަހު އަލިފުށީގައި ހިންގެވި ފަހަން ދަސްކޮށްދޭ ކޯހެކެވެ. އެކޯހުގައި 63 ބައިވެރިން ބައިވެރިވިއެވެ. އޭގެތެރެއިން ބައެއް ކުދިންނަށް އަމިއްލައަށް ކަނޑައިގެން ފަހަން އެނގޭވަރަށް ދަސްކޮށްދެއްވިއެވެ. މިކަމުން ޖާދުﷲ އަށް ލިބިވަޑައިގަންނަވާ އެންމެބޮޑު އެއް އުފަލަކީ، ޖާދުﷲ ދަސްކޮށްދެއްވާ ބައެއް ކުދިން، މާލޭގައިވެސް އަދި ރަށްރަށުގައިވެސް ފަހާތަންތަން ހުޅުވައިގެން ފެހުމުގެ މަސައްކަތްކޮށް، އެކަމުން ރަނގަޅު އާމްދަނީއެއް ހޯދަމުން ގެންދާކަމެވެ.  

2005 ވަނަ އަހަރު [ބްރީތް]ގެ ނަމުގައި މާލޭގައި 45 މީހުން ބައިވެރިކޮށްގެން، 105 ހެދުން ފަރުމާކުރި ޝޯއެއް ޖާދުﷲ ހުށަހަޅުއްވާފައިވެއެވެ. އަލިމަސް ކާނިވަލުގައި ބޭއްވުނު މި ޝޯގެ ހެދުންތައް ފަރުމާކުރައްވައި، ފެހުމުގެ ހުރިހާ މަސައްކަތެއް ކުރެއްވީވެސް ޖާދުﷲ އެވެ.  

މިދާއިރާއިން ޖާދުﷲ ހޯއްދަވާފައިވާ ބައެއް ކާމިޔާބީތަކުގެ ތެރޭގައި، 2007 ވަނަ އަހަރު ރާއްޖޭގައި ބޭއްވި ނޭޝަނަލް ފިލްމު އެވޯޑުގައި، ފިލްމު [ޒުލޭޚާ] އިން، ބެސްޓް ޑިޒައިނަރގެ މަގާމު ހޯއްދަވާފައިވުމާއި، ފެޝަން އަންލިމިޓެޑުން ބޭއްވި ފެޝަން ޝޯގެ އެކި ކެޓަގަރީތަކުން  13 އެވޯޑާއެކު، މުޅި ޝޯއިން 1 ވަނަ ހޯއްދެވުން ހިމެނެއެވެ. މީގެއިތުރުން، 2007 ވަނަ އަހަރު މިސް ސްރީލަންކާ ހޮވުމުގެ މުބާރާތަށް ހެދުންތައް ފަރުމާކުރުމަށް ސްރީލަންކާގައި ބޭއްވި މުބާރާތުން 1 ވަނަ ހޯއްދަވާފައިވެއެވެ. މި މަގާމު ޖާދުﷲ ޙާޞިލުކުރެއްވީ، މި މުބާރާތުގެ ދެ ކެޓަގަރީއަކުން ސްރީލަންކާގެ 6 ޑިޒައިނަރުންނާ ވާދަކުރައްވައިގެންނެވެ. މި މުބާރާތުން 1 ވަނަ ހޯއްދެވުމާ ގުޅިގެން، މި މުބާރާތުގެ 44 ހެދުމެއް ފަރުމާކޮށް، ފަހައިދިނުމުގެ ފުރްޞަތުވެސް ޖާދުﷲ އަށް ލިބިވަޑައިގަތެވެ.

ޖާދުﷲ އެންމެފަހުން މި ނޮވެމްބަރު މަހުގެ ކުރީކޮޅު ސްރީލަންކާއަށް ކުރެއްވި ދަތުރުފުޅަކީވެސް ސްރީލަންކާގައި ބޭއްވުނު ޗެރިޓީ ޝޯއެއްގައި، ޖާދުﷲގެ އުފެއްދުންތައް ދައްކާލުމުގެ ފުރްޞަތު ލިބިވަޑައިގެން ކުރެއްވި ދަތުރުފުޅެކެވެ.