އަލްފާޟިލާ ޢާއިޝަތު ޝަމްލާ
ހ. ފެއަރީޕެލަސް

އެޕްލައިޑް އާޓްސްގެ ދާއިރާއިން، ޑިޒައިން ކުރުމާއި، ފެހުމުގެ ރޮނގުން ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ލިބިވަޑައިގަންނަވާ ޢާއިޝަތު ޝަމްލާ މި ދާއިރާއަށް ވެދެވަޑައިގަތީ، 1980ގެ އަހަރުތަކުގެ ތެރޭގައެވެ. ފެޝަން ޑިޒައިންގެ ތެރެއަށް ޝަމްލާގެ ލޯ ހުޅުވައިލަދިނީ، ފެހުމުގެ މަސައްކަތް ދަސްކުރެއްވި އޭނާގެ ގެއިންނެވެ. އެއީ، ހެންވޭރު ފެއަރީޕެލަސް އެވެ. އަދި ޝަމްލާގެ އެދުރަކީ، ލޮބުވެތި މަންމަ ޞަފިއްޔާ ޢަލީއެވެ. މި މަސައްކަތުގައި ނަމޫނާއެއް ކަމުގައި އެންމެ ފުރަތަމަވެސް އަދި މިހާރުވެސް ބައްލަވަނީ، އޭނާގެ މަންމައެވެ. އާއިލާގެ ކުދިންނަށާއި، އަވަށްޓެރިންނަށް ހެދުން ފެހުމަށް މަންމަ ކުރައްވަމުން ގެންދެވި މަސައްކަތް ވަރަށްގާތުން ޝަމްލާއަށް ވަނީ، ފެނިވަޑައިގެންފައެވެ. ފެހުމާއި ޑިޒައިނިންގގެ ރޮނގުން މިހިސާބަށް ވަޑައިގެންނެވުމުގެ އެންމެބޮޑު ސަބަބަކީވެސް މަންމަ ދެއްވި ހިތްވަރާއި އެހީތެރިކަންކަން ޝަމްލާ ފާހަގަކުރައްވައެވެ.

އަމީނިއްޔާ ސްކޫލުން ތަޢުލީމު ހާސިލު ކުރެއްވުމަށްފަހު، ޝަމްލާ ސަރުކާރުގެ ވަޒީފާ އަދާކުރައްވަން ފެށްޓެވީ، ޑިޒައިނަރ ޓްރޭނީއެއްގެ ގޮތުގައި ޓެލެވިޜަން މޯލްޑިވްސްގައެވެ. ހަތަރު އަހަރެއްހާ ދުވަހު ޓީ.ވީ މޯލްޑިވްސްގައި މަސައްކަތް ކުރެއްވިއިރު އެތާނގެ ވަރަށްގިނަ ސެޓްތައް ޝަމްލާ ފަރުމާކުރެއްވިއެވެ. އަދި ޝަމްލާ ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޑިޒައިނަރ (ޓްރޭނީ) ކަމާއި، އެސިސްޓެންޓް ޑިޒައިނަރެއްގެ ވަޒީފާވެސް އަދާކުރައްވާފައެވެ.

އުމުރުން އެންމެ 9 އަހަރުގައި ފެށްޓެވި މަސައްކަތް މިއަދާ ހަމަޔަށްވެސް ޝަމްލާ ކުރައްވަމުން ގެންދަވަނީ، ވަރަށް ޝައުޤުވެރިކަމާއެކުގައެވެ. ޝަމްލާ ދެކެވަޑައިގަންނަވާ ގޮތުގައި، ފެހުމުގެ މަސައްކަތަކީ، ޝައުޤުވެރިކަން ހުރެގެން ނޫނީ ކުރެވޭނެ މަސައްކަތެއް ނޫނެވެ. މި މަސައްކަތަކީ ހަމައެކަނި ރަނގަޅު އާމްދަނީއެއް ހޯދުމުގެ މަޤްޞަދުގައި ކުރެވޭނެ މަސައްކަތެއްވެސް ނޫންމެއެވެ.

ޝަމްލާ މިހާރު ފައްސަވަމުން ގެންދަވަނީ، ކުޑަކުދިންގެ ޕާޓީ ހެދުމާއި، ހަވީރީ ހެދުމާއި، ދިގު ހެދުމާއި، ކައިވެނީގެ ހެދުމެވެ. ދުވާލުގެ ގިނަ ވަގުތުތައް މި މަސައްކަތުގައި ޝަމްލާ ހޭދަކުރައްވައެވެ. ޝަމްލާ ފައްސަވާ ކޮންމެ ހެދުމެއްވެސް ވީހާވެސް ރަނގަޅު ފެންވަރަކަށް ފެއްސެވުމަށް އަބަދުވެސް ވަރަށްބޮޑު ސަމާލުކަމެއް ދެއްވައެވެ.

ޝަމްލާ ވަނީ ފެހުމުގެ މަސައްކަތް ދަސްކޮށްދެއްވުމަށާއި މިދާއިރާއަށް މީހުން ޝައުޤުވެރި ކުރުވުމަށްވެސް މަސައްކަތްތަކެއް ކުރައްވައިފައެވެ. 1995 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރާ ދެމެދު ޑިޒައިން ކުރުމާއި ފެހުމުގެ ރޮނގުން ބޭސިކް ކޯސްތައް، 200 އަށްވުރެ ގިނަ ބައިވެރިންނަށް އޭނާވަނީ ހިންގަވައިދެއްވައިފައެވެ. އަދި މިކަމަށް ޝައުޤުވެރިވާ ކުދިންނަށް މިހާރުވެސް ޝަމްލާ ހިންގަވާ ފަހާތަނުގައި މަސައްކަތް ކުރުމުގެ ފުރުޞަތު ދެއްވަމުން ގެންދަވައެވެ.

ޝަމްލާ ތައްޔާރުކުރައްވާ އެކިއެކި ޑިޒައިންތަކުގެ ހެދުންތައް، ރާއްޖެއާއި ރާއްޖެއިން ބޭރުގެ ގިނަ މައުރަޒުތަކާއި އިޙްތިފާލުތަކުގައި މިހާރުވެސް ބޭނުންކުރަމުން ދިޔުމަކީ، މި މަސައްކަތުގައި ކުރިއަށް ވަޑައިގަތުމަށް ޝަމްލާއަށް ލިބިވަޑައިގަންނަވާ އެންމެބޮޑު ހިތްވަރެވެ. ޝަމްލާގެ އެންމެބޮޑު އުއްމީދަކީ، ގިނަ ފެހުންތެރިން ރާއްޖޭގައި އުފެދި، ބައިނަލްއަޤްވާމީ މައިދާނުގައި ފައިހަމަކޮށް ކާމިޔާބީތައް ހާސިލުކުރަމުން ދިޔުމެވެ.