އަލްފާޟިލް ޢަބްދުއްރަޝީދު ޢަލީ
ހ. ނިއު ހެޕިނަސް

ޕަރފޯމިންގ އާޓްސްގެ ދާއިރާއިން ލަވަ ކިޔުމާއި މިޔުޒިކް ކުޅުމުގެ ރޮނގުން ހިތްވަރު ދިނުމުގެ ޤައުމީ އިނާމު އެރުވޭ ޢަބްދުއްރަޝީދު ޢަލީއަކީ، މިދާއިރާގެ ޚިދުމަތުގައި ދެމިހުންނެވި އެންމެ ގިނަދުވަސްވީ އެންމެ ފުންނާބު އުސް އެއްބޭފުޅެވެ. އަޅުގަނޑުމެންގެ ތެރެއަށް މަޝްހޫރު ނަމުން ދަންނަވާނަމަ، [ލަވަކިޔާ އަބުސީ] އަކީ، ރާއްޖޭގައި މިރޮނގުން ފާހަގަކޮށްލެވޭ ބޭފުޅުންގެ ތެރޭގައި ވަރަށް ކުރީ ސަފުގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ.

މިޔުޒިކުގެ ދާއިރާއަށް ވެދެވަޑައިގެންނެވީ، މަދްރަސީ ދައުރުގައެވެ. އޭރު ރާއްޖޭގައި ތިއްބެވި މަޝްހޫރު ލަވަކިޔުންތެރިންނާއެކު، އެކިއެކި ސްޓޭޖުތަކުން އަބުސީ ފެނިގެންދިޔައެވެ. އެދުވަސްވަރު މަޝްހޫރުވި އެއް ބޭންޑަކީ [އެމޭޒަން ޖޭޑް] އެވެ. ޢަބްދުއްރަޝީދަކީ، އެ ބޭންޑުގެ ފައުންޑަރ މެންބަރެކެވެ.

ލަވަ ވިދާޅުވުމަކީ، ޢަބްދުއްރަޝީދަށް އެއްގޮތަކަށްވެސް އުނދަގޫ ކަމެއް ނޫނެވެ. ޝޯއަކަށް ތައްޔާރުވުމަށް މާގިނަ ވަގުތުތަކެއް ބޭނުންފުޅެއް ނުވެއެވެ. ގިނަފަހަރަށް ލަވަ ވިދާޅުވަމުން ގެންދަވާއިރު ގިޓައާއި ބޮންގޯ ބޭނުންކުރައްވައެވެ.

ޢަބްދުއްރަޝީދު ޢަލީއަކީ، މި ވޭތުވެދިޔަ އަހަރުތަކުގައި ލަވަ ކިޔުމުގެ ދާއިރާއިން ވަރަށްގިނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެކެވެ. ލަވަކިޔުންތެރިން އުފެއްދެވި ބޭފުޅެކެވެ. 2001 ވަނަ އަހަރު އަމިއްލަ ބޭންޑެއް އުފައްދަވައި، މިއަދާ ހަމަޔަށް އައިއިރުވެސް ހީނަރުކަމެއް ނައިސް، އެ ބޭންޑް ހިންގަވަމުން ގެންދަވައެވެ. [އައުޓް އޮފް ޑޯސް] މި ނަމުގައި އަމިއްލަ ބޭންޑެއް އުފެއްދެވުމުގެ އެންމެބޮޑު މަޤްޞަދަކީ، މިޔުޒިކު ކުޅެ ލަވަކިޔުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެ ފުރުޞަތު ފަހިކޮށްދެއްވުމެވެ. މިގޮތުން، ބޭންޑުގައި މިޔުޒިކް ކުޅެފައިވާ ގިނަ މެންބަރުންނަށްވެސް އިތުރު ފުރުޞަތުތަކެއް ވަނީ ހޯއްދަވައިދެއްވާފައެވެ. މިގޮތުން، އެފަރާތްތަކަށް ރިޒޯޓުތަކުގައި ޝޯ ހުށަހެޅުމުގެ ފުރުޞަތު ތަނަވަސްކޮށްދެއްވާފައިވެއެވެ.

ޢަބްދުއްރަޝީދު ޢަލީ ވިދާޅުވެފައިވާ ގިނަ ލަވަތަކަކީ، އަޅުގަނޑުމެންގެ ތެރޭގައި ވަރަށް ބޮޑަށް މަޝްހޫރުވެފައިވާ ލަވަތަކެކެވެ. އެ ލަވަތަކުގެ ތެރޭގައި، ފިލްމު ދެރިޔާގެ [އާދޭ] ފުޓުބޯޅަ ލަވަ [އަހަރެންގެ ޢަޒުމާއި އުއްމީދަކީ] [އެއްޗެއް ކަޅެއް] ހިމެނެއެވެ. ޢަބްދުއްރަޝީދު ވަނީ ބައެއް އަލްބަމްތައްވެސް އުފައްދަވައި، އެ އަލްބަމްތަކަށް ލަވަ ވިދާޅުވެފައެވެ.

