ފަދުވާގެ ހިތްޕުޅުގައި ކުޅިވަރަށް ލޯބި އުފެދިގެން އައީ ޢާއިލާގެ ތެރެއިންނެވެ. މުޅި ޢާއިލާއަކީވެސް ކުޅިވަރުގެ ޢާއިލާއަކަށްވުމާއެކު، ކުޅިވަރު ކުޅުމަށް ކުޑައިރުއްސުރެ ޢާއިލާގެ މެންބަރުން ބާރުއެޅުއްވުމާއެކުގައެވެ. މަދްރަސީ ދައުރުގައި، ބެޑްމިންޓަން، ސްވިމިންގ، އެތްލެޓިކްސް، ބާސްކެޓްބޯލް، ނެޓްބޯލްފަދަ ކުޅިވަރުތަކުގައި އިންޓަރސްކޫލް މުބާރާތްތަކުގައި ސްކޫލް ޓީމުތަކަށް ކުޅުއްވިއެވެ. ފުޓްބޯޅައިގެ ތެރެއަށް ވެދެވަޑައިގެންނެވީ، ސްކޫލް ދައުރު ނިންމެވުމަށްފަހުގައެވެ. ފުޓްބޯޅައަކީ ހަމައެކަނި ފިރިހެނުން ކުޅޭ ކުޅިވަރެއްގެ ގޮތުގައި ފަދުވާއަށް އޭރު ސިފަކުރެއްވުނު ކަމުގައިވިޔަސް، ރާއްޖެއަށް އަންހެނުންގެ ފުޓްބޯޅަ ތަޢާރުފްވެ، އެކަމުގެ ތެރެއަށް ވެދެވަޑައިގެންނެވުނު ހިސާބުން ފަދުވާއާ އެންމެ ގުޅޭ އަދި ކުޅުއްވާހިތްޕުޅުވާ ކުޅިވަރަކީ ފުޓްބޯޅަކަން ގަބޫލުކުރެއްވުނެވެ.
ފަދުވާ ދެކެވަޑައިގަންނަވާ ގޮތުގައި އޭނާގެ ފުޓްބޯޅަ ކެރިއަރަކީ، އެހާ ފަސޭހަ ކެރިއަރެއް ނޫނެވެ. އަންހެނުންގެ ފުޓްބޯޅަ ރާއްޖޭގައި މިއަދު މިހާހިސާބަށް އައިސްފައި މިއޮތީ ޙަޤީޤަތުގައިވެސް ވަރަށްގިނަ ބައެއްގެ މިންނެތް މަސައްކަތުންކަން ފަދުވާ ފާހަގަކުރައްވައެވެ. ފުޓްބޯޅަ ކުޅުއްވަން ފެށްޓެވިއިރު ތަފާތު ދަތިތަކާ ކުރިމަތިވިނަމަވެސް، ކޮންމެ އުނދަގޫ ޗެލެންޖަކުން އަރައިގަތުމަށް ކުރާ މަސައްކަތާއެކީގައި ހިތްވަރުވެސްދިޔައީ އާވަމުންނެވެ. ފަދުވާގެ މަޤްޞަދަކަށްވީ މުޖުތަމަޢުގައި އަންހެނުންގެ ފުޓްބޯޅައާމެދު ދެކޭގޮތް ބަދަލުކޮށްލެއްވުމެވެ. މިކަމުގައި އެންމެ އުނދަގޫ ކަމަކަށްވީ، އަންހެނުންގެ ފުޓްބޯޅައަކީވެސް އެހެން ކުޅިވަރުތަކާ އެއް ހަމައެއްގައި، އެއް ފެންވަރެއްގައި ކުޅެވިދާނެ ކުޅިވަރެއްކަން ސާބިތުކޮށްދެއްވުމެވެ. ވަރަށްގިނަ ބައެއްގެ ފާޑުކިޔުންތަކާއި، ބަދުބަސްތަކާ ކުރިމަތިލައްވަން ޖެހިވަޑައިގެންނެވި ކަމުގައިވިޔަސް، ފަދުވާ ހިތްވަރު ދޫކޮށެއް ނުލައްވައެވެ. ފަދުވާއަށް މިހިސާބަށް ވަޑައިގެންނެވިފައި މިވަނީ، ޔޫތު މިނިސްޓްރީއާއި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އެހީތެރިކަމާއި އެއްބާރުލުމާ އެކުގައި ކަމަށް ފަދުވާ ދެކެވަޑައިގަންނަވައެވެ.
