ޑޮކްޓަރ ޔޫސުފް ނިޡާމް
އޯކިޑްވިލާ ރ. ހުޅުދުއްފާރު

މި އިނާމު މިއެރުވެނީ، މެލޭޝިޔާގެ ޖޮހޯރުގައި ހުންނަ ޔުނިވަރސިޓީ ޓުން ޙުސައިން އޮން މެލޭޝިޔާއިން 2018 ވަނަ އަހަރު، އިލެކްޓްރިކަލް އިންޖިނިއަރިންގ ގެ ރޮނގުން ޑޮކްޓަރ އޮފް ފިލޯސޮފީ ހާސިލު ކުރައްވާފައިވާތީއާއި، ޕީ.އެޗް.ޑީ.އަށް ކުރެއްވި ދިރާސާތަކުގެ އަލީގައި ލިޔުއްވި ތަފާތު 8 އާޓިކަލް ބައިނަލްއަޤްވާމީ ޖަރނަލްތަކުގައި ޝާއިޢުކޮށްފައިވާތީއެވެ.

ޑޮކްޓަރ ޔޫސުފް ނިޡާމް ޕީ.އެޗް.ޑީ ހާސިލު ކުރެއްވުމަށް ކުރެއްވި ދިރާސާއަކީ، ރިހެބިލިޓޭޝަންގެ ތަފާތު އެޕްލިކޭޝަންތަކަށް ޑެޕްތު ސެންސަރ ބޭނުންކުރެވޭނެ ގޮތްތައް ދެނެގަތުމަށް ކުރެއްވި ދިރާސާއެކެވެ. މި ދިރާސާގައި ޑެޕްތު މެޕުން އިންސާނާގެ ހަރަކާތްތައް ދެނެގަނެ އަދި އެ ހަރަކާތްތަކުން އެބްނޯމެލިޓީސް ފާހަގަކުރެވޭނޭ އަލްގަރިދަމްއެއް ވަނީ އުފައްދަވައިފައެވެ. އުމުރުން ދުވަސްވީ މީހުންނާއި، ހިނގާބިގާވެ އުޅުމުގައި ތަފާތު އުނދަގޫތައް ތަޙައްމަލު ކުރަމުންދާ މީހުންނާއި އަދި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދެވޭ ފަރުވާތަކުގައި މި އަލްގަރިދަމް، އެހީތެރިވެދޭނެއެވެ. އަދި އެފަދަ މީހުންގެ ހަރަކާތްތައް މޮނިޓަރކޮށް، އަންނަ ބަދަލު ދެނެގަނެ، ވެއްޓުންފަދަ ކަމެއް ދިމާވެދާނެކަން ދުރާލައި ދެނެގަނެވެއެވެ.

މި ދިރާސާގެ މައްޗަށް ބިނާކުރައްވައި ޑޮކްޓަރ ޔޫސުފް ނިޡާމް ލިޔުއްވި ތީސީސްގައި، ޑެޕްތު މެޕުން އިންސާނާގެ ހަރަކާތްތައް މޮނިޓަރ ކުރާނެ އަލްގަރިދަމްއެއްގެ އިތުރުން، އިންސާނާގެ ހަރަކާތްތަކަށް އަންނަ ބަދަލުތައް އެކި ގިންތިތަކަށް ކަނޑައެޅޭނޭ އަލްގަރިދަމްއެއްވެސްވަނީ ހިމަނާފައެވެ. މި ދެ އަލްގަރިދަމްވެސް ވަނީ ލެބޯޓަރީ އެކްސްޕެރިމެންޓަލް ސެޓުއަޕެއްގައި ޓެސްޓު ކުރެވިފައެވެ.

ޑޮކްޓަރ ޔޫސުފް ނިޡާމްގެ އިސްވެ ދެންނެވި ޖަރނަލް އާޓިކަލްތައް ޝާއިޢުކޮށްފައިވަނީ، މެލޭޝިޔާއާއި، ނެދަލޭންޑްސް، ޕާކިސްތާނު އަދި ސިންގަޕޯރގެ ޖަރނަލްތަކުގައެވެ. އެހެން ބައެއް އާޓިކަލްތައް ތަފާތު ކޮންފަރެންސްތަކަށްވެސް ހުށަހެޅުއްވިއެވެ. މީގެ އިތުރުން، 3 ބުކް ޗެޕްޓަރވެސްވަނީ ޕަބްލިޝް ކުރެވިފައެވެ. އަދި ދިރާސާގައި އުފެއްދެވި 3 އަލްގަރިދަމްވަނީ މެލޭޝިޔާގައި ކޮޕީރައިޓު ކުރެވިފައެވެ.

ޑޮކްޓަރ ޔޫސުފް ނިޡާމް މިހާރު ހުންނެވީ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް އިންޖިނިއަރިންގ، ސައިންސް އެންޑް ޓެކްނޮލޮޖީގެ އެސިސްޓެންޓް ޕްރޮފެސަރުގެ މަގާމުގައެވެ.