ޢަބްދުއްރަޝީދު ޢަލީ، ކުރިއްސުރެ އެންމެ ގިނައިން މިޔުޒިކް ކުޅުއްވަނީ، ރިޒޯޓުތަކުގައެވެ. ރިޒޯޓުތަކުގައި ޝޯ ހުށަހަޅުއްވާއިރު ބޮޑު ސަމާލުކަމެއް ދެއްވަނީ، ދިވެހި ލަވަ، ޚާއްޞަކޮށް، އަމިއްލަ ރާގުގެ ލަވަ ވިދާޅުވުމަށެވެ. ފަތުރުވެރިންނަށް ޚާއްޞަ ކުރައްވައިގެން، ޓޭކްއަވޭ ގިފްޓެއްގެ ގޮތުގައި [އޭ ޒަމާނާ] ގެ ނަމުގައި 2010 ވަނަ އަހަރު އަލްބަމެއް ނެރުއްވިއެވެ. މި އަލްބަމްގައި ހިމެނޭ ގިނަ ލަވަތަކަކީ، ކުރީގެ އަމިއްލަ ދިވެހި ލަވަތަކެވެ. މިއީ، ރިޒޯޓުތަކުގައި ޝޯ ހުށަހަޅުއްވާއިރު ފަތުރުވެރިންގެ މެދުގައި އެންމެ މަޤްބޫލު ލަވަތަކެވެ.

ޢަބްދުއްރަޝީދު ވަނީ، ރާއްޖެއިން ބޭރުގައިވެސް ގިނަ ޝޯތަކެއް ހުށަހަޅުއްވައި ދެއްވާފައެވެ. މި ރޮނގުން ޢަބްދުއްރަޝީދު އެންމެ ޚާއްޞަގޮތެއްގައި ފާހަގަކުރައްވަނީ، އިންޑޮނީޝިއާގެ ބާލީގައި އޮތް ތިމާވެށްޓާބެހޭ އ.ދ.ގެ ކޮންފަރެންސް، ކްލައިމެޓް ޗޭންޖްގައި ދިވެހިރާއްޖޭގެ ފަރާތުން ލަވައެއް ތައްޔާރުކޮށް ވިދާޅުވުމުގެ ފުރުޞަތު ލިބިވަޑައިގެންނެވި އުފާވެރި ވަގުތުކޮޅެވެ. ރާއްޖޭގެ ނާޒުކު ތިމާވެށީގެ ޙާލަތު އޮތްގޮތުގެ މައްޗަށް އިނގިރޭސި ބަހުން ތައްޔާރުކުރައްވާފައިވާ ލަވަ [ވަޓް ޑޫ ވީ ޑޫ ނައު] އެ ޙަފްލާގައި ޢަބްދުއްރަޝީދު ވިދާޅުވީ، ވަރަށް އަސަރާއެކުގައެވެ. އެ ލަވައިގެ 1000 ސީޑީ، އެ ކޮންފަރެންސްގެ ބައިވެރިންނަށް ރާއްޖޭގެ ފަރާތުން ހަދިޔާކުރެއްވިއެވެ. ރާއްޖޭގެ ފަތުރުވެރިކަމަށް 25 އަހަރު ފުރުމާ ގުޅިގެން ބޭއްވި ޚާއްޞަ ޝޯ [ބަރލިން ފެއަރ] ގައިވެސް އޭނާ ލަވަ ވިދާޅުވެފައިވެއެވެ.

ޢަބްދުއްރަޝީދު ޢަލީ ވަނީ ހިލޭސާބަހަށްވެސް ގިނަ ޝޯތަކެއް ހުށަހަޅުއްވައި ދެއްވާފައެވެ. ލަވަކިޔުމާއި މިޔުޒިކު ކުޅުމުގެ ދާއިރާއިން ކުރައްވާފައިވާ މަސައްކަތްތަކުގެ އަގު ވަޒަންކުރައްވައި، މޯލްޑިވްސް ސޮސައިޓީ ފޮރ ޕަރފޯމިންގ އާޓްސްގެ ފަރާތުން ދެއްވި [އަރުތަ އެވޯޑް] 2015 ވަނަ އަހަރު ލިބިވަޑައިގެންނެވިއެވެ. އަދި ފަތުރުވެރިކަމުގެ ދާއިރާއަށް ލަވަކިޔުމާއި، މިޔުޒިކުގެ ރޮނގުން ކޮށްދެއްވާފައިވާ ޚިދުމަތްތައް ފާހަގަކުރައްވައި، މޯލްޑިވްސް ޓްރެވަލް އޭޖެންޓް ޓުއަރ އޮޕަރޭޓަރސް އެޖެންސީ (މަޓާޓޯ) އިން 2017 ވަނަ އަހަރު ދެއްވި އެވޯޑު ހިމެނެއެވެ.