އަލްފާޟިލް އިސްމާޢީލް މަޙްފޫޡް
މ. ވިނަލި

ކުޅިވަރުގެ ދާއިރާއިން، ކުޅިވަރު ކުޅުމާއި މީހުން ތަމްރީނު ކުރުމުގެ ރޮނގުން ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ލިބިވަޑައިގަންނަވާ އިސްމާޢީލް މަޙްފޫޡް، ޢާންމު ނަމުންނަމަ އިންމައަކީ، 1990ގެ އަހަރުތަކުގެ ތެރޭގައި، ފުޓުބޯޅައިން ވިދާލި ކުޅުންތެރިއެކެވެ. ފުޓުބޯޅައަކީ، ކުޑައިރުއްސުރެ އިސްމާޢީލް މަޙްފޫޡު ލޯބިކުރައްވާ ކުޅިވަރަކަށްވުމާއެކު، މަދްރަސީ ދައުރުން ފެށިގެން ފުޓުބޯޅަ ކުޅުއްވަމުން ގެންދެވިއެވެ. އެގޮތުން، އިންޓަރސްކޫލް ފުޓުބޯޅަ މުބާރާތްތަކުގައި 19 އަހަރުން ދަށުގެ ޓީމަށް ކުޅުއްވާފައިވެއެވެ. 19 އަހަރުން ދަށުގެ ޤައުމީ ފުޓްބޯޅަ ޓީމުން އިސްމާޢީލް މަޙްފޫޡަށް ފުރުޞަތު ލިބިވަޑައިގަތީ 1990 ވަނަ އަހަރުއެވެ. އޭގެފަހުން 1993 ވަނައަހަރު 23 އަހަރުން ދަށުގެ ޤައުމީ ފުޓުބޯޅަ ޓީމަށްވެސް ކުޅުއްވިއެވެ. އަދި އޭޝިއަން ކަޕް ކޮލިފައިން މުބާރާތުގައި 1995 ވަނަ އަހަރާއި، 1997 ވަނަ އަހަރު ސީނިއަރ ޤައުމީ ޓީމަށްވެސް ކުޅުއްވިއެވެ.

1997 ވަނަ އަހަރު ކަތުމަންޑޫގައި ބޭއްވި ސާފް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ޤައުމީ ޓީމަށް ކުޅުއްވައި، އެ ޓީމަށް ސިލްވަރ މެޑެލް ހޯއްދަވައިދެއްވުމުގައި އިސްމާޢީލް މަޙްފޫޡުގެ ޙިއްޞާ ބޮޑެވެ. ސީނިއަރ ޤައުމީ ފުޓްބޯޅަ ޓީމުގެ ކުޅުންތެރިއެއްގެ ގޮތުގައި 6 އަހަރު ދުވަހު ކުޅުއްވިއެވެ.

އިސްމާޢީލް މަޙްފޫޡަކީ، ފުރަތަމަ ޑިވިޜަންގެ ކުލަބުތަކަށްވެސް ކުޅުއްވާފައިވާ ވަރަށް މަޝްހޫރު ކުޅުންތެރިއެކެވެ. މިގޮތުން، ސްކޫލް ދައުރު ނިންމެވުމަށްފަހު ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބަށް ދެއަހަރު ކުޅުއްވިއެވެ. އޭގެފަހުން، ގުޅިވަޑައިގަތީ، ކުލަބު ވެލެންސިޔާއާއެވެ. 2005 ވަނަ އަހަރު ރިޓަޔަރ ކުރެއްވުމާ ހަމަޔަށް ހުންނެވީ، އެ ކުލަބުގައެވެ.

2005 ވަނަ އަހަރުން ފެށިގެން އިސްމާޢީލް މަޙްފޫޡް މަސައްކަތް ކުރައްވަމުން ގެންދަވަނީ، ފުޓުބޯޅަ ކޯޗެއްގެ ގޮތުގައެވެ. މިގޮތުން، ވަރަށްގިނަ ކުލަބުތަކާއި، ޖަމުޢިއްޔާތަކުގެ ފުޓްބޯޅަ ޓީމުތަކަށް ކޯޗްކޮށްދެއްވާފައިވެއެވެ. މީގެތެރޭގައި، މާޒިޔާ ސްޕޯޓްސް ކުލަބާއި، މ. ނާލާފުށި، މ. މުލައް އަދި ތޮއްޑޫ ސޯސަން ކުލަބުގެ ފުޓްބޯޅަ ޓީމަށް ކޯޗްކޮށްދެއްވާފައިވެއެވެ. މީގެއިތުރުން، 19 އަހަރުން ދަށުގެ ޤައުމީ ފުޓުބޯޅަ ޓީމުގެ އެސިސްޓެންޓް ކޯޗްކަމާއި، 23 އަހަރުން ދަށުގެ ޤައުމީ ފުޓުބޯޅަ ޓީމުގެ އެސިސްޓެންޓް ކޯޗްކަމާއި، ސީނިއަރ ޤައުމީ ފުޓުބޯޅަ ޓީމުގެ އެސިސްޓެންޓް ކޯޗްކަމާއި، ސީނިއަރ ޤައުމީ ފުޓުބޯޅަ ޓީމުގެ ހެޑް ކޯޗްކަންވެސް ކުރައްވާފައިވެއެވެ.