ފަދުވާ، ފުޓްބޯޅައިގައި ހޭދަކުރެއްވި 15 އަހަރުދުވަހުގެ ތެރޭގައި، ގިނަ ކާމިޔާބީތަކެއްވެސް ވަނީ ހޯއްދަވާފައެވެ. އެފް.އޭ.އެމް.ގެ އެންމެމޮޅު އަންހެން ފުޓްބޯޅަ ކުޅުންތެރިޔާގެ އެވޯޑް 2006، 2007 އަދި 2018 ގައި ހޯއްދަވާފައިވެއެވެ. އަދި އެފް.އޭ.އެސް އަންހެން އިންޓަރނޭޝަނަލް ކްއަޑްރޭންގިއުލާ 2018 އިން ބްރޯޒް މެޑެލް ހާސިލު ކުރައްވާފައިވެއެވެ. ރާއްޖޭގެ އަންހެން ޤައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަންކަން، 8 އަހަރު ވަންދެން ފަދުވާ ކުރައްވާފައިވެއެވެ. ރާއްޖޭގައި ބޭއްވުނު ފުޓްބޯޅަ މުބާރާތްތަކުގައި ކުޅުއްވައި، ފަދުވާ ކުޅުއްވި ޓީމުތަކަށް ޗެމްޕިއަންކަން ހޯއްދަވައިދެއްވުމުގައިވެސް މުހިއްމު ދައުރެއް އަދާކުރައްވާފައިވެއެވެ. މިގޮތުން، އިންޓަރ އޮފީސް ވިމެންސް ފުޓްބޯޅަ މުބާރާތުގަޔާއި، ވިމެންސް ފުޓްސަލް ފިއެސްޓާ މުބާރާތްތަކުގައިވެސް އެކިއެކި ކާމިޔާބީތައް ހޯއްދަވާފައިވެއެވެ. ރާއްޖެއިން ބޭރުގައި ކުޅުނު ބައިނަލްއަޤްވާމީ އަދި ސަރަޙައްދީ ފުޓްބޯޅަ މުބާރާތްތަކުގަޔާއި، އަދި ރަޙްމަތްތެރިކަމުގެ ފުޓްބޯޅަ މެޗްތަކުގައި ފަދުވާ ކުޅުއްވައި، ރާއްޖެ ތަމްސީލުކޮށްދެއްވާފައިވެއެވެ. މި ހުރިހާ މުބާރާތްތަކުގައިވެސް ގިނަ މެޗެއްގައިވެސް ޓީމުގެ ކެޕްޓަންކަން ކުރެއްވީ ފަދުވާއެވެ. ހަމައެކަނި ކުޅުއްވީއެއްނޫނެވެ. މެޗުތަކުގައި ގޯލުވެސް ޖެއްސެވިއެވެ. ފަދުވާއަކީ، މި ސަރަޙައްދުގެ އަންހެން ފުޓްބޯޅަ ކުޅުންތެރިންގެ ތެރެއިންވެސް ފާހަގަކޮށްލެވޭ ހުނަރުވެރި އަޚްލާޤު ރަނގަޅު މޮޅު ކުޅުންތެރިއެކެވެ.
ފަދުވާ ވަނީ ފުޓްބޯޅައިގެ ރޮނގުން ކޯޗިންގ ކޯސްތަކާއި، ރެފްރީ ކޯސްތައްވެސް ފުރިހަމަކުރައްވާފައެވެ. މިގޮތުން، ފުޓްބޯޅަ ސީ ލައިސަންސް ކޯޗިންގ ކޯހާއި، ފީފާ އެމް.އޭ. އެލީޓް ރެފްރީ ކޯހާއި، ފީފާ ވިމެންސް ފުޓްބޯޅަ ކޯޗިންގ ކޯސް ފުރިހަމަކުރައްވާފައި ވެއެވެ. މީގެ އިތުރުން، ޔޫ.އޭ.އީ.އެފް.އޭ އެސިސްޓެންޓް ބޭސިކް ކޯޗިންގ ކޯސްވެސް ފުރިހަމަކުރައްވާފައިވެއެވެ.
ފަދުވާއަކީ ފުޓްބޯޅައިގެ އިތުރުން، ބާސްކެޓާއި، ފުޓްސަލްއާއި، ނެޓްބޯޅަ މުބާރާތްތަކުގައިވެސް ކުޅުއްވައި، ގިނަ ކާމިޔާބީތަކެއް ފަދުވާ ކުޅުއްވި ޓީމުތަކަށް ހޯއްދަވައިދެއްވާފައިވާ ކުޅުންތެރިއެކެވެ. އަދި އެ މުބާރާތްތަކުން ފާހަގަކޮށްލޭވޭ މޮޅު ކުޅުންތެރިންގެ ތެރޭގައިވެސް ހިމެނުނު ކާމިޔާބު ކުޅުންތެރިއެކެވެ. ކޯޗެއްގެ ޙައިޘިއްޔަތުންނާއި، ފުޓްބޯޅައަށް އަބަދުވެސް އެހީތެރިވާނެ ގާތް މިތުރެއްގެ ގޮތުގައި ފަދުވާ މި ކުޅިވަރުގައި ދެމިހުންނެވުމަކީ، އޭނާގެ އެންމެބޮޑު ޢަޒުމެވެ.
ވޭތުވެދިޔަ 15 އަހަރު، މޯލްޑިވްސް އިމިގްރޭޝަންގައި ވަޒީފާ އަދާކުރެއްވުމުގެ ފުރުޞަތު ލިބިވަޑައިގަތުމަކީވެސް ފަދުވާއަށް ލިބިވަޑައިގަންނަވާ ވަރަށްބޮޑު ޝަރަފެކެވެ. އެއީ ފަދުވާގެ ފުޓްބޯޅައިގެ މުޅި ޙަޔާތް، ކާމިޔާބުކަމާއެކު އެންމެމަތީ ހަރުފަތަށް ގެންދިޔުމުގައި އިމިގްރޭޝަން އަދާކޮށްފައިވާ ދައުރުގެ މުހިއްމުކަމުންނެވެ.