އިސްމާޢީލް މަޙްފޫޡް ހޯއްދަވާފައިވާ ކާމިޔާބީތަކުގެ ތެރޭގައި، މާޒިޔާ ސްޕޯޓްސް ކުލަބުގެ ކޯޗުކަމުގެ ދަށުން އެ ޓީމަށް ދެވަނަ ޑިވިޜަންގެ ޗެމްޕިއަންކަން ހޯއްދަވައިދެއްވައި، ފުރަތަމަ ޑިވިޜަނަށް ގެންދެވުން ހިމެނެއެވެ. އޭގެފަހުން މާޒިޔާއަށް އެފް.އޭ.ކަޕް ކާމިޔާބުކޮށްދެއްވުމަށްފަހު، އޭ.އެފް.ސީ. ކަޕަށް އެޓީމު ކޮލިފައިކޮށްދެއްވާފައިވެއެވެ. އިންޓަރނޭޝަނަލް ޓްރާންސްފަރގެ ދަށުން އެންމެ ފުރަތަމަ ރާއްޖެއިން ބޭރުގެ ޓީމަކަށް ކުޅުނު ދެ ކުޅުންތެރިއެއްގެ ތެރެއިން އެއް ކުޅުންތެރިޔަކީވެސް އިސްމާޢީލް މަޙްފޫޡެވެ. އިސްމާޢީލް މަޙްފޫޡަށް ވަނީ، ފުޓްބޯޅަ ކޯޗިންގ އޭ.އެފް.ސީ. ސީ ލައިސަންސްއާއި، ބީ ލައިސަންސްއާއ، އޭ ލައިސަންސް ލިބިވަޑައިގެންފައެވެ.

އިސްމާޢީލް މަޙްފޫޡް މިހާރު ކުރައްވަމުން ގެންދަވާ އެންމެ މުހިންމު އެއް މަސައްކަތަކީ، ފުޓްބޯޅަ ކުޅުންތެރިން ތަމްރީނު ކުރެއްވުމެވެ. ކުޑަކުދިންނަށް އަމާޒުކުރައްވައިގެން ހިންގެވި ޔޫތު ޑިވެލޮޕްމަންޓް ޕްރޮގުރާމުތަކުގައި ކޯޗެއްގެ ގޮތުގައި މަޙްފޫޡް ޚިދުމަތް ކޮށްދެއްވާފައި ވެއެވެ. އަދި އަތޮޅުތެރޭގައިވެސް ތަފާތު އެކި ކޯޗިންގ ކޭމްޕްތައް ހިންގަވައިދެއްވައި، އަތޮޅުތަކުގެ ކޯޗުން ތަމްރީނު ކުރައްވާފައި ވެއެވެ. މަޙްފޫޡް ތަމްރީނު ކުރެއްވި ބައެއް ކުޅުންތެރިން، ރާއްޖޭގެ ޤައުމީ ޓީމުގައި ހިމެނި މިހާރުވެސް ކުޅެމުން ގެންދެއެވެ. މަޙްފޫޡަކީ، މިހާރު [ކުލަބު ދަ ގްރޭންޑް]ގެ ހެޑް ކޯޗުވެސްމެއެވެ.

މަޙްފޫޡުގެ އުއްމީދަކީ، ވީހާވެސް ގިނަ ޒުވާނުން ފުޓުބޯޅައިގެ މައިދާނަށް ނެރުއްވައި، ފުޓުބޯޅައިގެ މޮޅު ޖީލެއް ބިނާކުރެއްވުމެވެ. ސަރަޙައްދުގެ އެންމެމޮޅު ފުޓުބޯޅަ ކުޅުންތެރިން ރާއްޖޭގައި އުފެދިގެންދިޔުމެވެ.